އިސްލާމްދީނަކީ ތަހުޒީބާއި ތަމައްދުނުގެ ދީނެވެ.
އިސްލާމްދީނުގެ ނަން ކަމުގައިވާ الإسْلاَم އަކީ،
السَّلاَم އިން އުފެދިފައިވާ ނަމެކެވެ. އައްސަލާމުގެ
މާނައަކީ، ރައްކާތެރިކަމާއި، ޞުލްޙަވެރިކަމާއި،
އަމާންކަމެވެ. މިކަންކަން ނެތް މުޖުތަމަޢެއްގައި
ތަހުޒީބެއް، ތަމައްދުނެއް ނޯންނާނެއެވެ. ތަހުޒީބުގެ
މާނަތަކުގެ ތެރޭގައި، ތަރުބިޔަތުކުރުމާއި،
އިޞްލާޙުކުރުމާއި، ރީތިކުރުމާއި، އަޚުލާޤު
ދަސްކޮށްދިނުމާއި، ބޭކާރުބައި އުނިކުރުން ހިމެނެއެވެ.
ތަމައްދުނަކީ، ޙަޟާރަތުގެ މާއްދީބަޔެވެ. އެބައިގައި
ހިމެނެނީ، ޢުމްރާނީ ތަރައްޤީއާއި، މުވާޞަލާތާއި، ފާގަތި
ދިރިއުޅުމުގެ ބަހާތަކެވެ. އެހެންކަމުން، ތަމައްދުނަކީ،
ޙަޟާރަތާއި ރަށްވެހިކަމުގެ ކުރިއެރުން ކަމަށް ވެސް
މާނަކުރެވެއެވެ. ޙަޟާރަތަކީ، ބަޔަކުމީހުން ރަށެއްގައި
ރަށްވެހިވެގެންތިބެ ދިރިއުޅުމެވެ.
މަދީނާ
އިސްލާމީ ތަހުޒީބާއި ތަމައްދުނުގެ މުއައްސިސަކީ، ކީރިތި
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ޔަޘްރިބަށް
ހިޖުރަކުރެއްވުމަށްފަހު، އެރަށަށް މަދީނާގެ ނަން ދެއްވީ
އިތުރުއެކަލޭގެފާނެވެ. އެނަމުގެ އަޞްލަކީ ތަމައްދުނެވެ.
އިތުރުއެކަލޭގެފާނު، އެރަށުގައި ހައިބަވެތި ޙަޟާރަތެއް
އާރާސްތުކުރެއްވިއެވެ. އެކަން ފެށްޓެވީ، މަސްޖިދުއްނަބަވީ
ބިނާކުރެއްވުމުންނެވެ. އެމިސްކިތްކޮޅުގައި
ތަމްސީލުކުރެއްވި މުއައްސަސާތަކުގެ ސަބަބުން މަދީނާގެ
މުޖުތަމަޢުގައި ތަހުޒީބާއި ތަމައްދުނުގެ ފޭރާން ލެވުނެވެ.
މިކަންތައްތަކަށް ބަލާއިރު، އިސްލާމްދީނަކީ، ޢުމުރުގެ
އެންމެ ފުރަތަމަ ހިނދުކޮޅުން ފެށިގެން ވެސް ތަހުޒީބާއި
ތަމައްދުނުގެ ދީނެއްކަން އެނގެއެވެ.
ޤުރުއާނާއި ސުންނަތުގައި
ތަހުޒީބާއި ތަމައްދުނުގެ އަސާސަކީ، ޢިލްމެވެ. އުއްމަތެއް
ކުރިއަރައި ތަރައްޤީވަނީ، އެއުންމަތުގައި ޢިލްމާއި
މަޢުރިފާ އިތުރުވުމުންނެވެ. އިސްލާމްދީނަކީ، ޢިލްމަށް
އެންމެ ބޮޑު އަހައްމިއްޔަތެއް ދީފައިވާ ދީނެވެ. ކީރިތި
ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވި ކަލިމައަކީ،
ކިޔެވުމަށް އޮތް އަމުރުފުޅެއްކަން މުސްލިމުން ދަނެއެވެ.
ކީރިތި ޤުރުއާނުގެ އެނޫން އާޔަތްތަކުގައި ވެސް ޢިލްމާއި
ޢިލްމުވެރިންގެ ދަރަޖަ ވަނީ މަތިކުރައްވާފައެވެ. މާތް ﷲ
ވަޙީކުރައްވާފައި ވެއެވެ.
(إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ)
ފާޠިރު: 28
މާނައީ، "ﷲ އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ
އަޅުތަކުންގެ ތެރެއިން ޢިލްމުވެރިންނެވެ."
އިސްލާމްދީނުގައި ޢިލްމު އުނގެނުމަކީ، ކޮންމެ މުސްލިމު
އަންހެނަކާއި ފިރިހެނެއްގެ މައްޗަށް ވާޖިބުވެގެންވާ
ކަމެކެވެ. އެކަން ބަޔާންކުރައްވަމުން ކީރިތި ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(طَلَبُ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ)
ރިވާކުރެއްވީ: އިބްނުމާޖާ.
މާނައީ، "ޢިލްމު އުނގެނުމަކީ، ކޮންމެ މުސްލިމެއްގެ
މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ."
އަޚުލާޤު
ޙަޟާރަތާއި ތަމައްދުނު ވަކިކޮށްދޭ ބައެއް ތަޢުރީފުތައް
ބުނާ ގޮތުގައި، ޙަޟާރަތަކީ، އިޖުތިމާޢީ ޕިރަމިޑްގެ އެންމެ
ތިރިއެވެ. ތަމައްދުނަކީ އެޕިރަމިޑްގެ އެންމެ މައްޗެވެ.
އެހެންވީމާ، ތަމައްދުނުގެ ތެރޭގައި، ރީތި އަގުތަކާއި،
މަކާރިމުލްއަޚުލާޤު ވެސް ހިމެނޭނެކަން އެބައެނގެއެވެ.
އަޚުލާޤަކީ ކޮބާކަން ބުނެދޭ އެންމެ ޝާމިލުކަންބޮޑު
ތަޢުރީފެއް ބުނާ ގޮތުގައި، އަޚުލާޤަކީ މުޠުލަޤު
މިނިވަންކަން ލިބިފައިވާ ޙާލު، ރަނގަޅަށް ޢަމަލުކުރުމެވެ.
ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރައްވާފައި ވެއެވެ.
(إِنَّمَا بُعِثْتُ لأُتَمِّمَ مَكَارِمَ الأَخْلاقِ)
ރިވާކުރެއްވީ: އަލްބައިހަޤީ.
މާނައީ، "ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވެވުނީ،
މަކާރިމުލްއަޚުލާޤު ފުރިހަމަކުރެއްވުމަށްޓަކައެވެ."
އިސްލާމީ އުންމަތް، ތަހުޒީބާއި ތަމައްދުނުގެ ރޮނގުން
ކުރިއެރުމުގައި، އިތުރުއެކަލޭގެފާނު ގެނެސްދެއްވި
މަކާރިމުލްއަޚުލާޤުގެ ދައުރު ވަރަށްވެސް ބޮޑެވެ.
ބަޣުދާދުގެ ބައިތުލްޙިކުމާ ފަދަ ޢިލްމީ
މުއައްސަސާތަކުގައި، ތަފާތު ދީންތަކާއި، ތަފާތު
މަޒުހަބުތަކުގެ ޢިލްމުވެރިން އެއްބަޔެއްގެ ގޮތުގައި
މަސައްކަތްކުރެއްވުމުގެ މަގު ފަހިވެގެންދިޔައީ
އެއަޚުލާޤުގެ ސަބަބުންނެވެ.
ބަޣުދާދު
ބަޣުދާދަކީ، އިސްލާމީ ތަހުޒީބާއި ތަމައްދުނުގެ މިސާލެކެވެ.
އެރަށަށް ނަޒަރު ހިންގައިލުމުން، އިސްލާމްދީނުގައި
ތަހުޒީބާއި ތަމައްދުނަށް ބާރުއަޅާފައިވާ މިންވަރު
ޢަމަލީގޮތުން ސާބިތުކޮށްދެވިފައިވާ ދަރަޖަ ހާމަވެއެވެ.
البَيَان فِي التَّمَدُّن وَأَسْبَاب اْلعُمْرَان އެވެ،
ކިޔާ ފޮތުގައި ވެއެވެ. ބަޣުދާދުގައި ތިރީސްހާސް
ގަނޑުވަރާއި، އަށްސަތޭކަ މިސްކިތާއި، ތިންސަތޭކަ
މާމިސްކިތާއި، އަށްސަތޭކަ މަދްރަސާއާއި، ބާރަހާސް
ކުތުބުޚާނާއާއި، އަށާރަހާހަށްވުރެ ގިނަ ޙައްމާމާއި،
ދަތުރުވެރިންނަށް ޚާއްޞަ އެއްހާސް މެހުމާންސަރާއާއި، ފޮތި
ވިއްކާ ހަތަރުސަތޭކަ ބާޒާރު ވިއެވެ. އަދި ދިޖުލާކޯރުގެ
މަތީގައި ހިލައިން ބިނާކޮށްފައިވާ އެތައް ފާލަންތަކެއް
ވިއެވެ.
މިބަޔާންކުރެވުނީ ބަޣުދާދުން ކުޑަކުޑަ މިންވަރެކެވެ.
"ބަޣުދާދު ނުދެކޭ މީހާ، ދުނިޔެ ނުދެކޭ" ކަމަށް
ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ.
ފަހުބަސް
އިސްލާމްދީނަކީ، ހުރިހައި މާނައެއްގައިވެސް ތަހުޒީބާއި
ތަމައްދުނުގެ ދީނެވެ. އިސްލާމްދީނާ ނުލައި ތަހުޒީބާއި
ތަމައްދުން ޙާޞިލުކުރެވިދާނެ ކަމަށް ހީކުރުމަކީ
ކުށްހީއެކެވެ. މާއްދީއްޔަތާއި، ރޫޙާނިއްޔަތުންކުރެ
ވަކިއަތަކަށް ބުރަވުމެއްނެތި، ތަހުޒީބާއި ތަމައްދުނަށް
މަގުދައްކަނީ އިސްލާމްދީނެވެ. މިއަދުގެ ދުނިޔެ ދެކެމުންދާ
ކުރިއެރުމާއި ތަރައްޤީގެ އަސާސަކީ އިސްލާމީ ޙަޟާރަތެވެ.
މުސްލިމުން އެނބުރި ރުޖޫޢަވާންވީ އެޙަޟާރަތުގެ ތަހުޒީބާއި
ތަމައްދުނަށެވެ.
މިއީ، ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މަދީނާ އޮތްގޮތް ދައްކައިދޭ ތަޞްވީރެކެވެ.
މިއީ، 30 ޖުލައި 762 މ. ވަނަ އަހަރު ބިންގާ އެޅުނު ފުރަތަމަ ފަރުމާގެ މައްޗަށް ބަޣުދާދު ބިނާކުރެވިފައިވާ ގޮތުގެ ތަޞްވީރެކެވެ.
(وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ)
ސޫރަތުލްޤަލަމް: 4
މާނައީ، "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ
މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ."