މޮޔައިންގެ ރަސްގެފާނު ދަންޖެހުނު ވާހަކަ
ވާހަކަ ކިޔައިދޭ މީހުން ކިޔައިއުޅެތެވެ.
އެއްދުވަހަކު ޚަލީފާ ހާރޫނުއްރަޝީދު، ޖަޢުފަރު ވަޒީރުގެ
އަރިހުގައި ވިދާޅުވިއެވެ.
"އެންމެ އަގުހެޔޮކޮށް ރަން ގަންނަން ލިބޭނީ ކޮންތާކުންތޯއެވެ؟"
ޖަޢުފަރު ވަޒީރު ދެންނެވިއެވެ.
"އެންމެ އަގުހެޔޮކޮށް ރަން ގަންނަން ލިބޭނީ، މޮޔައިންގެ
ސަހަރުންނެވެ."
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވިއެވެ.
"އެހެންކަމަށްވަނީނަމަ، ތިމަންމަނިކުފާނު އެ ސަހަރަށް
ވަޑައިގަންނަވަން ބޭނުންފުޅެވެ. އަވަހަށް ދަތުރު
ތައްޔާރުކޮށްދެއްވާށެވެ!"
ޖަޢުފަރު ވަޒީރު ދެންނެވިއެވެ.
"މާތް މަނިކުފާނެވެ. މޮޔައިންގެ ސަހަރަކީ، މަނިކުފާނުގެ
ވެރިކަން ހިނގާ ސަރަހައްދުގެ އިމުގެ ތެރޭގައި އޮތް
ސަހަރެއް ކަމުގައި ވިޔަސް، އެސަހަރުގައި ހިނގަމުންދަނީ
އެމީހުންގެ އަމިއްލަ ވެރިކަމެކެވެ. އެހެންވީމާ، މަނިކުފާނު
އެ ސަހަރަށް ވަޑައިގެންނެވުމަށް ތިމަން ވަޒީރަކަށް
ފެނިވަޑައެއްނުގަނެއެވެ."
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވިއެވެ.
"އެހެންނަމަވެސް އެސަހަރަށް ވަޑައިގެންނެވުމަށް
ތިމަންމަނިކުފާނު ބޭނުންފުޅެވެ! އަދި ތިމަންމަނިކުފާނާއެކު
ތިޔަ ވަޒީރު ވެސް ވަޑައިގަންނަވަން ވާނެއެވެ!!!"
ދެން އެންމެފަހުން ޚަލީފާ ހާރޫނުއްރަޝީދު
އެދިވަޑައިގެންނެވި ގޮތުގެމަތިން، އެމަނިކުފާނާއި،
ޖަޢުފަރު ވަޒީރު މޮޔައިންގެ ސަހަރަށް ވަޑައިގެންނެވި އެވެ.
އެހިނދު މޮޔައިންގެ ސަހަރުގެ ރަށްބޭރުގައިވާ ބިޔަ
މައިދާނަކަށް އެ ސަހަރުގެ އެންމެން އެއްވެގެން އުޅެނީއެވެ. މައިދާނުގެ މެދުގައި މާބިޔަ ތަޚުތެއް ބަހައްޓާފައި
ވެ އެވެ. އެ ތަޚުތުގައި ރަސްކަލެއްގެ ސިފައަށް ހެދުން
އަޅާފައިވާ މީހަކު މަޑިއްޕާލައިގެން އިނެވެ. ދެން
އެތާނގައި ހިނގަނީ ކޮން ކަމެއްތޯ ބައްލަވައިދެއްވުމަށް
ޚަލީފާ ހާރޫނުއްރަޝީދު، ޖަޢުފަރު ވަޒީރަށް އެންގެވިއެވެ.
ޖަޢުފަރު ވަޒީރު އެކަން ބެއްލެވުމަށްފަހު، ޚަލީފާގެ
އަރިއަހަށް
ވަޑައިގެން ދެންނެވިއެވެ.
"މާތް މަނިކުފާނެވެ! އެތާނގައި ހިނގަނީ ޝަރީޢަތެކެވެ.
އެމީހުންނާ ކުރިމަތިވެގެންއުޅޭ މައްސަލައަކީ މީހަކު
މަރުވެގެންއުޅޭ މައްސަލައެވެ."
ދެންފަހެ، އެމައްސަލައިގެ ޝަރީޢަތްކުރެވޭ ގޮތް
ބައްލަވައިލެވުމަށްޓަކައި ޚަލީފާ ހާރޫނުއްރަޝީދާއި،
ޖަޢުފަރު ވަޒީރު އެތަނަށް ވަޑައިގެންނެވިއެވެ. އެހިނދު
ފެނިވަޑައިގަތީ ޙައްޤެއް ނެތް މައްސަލައެއް ހުށަހެޅި، އެ
މައްސަލައަށް ބޭއިންޞާފުކުރެވެމުންދިޔަ މަންޒަރެވެ!
މައްސަލަ ހުށަހަޅަނީ ޒުވާން ފިރިހެން ކުއްޖެއްގެ
މަންމައެވެ. މޮޔައިންގެ ސަހަރުގެ ރަސްގެފާނަށް އެ މައްސަލަ
ހުށަހަޅަމުން އެ އަންހެންމީހާ ބުނެއެވެ.
"މި ސަހަރުގެ ރަސްގެފާނެވެ! ތިމަންނާގެ ހުރީ އެންމެ
ފިރިހެން ދަރިއެކެވެ. އެއީ އޮނަވިހި އަހަރުގެ ޒުވާނެކެވެ.
އޭނާ މަރުވީ، ރޭ ދަންވަރު ގެއަކުން
ވައްކަންކުރުމަށްޓަކައި، އެ ގޭ ފުރާޅުމައްޗަށް އަރައި، އެ
ގެއަށް ވަންނަން އުޅެނިކޮށް ވެއްޓިގެންނެވެ. އޭނާ
ވެއްޓުނީ، އެ ގޭ ފުރާޅުގައި ޖަހާފައިވާ އީޓުތައް
ފީވެފައިވާތީއެވެ! މަނިކުފާނު މި މައްސަލަ ބައްލަވައި،
އިންޞާފުވެރިކަމާއެކު އޭނާގެ މަރަށް މަރު
ހިއްޕަވައިދެއްވާށެވެ!"
މި ވާހަކަ އަޑުއެހުމަށްފަހު މޮޔައިންގެ ރަސްގެފާނު
ބުންޏެވެ.
"ތިޔަ ބުނާ ފީވެފައިވާ އީޓު ޖަހާފައިހުރި ގޭގެ ވެރިމީހާ
ކޮބައިހެއްޔެވެ؟ އޭނާ ހަމަ މިހާރު މިތަނަށް ގެންނާށެވެ!"
ދެން އެސާހިތަކު އޭނާ އެތަނަށް ހާޒިރުކުރެވިއްޖެއެވެ.
ދެން މޮޔައިންގެ ރަސްގެފާނު އޭނާއާ މުޚާޠަބުކޮށް ބުންޏެވެ.
"ކަލޭގެ ގޭގެ ފުރާޅުގައި ފީވެފައިވާ އީޓުތަކެއް
ޖަހާފައިވުމުގެ ސަބަބުން މީހަކު މަރުވެއްޖެއެވެ! އޭނާ
މަރުވީ ކަލޭ ކުރި ކަމެއްގެ ސަބަބުން ކަމަށްވާތީ،
މަރަށް މަރުހިފުމުގެ ގޮތުން ކަލޭ ދަންޖައްސައި މެރުމަށް
ޙުކުމްކޮށްފީމެވެ!"
އެމީހާ ބުންޏެވެ.
"މި ސަހަރުގެ ރަސްގެފާނެވެ! ތިމަންނާ ކުރާނީ ކިޔެއްތޯއެވެ؟
އެއީ ތިމަންނާ އަމިއްލައަށް އުފެއްދި އީޓެއް ނޫނެވެ. އެ
އީޓު ތިމަންނާއަށް ވިއްކި ފިހާރައިން ތިމަންނާގެ ގާތުގައި
ބުނެފައިވަނީ، އެއީ އާރޯތާނާހުރި އީޓުތަކެއް ކަމަށެވެ!
އެއީ ފީވެފައިވާ އީޓުތަކެއް ކަމެއް ތިމަންނާއަކަށެއް ނޭނގެއެވެ!"
އެހިނދު މޮޔައިންގެ ރަސްގެފާނު ބުންޏެވެ.
"އެހެންވިއްޔާ، ކަލޭގެ ކުށެއް ނެތްތާއެވެ! ތިޔަ ބުނާ ފިހާރައިގެ ވެރިމީހާ ކޮބައިހެއްޔެވެ؟ އޭނާ ހަމަ
މިހާރު މިތަނަށް ގެންނާށެވެ!"
ދެން އެސާހިތަކު އޭނާ އެތަނަށް ހާޒިރުކުރެވިއްޖެއެވެ.
ދެން މޮޔައިންގެ ރަސްގެފާނު އޭނާއާ މުޚާޠަބުކޮށް ބުންޏެވެ.
"ކަލޭގެ ފިހާރައިން ފީވެފައިވާ އީޓުތަކެއް ވިއްކުމުގެ
ސަބަބުން މީހަކު މަރުވެއްޖެއެވެ! އޭނާ މަރުވީ ކަލޭ
ކުރި ކަމެއްގެ ސަބަބުން ކަމަށްވާތީ، މަރަށް
މަރުހިފުމުގެ ގޮތުން ކަލޭ ދަންޖައްސައި މެރުމަށް
ޙުކުމްކޮށްފީމެވެ!"
އެމީހާ ބުންޏެވެ.
"މިސަހަރުގެ ރަސްގެފާނެވެ! ތިމަންނާ ކުރާނީ
ކިޔެއްތޯއެވެ؟
ތިމަންނާ އެ އީޓު ގަތީ އީޓު ހަދާ ކާރުޚާނާއިންނެވެ. އެ
ކާރުޚާނާއިން ތިމަންނާގެ ގާތުގައި ބުނެފައިވަނީ، އެއީ
އާރޯތާނާހުރި އީޓުތަކެއް ކަމަށެވެ! އެއީ ފީވެފައިވާ
އީޓުތަކެއް ކަމެއް ތިމަންނާއަކަށެއް ނޭނގެއެވެ!"
އެހިނދު މޮޔައިންގެ ރަސްގެފާނު ބުންޏެވެ.
"އެހެންވިއްޔާ، ކަލޭގެ ކުށެއް ނެތްތާއެވެ! ތިޔަބުނާ ކާރުޚާނާގެ ވެރިމީހާ ކޮބައިހެއްޔެވެ؟ އޭނާ ހަމަ
މިހާރު މިތަނަށް ގެންނާށެވެ!"
ދެން އެސާހިތަކު އޭނާ އެތަނަށް ހާޒިރުކުރެވިއްޖެއެވެ.
ދެން މޮޔައިންގެ ރަސްގެފާނު އޭނާއާ މުޚާޠަބުކޮށް ބުންޏެވެ.
"ކަލޭގެ ކާރުޚާނާއިން ފީވެފައިވާ އީޓުތަކެއް ފިހާރަތަކަށް
ވިއްކުމުގެ ސަބަބުން މީހަކު މަރުވެއްޖެއެވެ! އޭނާ މަރުވީ
ކަލޭ ކުރި ކަމެއްގެ ސަބަބުން ކަމަށްވާތީ، މަރަށް
މަރުހިފުމުގެ ގޮތުން ކަލޭ ދަންޖައްސައި މެރުމަށް
ޙުކުމްކޮށްފީމެވެ!"
އެމީހާ ބުންޏެވެ.
"މިސަހަރުގެ ރަސްގެފާނެވެ! ތިމަންނާ ކުރާނީ
ކިޔެއްތޯއެވެ؟
ކާރުޚާނާގައި އީޓު ހަދަނީ، ކޯރުން މަށިނަގާ މީހުންގެ އަތުން
ގަންނަ މަށިންނެވެ. އެ މީހުން ތިމަންނާގެ ގާތުގައި
ބުނެފައިވަނީ، އެއީ އާރޯތާނާހުރި މަށިތަކެއް ކަމަށެވެ!
އެއީ ފީވެފައިވާ މަށިތަކެއް ކަމެއް ތިމަންނާއަކަށެއް ނޭނގެއެވެ!"
އެހިނދު މޮޔައިންގެ ރަސްގެފާނު ބުންޏެވެ.
"އެހެންވިއްޔާ، ކަލޭގެ ކުށެއް ނެތްތާއެވެ! ތިޔަބުނާ މަށިނަގާ މީހުން ކޮބައިހެއްޔެވެ؟ އެމީހުން ހަމަ
މިހާރު މިތަނަށް ގެންނާށެވެ!"
ދެން އެސާހިތަކު އެތަނަށް ދެތިން މީހަކު ހާޒިރުކުރެވިއްޖެއެވެ. އެއިން ކޮންމެ މީހަކީ ހަތަރުގަނޑު ކަށްޓެވެ!
ކާޑުބަލިޖެހި އަނަރޫފަވެފައިވާ މީހަކަށްވުރެ އެއިން
މީހެއްގެ ހާލު މާބޮޑެވެ!
ދެން މޮޔައިންގެ ރަސްގެފާނު އެމީހުންނާ މުޚާޠަބުކޮށް
ބުންޏެވެ.
"ކަލޭމެން ފީވެފައިވާ މަށިތަކެއް ކޯރުން ނަގައިގެން
ވިއްކުމުގެ ސަބަބުން މީހަކު މަރުވެއްޖެއެވެ! އޭނާ މަރުވީ
ކަލޭމެން ކުރި ކަމެއްގެ ސަބަބުން ކަމަށްވާތީ، މަރަށް
މަރުހިފުމުގެ ގޮތުން ކަލޭމެން ދަންޖައްސައި މެރުމަށް
ޙުކުމްކޮށްފީމެވެ!"
އެމީހުން ބުންޏެވެ.
"މިސަހަރުގެ ރަސްގެފާނެވެ! ތިމަންމެން ކަހަލަ މަށި
ކެވިކެވި އަނަރޫފަވެފައިވާ ބަޔަކު ދަންޖައްސައި
މަރައިލެވުނީމާ، މަނިކުފާނާމެދު މީހުން ބުނާނީ ކީކޭތޯއެވެ؟ ތިމަންމެންނަކީ މަސްކޮޅެއް ނެތް އޮނިގަނޑުތަކެކެވެ! މީހަކު ދަންޖެއްސުނު
ކަމަށްވާނީ ނިކަން ސަމައްތަރުހެޔޮ، ބުރުސޫރަ ރިވެތި،
ހަށިގަނޑުގައި ލޮކި މަސްތައް ވެސް ޖަހާފައިވާ މީހަކު
ދަންޖައްސައިލެވުނީމާ ނޫންތޯއެވެ؟"
އެހިނދު މޮޔައިންގެ ރަސްގެފާނު ބުންޏެވެ.
"އެއީ ވެސް ތެދެކެވެ. މިތަނަށް އެއްވެތިބި މީހުންގެ ތެރެއިން، އެބުނާ ކަހަލަ
ސަމައްތަރުހެޔޮ، ބުރުސޫރަ ރިވެތި، ހަށިގަނޑު ބިޔަ،
މީހަކަށްވާކަހަލަ މީހަކު ހޯދައިގެން ގެނެސްދީބަލާށެވެ!"
ދެންފަހެ، މޮޔައިންގެ ރަސްގެފާނުގެ އަޢުވާނުން އެތަނަށް
އެއްވެތިބި މީހުންގެ ތެރެއަށް ނިކުމެ، އެފަދަ މީހަކު
ފެނޭތޯ ހޯދައިބެލިއެވެ. އެމީހުންނަށް ފެނުނު އެންމެ
ސަމައްތަރުހެޔޮ، އެންމެ ބުރުސޫރަ ރިވެތި، އެންމެ ބިޔަ މީހާ
ކަމުގައިވީ، ޚަލީފާ ހާރޫނުއްރަޝީދެވެ! އެކަމާމެދު
ދެރަފުޅުވެވަޑައިގެން ޚަލީފާ ހާރޫނުއްރަޝީދު
ކީރިތިކުރައްވަން ފެށްޓެވިއެވެ! އެހިނދު، ޖަޢުފަރު ވަޒީރު
ދެންނެވިއެވެ.
"ކީރިތިނުކުރައްވާށެވެ! ހިނިފުޅުވަޑުވާށެވެ! އެމީހުން
މަނިކުފާނު ގެންގޮސް ދަންޖައްސާތާނގައި ބެހެއްޓުމުން،
ތިމަންމަނިކުފާނު އަވަހަށް ދަންޖައްސައި
އަވަހާރަކޮށްލަދޭށޭ ވިދާޅުވެ ބާރަށް ހިނިފުޅުވަޑުވަމުން
ގެންދަވާށެވެ! މި ކަމާމެދު މޮޔައިންގެ ރަސްގެފާނު،
މަނިކުފާނާ ސުވާލެއް ކޮށްފިނަމަ ވިދާޅުވާށެވެ! "މިތާނގައި
ދަންޖައްސައި މަރާލެވޭ މީހަކަށްޓަކައި ސުވަރުގޭގައި
ކައްކަމުންދާ ކާނާގެ މީރުވަސް، މިހާރު ތިމަންމަނިކުފާނަށް
ދުވަން ފަށައިފިއެވެ! އަދި މިތާނގައި ދަންޖައްސައި
މަރާލެވޭ މީހަކަށްޓަކައި އިންތިޒާރުކުރަމުންދާ ސުވަރުގޭގެ ރިވެތި
ހޫރުލްއީނުން ވެސް ތިމަންމަނިކުފާނު ދަންޖެއްސުން
ލަސްވެގެން އުޅޭ މަންޒަރު އެބަފެނެއެވެ!" މިގޮތަށް
ޢަމަލުކުރައްވައިގެން ނޫނީ މަނިކުފާނު ސަލާމަތެއް ނުވާނެއެވެ!"
ޖަޢުފަރު ވަޒީރު އިރުޝާދުދެއްވި ގޮތަށް ކަންކުރެއްވުމަކީ
ޚަލީފާ ހާރޫނުއްރަޝީދަށް ފަސޭހަފުޅު ކަމެއް ނޫނެވެ!
އެހެނަސް ހިތްވަރުފުޅު ގަދަކުރައްވައި، ގަދަކަމުންވިޔަސް
އެކަން ކުރެއްވޭތޯ ބެއްލެވުމަށް ޢަޒުމު ކަނޑައެޅުއްވިއެވެ!
ކޮންމެއަކަސް އެސާހިތަކު އެމީހުން ޚަލީފާ ހާރޫނުއްރަޝީދު
ހައްޔަރުކޮށްގެން ގެންގޮސް ދަންޖައްސާ ތަނުގައި
ބަހައްޓައިފިއެވެ. އެހިނދު އެމަނިކުފާނު ބާރަށް
ހިނިވަޑުވަމުން ގެންދެވިއެވެ! އަދި ނުހަނު ބާރަށް،
ހަރުއަޑުން ވިދާޅުވަމުން ގެންދެވިއެވެ. "ތިމަންމަނިކުފާނު
އަވަހަށް ދަންޖައްސައި އަވަހާރަކޮށްލަދޭށެވެ! މިކަން
ކުރުން ލަސްކުރަނީ ކީއްވެ ހެއްޔެވެ؟ ދެން އިތުރަށް
އެންމެ ހިނދުކޮޅަކުވެސް މިދުނިޔޭގައި ހުންނަވާކަށެއް ބޭނުންފުޅެއް ނޫނެވެ!"
ޚަލީފާ ހާރޫނުއްރަޝީދުގެ ޢަމަލުފުޅުތައް ހުރި ގޮތް
ފެނުމުން، އެތަނަށް އެއްވެތިބި އެންމެން ހައިރާންވިއެވެ!
އަދި އެމީހުނަށްވުރެ މާބޮޑަށް މޮޔައިންގެ ރަސްގެފާނު
ހައިރާންވެ އަންތަރީސްވިމެއެވެ!!! އޭނާ ޚަލީފާ
ހާރޫނުއްރަޝީދަށް ދެންނެވިއެވެ.
"ތިހައި އަވަހަށް މިދުނިޔެ ދޫކޮށްލައްވަން ތިޔައުޅުއްވަނީ
ކީއްވެގެންތޯއެވެ؟"
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވިއެވެ.
"ތިމަންމަނިކުފާނަށް މިފެނިވަޑައިގަންނަވާ މަންޒަރުތައް
ތިބާއަށް ނުފެންނަނީތާއެވެ! މިތާނގައި ދަންޖައްސައި
މަރާލެވޭ މީހަކަށްޓަކައި ސުވަރުގޭގައި ކައްކަމުންދާ
ކަލިޔާބިރިންޖީގެ މީރުވަސް މިހާރު ތިމަންމަނިކުފާނުގެ
ނޭފަތްޕުޅަށް ވާޞިލުވަމުން މިދަނީ، ސީދާ ސުވަރުގެއިން
ޖެހެމުންދާ ނަސީމީ މަޑުމަޑު ހިތްގައިމު ވައިރޯޅިތަކާ
އެކުގައެވެ! އަދި މިތާނގައި ދަންޖައްސައި މަރާލެވޭ
މީހަކަށް އިންތިޒާރުކުރަމުންދާ ސުވަރުގޭގެ ރިވެތި ޙޫރުލްޢީނުން ވެސް
ރިވެތި މޫސީގީ ރާގުރާގުން ތިމަންމަނިކުފާނަށް ގޮވައި،
ލަވަކިޔަމުން އެގެންދަނީއެވެ. މިފަދަ
ކަންތައްތައް ފެނިވަޑައިގަތުމުން، މިދުނިޔެ
ދޫކޮށްލެއްވުމަށް
މާބޮޑަށް ޝައުޤުވެރިވެ ވަޑައިގެންނެވެނީއެވެ! އަދި މިދުނިޔެ ދޫކުރައްވައި އެ ދުނިޔެއަށް ވަޑައިގެންނެވުމަށް
މާބޮޑަށް ވަޖިދުވެ ވަޑައިގެންނެވެނީއެވެ!"
ޚަލީފާ ހާރޫނުއްރަޝީދު މިހެން ވިދާޅުވުމުން، މޮޔައިންގެ
ރަސްގެފާނު ބުންޏެވެ!
"ހަމަ މިހާރު މީނާ ދަންޖައްސާތަނުން ދުރަށްލާށެވެ!"
މޮޔައިންގެ ރަސްގެފާނު މިހެން ބުނުމުން، ދަންޖެއްސުމުގެ
މަސައްކަތްކުރަންތިބި މީހުން، ޚަލީފާ ހާރޫނުއްރަޝީދު
އެތަނުން ދުރަށްލައި، އެމަނިކުފާނު ދޫކޮށްލިއެވެ.
ދެން މޮޔައިންގެ ރަސްގެފާނު ތަޚުތުން ފައިބައިގެން
ދުވެފައި ގޮސް ދަންޖައްސާ ތަނަށް އަރައި، އަމިއްލައަށް
ދަންމަޅި ނަގައިގެން ކަރަށް މަހައިލިއެވެ! އަދި އަވަހަށް
އޭނާ ދަންޖައްސައި މަރައިލުމަށް އެންގިއެވެ! އެހިނދު
ދަންޖެއްސުމުގެ މަސައްކަތްކުރަންތިބި މީހުން، އޭނާ ދަންޖައްސައި މަރައިލިއެވެ!!!