ޢިބްރަތާއި ފައިދާ


ޢިބްރަތްތައް

1. ފާފައަކީ، ހެޔޮކަންތައްތަކުން މީހާ އެއްކިބާކޮށްލާ އެއްޗެކެވެ. އެހެންވީމާ، ފާފަކުރުމުން އެއްކިބާވުމަކީ، ކޮންމެ މުސްލިމެއްގެ ޢަޒުމެއް ކަމުގައި ހަދަންޖެހޭނެ އެވެ. މީހެއްގެ ކިބައިގައި ނޭދެވޭ ކަންތަކެއް ވާނަމަ، އެކަމުގެ ސަބަބުން ވެސް އެމީހަކަށް ހެޔޮކަންތައްތައް ކުރަން އުނދަގޫވާނެ އެވެ. މިހެންވެ، މާތް ﷲ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ދުނިޔެއަށް ވަޑައިގެންނެވި އިރު އޮތް ޖާހިލިއްޔަ ޒަމާނުގެ ނޭދެވޭ ކަންތައްތައް އިތުރުއެކަލޭގެފާނުގެ ކިބައިން އެއްކިބާ ކުރެއްވި އެވެ. މިކަން ބަޔާންކުރައްވާފައިވަނީ، (وَوَضَعْنَا عَنْكَ وِزْرَكَ) މިއާޔަތުގަ އެވެ.

2. މާތް ﷲ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ނަންފުޅު މަތިވެރިކުރެއްވި އެވެ. އިތުރުއެކަލޭގެފާނަށް ދެއްވި މި ނިޢުމަތުން ބަރަކާތް ޙާޞިލުކުރުމުގެ ދޮރުވަނީ، އެންމެހައި މުއުމިނުންނަށް ހުޅުވާލެވިފަ އެވެ. އިތުރުއެކަލޭގެފާނުގެ ނަންފުޅު އަޑުއިވޭހިނދު، އިތުރުއެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިއުމަކީ ނުހަނު ގިނަގުނަ ދަރުމަ ލިބޭ ކަމެކެވެ.

3. އުނދަގޫތަކާ ކުރިމަތިވާ ހިނދު ނާއުންމީދުވުމަކީ، މުސްލިމުންގެ ސިފައެއް ނޫނެވެ. އެހެނީ، ކޮންމެ އުނދަގުލަކަށްފަހު، ލުއިފަސޭހަކަމެއް އަންނާނެކަން، (فَإِنَّ مَعَ الْعُسْرِ يُسْرًا) މިއާޔަތުން އެބަ އެނގެ އެވެ. އަދި އެކަން (إِنَّ مَعَ الْعُسْرِ يُسْرًا) މިއާޔަތުން ބޮޑަށް ކަށަވަރުވެ އެވެ. މިދެ އާޔަތުގައިވާ (الْعُسْرِ) އުނދަގޫކަމަކީ އެއް ކަމެކެވެ. ނަމަވެސް (يُسْرًا) ފަސޭހަކަން ވަނީ ދެ ފަސޭހަކަމުގެ ގޮތުގަ އެވެ. މިއިން އެނގޭ އެކައްޗަކީ، މިދުނިޔޭގައި އުނދަގުލަށްވުރެ، ފަސޭހަކަން ގިނަ ކަމެވެ. އެހެންވީމާ، ކުރިމަތިވާ އުނދަގުލަކާހެދި މުސްލިމަކު އޭނާގެ ޙަޔާތާއި ޢުމުރު ނުރައްކަލަކަށް ހުށަހަޅައިގެން ނުވާނެ އެވެ. ކެތްތެރިކަމާއެކު، އޭނާ މަސައްކަތްކުރަން ޖެހޭނީ، ފަސޭހަކަމުގެ އައްސޭރިއަށް ވާޞިލުވުމުގެ އުންމީދުގަ އެވެ.

4. މިސޫރަތުގައި މާތް ﷲ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ކަނޑައަޅުއްވާފައިވާ ޕްލޭނުން ޢިބްރަތް ލިބިގަންނަން ޖެހެ އެވެ. އެ ޕްލޭނަކީ، (فَإِذَا فَرَغْتَ فَانْصَبْ) އާއި (وَإِلَى رَبِّكَ فَارْغَبْ) އެވެ. މިދެ އާޔަތުން ލިބޭ ޢިބްރަތަކީ:

(فَإِذَا فَرَغْتَ فَانْصَبْ) މިއާޔަތުގައި ބަޔާންކުރައްވާފައި މިވަނީ، އެއްކަމުން އަނެއް ކަމަށް ދާންވީ ގޮތެވެ. މާތް ﷲ ކީރިތި ރަސޫލާއަށް އިރުޝާދުދެއްވާފައިމިވަނީ، އިތުރުއެކަލޭގެފާނު ކުރައްވާ ދީނީ ކަމަކުން ނިމިވަޑައިގަތުމުން، ދުންޔަވީ ކަމަކަށް ކުރިމަތި ލެއްވުމަށެވެ. ކުރައްވާ ދުންޔަވީ ކަމަކުން ނިމިވަޑައިގަތުމުން ދީނީ ކަމަކަށް ކުރިމަތިލެއްވުމަށެވެ. ނަމާދުކުރައްވައި ނިމިވަޑައިގަތުމުން، ދުޢާކުރެއްވުމާއި ޒިކުރުކުރެއްވުމުގައި މަޝްޣޫލުވެވަޑައިގަތުމަށެވެ. އެކަންތައްތަކުން ނިމިވަޑައިގަތުމުން، ދުންޔަވީ ޙަޔާތުގެ ކަންތައްތަކާ ކުރިމަތިލެއްވުމަށެވެ. އެހެންވީމާ، މުސްލިމުން މި ޕްލޭނުން ޢިބްރަތް ޙާޞިލްކޮށް، މިޕްލޭނާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރަންވާނެ އެވެ.

(وَإِلَى رَبِّكَ فَارْغَبْ) މިއާޔަތުގައި ބަޔާންކުރައްވާފައި މިވަނީ، އިތުރުއެކަލޭގެފާނު ކަންކަމަށް އެދިވަޑައިގެން ދަންނަވަންވީ މާތް ﷲ ގެ ޙަޟުރަތަށެވެ. އަދި އެހެން އެއްވެސް ފަރާތަކުން ދައްކާ ދަޅައަކަށް ހެއްލިވަޑައިނުގެންނެވުމަށެވެ. މުސްލިމުން، މިއާޔަތުން ޢިބްރަތް ލިބިގަންނަން ވާނެ އެވެ. ދުންޔަވީ ގޮތުން ދެއްކޭ ދަޅަތަކަށް ނުހެއްލި، ދުޢާކުރަންވީ މާތް ﷲ ގެ ޙަޟުރަތަށެވެ. ބޭނުންވާ ކަންތައްތައް ހިންމަވައިދެއްވުން އެދި ދަންނަވަންވީވެސް އެކަލާނގެ ޙަޟުރަތަށެވެ.


ފައިދާތައް

1. މޭ ތަނަވަސްވުމަކީ، މާތް ﷲ ދެއްވާ ނިޢުމަތެކެވެ. މޭ ތަނަވަސްވެއްޖެ އަޅެއްގެ ހިތް ސާފުވާނެ އެވެ.

2. ފާފައަކީ، ނަފުސު ބުރަހެލިކުރާ އެއްޗެކެވެ. އެއީ ހެޔޮކަންތައްތައް ކުރުން މަނާކޮށް، އަދި މާތް ﷲ އަށް ކިޔަމަންގަތުމަށް ހުރަސްއަޅާ އެއްޗެކެވެ.

3. މާތް ﷲ ގެ ޙަޟުރަތުގައި ކީރިތި ރަސޫލާ (ޞައްލައް ﷲ އަލައިހި ވަސައްލަމަ) އަށް ދެއްވާފައިވަނީ ވަރަށް މަތިވެރި މަޤާމެކެވެ. އެކަލާނގެ ވަނީ، އިތުރުއެކަލޭގެފާނު ދެދުނިޔޭގައި މަތިވެރިކުރައްވާފަ އެވެ.

4. އުދަގޫތަކަކަށްފަހު، ލުއިފަސޭހަކަން އަންނާނެކަން ކަށަވަރެވެ.

5. މާތް ﷲ ގެ ޙަޟުރަތަށް އަޅުކަންކުރުމަށްޓަކައި، ގަދައަޅައި މަސައްކަތްކުރަން ޖެހެ އެވެ.

6. މުއުމިނަކު ޢުމުރު ހޭދަކުރަންޖެހޭނީ، އަޅުކަންކުރުމާއި ދުންޔަވީ ހެޔޮކަންތައްތައް ކުރުމުގަ އެވެ. ދުންޔަވީ ކަންތައްތަކުގެ ތެރޭން އޭނާ ކުރަންޖެހޭނީ ބާޠިލުކަމެއް ނެތް ރަނގަޅު ކަންތައްތަކެވެ.