ތަހުޒީބާއި ތަރައްޤީގެ ހަރުފަތުގައި މުސްލިމުން


އިންސާނީ ތާރީޚަށް ނަޒަރު ހިންގައިލާއިރު، ތަހުޒީބާއި ތަރައްޤީއަށްޓަކައި މުސްލިމުން ކޮށްފައިވާ ޚިދުމަތްތައް ކުލަ ގަދަ ގޮތެއްގައި ފާހަގަކޮށްލެވެ އެވެ. ހަމައެކަނި ދީނީ ޢިލްމާއި، އިޖުތިމާޢީ ޢުލޫމުތަކުގެ ރޮނގުންނެއް ނޫނެވެ. ކިއެއްތޯ އެވެ. ޢުލޫމާއި އީޖާދީފަންނު ނުވަތަ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުތަކުން ވެސް މެއެވެ. މުސްލިމު ޢާލިމުން ޚިދުމަތްކުރައްވާފައިނުވާ ދާއިރާއެއް ނެތެވެ. ބައެއް ޢުލޫމުތަކަކީ، މުސްލިމުން އަލަށް އުފެއްދެވި ޢުލޫމުތަކެކެވެ. ކެމިސްޓްރީ އާއި، ތިނެސްކަނުގެ ހަންދަސާ އާއި، އަލްޖަބްރާ ފަދަ ޢުލޫމުތަކެވެ. އިންސާނީ ޙަޔާތް ބަދަލުކޮށްލި ބައެއް އެއްޗެއްސަކީ ވެސް މުސްލިމުން އަލަށް އީޖާދުކުރި އެއްޗެއްސެވެ. ވިޔަ އަކުރާއި، ސުމެއް ބޭނުންކުރާނެ ގޮތާއި، ވައިކުޑަ އާއި، މަތިންދާބޯޓްގެ ފިޔަގަނޑާއި، ދަގައްފާނު ސަމުގާ އާއި، ވަގުތުގަލާއި، ބެޗެލަރސް ޑިގްރީ ފަދަ ކިތަންމެ އެއްޗެކެވެ.

މި މަޒުމޫނުގައި ކުރުކޮށް އަލިއަޅުވާލާނީ، އިންސާނީ ޙަޔާތް ތަހުޒީބުކޮށް ތަރައްޤީކުރުމަށްޓަކައި، މުސްލިމުން ކޮށްފައިވާ ބައެއް ކަންތައްތަކުގެ މައްޗަށެވެ.


ތަހުޒީބުގެ މާނަ

ތަހުޒީބުގެ ދިވެހި މާނަތަކުގެ ތެރޭގައި، ރަނގަޅު ރީތި ގޮތްތަކާއި، ޒަމާނާ އެއްގޮތަށް ބަދަލުވުމާއި، ޒީނަތްތެރިވުމާއި، ތައްޔާރުވުން ހިމެނެއެވެ. ތަހުޒީބުގެ އަޞްލަކީ، ޢަރަބި ބަހުގެ تَهْذِيبُ އެވެ. މި ލަފުޒުގެ ޢަރަބި މާނަތަކުގެ ތެރޭގައި، ތަރުބިޔަތުކުރުމާއި، އިޞްލާޙުކުރުމާއި، އައިބު ފިލުވުމާއި، ރީތިކުރުމާއި، އަޚުލާޤު ދަސްކޮށްދިނުމާއި، ބޭކާރުބައި އުނިކުރުން ހިމެނެއެވެ. މި މާނަތަކުން އެނގޭ ގޮތުގައި، ތަހުޒީބަކީ، ކުރިއެރުމެކެވެ. ހެޔޮ ބަދަލެކެވެ. ލާބަ ހުރި ކަމެކެވެ. އެއީ، ތަރައްޤީއާ ގުޅި ލާމެހިފައިވާ ކަމެކެވެ. މަދަނިއްޔަތާ އެމުނިއެކުލެވިފައިވާ ކަމެކެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަނީ، ތަރައްޤީ އާއި ތަހުޒީބަށް ގޮވާލައްވާފަ އެވެ. ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވި ކަލިމަ ކަމުގައިވާ اقْرَأْ އިން ވެސް މިކަން އެނގެއެވެ. އެ ކަލިމައިގެ އާންމު މާނައަކީ، "ކިޔަވާށެވެ!" ނުވަތަ "ކިޔާށެވެ!" ކިޔެވުމާއި ކިޔުމަކީ، ތަޢުލީމު ލިބުމާއި، އޮޅުންފިލުމާއި، ދެނެގަތުމުގެ މަގެވެ. އެއާ ނުލައި ތަރައްޤީ އާއި ތަހުޒީބު ޙާޞިލެއް ނުކުރެވޭނެއެވެ.

އިސްލާމްދީނުގައި ތަރައްޤީއާއި ތަހުޒީބަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ބޮޑުކަމުން، އިސްލާމީ ޙަޟާރަތަކީ، ތަރައްޤީއާއި ތަހުޒީބުގެ ޙަޟާރަތެއް ކަމުގައި ވިއެވެ. ދުނިޔެ މިއަދު ދެކެމުންމިދާ ކުރިއެރުމާއި ތަރައްޤީގެ ބާނިންނަކީ، ޙަޤީޤަތުގައި މުސްލިމުންނެވެ. މިކަން ތާރީޚުގެ ޞަފުޙާތަކުން ޔަޤީންވެއެވެ.


ބިނާވެށި

ބިނާވެށީގެ ޢުލޫމަކީ މުސްލިމުންގެ ތެރޭގައި ވަރަށް ބޮޑަށް ތަރައްޤީވެގެންދިޔަ ޢުލޫމުތަކެކެވެ. އެ ޢުލޫމުތަކުގެ އިސްލާމީ ފެށުމަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ (571 މ. – 632 މ.) ފަރުމާކުރައްވައި ބިނާކުރެއްވި މަސްޖިދުއްނަބަވީއެވެ. އެ މިސްކިތްކޮޅުގައި، ދުނިޔޭގެ އެހެން އެއްވެސް ޙަޟާރަތެއްގެ އެއްވެސް ބިނާއެއްގައި ނުވާ މީޒާތަކެއް ވިއެވެ. އެންމެ މުހިންމު އެއް މީޒާއަކީ، މިސްކިތްކޮޅުގެ ތެރޭ ކޮންމެ ތަނެއްގައި މީހަކު ނަމާދަށް ހުއްޓަސް، އުޑާއި އޭނާއާ ދެމެދުގައި ހުރަހެއް ނުވާ ކަމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އުޑަށް އޭނާ ފެންނަ ކަމެވެ.

މަސްޖިދުއްނަބަވީގެ ސަބަބުން މަދީނާއަށް ބޮޑެތި ބަދަލުތަކެއް އަޔެވެ. މަރުކަޒީ ވެރިކަމެއް ފާޅުވިއެވެ. ޢުމްރާނީ ވެށީގެ މައި މަރުކަޒަކީ މަސްޖިދުއްނަބަވީ ކަމުގައި ވި އެވެ. މައިމަގުތައް ފެށެނީ އެ މައިމަރުކަޒުންނެވެ. މައިމަގުތަކަށްވުރެ މަގުތަކާއި ގޯޅިތައް ހަނިކުރެވުނެވެ. އޭގެ ފުޅާމިންތައް ކަނޑައެޅުނެވެ. މަގުތަކަށް ކުދި ހިލަ އަޅައި އެއްވަރުކުރެވުނެވެ. ގެދޮރު ނެތް މީހުންނަށް ގޯތި ދިނުމުގެ އުޞޫލެއް ކަނޑައެޅި، ބޯހިޔާވަހިކަން ހޯދައިދެވުނެވެ.

ޚާއްޞަ ބިނާތަކާއި، ޢާންމު ބިނާތަކުގެ އާ މަފުހޫމުތަކެއް އުފެދުނެވެ. މީހުން ދިރިއުޅޭ ގެތަކުގެ ޚުޞޫޞިއްޔަތެވެ. ވަކި ފަރުދަކަށް މިލްކުނުވާ ބާޒާރުގެ ބިމެވެ. މެހުމާންސަރާތަކެވެ. ޢީދުނަމާދުކުރާނެ ބިމެވެ. ބަލިމީހުންނަށް ބޭސްފަރުވާކުރާނެ ތަންތަނެވެ. ރަސްމީ ބައްދަލުވުންތައް ބާއްވާނެ ތަންތަނެވެ. އުޟުޙިޔާ ކަތިލާނެ ބިމެވެ. އެ ބިން ކަނޑައެޅުނީ، މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގަ އެވެ. ރަށެއްގައި ބިނާކުރެވިދާނެ ޢިމާރާތްތަކާއި، ބިނާކޮށްގެން ނުވާނެ ޢިމާރާތްތަކެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އިދާރީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ވެސް މަދީނާގެ މުޖުތަމަޢު އިންތިޒާމުކުރެއްވިއެވެ. މުހާޖިރިއްޔަ ބޭކަލުން ވަޒަންވެރިކުރެއްވުމުގެ އިންސާނީ މަފުހޫމެއް އުފެއްދެވިއެވެ. އެއީ، އުޚުއްވަތްތެރިކުރެއްވުމެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ގުޅުންތައް ބަދަހިވެ، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާމުގެ ވިއުގަ ހަރުދަނާވެ ވަރުގަދަވެގެންދިޔައެވެ.

އިތުރުއެކަލޭގެފާނު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ގެނެސްދެއްވި ރަށް ޕްލޭންކުރުމާއި، ޢިމާރާތްކުރުމުގެ މަފުހޫމުތައް، އޮނަވިހި ވަނަ ޤަރުނު ނިމެންދެން ދެމިއޮތެވެ. އެ މަފުހޫމުތައް ފޮހެލަން މަސައްކަތްކުރީ ހުޅަނގުގެ އިސްތިޢުމާރާއި، ފިކުރީ ހަނގުރާމައެވެ. އެހެނަސް ނަބަވީ އިރުޝާދުގެ ހެޔޮ އަސަރު މިއަދާ ހަމައަށް ވެސް މުސްލިމުންގެ ރަށްތަކުން މުޅިން ފިލައިގެނެއް ނުދެއެވެ.

އިސްލާމީ ޙަޟާރަތުގައި، މުސްލިމުން ވަނީ، އާކިޓެކްޗަރ ނުވަތަ ޢިމާރާތްކުރުމުގެ ޢިލްމާއި ފަންނުގެ ރޮނގުން ވެސް އާ އީޖާދުތަކެއް ކޮށްފައެވެ. އެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް އީޖާދަކީ ތެދު އާޗެވެ. އެއީ، ސައްތައިންސައްތަ އިސްލާމީ އީޖާދެކެވެ. އެފަދަ އަނެއް އީޖާދަކީ، ޒަޚުރަފާއެވެ. އެއީ، އިންސާނުންނާއި ޖަނަވާރުގެ ތަސްވީރުތައް ނުހިމަނައި، އުފެއްދުނު އިސްލާމީ ކުރެހުމުގެ އެންމެ މުހިންމު ބާވަތެވެ. މިސްކިތްތަކާއި އެނޫން ޢިމާރާތްތައް އެއިން ޒީނަތްތެރިކުރެވުނެވެ. ޢިމާރާތްތަކުގެ ޒަޚުރަފާގެ ބާވަތްތައް ކުރަހާފައިވަނީ، ހަމައެކަނި ފަރުގާލާއި ފަތިގަނޑުން ނޫންކަމަށް ހުޅަނގުގެ ޢާލިމުން ވެސް މިހާރު ޤަބޫލުކުރައްވައެވެ. އާދޭހެވެ. އެއީ މުސްލިމުންގެ މެދުގައި ހިސާބު ޢިލްމާއި ޖިއޮމެޓްރީ ކުރިއަރާފައިވާ މިންވަރު ވެސް އަންގައިދޭ އެއްޗެކެވެ.


ޔުނިވަރސިޓީ ތަޢުލީމު

ޔުނިވަރސިޓީ ނުވަތަ ޖާމިޢާ އަކީ، އިސްލާމީ ޙަޟާރަތުގެ އެންމެ މުހިންމު އެއް އުފެއްދުމެވެ. އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި ވަނީ، މިސްކިތްތަކާއި މަދުރަސާތައް ފަދަ ތަޢުލީމީ މުއައްސަސާތައް އުފެދިފައެވެ. އެތަންތާނގައި ކީރިތި ޤުރުއާނާއި، ފިޤުހާއި، ޙަދީޘް ފަދަ ދީނީ ޢިލްމުތައް ކިޔަވާދެމުން ގެންދިޔައެވެ. އެހެނަސް އިސްލާމީ ދައުލަތް ތަރައްޤީވެ ފުޅާވެގެންދިއުމާއެކު، ރަސްމީ ސިފައެއްގައި ތަޢުލީމުދޭނެ މުއައްސަސާތަކަށް ބޭނުންވިއެވެ. އެގޮތުން އުފެދުނު ރަސްމީ މަދްރަސާތައް، ފަހުން ޖާމިޢާތަކަށް ބަދަލުވެގެންދިޔަ އެވެ. ދީނީ ޢިލްމާއި ދުންޔަވީ ޢުލޫމު ކިޔަވާދޭ މުއައްސަސާތަކެއްގެ ގޮތުގައެވެ.

ގިނިސް ވަރލްޑް ރެކޯޑް ފޮތް ބުނާ ގޮތުގައި، އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ފުރަތަމަ ޔުނިވަރސިޓީ އުފެދިފައިވަނީ، މަޣުރިބުކަރައިގެ ފާސް ސަހަރުގައި، ހިޖުރީ ސަނަތުން 245 ވަނަ އަހަރުގައެވެ. އެއީ މީލާދީ ސަނަތުން 859 ވަނަ އަހަރެވެ. އެ ޔުނިވަރސިޓީގެ ނަމަކީ، ޖާމިޢަތުލް ޤަރަވިއްޔީން (جامعة القرويين) އެވެ. މި އަދާ ހަމައަށް ވެސް އެ ޖާމިޢާ ހިނގަމުން އެބަދެއެވެ. ގިނިސް ވަރލްޑް ރެކޯޑް ގެ މިންގަނޑުން ބަލާއިރު، އެއީ، ދުނިޔޭގައިވާ އެންމެ ދުވަސްވީ ޔުނިވަރސިޓީއެވެ.

އެހެނަސް އެއަށްވުރެ މާކުރިން އުފެދިފައިވާ ޔުނިވަރސިޓީއެއް ވެސް ވެއެވެ. އެއީ، ޖާމިޢަތުއްޒައިތޫނާ (جامعة الزيتونة) އެވެ. އެ ޔުނިވަރސިޓީ އުފެދިފައިވަނީ، ހިޖުރީ ސަނަތުން 120 ވަނަ އަހަރު (މީލާދީ ސަނަތުން 737 ވަނަ އަހަރު) ގައެވެ. އެ ޔުނިވަރސިޓީ ވަނީ މިހާރުގެ ތޫނިސް ސަހަރުގައެވެ. މުއައްރިޚު ޙަސަން ޙުސްނީ ބަޔާންކުރައްވާފައިވަނީ، ކީރިތި ޤުރުއާނާއި، ޙަދީޘާއި، މާލިކީ މަޒުހަބުގެ ފިޤުހާއި، އަދަބިއްޔާތާއި، ޢުލޫމު، އެ ޔުނިވަރސިޓީގައި ކިޔަވާދެވުނު ކަމަށެވެ.

އިސްލާމީ ޔުނިވަރސިޓީތަކުގެ ތެރެއިން އެންމެ ބޮޑު ޝުހުރަތެއް ލިބިފައިވަނީ، ޖާމިޢަތުލްއަޒުހަރު (جامعة الأزهر) އަށެވެ. ޖާމިޢަތުލްއަޒުހަރުގެ ބިންގާ އެޅުނީ، 24 ޖުމާދަލްއޫލާ 359 ހ. (970 މ.) ގައެވެ. މިޞްރުގެ ސަރުކާރުން އެތަން އިފުތިތާޙުކުރެއްވުމުގެ ގޮތުން، ޚަލީފާ އަލްމުޢިއްޒު ލިދީނިއްލާހި (المعز لدين الله الفاطمي) އެތާނގައި ކުރެއްވި ފުރަތަމަ ހުކުރު ނަމާދަކީ، ހިޖުރައިން 361 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ހުކުރު ނަމާދެވެ. އެއީ މީލާދީ ސަނަތުން 972 ވަނަ އަހަރެވެ. އެހެންކަމުން، ޖާމިޢަތުލްއަޒުހަރު ވެފައި ވަނީ، އިސްލާމީ ދުނިޔޭގައި އިފުތިތާޙު ކުރެވުނު ތިންވަނަ ޔުނިވަރސިޓީ ކަމަށެވެ.

މިހާރު ޔުނިވަރސިޓީތަކުން ދޭ ބެޗެލަރސް ޑިގްރީ (Bachelor's degree) އަކީ ވެސް އިސްލާމީ ޙަޟާރަތުގެ އުފެއްދުމެކެވެ. އޭގެ އަޞްލަކީ، بحق الرواية (ބިޙައްޤިއްރިވާޔާ) އެވެ. އެހެނީ، ލެޓިންބަހުގެ Baccalaureatus ގެ އަޞްލަކީ، ޢަރަބި ބަހުގެ بحق الرواية އެވެ. މީލާދީ ސަނަތުން 1147 ވަނަ އަހަރުގެ "ބިޙައްޤިއްރިވާޔާ" ސަނަދެއް މިހާރުވެސް ކެމްބްރިޖް ޔުނިވަރސިޓީގައި ރައްކާކުރެވިފައިވާ ކަމަށް ބައެއް އިސްލާމީ މަޞްދަރުތަކުގައި ވެއެވެ. ޔޫރަޕުގެ ބައްރުގައި އެ ސަނަދު ދޭން ފަށާފައިވަނީ، މީލާދީ ސަނަތުން 1221 ވަނަ އަހަރުގައެވެ.


ހިސާބު ޢިލްމު

ހިޖުރީ ސަނަތުން 164 ވަނަ އަހަރު މުސްލިމު ހިސާބުޢިލްމުވެރިޔާ އަލްޚުވާރިޒުމީ (781 މ. – 847 މ.)، އަލްޖަބްރާ އުފެއްދެވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭނާއަށްފަހު، ޢުމަރު ޚައްޔާމު (1048 މ. – 1131 މ.) ފަދަ މުސްލިމު ޢާލިމުން އެ ޢިލްމު އިތުރަށް ތަރައްޤީކުރެއްވިއެވެ. މުސްލިމު ޢިލްމުވެރިން އަލްޖަބްރާ އުފައްދަވައި، އެ ތަރައްޤީކުރެއްވީ ކަލްކިއުލޭޓަރާއި ކޮމްޕިއުޓަރު ނެތް ޒަމާނެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ!

ޙަޤީޤަތުގައި ވިޔައަކުރަކީ މުސްލިމުން އަލަށް އީޖާދުކުރި އެއްޗެކެވެ. ހިސާބު ޢިލްމާއި އެހެނިހެން ޢުލޫމުތައް ތަރައްޤީވެ ކުރިއެރުމުގައި ވިޔަ އަކުރުގެ ދައުރު ވަރަށްވެސް ބޮޑެވެ. މުސްލިމު ޢިލްމުވެރިން ވިޔައަކުރު އުފެއްދެވީ، ކަނުގެ މައްޗަށް ބިނާކުރައްވައިގެންނެވެ. އެކެއްގައި އެއް ކަނެވެ. ދޭއްގައި ދެ ކަނެވެ. ތިނެއްގައި ތިން ކަނެވެ. މިބީދައިން ނުވަޔަކާ ހަމަޔަށް ކޮންމެ ޢަދަދެއްގައިމެ، އެ ޢަދަދަކާ އެއްވަރަށް ކަން ހިމަނުއްވައިގެންނެވެ. ސުމެއް އުފެއްދެވީ އެއްވެސް ކަނެއް ނުހިމެނޭ ގޮތަށް ވަށްބޮޅެއްގެ ސިފައިގައެވެ. މި ޒަމާނުގެ އިންސާނީ ޙަޟާރަތުގެ ހުރިހާ ކަމެއް ޤާއިމުވެފައިވަނީ، މުސްލިމު ޢިލްމުވެރިން އުފެއްދެވި ވިޔައަކުރުގެ މައްޗަށެވެ.

ހިސާބު ޢިލްމުގައި މުސްލިމު ޢިލްމުވެރިން އުފެއްދެވީ ހަމައެކަނި އަލްޖަބްރާ އާއި، ވިޔަ އަކުރުތަކެއް ނޫނެވެ. އެނޫން ކިތަންމެ އެއްޗެއް މުސްލިމު ޢިލްމުވެރިން ވަނީ އުފައްދަވާފައެވެ. އޭގެ ތެރޭގައި އެކި ދަރަޖަތަކުގެ މާދަލާތަކުގެ ޙައްލުތައް ވެސް ހިމެނެއެވެ. މިހާރުވެސް ޢަދަދުގެ މުލުގެ ރަމްޒުގެ ގޮތުގައި ބޭނުންކުރެވެނީ، ޢަރަބި ބަހުން އެއަށް ކިޔާ ނަން ކަމުގައިވާ الجَذْرُ (އަލްޖަޒްރު) ގެ ޖީމެވެ. ކަލްކިއުލޭޓަރުގެ ފިތްބަރީގައިވާ ފުށަތުޖީމަކީ އެ ޖީމެވެ. ބައެއް ފަރާތްތަކުން ދަޢުވާކުރާ ފަދައިން އެއީ ލެޓިންބަހުގެ r އެއް ނޫނެވެ.

ޢަދަދުގެ މުލުގެ ރަމްޒުގެ ގޮތުގައި ޖީމު ބޭނުންކުރެއްވި އެއް ޢިލްމުވެރިއަކީ، އަބުލްޙަސަން ޢަލީ އަލްޤަލަޞާދީ (1422 މ – 1487 މ.) އެވެ. ކަސްރު ލިޔާނެ ގޮތް ވެސް ކަނޑައެޅުއްވީ އޭނާއެވެ. މިނޫން ރަމްޒުތައް ވެސް އޭނާ އުފެއްދެވިއެވެ.


ނޫރާނީ ޢިލްމު

ނޫރާނީ ޢިލްމު ނުވަތަ އައްޔާބެހޭ ޢިލްމުގެ ޞައްޙަ މަފުހޫމުތައް އެންމެ ފުރަތަމަ ހޯއްދެއްވީ މުސްލިމު ޢިލްމުވެރިންނެވެ. ޚާއްޞަކޮށް އިބްނުލްހައިޘަމު (965 މ. – 1040 މ.) އެވެ. ނިއުޓަންއަށްވުރެ މާކުރިން، އަލި ދަތުރުކުރާ ގޮތް، އިބްނުލްހައިޘަމް ވަނީ ހޯއްދަވާފައެވެ. އަލި ދަތުރުކުރުމާބެހޭ ޤާނޫނުތައް ވެސް ވަނީ ކަނޑައަޅުއްވާފައެވެ. އަލި އެނބުރި ރުޖޫޢަވާކަން އެންމެ ފުރަތަމަ ހޯއްދެވީ އިބްނުލް ހައިޘަމެވެ. ގޮނިލޯގަނޑާއި އިތިލޯގަނޑަށް އަލިއެޅުމާބެހޭ މާދަލާތައް ވެސް އެކަށައެޅުއްވީ އޭނާއެވެ.

އިންސާނާގެ ލޯ އުފެދިފައިވާ ގޮތް އެންމެ ފުރަތަމަ ޝަރަޙަކުރެއްވީ ވެސް އިބްނުލްހައިޘަމެވެ. ލޮލުތެރޭގައިވާ ގުނަވަންތަކާއި، ލޮލުގެ ވަޒީފާ އަދާކުރާ ގޮތް ވެސް އޭނާ ހޯއްދަވައި ބަޔާންކުރެއްވިއެވެ. އޭނާއަށްވުރެ ކުރިން ޔޫނާނީ ފިލޯސަފަރުން ބުނެފައިވަނީ، ލޮލުން އަލި ބޭރުވާ ކަމަށާއި، ލޮލަށް ފެންނަނީ އެ އަލިން ކަމަށެވެ. އެކަން ދޮގުކުރައްވައި، ލޮލަށް ފެންނަ ގޮތުގެ ޙަޤީޤަތް ކަޝްފުކުރެއްވީ އޭނާއެވެ.

ކެމެރާގެ ތިޔަރީ ލިޔުއްވައި، ކެމެރާ މަސައްކަތްކުރާ ގޮތް ބަޔާންކުރެއްވީ ވެސް އިބްނުލްހައިޘަމެވެ. މި ޒަމާނުގައި ފޮޓޯނެގުމަށް ބޭނުންކުރާ ކެމެރާ އުފައްދާފައިވަނީ، އޭނާގެ ތިޔަރީގެ މައްޗަށެވެ. ކެމެރާގެ ނަން އުފެދިފައިވަނީ އޭނާ އުފެއްދެވި، القمرة المظلمة (އަލްޤަމަރަތުލްމުޡުލިމާ) ގެ "ޤަމަރާ" އިންނެވެ. "އަނދިރިކޮޓަރި" ނުވަތަ "އަނދިރިފޮށި" ކަމަށް މާނަކުރެވޭ މި ނަން އޭނާ އުފައްދަވާފައިވަނީ، ހަނދުގެ އަނދިރިކަމަށް ނިސްބަތްކުރައްވައިގެންނެވެ. ނޫރާނީ ޢިލްމާއި އެ ޢިލްމުގެ އެކިއެކި ގޮފިތަކަށް ޚިދުމަތްކުރެއްވުމުގެ އިތުރުން އެނޫން ޢިލްމުތަކަށް ވެސް އޭނާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.


ޖައްވުގައި އުދުހުން

ޖައްވުގެ މަގުން ދަތުރުފަތުރު ކުރުމަށްޓަކައި، ވައިގެ ތެރޭގައި ދަތުރުކުރުމުގެ ޢިލްމު ފެށުނީ މުސްލިމުންގެ ތެރެއިންނެވެ. މިއަދާ ހަމައަށް ވެސް މަތިންދާބޯޓްތަކާއި އެފަދަ އެހެން އުޅަނދުތަކުގައި ބޭނުންކުރާ ދެ ފިޔަގަނޑުގެ އަޞްލު އުފެއްދެވީ މުސްލިމު ޢާލިމެކެވެ. އޭނާއަކީ، ޢައްބާސް ބްނު ފިރުނާސް (810 މ. – 887 މ.) އެވެ. ލެޓިން ބަހުން އޭނާގެ ނަން ލިޔެވިފައިވަނީ Armen Firman މިގޮތަށެވެ. ގިނަ މުސްލިމު ޢާލިމުންނެކޭ އެއްފަދައިން އޭނާއަކީ ވެސް ދީނީ ޢިލްމާއި ދުންޔަވީ ޢުލޫމުގައި ފުންނާބުއުސް، އެކުމާފާނުވަންތަ ޢާލިމެކެވެ.

އޭނާ އުފެއްދެވީ ހަމައެކަނި ވައިގެތެރޭގައި އުދުހުމަށްޓަކައި ބޭނުންކުރާނެ ދެ ފިޔަގަނޑެއް ނޫނެވެ. ވައިކުޑައިގެ ފުރަތަމަ ނަކަލު އުފައްދަވައި، މީލާދީ ސަނަތުން 852 ވަނަ އަހަރު އޭނާ އެ ނަކަލު ތަޖުރިބާކުރެއްވިއެވެ. އޭގެ އިތުރުން ހިލައިން ސާފު ބިއްލޫރި އުފެއްދެވިއެވެ. ނަންބަރު އައިނު އުފެއްދެވި އެވެ. "އަލްމީޤާތާ" އެވެ، ކިޔާ ފެންގަޑިއެއް އުފެއްދެވިއެވެ. ދެލި އަޅާ ގަލަން ވެސް އެންމެ ފުރަތަމަ އުފެއްދެވީ އޭނާއެވެ. މިފަދަ ކިތަންމެ އެއްޗެއް އޭނާ އަލަށް އީޖާދުކުރެއްވިއެވެ.

އިބްނު ފިރުނާސް ފަދައިން އުދުހުމުގެ ޢިލްމާއި ފަންނު ތަރައްޤީކުރެއްވުމަށް މަސައްކަތްކުރެއްވި އެހެން ޢާލިމުން ވެސް މުސްލިމުންގެ ތެރެއިން އުފެދިފައި ވެއެވެ. އެއިން އެއް ޢާލިމަކީ، އިސްމާޢީލު ބްނު ޙައްމާދުލް ޖައުހަރީއެވެ. އުދުހުމުގެ ތަޖުރިބާއެއް ކުރައްވަނިކޮށް އަވަހާރަވީ އޭނާއެވެ. ޢައްބާސް އިބްނު ފިރުނާސް އަވަހާރަވީ، އުދުހުމުގެ ތަޖުރިބާތައް ކުރެއްވިތާ އެތައް އަހަރެއް ފަހުން، ޠަބީޢީ ގޮތެއްގައި ކަމަށް ބައެއް މަޞްދަރުތަކުގައި ވެއެވެ.


ބޭސްވެރިކަން

މިޒަމާނުގެ މެޑިސިން އުފެދިފައިވަނީ، ބޭސްވެރިކަމުގެ ރޮނގުން މުސްލިމުން ހޯދާފައިވާ ކުރިއެރުމާއި ތަރައްޤީގެ ބިންގަލުގެ މަތީގައެވެ. މުސްލިމު ޢާލިމުންނާއި ޑަކުޓަރުން އީޖާދުކުރެއްވި އާލަތްތަކާއި ވަސީލަތްތައް މިއަދާ ހަމައަށް ވެސް މިޒަމާނުގެ ޑަކުޓަރީ ބޭސްވެރިކަމުގެ މައިދާނުގައި ބޭނުންކުރެވެއެވެ. އޮޕަރޭޝަންކުރުމާއި، ލޮލުފަރުވާ އާއި، ބޭސް އުފެއްދުމާއި، ބަލިތައް ހޯދުން ފަދަ ރޮނގުރޮނގުން މުސްލިމު ޢާލިމުންނާއި ޑަކުޓަރުން ވަނީ ދުނިޔެ ބަދަލުކޮށްލި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

އެންމެ ފުރަތަމަ ވަކި ކަންކަމަށް ޚާއްޞަ ހަސްފަތާލުތައް އުފެއްދީ މުސްލިމުންނެވެ. ބޭސްވެރިކަން ކިޔަވާދޭ ތަޢުލީމީ މުއައްސަސާތަކާއި، ނަފުސާނީ ބަލިތަކަށް ފަރުވާދޭ ބީމާރަސްތާނު (ހަސްފަތާލު) އުފެއްދީ ވެސް މުސްލިމުންނެވެ. މުރައްކަބު ބޭހުގެ ބާރު ދެނެގަންނާނެ ގޮތާއި، ބަލިމީހާއަށް ބަލިން އެންމެ ނުރައްކާ ބޮޑުވާނެ ދުވަސްތައް ދެނެގަންނާނެ ގޮތް އީޖާދުކުރީ ވެސް މުސްލިމުންނެވެ.

މުސްލިމު ޢާލިމުންގެ ތެރެއިން އަބުލްޤާސިމް އައްޒަހުރާވީ (936 މ. – 1013 މ.) އަކީ، މިޒަމާނުގެ އޮޕަރޭޝަންކުރުމުގެ ޢިލްމުގެ ބާނީއެވެ. އޭނާއަކީ، އޮޕަރޭޝަންކުރުމުގައި ބޭނުންކުރެވޭ 200 އަށްވުރެ ގިނަ އާލަތް އުފެއްދެވި ޢާލިމެކެވެ. އޭގެތެރޭގައި އަންހެނުންގެ ހަށިގަނޑު އޮޕަރޭޝަންކުރުމަށް ޚާއްޞަ އާލަތްތައް ވެސް ވެއެވެ. އޭނާ އީޖާދުކުރެއްވި އާލަތްތަކަށް މިއަދާ ހަމައަށް ވެސް ބަދަލެއް ނާދެއެވެ.

ހަށިގަނޑުގައި ލޭ ދައުރުކުރާ ނިޒާމު އެންމެ ފުރަތަމަ ކަޝްފުކުރެއްވީ އިބްނުއްނަފީސް (1213 މ. – 1288 މ.) އެވެ. އެ ނިޒާމު އެންމެ ފުރަތަމަ ހޯއްދެވީ ވިލިޔަމް ހާވީ (1578 މ. – 1657 މ.) ކަމަށް ހުޅަނގުގެ މީހުން ކުރާ ދަޢުވާއަކީ ދޮގު ދަޢުވާއެކެވެ. ހިތާއި ފުއްޕާމެޔާ ދެމެދުގައި ލޭ ދައުރުކުރާ ގޮތް ހޯއްދެވުމަށްފަހު، އިބްނުއްނަފީސް ވަނީ އެ ނިޒާމު ވަރަށް ފުރިހަމައަށް ޝަރަޙަކޮށްދެއްވާފައެވެ. ދިރޭތަކެތީގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ނިޒާމަކީ، ވިލިޔަމް ހާވީ އަށްވުރެ 300 އަހަރު ކުރިން މުސްލިމު ޢާލިމުންނަށާއި މުސްލިމު ޑަކުޓަރުންނަށް އެނގިވަޑައިގެންފައިވާ ނިޒާމެކެވެ.

ބޭސްވެރިކަމުގެ ރޮނގުން މުސްލިމުން ޙާޞިލުކޮށްފައިވާ ބޮޑެތި ކާމިޔާބީތައް ހާމަކޮށްދޭ އެއް މަޞްދަރަކީ، އިބްނުސީނާ (980 މ. – 1037 މ.) ގެ އަލްޤާނޫނެވެ. ޔޫރަޕުގެ ޔުނިވަރސިޓީތަކުގައި 500 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އެ ފޮތް ކިޔަވާދީފައި ވެއެވެ. ދިވެހިރާއްޖޭގެ ފުންނާބުއުސް ޙަކީމީ ބޭސްވެރިޔާ، ކުދެރަނިޔަގެބެއްޔާގެ ބޭސްވެރިކަމުގެ މަޞްދަރަކީ ވެސް އެ ފޮތެވެ. އޭނާއަކީ، ވިހިވަނަ ޤަރުނުގައި ހުވަދުއަތޮޅު ތިނަދޫގައި އުޅުއްވި ވަރަށް މޮޅު ބޭސްވެރިއެކެވެ.

ގައިންގަޔަށް އަރާ ބަލިތައް ހޯއްދަވައި، ކަރަންޓީނުކުރުން އީޖާދުކުރެއްވީ އިބްނުސީނާއެވެ. ޑަކުޓަރީ ބޭހާއި، ހޭނެއްތުމަކީ ވެސް އޭނާގެ އީޖާދެކެވެ. ބެކްޓީރިއާ އާއި ޖަރާސީމުތައް ސިފަކުރައްވަން ފެށްޓެވީ ވެސް އޭނާއެވެ.


ދުނިޔޭގެ ޗާޓު ކުރެހުން

ދުނިޔޭގެ ޗާޓު ކުރެހުމުގެ ރޮނގުން ވެސް މުސްލިމުން ވަނީ، ކުރިން އެއްވެސް ބަޔަކު ކޮށްފައި ނުވާ ފަދަ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މި މައިދާނުގައި އެންމެ ފުންނާބުއުސް ޢާލިމުންގެ ތެރޭގައި، އަލްއިދުރީސީ (1099 މ. – 1160 މ.) އާއި، އަލްމަޤުދިސީ (947 މ. – 990 މ.) އާއި، އިބްނު ޙައުޤަލު (އަވަހާރަވި އަހަރު: 978 މ.) އާއި، އަލްމަސްޢޫދީ (896 މ. – 957 މ.) ހިމެނިވަޑައިގަންނަވަ އެވެ.

އަލްއިދުރީސީ ދުނިޔޭގެ ޗާޓު ކުރައްސަވައި، ގްލޯބް އުފެއްދެވިއެވެ. ފަޒާގެ ތެރޭގައި ދުނިޔެ އޮންނަނީ ކިހިނަކުން ކަމާއި، ދުނިޔެ ވަނީ ކޮންތާކު ކަން ބަޔާންކުރެއްވިއެވެ. ދުނިޔޭގެ ބައްރު ހަތް ބަޔަށް ބައްސަވައި ޗާޓެއް ކުރެއްސެވިއެވެ. އެ ޗާޓުގައިވާ ކޮންމެ ބަޔެއް ދިހަ ބަޔަށް ބެއްސެވިއެވެ. އަދި އެއިން ކޮންމެ ބަޔަކަށް ވަކި ޗާޓެއް ކުރެއްސެވިއެވެ. ދުނިޔޭގެ ބައްރު ހަތް ބަޔަށް ބެއްސެވި ޗާޓާއެކު، އިތުރު ހަތްދިހަ ޗާޓު އޭނާ ކުރެއްސެވިއެވެ.

ދުނިޔޭގެ ޗާޓު ކުރެހުމުގެ ތެރެއަށް ކުލަ އިތުރު ކުރައްވައި، އެންމެ ފުރަތަމަ ކުލަ ޗާޓުތައް އުފެއްދެވީ އަލްމަޤުދިސީއެވެ. ސަރަޙައްދީ ރޮނގުތަކާއި މަގުތަކުގައި ޖެއްސެވީ ރަތްކުލައެވެ. ވެލީގައި ޖެއްސެވީ ރީނދޫކުލައެވެ. ކަނޑުގައި ޖެއްސެވީ ފެހިކުލައެވެ. ކޯރުގައި ޖެއްސެވީ ނޫކުލައެވެ. ފަރުބަދައިގައި ޖެއްސެވީ ނީކުނޑިކުލައެވެ.

އިބްނު ޙައުޤަލު، 30 (ތިރީސް) އަހަރު ވަންދެން އޭޝިއާ އާއި އެފްރިކާގެ ސަރަޙައްދުގައި ދަތުރުކުރެއްވިއެވެ. އެއަށްފަހު، "ޞޫރަތުލް އަރުޟް" (ދުނިޔޭގެ ޗާޓު) އެވެ، ކިޔާ ފޮތް އެކުލަވާލެއްވިއެވެ. އެ ފޮތުގައި ދުނިޔޭގެ އެކިއެކި ތަންތަނުގެ ޗާޓުތަކާއި މަޢުލޫމާތު ހިމެނުއްވިއެވެ. ޔޫނާނީން ބުނެފައިވާ ގޮތާ ޚިލާފަށް، އެފްރިކާގެ ބައްރުގެ ދުރު ހިސާބުތަކުގައި މީހުން ގިނަކަން ބަޔާންކުރެއްވިއެވެ. އަދި، މެދުތެރޭ އޭޝިއާގައި 360 ބަހުން ވާހަކަދައްކާކަން ވެސް ފާހަގަކުރެއްވިއެވެ.

އަލްމަސްޢޫދީ ކުރެއްސެވި ޗާޓުތަކަކީ، އޭރު ދުނިޔޭގައިވާ އެންމެ ފުރިހަމަ ޗާޓުތައް ކަމުގައި ވިއެވެ. އޭނާ ދުނިޔޭގެ ޗާޓުތައް ކުރައްސަވާފައިވަނީ، ދުނިޔެއަކީ ވަށް އެއްޗެއް ކަމުގައި ބައްލަވައިގެންނެވެ.

މުސްލިމު ޢާލިމުން ކުރެއްސެވި ދުނިޔޭގެ ޗާޓުތަކުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، އެ ޗާޓުތަކުގައި ދުނިޔޭގެ ދެކުނު ފަރާތަކީ މަތީ ފަރާތް ކަމަށް ބައްލަވާފައިވާ ކަމެވެ. މިކަމުގެ ސަބަބެއް ކަމަށް ބެލެވެނީ، އޭރު އިސްލާމީ ދުނިޔޭގެ ބޮޑެތި ރަށްތައް ކަމުގައިވާ މަދީނާ އާއި، ދިމަޝްޤާއި، ޤާހިރާ އާއި، ބަޣުދާދާއި، ކޫފާ ފަދަ ރަށްތައް ވަނީ ދުނިޔޭގެ އުތުރު ބިތުގައި ކަމަށް ވެފައި، އެ ރަށްތަކުގެ ދެކުނު ފަރާތުގައި މައްކާ ވާކަމެވެ.


ފަލަކީ ޢިލްމު

މިޒަމާނުގެ ފަލަކީ ޢިލްމު ބިނާވެފައިވަނީ، މުސްލިމު ޢާލިމުން މި ޢިލްމަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ މައްޗަށެވެ. މިޒަމާނުގެ ފަލަކީ ޢިލްމުގެ ބާނީ އަކީ، ކޮޕަރނިކަސް (1473 މ – 1543 މ.) ކަމަށް ހުޅަނގުގެ މީހުން ކުރާ ދަޢުވާއަކީ ބާޠިލު ދަޢުވާއެކެވެ. އެހެނީ، އޭނާ ދެއްކެވި ވާހަކަތަކަކީ، އޭނާއަށްވުރެ މާކުރިން، ނުޞައިރުއްދީނުއްޠޫސީ (1201 މ. – 1274 މ.) އާއި، އިބްނުއްޝާޠިރު (1304 މ. – 1375 މ.) ފަދަ މުސްލިމު ޢާލިމުންގެ ނަޒަރިއްޔާތަކެކެވެ.

މީލާދީ ސަނަތުން 13 ވަނަ ޤަރުނުގައި އުޅުއްވި ނަޖުމުއްދީނުލްމިޞްރީ އަކީ ވެސް ފަލަކީ ޢިލްމުގެ މައިދާނުން ފާހަގަކޮށްލެވޭ ޢާލިމެކެވެ. އޭނާ ތަޢުލީމު ޙާޞިލުކުރެއްވީ ޖާމިޢުލްއަޒުހަރުންނެވެ. އޭނާ އެކަށައެޅުއްވި އިރުވަރު ބެލުމާބެހޭ ތާވަލުތަކަކީ، ރޭގަނޑާއި ދުވާލުގައި، ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ވަގުތު ދެނެގަނެވޭ މުހިންމު ތާވަލުތަކެކެވެ. އެއިން އިރުވަރު ހޯދަނީ، ދުވާލުގައި އިރު ހުންނަ އުސްމިނަށް ބަލައިގެންނެވެ. ރޭގަނޑުގައި ތަރިތަކަށް ބަލައިގެންނެވެ. ކުށަކާ ނުލައި އެއިން އިރުވަރު ދެނެގަނެވެއެވެ. އިރުވަރު ދެނެގަތުމަށްޓަކައި ވަގުތުގާ އުފެއްދެވީ ވެސް މުސްލިމު ޢާލިމުންނެވެ.

އިރާއި ތަރިތަކުގެ އުސްމިން ބެއްލެވުމަށްޓަކައި މުސްލިމު ޢިލްމުވެރިން ބޭނުންކުރެއްވި އާލަތަކީ، އަސްޠުރުލާބު (الأَسطُرْلاب) އެވެ. އެއިން އިރުވަރާއި ފަރާތްތައް ވެސް ދެނެގަނެވެ އެވެ. އަސްޠުރުލާބަކީ، ބޯދާ އެއްޗެއް ކަމަށްވިޔަސް އެ ތަރައްޤީކޮށް ކުރިއެރުވީ މުސްލިމު ޢާލިމުންނެވެ. އެއީ، އެބޭކަލުންގެ ޖީބުކޮޅުގެ ގަޑި ކަމުގައި ވިއެވެ. އޭރު އޭގެ މަޤާމަކީ، ފަލަކީ ކޮމްޕިއުޓަރެއްގެ މަޤާމެވެ. ބައެއް މުސްލިމު ޢިލްމުވެރިން އޭގެ ބޭނުންތައް ބަޔާންކުރައްވައި ފޮތްތައް ލިޔުއްވާފައި ވެއެވެ. އަސްޠުރުލާބުން ހިފޭ އެއް ހާހަށްވުރެ ގިނަ ބޭނުން، މުސްލިމު ފަލަކީ ޢާލިމެއް ކަމަށްވާ ޢަބްދުއްރަޙުމާނުއް ޞޫފީ (903 މ. – 986 މ.) ބަޔާންކުރައްވާފައި ވެއެވެ.

މަރްޞަދު (Observatory) ބިނާކޮށް، އެއިން ފަޒާގެ ތެރެ ހޯދައި ބެލުމުގެ މަސައްކަތް ވެސް މުސްލިމުން ކުރިއެވެ. އެކަމަށްޓަކައި ފުރަތަމަ މަރްޞަދު ބިނާކުރެވުނީ، ޚަލީފާ މައުމޫނު (786 މ. – 833 މ.) ގެ އަމުރުފުޅަށް ބަޣުދާދުގައެވެ. އެއީ ދުނިޔޭގައި ބިނާކުރެވުނު އެފަދަ ފުރަތަމަ މަރްޞަދު ކަމަށް ބައެއް މަޞްދަރުތަކުގައި ވެއެވެ. މުސްލިމުން ފަލަކީ ޢިލްމުގައި ކުރި އީޖާދުތަކާއި، ހޯދި ހޯދުންތަކަކީ، މިޒަމާނުގެ ފަލަކީ ޢިލްމުގެ ބިންގަލެވެ.


ފިޒިކްސް

ފިޒިކްސް އާއި މެކޭނިކްސް ގެ ރޮނގުން ވެސް މުސްލިމުން ވަނީ، ކުރިއެރުންތަކެއް ހޯދާފަ އެވެ. މުސްލިމު ޢާލިމުން ހޯއްދަވާފައިވާ އާ ހޯއްދެވުންތަކާއި، އީޖާދުތަކުން އެކަން އެނގެއެވެ. ނިއުޓަން (1643 މ. – 1727 މ.) ގެ ޤާނޫނުތަކުގެ ނަމުން މަޝްހޫރުވެފައިވާ ޙަރަކާތްކުރުމާބެހޭ ތިން ޤާނޫނަކީ، ވެސް މުސްލިމު ޢިލްމުވެރިން ހޯއްދަވާފައިވާ ތިން ޤާނޫނެކެވެ. އެ ތިން ޤާނޫނުގެ ތެރެއިން ފުރަތަމަ ޤާނޫނު ހޯއްދެވީ، އިބްނުސީނާ (980 މ. – 1037 މ.) އެވެ. ދެވަނަ ޤާނޫނާއި ތިންވަނަ ޤާނޫނު ހޯއްދެވީ އަބުލްބަރަކާތުލް ބަޣުދާދީ (1087 މ. – 1165 މ.) އެވެ. އެ ޤާނޫނުތައް ބަޔާންކުރެއްވުމުގައި ނިއުޓަން އާއި މުސްލިމު ޢާލިމުންނާ ދެމެދުގައިވާ ތަފާތަކީ، ޢިބާރާތުގެ ތަފާތެވެ. މާނަ އާއި ދޭހަ އަކީ ހަމަ އެކައްޗެކެވެ.

މި ޒަމާނުގެ މެކޭނިކްސް ޢިލްމަކީ، މުސްލިމު ޢާލިމުން ތަރައްޤީކުރެއްވި ޢިލްމެކެވެ. އެ ޢިލްމަށް އެބޭކަލުން ދެއްވާފައިވާ ނަމަކީ، "ޢިލްމުލްޙިޔަލު" (ޙީލަތުގެ ޢިލްމު) އެވެ. އެ ޢިލްމުގައި ލިޔެވުނު ފުރަތަމަ ފޮތް ލިޔުއްވީ ވެސް މުސްލިމު ޢާލިމުންނެވެ. އެ ފޮތުގެ ނަމަކީ، "ކިތާބުލްޙިޔަލު" (ޙީލަތުގެ ފޮތް) އެވެ. އެ ފޮތުގައި، މެކޭނިކްސްގެ ސަތޭކަ އުފެއްދުން ބަޔާންކުރައްވާފައި ވެއެވެ. އެ ފޮތަކީ، ޢަޖާއިބުން ފުރިގެންވާ ނާދިރު ފޮތެއް ކަމަށް ސިފަކުރެވިފައި ވެއެވެ.

ޖާޒުބިއްޔަތު ނުވަތަ ގްރެވިޓީ އަކީ ވެސް މުސްލިމު ޢާލިމުން ހޯއްދަވާފައިވާ އެއްޗެކެވެ. ބިމަށް އެއްޗެހި ވެއްޓޭގޮތާއި، ބޮޑު އެއްޗަށް ކުޑަ އެތި ދަމައިގަންނަ ގޮތް، ޘާބިތު ބްނު ޤުއްރާ (836 މ. – 901 މ.) ބަޔާންކުރައްވާފައި ވެއެވެ. އޭނާއަކީ، ގްރެވިޓީ ދެނެވަޑައިގެން ހުންނެވި މުސްލިމު ޢާލިމެކެވެ. މައްޗަށް އެއްޗެއް އެއްލުމުން އޭތި ތިރިއަށް ވެއްޓެނީ ކީއްވެގެންކަން ވެސް އޭނާ ވަނީ ބަޔާންކުރައްވާފައެވެ. އެހެންވީމާ، އެންމެ ފުރަތަމަ ގްރެވިޓީ ކަޝްފުކުރެއްވީ ނިއުޓަން ކަމުގައި ބުނެވޭކަށެއް ވެސް ނެތެވެ.


ކެމިސްޓްރީ

ކެމިސްޓްރީގެ މައިދާނުގައި ފާހަގަކޮށްލެވޭ އެތައް މުސްލިމު ޢާލިމުންނެއް ވެ އެވެ. ޚާލިދު ބްނު ޔަޒީދު (634 މ. – 709 މ.) އާއި، ޖާބިރު ބްނު ޙައްޔާން (721 މ. – 815 މ.) އާއި، އަލްކިންދީ (805 މ. – 873 މ.) ފަދަ ޢާލިމުންނެވެ. އެ ބޭކަލުންގެ ތެރެއިން އެންމެ ބޮޑު ޝުހުރަތެއް ލިބިވަޑައިގަތީ، ޖާބިރު ބްނު ޙައްޔާނަށެވެ. އެއީ އޭނާ ކުރައްވާފައިވާ ޚިދުމަތްތަކުގެ ގިނަ ކަމުންނެވެ.

ކެމިކަލް ރިއެކްޝަންތައް ހޯއްދަވައި ތަރައްޤީކުރައްވަން ފެށްޓެވީ ޖާބިރު ބްނު ޙައްޔާނެވެ. އޭނާ ވަރަށް ގިނަ އެއްޗެހި އަލަށް އީޖާދުކުރެވިއެވެ. އޭގެތެރޭގައި ރަން ގިރުވާ ރަސްފެން (Aqua regia) ހިމެނެއެވެ. އެސިޑް ބޭނުންކުރައްވައިގެން ރަނާއި ރިހި ވަކިކުރެވޭނެ ގޮތް ވެސް ހޯއްދެވިއެވެ. ސޯޑިއަމް ހައިޑްރޯއޮކްސައިޑާއި، ސިޓްރިކް އެސިޑާއި، ހައިޑްރޯކްލޮރިކް އެސިޑް ވެސް ހޯއްދެވިއެވެ. އަދި ކެމިކަލް އެތައް މާއްދާތަކެއް އަލަށް އުފެއްދެވިއެވެ. ޔޫނާނީ ފިލޯސަފަރުންގެ ކިބައިން ވާރުތަވެފައިވާ އަސާސީ އުންސުރުތަކުގެ ތެރެއަށް ސަލްފަރާއި ދިރޭރަހަ އިތުރުކުރެއްވިއެވެ. އެހެން މުސްލިމު ޢާލިމުން އޭގެ ތެރެއަށް ލޮނު އިތުރުކުރެއްވިއެވެ.

އެންމެ ފުރަތަމަ، ސަލްފަރިކް އެސިޑް ހޯއްދަވައި އެއަށް ޒައިތުއްޒާޖު (زيت الزاج) ގެ ނަން ދެއްވީ ވެސް ޖާބިރު ބްނު ޙައްޔާނެވެ. ޑިސްޓިލޭޝަން ކުރުމުގެ ފުރަތަމަ ގޮތް އަލަށް އީޖާދުކުރެއްވީ ވެސް އޭނާއެވެ. މިއަދާ ހަމައަށް ވެސް އޭނާ އީޖާދުކުރެއްވި ވަސީލަތް ބޭނުންކުރެވެއެވެ. އެއީ ދިގު ކަރެއް ލާފައިވާ ބިއްލޫރި ފުޅިއެކެވެ. އެ ފުޅީގެ ބިއްލޫރިއާ މެންގަނީޒް ޑައިއޮކްސައިޑް އެއްކުރައްވައިގެން އޭގެ ފެންވަރު މަތިކުރެއްވިއެވެ. އެކިއެކި ކެމިކަލް ރިއެކްޝަންތައް ހިންގުމަށް ބޭނުންކުރެވޭ ގޮތްތަކަށް އިސްލާހުތައް ގެންނެވިއެވެ. އަދި އަލިފާން ރޯނުވާނެ ކަރުދާހެއް ވެސް އުފެއްދެވިއެވެ.

ޖާބިރު ބްނު ޙައްޔާން އީޖާދުކުރެއްވި އެއްޗިއްސާއި ކަންތައްތައް، ހިމަނައި ކޮޅުންނުލާހައި ގިނައެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި، ހޫނުކޮށްގެން، މާއްދާއެއްގައިވާ އުންސުރުތައް ވަކިކުރުން ހިމެނެއެވެ. ހަރު މާއްދާއެއް ދިޔާ ޙާލަތަށް ގެންދިއުމެއް ނެތި ގޭހަށް ބަދަލުކުރުން ހިމެނެއެވެ. ގޭސް ނުވަތަ ދިޔާ އެއްޗެހި ފުރާނައިގެން އެއިން ހަރު މާއްދާތައް ވަކިކުރުން ހިމެނެއެވެ. ދިޔާ އެއްޗެއްގެ ތެރެއަށް ގިރިފައިވާ ހަރު މާއްދާއެއް އެކަތިގަނޑަކަށް ހެދުން ހިމެނެއެވެ. ދިރޭރަހަ އާއި އެހެން މަޢުދަނެއް އެއްކުރުން ހިމެނެއެވެ. މިނޫނަސް މިފަދަ ކިތަންމެ ކަންކަމެއް އޭނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ޖާބިރުބްނު ޙައްޔާނަށް ހުޅަނގުގައި ބޮޑު ޝުހުރަތެއް ލިބިވަޑައިގަތީ، އޭނާ ލިޔުއްވި އަގުހުރި ފޮތްތަކުގެ ސަބަބުންނެވެ. އެ ފޮތްތަކުގެ ތެރެއިން "ކިތާބުއް ރަސާއިލިއް ސަބްޢީން" (ހަތްދިހަ ރިސާލަތުގެ ފޮތް)، ލެޓިން ބަހަށް ތަރުޖަމާކުރެވުނެވެ. އޭނާއާ ބެހޭ ގޮތުން ފަރަންސޭސިވިލާތުގެ ކެމިސްޓެއް ކަމަށްވާ ބަރތިލޯ (Berthelot) ވިދާޅުވެފައި ވެއެވެ. "މަންޠިޤުގައި އަރުސްޠޫގެ މަޤާމު، ކެމިސްޓްރީގައި ޖާބިރަށް ލިބިވަޑައިގެންފައި ވެއެވެ." އިނގިރޭސިވިލާތުގެ ފިލޯސަފަރެއް ކަމަށްވާ ފްރާންސިސް ބޭކަން ވިދާޅުވެފައި ވެ އެވެ. "އެންމެ ފުރަތަމަ ދުނިޔެއަށް ކެމިސްޓްރީ ޢިލްމު އުނގަންނަވައިދެއްވީ ޖާބިރް ބްނު ޙައްޔާނެވެ. އޭނާއަކީ، ކެމިސްޓްރީގެ ބާނީއެވެ."

ކެމިސްޓްރީގެ ޢިލްމުގައި ތަޖުރިބާގެ މަންހަޖު ޤާއިމުކުރެއްވީ ޖާބިރް ބްނު ޙައްޔާނެވެ. އޭނާގެ ދަރިވަރުންނަށް ވަޞިއްޔަތްކުރައްވާފައި ވެއެވެ. "އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތަޖުރިބާކޮށް ބެލުމެވެ. އެހެނީ، ތަޖުރިބާކުރުމުގެ މަސައްކަތް ނުކުރާ މީހަކަށް ފުރިހަމަކުރުމުގެ އެންމެ ދަށުދަރަޖައަށް ވެސް ވާޞިލެއް ނުވެވޭނެއެވެ. ކޮއިފުޅާއެވެ! މަޢުރިފާކޮށް ދެނެގަތުމަށްޓަކައި ތަޖުރިބާކުރުމުގެ މަސައްކަތް ކުރާށެވެ!"


މިޔުޒިކު

މިޔުޒިކަކީ ވެސް މުސްލިމު ޢާލިމުން ތަރައްޤީކުރެއްވި އެއްޗެކެވެ. މިޔުޒިކުގެ އާލަތްތަކުގެ ތެރެއިން ޢޫދަކީ، އެބޭކަލުން އަލަށް އީޖާދުކުރެއްވި އެއްޗެކެވެ. މުސްލިމުން މިޔުޒިކުގެ ރޮނގުން ކުރިއަރައިގެންދިޔަ މިންވަރު ބަޔާންކޮށްދޭ އެކައްޗަކީ، މިޔުޒިކަލް ނޯޓެވެ. އެ ލިޔުމަށް ބޭނުންކުރަނީ މިއަދާ ހަމައަށް ވެސް ޢަރަބި އަކުރެވެ.

މިޔުޒިކުގެ ރޮނގުން ފާހަގަކޮށްލެވޭ އެންމެ ފުންނާބުއުސް މުސްލިމު ޢާލިމަކީ، އަބޫ ނަޞްރު މުޙައްމަދު ބްނު މުޙައްމަދު އަލްފާރާބީ (874 މ. – 950 މ.) އެވެ. ފާރާބީ އަކީ، މިޔުޒިކުގެ ޢިލްމާއި ފަންނުގައި އޭނާ ފަދަ ދެވަނައެއް ނެތް ލާމަސީލު މޫސީޤާރެކެވެ. އޭނާ ބޭނުންފުޅު އަސަރެއް މީހުންނަށް މިޔުޒިކުން ފޯރުކޮށްލައްވައެވެ. ހިތާމައިގެ އަސަރެވެ. އުފާވެރިކަމުގެ އަސަރެވެ. ބައެއް ފަހަރު އަޑުއަހަން ތިބޭ އެންމެން ނިންދަވާލައްވައެވެ.

މިޔުޒިކާބެހޭ އެތައް ފޮތްތަކެއް ފާރާބީ ލިޔުއްވިއެވެ. އެ ފޮތްތަކުގެ ތެރެއިން މިހާރު ފެންނަން އޮތީ، ކިތާބުލް މޫސީޤާ އަލްކަބީރް (މިޔުޒިކުގެ ބޮޑު ފޮތް) އެވެ، ކިޔާ ފޮތެވެ. މިޔުޒިކު ކުޅޭ ވަރަށް ގިނަ އާލަތްތައް ވެސް އޭނާ އުފެއްދެވިއެވެ. އެއިން އެންމެ މަޝްހޫރު އާލަތަކީ "އަލްޤާނޫނު" އެވެ، ކިޔާ އާލަތެކެވެ. އެ އާލަތަކީ އޭގެ ވަޒީފާ އަދާކުރުމުގެ ގޮތުންނާއި އޭގެ ސިފައިގެ ގޮތުން ވެސް ފަންނުގެ ޢަޖާއިބެއް ކަމަށް ލިއުންތެރިން ބަޔާންކޮށްފައި ވެއެވެ. މިހާރު ފެންނަންހުރި ލިޔެކިޔުންތަކުގައި، އޭނާ ފަރުމާކުރައްވާފައިވާ މިޔުޒިކުގެ 30 އާލަތް ވެއެވެ.


ޚިތާމް

ނަންގަނެވިދިޔައީ، މާސިންގާ ބިޔަ ކަނޑަކުން ކުޑަކުޑަ ތިއްކެއްގެ މިންވަރު ކަމުގައި ނޫނީ ނުވެއެވެ. މި ލިޔުމުގައި ނުހިމެނޭ ކިތަންމެ ކަންތައްތަކެއް މުސްލިމު ޢާލިމުން ކުރައްވާފައި ވެއެވެ. އޭގެތެރޭގައި ޢަސްކަރީ އީޖާދުތަކާއި، ބަޑިބޭހާއި، ދަނޑުބިންތަކަށް ފެން ފޯރުކޮށްދިނުން ފަދަ ކިތަންމެ ކަންތައްތަކެއް ހިމެނެއެވެ. އެފަދަ ތަކެތީގެ ތެރެއިން މަންޖަނީޤު (مَنجَنيق) އަކީ ފާހަގަކޮށްލެވޭ އެއްޗެކެވެ. އެއީ މިޒަމާނުގެ ބޮޑުބަޑި ފަދަ އެއްޗެކެވެ. އާދައިގެ ކާރެއް ތިން ކިލޯމީޓަރަށްވުރެ ދުރަށް އެއްލާލުމުގެ ޤާބިލުކަން އޭގައި ވެއެވެ.

ދަގައްފާނުލީ ސަމުގާ އަކީ މުސްލިމު ޢާލިމުން އުފެއްދެވި އެއްޗެކެވެ. ދުނިޔޭގެ ބޮޑެތި ކަނޑުތަކުގައި ދަތުރުފަތުރުކުރުން ކުރިއަރައިގެންދިޔައީ އޭގެ ސަބަބުންނެވެ. އިހުޒަމާނުގައި ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރައްވައި، މުޅި ދުނިޔޭގެ ޤައުމުތަކުގެ ތާރީޚާއި ސަގާފަތު ފުޅާދާއިރާއެއްގައި ލިޔުއްވީ ވެސް މުސްލިމު ޢާލިމުންނެވެ. އެފަދަ ބޭކަލުންގެ ތެރެއިން އިބްނު ބަޠޫޠާ (އިބްނު ބައްޠޫޠާ) ގެ ނަންފުޅު ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ވެސް އޭނާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޢިމާރާތްތަކުގައި އާޗް ހަދާފައިވާ ކަމާއި، އޭގައި ކިޑިކީ ހުންނަކަން އެންމެ ފުރަތަމަ ބަޔާންކުރެއްވީ އޭނާއެވެ.

މި ލިޔުމުގައި ބަޔާންކޮށްފައި މިވަނީ، ވަރަށްވެސް ކުޑަ މިންވަރެކެވެ. އެކަމަކު މި މިންވަރުން ވެސް، މުސްލިމުންނަކީ ތަރައްޤީ އާއި ތަހުޒީބަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ބަޔެއްކަން ވަރަށް ސާފުކޮށް އެބަ އޮޅުންފިލައެވެ. މުސްލިމުން އެ މަސައްކަތް ކުރުމުގެ ސަބަބަކީ، މާތްވެގެންވާ އިސްލާމްދީނުގައި އެކަމަށް ބާރުއަޅުއްވާފައިވާ ކަމެވެ. އެހެންކަމުން، ކުރީގެ މުސްލިމުންނެކޭ އެއްފަދައިން، މިހާރުގެ މުސްލިމުން ވެސް ތަރައްޤީއާއި ތަހުޒީބަށް މަސައްކަތްކުރަން އެބަޖެހެއެވެ. އިހުގެ ކާބަފައިންގެ ތަރިކަތައް ދެމެހެއްޓޭނީ އޭރުން ކަމުގައި ވާތީއެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގައި ފުރިހަމައަށް ފައިތިލަ ސާބިތުކުރެވޭނީ ވެސް އޭރުން ކަމުގައި ވާތީއެވެ.