އިބްލީހާއެކު ދެއްކި ވާހަކަކޮޅެއް
ވަރަށް އަނދިރި ރެޔަކު، އިބްލީހާއެކު ވާހަކަކޮޅެއް
ދެއްކީމެވެ. އަޅުގަނޑަށް އެކަން ކުރެވުނީ، އެ ރޭ، ފަތިސް
ނަމާދަށް ބަންގި ގޮވި އަޑު އިވުމުން، މިސްކިތަށް ދިއުމަށް
ޤަސްދުކުރި ހިނދު، އިބްލީސް އައިސް ބުނި އެއްޗަކުންނެވެ.
އިބްލީސް ބުންޏެވެ. މިހާރު ތެދުވާނެ ކަމެއް ނެތެވެ.
އޮށޯންނާށެވެ! އަދި އަރާމުކޮށްލާނެ ވަގުތު އެބައޮތެވެ.
އަޅުގަނޑު ބުނީމެވެ. މިހެން އޮއްވައި، ފަރުޟު ނަމާދުގެ
ވަގުތު ފާއިތުވެގެން ހިނގައިދާނެތީ ބިރުވެތިވަމެވެ.
އިބްލީސް ބުންޏެވެ. ވަގުތަކީ އަބަދުވެސް ތަނަވަސްވެގެންވާ
އެއްޗެކެވެ.
އަޅުގަނޑު ބުނީމެވެ. ލަހުން މިސްކިތަށް ދާއިރު،
ޖަމާޢަތުގައި ނަމާދުކުރާ މީހުން، ނަމާދުކޮށް ނިމިދާނެތީ
ބިރުވެތިވަމެވެ.
އިބްލީސް ބުންޏެވެ. އަޅުވެތިކަމާއި ކިޔަމަންތެރިކަމުގައި
ތިބާގެ ނަފުސަށް ދަތިކޮށް ހަރުކަށި ނުވާށެވެ!
މިޒާތުގެ ވާހަކަ އިބްލީހާއެކު ދައްކަން އޮވެފައި
އަޅުގަނޑަށް އެނދުން ތެދުވެވުނުއިރު، އިރުއަރައިފިއެވެ.
އެހިނދު، އިބްލީސް އަޅުގަނޑުގެ ކަންފަތް ކައިރީގައި
ވައިއަޑުން ބުންޏެވެ. ފާއިތުވެއްޖެ ކަމަކާމެދު ހިތާމަ
ނުކުރާށެވެ! މިއަދު އަދިވެސް ލައްކަ ގިނަ ވަގުތު
އެބައޮތެވެ!
ދެން އަޅުގަނޑު، ޒިކުރު ފޮތެއް ނަގައިގެން ދުޢާކުރަން
އުޅުނީމެވެ. އެހިނދު އެކިއެކި ފިރުކު ހިފައިގެން އިބްލީސް
އަތުވެއްޖެއެވެ.
އަޅުގަނޑު ބުނީމެވެ. ދުޢާކުރުމާ އަހުރެން ދުރުނުކުރާށެވެ!
އިބްލީސް ބުންޏެވެ. ދުޢާކުރުން ހަވީރަށް ބާއްވާށެވެ!
ދެން އަޅުގަނޑު ތައުބާވުމަށް ޢަޒުމް ކަނޑައެޅީމެވެ.
އެހިނދު އިބްލީސް ބުންޏެވެ. ޒުވާނާ އެވެ! ދަތް ހުރި ދުވަހު
ކާށި ކާށެވެ!
އަޅުގަނޑު ބުނީމެވެ. ހެޔޮކަމެއް ނުކުރެވި މިހެން
އުޅެނިކޮށް މަރުވެދާނެތީ ބިރުވެތިވަމެވެ.
އިބްލީސް ބުންޏެވެ. ތިބާގެ ޢުމުރުގައި އަދި ލައްކަ ގިނަ
ދުވަސް އެބައޮތެވެ. އެހާ އަވަހަކަށް އަދި މަރެއް ނުވާނެއެވެ.
ދެން އަޅުގަނޑު، އަލްޙަމްދު ކިޔަވަން ފެށީމެވެ.
އެހިނދު އިބްލީސް ބުންޏެވެ. ތި ސޫރަތް ނުކިޔަވައި
ކޮންމެވެސް ލަވައެއް ނިކަން ކިޔައިލަބަލާށެވެ!
އަޅުގަނޑު ބުނީމެވެ. ޤުރުއާން ކިޔެވުމުން އެއްކިބާވެ،
ލަވަކިޔުން ވާނީ ޙަރާމްކަމަކަށެވެ.
އިބްލީސް ބުންޏެވެ. ތިޔައީ ބައެއް ޢިލްމުވެރިން ދައްކަވާ
ވާހަކައެކެވެ.
އަޅުގަނޑު ބުނީމެވެ. ބޭކާރު ލަވަކިޔުމަކީ،
ޙަރާމްކަމެއްކަން ބަޔާންކުރައްވާފައިވާ ޙަދީޘްފުޅުތައް
އަހުރެން ދުށީމެވެ.
އިބްލީސް ބުންޏެވެ. އެއީ މުޅިން ވެސް، ޟަޢީފު
ޙަދީޘްފުޅުތަކެކެވެ.
މިގޮތަށް ވާހަކަ ދައްކަން ތިއްބައި ދާދި ކައިރިން، ޒުވާން
ރީތި ޖިންސްލަޠީފަކު ދާތަން ފެނިއްޖެ އެވެ. އެވަގުތު
އަޅުގަނޑު އިސްދަށަށް ޖެހީމެވެ.
އިބްލީސް ބުންޏެވެ. އެ ޖިންސްލަޠީފަށް ނުބެލީ
ކީއްވެހެއްޔެވެ؟
އަޅުގަނޑު ބުނީމެވެ. އެކަމުގައި ނުރައްކަލެއް ވާތީއެވެ.
(އެއީ ޙަރާމް ކަމެކެވެ.)
އިބްލީސް ބުންޏެވެ. އެހެންވިއްޔާ، އެ ޖިންސްލަޠީފާމެދު
ވިސްނާލާށެވެ! ވިސްނާލުމަކީ ޙަލާލުކަމެކެވެ!
ދެން އަޅުގަނޑު ގެފުޅަށް ދިއުމަށް ދަތުރު ފެށީމެވެ.
އެހިނދު އިބްލީސް އައިސް ބުންޏެވެ. ކޮން ދަތުރެއް
ހެއްޔެވެ؟
އަޅުގަނޑު ބުނީމެވެ. މިދަނީ ޢުމްރާއަކަށެވެ.
އިބްލީސް ބުންޏެވެ. ޢުމްރާވުމަށޭ ކިޔާފައި ތިޔަ ފެށީ ދަތި
އުނދަގޫ ދަތުރެއްތާއެވެ! ތިޔަށްވުރެ މާ މަޖާ ދަތުރުތައް
އެބަހުއްޓެވެ.
އަޅުގަނޑު ބުނީމެވެ. މިދަނީ މަޖާކުރާކަށެއް ނޫނެވެ. މިދަނީ
އިޞްލާޙުވެ، ހެޔޮ ޢަމަލުކުރުމަށެވެ.
އިބްލީސް ބުންޏެވެ. ހެޔޮ ޢަމަލުކުރިޔަސް ސުވަރުގެއަށް
ނުދެވޭނެ އެވެ. (ސުވަރުގެއަށް ވަދެވެނީ، މާތް ﷲ
އިރާދަކުރެއްވި މީހަކަށެވެ.)
ދެން އަޅުގަނޑު (ޢިލްމުވެރިންގެ އަރިހުން) ނަޞީޙަތް ހޯދަން
ދިޔައީމެވެ.
އެހިނދު އިބްލީސް އައިސް ބުންޏެވެ. ފަޟީޙަތްވާން ނުދާށެވެ!
އަޅުގަނޑު ބުނީމެވެ. ރަނގަޅު ނަޞީޙަތެއްގައި ހިފައިފިނަމަ،
ކުރެވިފައިވާ ފާފައަކުން ދިންނަވާނޭ މަގެއް ފެ ނިދާނެތާއެވެ!
އިބްލީސް ބުންޏެވެ. އޭރުން އެ ފާފަ ބޭޒާރުވެދާނެ އެވެ!
އެއީ، ފަސާދައިގެ ފެށުމެވެ!
އަޅުގަނޑު ބުނީމެވެ. ބައެއް ޢިލްމުވެރިންނާއި ބައެއް
މީހުންނާ މެދު ތިބާ ދެކޭގޮތް ބަލާލަން ބޭނުމެވެ.
އިބްލީސް ބުންޏެވެ. ސުއާލުކުރާށެވެ! ކުރިހައި ސުއާލަކަށް
ޖަވާބު ދޭނަމެވެ.
އަޅުގަނޑު ބުނީމެވެ. އިމާމު އަޙުމަދު ބިން ޙަންބަލާ މެދު
ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. "ތިޔަބައިމީހުން ސުންނަތުގައި
ހިފަހައްޓާށޭ! ކީރިތި ޤުރުއާނަކީ ވަޙީ ބަސްފުޅޭ." މިހެން
ވިދާޅުވެ، އެކަލޭގެފާނު އަހުރެން "މަރާލައިފި" އެވެ.
އަޅުގަނޑު ބުނީމެވެ. އިމާމު އިބްނު ތައިމިއްޔާއާ މެދު
ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. ކޮންމެ ދުވަހަކު އެތައް އެތިފަހަރެއް،
އެކަލޭގެފާނު އަހުރެންގެ ބޮލުގައި އެބަ ޖައްސަވައެވެ.
އަޅުގަނޑު ބުނީމެވެ. އިމާމު ބުޚާރީއާ މެދު ބުނަނީ
ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އެކަލޭގެފާނު ލިޔުއްވި ޙަދީޘްފޮތުގެ
ސަބަބުން އަހުރެންގެ ގެދޮރު އަނދައި އަޅިޔަށް ވެއްޖެއެވެ.
އަޅުގަނޑު ބުނީމެވެ. ޙައްޖާޖު ބިން ޔޫސުފާ މެދު ބުނަނީ
ކީކޭ ހެއްޔެވެ؟
އިބްލީސް ބުންޏެވެ. މީސްތަކުންގެ ތެރޭގައި އެފަދަ އެތައް
ހާސް ޙައްޖާޖުން ވާނެ ނަމައެވެ. އޭނާގެ މަންހަޖުން
އަހުރެންނަށް ފަރުވާ ލިބެއެވެ.
އަޅުގަނޑު ބުނީމެވެ. ފިރުޢައުނާ މެދު ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އަހުރެންގެ ފުށުން އޭނާއަށް ހުރިހައި
އެހީއަކާއި ނަޞްރެއް ދިނީމެވެ.
އަޅުގަނޑު ބުނީމެވެ. ޞަލާޙުއްދީނުލް އައްޔޫބީއާ މެދު
ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އެމަނިކުފާނުގެ ވާހަކަ ނުދައްކާށެވެ!
އެމަނިކުފާނު، އަހުރެން ބަލިކޮށް ކިސަޑުގެ ތެރެއަށް
އެއްލާލިއެވެ.
އަޅުގަނޑު ބުނީމެވެ. އިމާމު މުޙައްމަދު ބިން ޢަބްދުލް
ޥައްހާބާ މެދު ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އެކަލޭގެފާނު ގޮވާލެއްވި
ގޮވާލެއްވުމަކީ، އަހުރެންގެ މޭގައި އަނދަމުންދާ
އަލިފާންގަނޑެކެވެ.
އަޅުގަނޑު ބުނީމެވެ. އަބޫޖަހުލާ މެދު ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އަހުރެންނީ، އޭނާގެ ގާތް
މީހުންގެތެރެއިންވާ އޭނާގެ އަޚަކީމެވެ.
އަޅުގަނޑު ބުނީމެވެ. އަބޫ ލަހަބާ މެދު ބުނަނީ
ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އޭނާ ދިޔަ ކޮންމެ ތަނަކަށް، އޭނާއަށް
ހިތްވަރުދޭން އަހުރެން ދާނަމެވެ.
އަޅުގަނޑު ބުނީމެވެ. ބަދުއަޚުލާޤީ މަޖައްލާތަކާ މެދު
ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. މީސްތަކުން ދިރިއުޅުމަށް އަހުރެން
ދައްކައިދޭ މަގު ވަނީ އޭގައެވެ.
އަޅުގަނޑު ބުނީމެވެ. ޑިޝްއާ މެދު ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އެއީ، ވަލުޖަނަވާރު އުޅޭ ގޮތަށް
މީސްތަކުންގެ އުޅުން ބަދަލުކުރުމަށް އަހުރެން ބޭނުންކުރާ
ހަތިޔާރެކެވެ.
އަޅުގަނޑު ބުނީމެވެ. ނައިޓްކްލަބްތަކާ މެދު ބުނަނީ
ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. ކުޅޭކުޅޭ މީހުންނަށް އެތަންތަނުގައި
އަހުރެން މަރްޙަބާ ކިޔަމެވެ.
އަޅުގަނޑު ބުނީމެވެ. އަހުރެމެން މުސްލިމުން ޒިކުރުކިޔާ
ފަދައިން ތިބާ ކިޔަނީ ކޮންއެއްޗެއް ހެއްޔެވެ؟
އިބްލީސް ބުންޏެވެ. ބޭކާރު ލަވައެވެ.
އަޅުގަނޑު ބުނީމެވެ. ތިބާގެ އަވާގައި ޖެހޭ މީހުން އެންމެ
ގިނައިން ކުރާ ކަމަކީ ކޮބައިހެއްޔެވެ؟
އިބްލީސް ބުންޏެވެ. މަސައްކަތެއް ނުކޮށް ފޮނި
އުންމީދުކުރުމެވެ.
އަޅުގަނޑު ބުނީމެވެ. ޝޮޕިންގަށް ދިއުމާމެދު ބުނަނީ
ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އެއީ، އެކަމަށް ދާ މީހުންގެ ބޮލަށް
އެރެން ލިބޭ ރަނުގެ ފުރުޞަތެކެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ މީހުން މަގުފުރައްދަނީ
ކިހިނަކުންހެއްޔެވެ؟
އިބްލީސް ބުންޏެވެ. ޝަހުވަތްތެރިކަމާއި ކުޅިވަރާއި
ނުބައިކަންކަމަށް އުންމީދުކުރުމާއި ބޭކާރު ލަވަކިޔުން ފަދަ
ވަސީލަތްތަކުންނެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ އަންހެންވެރިން މަގުފުރައްދަނީ
ކިހިނަކުންހެއްޔެވެ؟
އިބްލީސް ބުންޏެވެ. ބަރަހަނާވުމާއި ކަންދެއްކުމާއި ދީނަށް
ފުރަގަސްދިނުމާއި ޙަރާމްކަންތައް ކުރުމަށް އެއުރެންގެ
ހިތަށް ވަސްވާސްދީގެންނެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ ޢިލްމުވެރިން މަގުފުރައްދަނީ
ކިހިނަކުން ހެއްޔެވެ؟
އިބްލީސް ބުންޏެވެ. އަމިއްލަ މޮޅުކަން ދެއްކުމާއި
ޝުހުރަތާއި ކިބުރުވެރިކަމަށް އެއުރެންގެ ހިތްތަކުގައި
ޖަގަހަ ހަދައި، އެހެން ޢިލްމުވެރިންގެ މައްޗަށް އެއުރެންގެ
ހިތްތަކުގައި ޙަސަދަވެރިކަން އުފައްދައިގެންނެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ ޢާއްމު ގޮތެއްގައި އެންމެން
މަގުފުރައްދަނީ ކިނަކުން ހެއްޔެވެ؟
އިބްލީސް ބުންޏެވެ. ޣީބަ ބުނުމާއި ދެބައޮޑުވުމާއި ފިތުނަ
އުފެދޭ ޒާތުގެ ޔޯލަވާހަކަތައް ފެތުރުމާއި، ބޭކާރު
ކަންތައްތަކުންނެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ ވިޔަފާރިވެރިން މަގުފުރައްދަނީ
ކިހިނަކުންހެއްޔެވެ؟
އިބްލީސް ބުންޏެވެ. ރިބާ ކެއުމާއި ޞަދަޤާތް ނުދިނުމާއި
ހޭދަކުރުމުގައި އިސްރާފުކުރުން އެއުރެންނަށް
ޒީނަތްތެރިކޮށްދީގެންނެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ ޒުވާނުން މަގުފުރައްދަނީ
ކިހިނަކުންހެއްޔެވެ؟
އިބްލީސް ބުންޏެވެ. އެއުރެންގެ ހިތްތަކުގައި ޢިޝްޤީ ލޯބި
އުފައްދައި، ޙަރާމްކަންތައްތައް ކުރުމަކީ، ހަމަ ރަނގަޅު
ކަމެއް ކަން ދެޖިންސުގެ ޒުވާނުންނަށް
ވިސްނުވައިދީގެންނެވެ.
އަޅުގަނޑު ބުނީމެވެ. (ބަނގުރާ ބުއިމަށް ގޮވާލާ ޅެންތައް
ހެދި ޝާޢިރު) އަބޫ ނައްވާސާމެދު ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. ލޮލުން ބޮލުން ރުހި ޤަބޫލުކޮށް، އޭނާގެ
ލަވަތައް އަބަދުމެ ކިޔަމެވެ.
އަޅުގަނޑު ބުނީމެވެ. މޮޑަނިޒަމްގެ އަހުލުވެރިންނާމެދު
ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އެއުރެންގެ ޢިލްމުވެރިކަން
އެއުރެންނަށް ވާރުތަވެފައިވަނީ އަހުރެންގެ ފުށުންނެވެ.
އަޅުގަނޑު ބުނީމެވެ. ދީނަށް ގޮވާލާ ދާޢީންނާމެދު ބުނަނީ
ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އެއުރެން ތިބޭ ތަނަކަށް އަހުރެން
ގޮސްފިނަމަ، އެއުރެން އަޢޫޛު ބިސްމި ކިޔައެވެ. އަހުރެން
ލަވައެއް ކިޔައިފިނަމަ، އެއުރެން ޤުރުއާން ކިޔަވައެވެ.
އަހުރެން ބިނާކޮށްފިނަމަ، އެއުރެން މުގުރާލައެވެ.
އެއުރެން، އަހުރެންނަށް އަނިޔާކޮށް، އަހުރެން ތަޅައި
މަރައި ހަންދަމާލައިފިއެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ ޤާރޫނު ވާވެއްދީ ކިހިނަކުން
ހެއްޔެވެ؟
އިބްލީސް ބުންޏެވެ. އޭނާގެ ގާތުގައި އަހުރެން ބުނީމެވެ.
މުސްކުޅިޔާގެ ދަރިޔާއެވެ! ޚަޒާނާތައް ފޮރުވާށެވެ! އޭރުން
ތިބާއަށް ކާމިޔާބު ލިބޭނެއެވެ. އަދި ތިބާއީ މަޝްހޫރު
މީހެއް ކަމުގައި ވެސް ވާނެއެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ ފިރުޢައުނު ގާތުގައި ބުނީ
ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. އަހުރެން އޭނާގެ ގާތުގައި ބުނީމެވެ.
އޭ! ބިޔަ ގަނޑުވަރުގެ ސާހިބާއެވެ! "މިޞްރުގެ ރަސްކަމާއި
އާރާއި ބާރު ލިބިގެންވަނީ ތިމަންނައަށް ނޫންހެއްޔެވެ؟"
މިހެން ވިދާޅުވާށެވެ! އޭރުން ތިބާއަށް ނަޞްރު ލިބޭނެއެވެ.
އަޅުގަނޑު ބުނީމެވެ. ބަނގުރާ ބޯ މީހުންގެ ގާތުގައި ތިބާ
ބުނަނީ ކީކޭހެއްޔެވެ؟
އިބްލީސް ބުންޏެވެ. މޭބިސްކަދުރުގެ ޖޫސްތަށްޓެއް ބޯލާށެވެ!
އޭރުން ހުރިހައި ހިތާމަތަކެއް ފިލައިގެން ހިނގައިދާނެ
އެވެ. އެއަށްފަހު، ތައުބާވާންވީ ގޮތް ވެސް މިއޮތީ
އެނގޭކަށް ނޫންހެއްޔެވެ؟
އަޅުގަނޑު ބުނީމެވެ. ތިބާ ބަލިކޮށްލެވޭނީ، ކިހިނަކުން
ހެއްޔެވެ؟
އިބްލީސް ބުންޏެވެ. މީހަކު، އާޔަތުލްކުރުސިއްޔި
ކިޔަވާނަމަ، އަހުރެންގެ ނޭވާ ކުރުވެ، އަހުރެންގެ ގައިގައި
ކަސްތޮޅު އެޅުވެއެވެ. އަދި އަހުރެން ބަލިކަށިވެ،
ހައްޔަރުވެފައި އޮންނަން ޖެހޭ މުއްދަތު ދިގުވެއެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ އެންމެ ލޯބިވަނީ ކޮން ބަޔަކު
ދެކެ ހެއްޔެވެ؟
އިބްލީސް ބުންޏެވެ. އެންމެ ލޯބިވަނީ، ވިޔާނުދާ ލަވަކިޔާ
މީހުންނާއި، ނޭދެވޭ ކަންކަމަށް ގޮވާލާ ޅެންފަރިހި ހަދާ
މީހުންނާއި، އުރެދޭ މީހުންނާއި، ފާޙިޝް ޢަމަލުތައް ކުރާ
މީހުންނާއި އަދި ކޮންމެ ނުބައި ނުލަފާ ކަމަކީ، ރިވެތި
ކަމެއް ކަމަށް ދައްކުވައިދޭ މީހުން ދެކެއެވެ.
އަޅުގަނޑު ބުނީމެވެ. ތިބާ އެންމެ ރުޅި އަންނަނީ،
ކޮންބަޔަކު ދެކެ ހެއްޔެވެ؟
އިބްލީސް ބުންޏެވެ. މިސްކިތްތަކުގައި ޚުޝޫޢަތްތެރިކަމާއެކު
ރުކޫޢުކޮށް، ސުޖޫދުކޮށް ނަމާދުކުރާ މީހުންނާއި، އަޅުވެރި
ޒާހިދުންނާއި، ހެޔޮލަފާ ޢިލްމުވެރިން ދެކެއެވެ.
އިބްލީސް މިހެން ބުނުމުން، އަޅުގަނޑު އަޢޫޛު
ކިޔަންފެށީމެވެ. އެހިނދު، އޭނާ ޖެހުނުތާ ލަކުނުވެސް ނެތި،
ފިލައި ރައްކާވެއްޖެއެވެ.