ތަފުސީރު
ފުރަތަމަ އާޔަތް
1. أَلَمْ نَشْرَحْ لَكَ صَدْرَكَ
މާނައީ، " ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު،
ކަލޭގެފާނަށްޓަކައި ތަނަވަސްކޮސް ނުދެއްވަންތޯ އެވެ؟"
މާތް ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު (ޞައްލަ ﷲ ޢަލައިހި
ވަސައްލަމަ) އަށް އެ އަންގަވަނީ، އެކަލާނގެ
އިތުރުއެކަލޭގެފާނަށް ދެއްވާފައިވާ ވަރަށް ބޮޑު
ނިޢުމަތެއްގެ ވާހަކަ އެވެ. އެކަލާނގެ ދީލަތިވަންތަކަމުން
އެނިޢުމަތްވަނީ އިތުރު އެކަލޭގެފާނަށް ދެއްވާފަ އެވެ.
އެކަލާނގެ ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކަށްޓަކައި،
އިތުރުއެކަލޭގެފާނު، އެކަލާނގެ ޙަޟުރަތަށް
ޝުކުރުދެންނެވުމަށް އެކަލާނގެ ބާރުއަޅުއްވަ އެވެ. އިތުރު
ނިޢުމަތްތައް ޙައްޤުވާނީ ޝުކުރުދެންނެވީމަ އެވެ.
މުޙައްމަދުގެފާނެވެ! ތިމަންރަސްކަލާނގެ ކަލޭގެފާނަށް
ތެދުމަގަށާއި، އީމާންކަމަށާއި، ޙައްޤުގޮތުގައި
ތިމަންރަސްކަލާނގެ މަޢުރިފާކޮށް ދެނެގަތުމަށް،
ކަލޭގެފާނުގެ މޭފުޅު ތަނަވަސްކޮށް ނުދެއްވަންތޯ އެވެ؟
(އެބަހީ، ތަނަވަސްކޮށްދެއްވީމެވެ.) ތިމަންރަސްކަލާނގެ
ކަލޭގެފާނުގެ ހިތްޕުޅު މަޑުކުރެއްވީމެވެ. އަދި އެއީ
ޙިކުމަތުގެ ކަންވާރެއްކަމުގައި ވެސް ލެއްވީމެވެ.
ދެވަނަ އާޔަތް
2. وَوَضَعْنَا عَنْكَ وِزْرَكَ
މާނައީ، " އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ
ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ."
ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ފާފަ ފުއްސެވީމެވެ.
ކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވި އިރު އޮތް
ޖާހިލިއްޔަ ޒަމާނުގެ ނޭދެވޭ ކަންތައްތައް ކަލޭގެފާނުގެ
ކިބައިން އެއްކިބާ ކުރެއްވީމެވެ.
މިއާޔަތުގެ އެހެން ޤިރާއަތެއް ވެ އެވެ. އެއީ، ޢަބްދު ﷲ ގެ
ޤިރާއަތެވެ. އެ ޤިރާއަތުގައި ވަނީ، (وَحَلَلْنَا عَنْكَ
وِقْرَكَ) މިހެންނެވެ. މި ޤިރާއަތު ވެސް
ތައުވީލުކުރެވިފައިވަނީ ނަންގަނެވިދިޔަ ގޮތަށެވެ.
ތިންވަނަ އާޔަތް
3. الَّذِي أَنْقَضَ ظَهْرَكَ
މާނައީ، "އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް
ބުރަކަންދީފައިވާ ކަންތަކެވެ."
ކަލޭގެފާނުގެ ބުރިކަށިފުޅު ބަރުކޮށް ވަރުބަލިފުޅު ކުރުވި
ބުރަދަންތަކެވެ. ރިވާވެފައިވެ އެވެ. ނަބިއްޔާ (ޞައްލަ ﷲ
ޢަލައިހި ވަސައްލަމަ) ގެ ބުރިކަށިފުޅު ބަރުކުރި ފާފަތަކެއް
ވި އެވެ. މިއާޔަތުގައިވަނީ މާތް ﷲ އެ ފާފަތައް ފުއްސެވި
ވާހަކަ އެވެ. ޤަތާދަތުގެފާނުގެ އަރިހުން މިގޮތަށް
ރިވާވެފައިވެ އެވެ. އައްޟައްޙާކުގެ އަރިހުން ރިވާވެފައިވެ
އެވެ. އެ ފާފައަކީ، ޝިރުކެވެ. އިބްނު ޒައިދުގެ އަރިހުން
ރިވާވެފައިވެ އެވެ. އެއީ ނަބީކަމާއިގެން ފޮނުއްވުމުގެ
ކުރީގެ ފާފަ އެވެ.
ހަތަރުވަނަ އާޔަތް
4. وَرَفَعْنَا لَكَ ذِكْرَكَ
މާނައީ، "އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ،
ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ."
މިއާޔަތުގައި މިވަނީ، (لَا إِلَه إِلَّا اللَّه , مُحَمَّد
رَسُول اللَّه) ކިޔޭ ހިނދު، އިތުރުއެކަލޭގެފާނުގެ ނަންފުޅު
ނަންގަނެވޭ ވާހަކަ އެވެ. މާތް ﷲ މިއަންގަވަނީ، އެކަލާނގެ
އިސްމުފުޅާއެކު، އިތުރުއެކަލޭގެފާނުގެ ނަންފުޅު
މަތިވެރިކުރެއްވި ވާހަކަ އެވެ. އަދި އެހެން
ރިވާޔަތެއްގައިވެ އެވެ. މިއާޔަތުގައި މިވަނީ، (أَشْهَد أَنْ
لَا إِلَه إِلَّا اللَّه , وَأَشْهَد أَنَّ مُحَمَّدًا
رَسُول اللَّه) ކިޔޭހިނދު، މާތް ﷲ ގެ އިސްމުފުޅާއެކު،
އިތުރުއެކަލޭގެފާނުގެ ނަންފުޅު ނަންގަނެވޭ ވާހަކަ އެވެ.
އަދި އެހެން ރިވާޔަތެއްގައި ވެ އެވެ. އެއީ،
އިތުރުއެކަލޭގެފާނުގެ ނަންފުޅު، ދުނިޔެއާއި އާޚިރަތުގައި
މަތިވެރިކުރެއްވިގެންވާ ވާހަކަ އެވެ. (أَشْهَد أَنْ لَا
إِلَه إِلَّا اللَّه , وَأَشْهَد أَنَّ مُحَمَّدًا رَسُول
اللَّه) ބަންގީގައި މިހެން ކިޔެ އެވެ. އައްތަޙިއްޔާތުގައި
މިހެން ކިޔެ އެވެ. ޝަހާދަތުގައި މިހެން ކިޔެ އެވެ.
މިގޮތުގެ މަތިން ތާއަބަދު މާތް ﷲ ގެ އިސްމުފުޅަށްފަހު،
އިތުރުއެކަލޭގެފާނުގެ ނަންފުޅު މުސްލިމުންގެ ދޫތަކުން
ތަކުރާރުކުރެވެ އެވެ. މިސޫރަތުގެ ހަތަރުވަނަ އާޔަތުގެ
މާނައަކީ، މާތް ﷲ ގެ އިސްމުފުޅު ނަންގަނެވޭ ހިނދު، އިތުރު
އެކަލޭގެފާނުގެ ނަންފުޅު ނަންގަނެވޭ ވާހަކަ ކަމަށްވެސް
ރިވާވެފައިވެ އެވެ.
ފަސްވަނަ އާޔަތް
5. فَإِنَّ مَعَ الْعُسْرِ يُسْرًا
މާނައީ، "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަ
ވެ އެވެ."
މިއާޔަތުގައި މާތް ﷲ އަންގަވާފައި މިވަނީ، ކަލޭގެފާނާ
ކުރިމަތިވެވަޑައިގެންފައިވާ މައްސަލަ ވަރަށްވެސް ބޮޑެވެ.
އެއީ، މުސްރިކުންނާ ދެކޮޅަށް ޖިހާދުކުރެއްވުމެވެ.
މިމައްސަލަ ޙައްލުވާނީ، ރުހުމާއި ނުރުހުމުގައި އެމީހުން
ކަލޭގެފާނަށް ކިޔަމަންވެގެންނެވެ. މިއާޔަތް
ބާވައިލެއްވުމުން، އިތުރުއެކަލޭގެފާނު
އަޞްޙާބުބޭކަލުންނަށް އުފާވެރި ޚަބަރު ދެއްވި އެވެ.
ލުއިފަސޭހަކަމުގެ މައްޗަށް ދަތިއުނދަގޫތަކަށް
ގަދަވެނުގަނެވޭނެ ކަމަށް ޙަދީޘްކުރެއްވި އެވެ. އަދިވެސް
އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. (أَبْشِرُوا
أَتَاكُمْ الْيُسْر) މާނައީ، "ތިޔަބައިމީހުން އުފާކުރާހުށި
ކަމެވެ. ތިޔަބައިމީހުންގެ ގާތަށް ލުއިފަސޭހަކަން
އަތުވެއްޖެ އެވެ."
މިއާޔަތް ބާވައިލެއްވުމުން އިތުރުއެކަލޭގެފާނު
ޙަދީޘްކުރެއްވި އެހެން ޙަދީޘްފުޅެއްގައިވެ އެވެ. (لَنْ
يَغْلِب عُسْر يُسْرَيْنِ) މާނައީ، "ދެލުއިކަމުގެ މައްޗަށް
އެންމެ ދަތިކަމަކަށް ގަދަވެނުގަނެވޭނެ އެވެ."
ޢަބްދު ﷲ ބްނު މަސްޢޫދު ވިދާޅުވެފައިވެ އެވެ. "ދަތިކަން
ހިލައަކަށް ވަނަސް، ލުއިފަސޭހަކަން އެހިލައަކަށް ވަދެ، އެ
ދަތިކަން ނެރެލާނެ އެވެ. އެހެނީ، މާތް ﷲ
ވަޙީކުރައްވާފައިވަނީ، (فَإِنَّ مَعَ الْعُسْر يُسْرًا إِنَّ
مَعَ الْعُسْر يُسْرًا) މިހެންނެވެ."
މުޖާހިދު ވިދާޅުވެފައިވެ އެވެ. "އަބަދުވެސް ދަތިކަމުގެ
ފަހަތުން (އެ އެއްކިބާކުރުމަށްޓަކައި) ލުއިފަސޭހަކަން ދެ
އެވެ."
ހަވަނަ އާޔަތް
6. إِنَّ مَعَ الْعُسْرِ يُسْرًا
މާނައީ، "ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަން ވެ
އެވެ."
މިއާޔަތް ވަނީ މިއާޔަތުގެ ކުރީގައިވާ 5 ވަނަ އާޔަތާ ގުޅިފަ
އެވެ. ދެ ފަސޭހައަކީ، މިދެ އާޔަތުންކުރެ ކޮންމެ
އާޔަތެއްގައި ނަންގަނެވިފައިވާ ފަސޭހަ އެވެ.
5 ވަނަ އާޔަތާމެދު ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި
ވަސައްލަމަ) ޙަދީޘްކުރެއްވި ބަސްފުޅުތައް މި އާޔަތާ
މެދުގައި ވެސް ޙަދީޘްކުރައްވާފައި ވެ އެވެ.
ހަތްވަނަ އާޔަތް
7. فَإِذَا فَرَغْتَ فَانْصَبْ
މާނައީ، "ފަހެ، ކަލޭގެފާނު (ދީނަށް ގޮވައިލެއްވުމުގެ
މަސައްކަތުން) އަވަދިވެވަޑައިގަންނަވާ ހިނދު، ފަހެ،
ކަލޭގެފާނު (އަޅުކަންކުރެއްވުމުގައި) ވަރުބަލިވެ
ވަޑައިގަންނަވާށެވެ!"
މިއާޔަތުގެ ތަފުސީރާމެދު ޢިލްމުވެރިންގެ ޚިޔާލު
ތަފާތުވެފައިވެ އެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ،
މިއާޔަތުގެ މާނައަކީ، "ފަހެ، ކަލޭގެފާނު
ނަމާދުފުޅުކުރައްވައި އަވަދިވެވަޑައިގަންނަވާ ހިނދު، ފަހެ،
ކަލޭގެފާނު ދުޢާފުޅުކުރެއްވުމަށް
އަވަސްވެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ
ބޭނުންފުޅެއް ވާނަމަ، މާތް ﷲ ގެ ޙަޟުރަތުގައި
ދަންނަވާށެވެ!" މި ތަނުގައި ނަމާދު ކަމަށް އޮތީ ފަރުޟު
ފަސްނަމާދުކަމަށް ވަރަށް ގިނަ ބޭކަލުންގެ އަރިހުން
ރިވާވެފައިވެ އެވެ. އަދި (فَانْصَبْ) ގެ މާނައަކީ،
"ދުޢާކުރުން ގިނަކުރައްވާށެވެ" ކަމަށް ޤަތާދަތުގެފާނު
ވިދާޅުވެފައިވެ އެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވަނީ، މިއާޔަތުގެ މާނައަކީ،
"ފަހެ، ކަލޭގެފާނު ޖިހާދުކުރެއްވުމުން
އަވަދިވެވަޑައިގަންނަވާ ހިނދު، ފަހެ، ކަލޭގެފާނު
އަޅުކަންކުރެއްވުމާއި ދުޢާފުޅުކުރެއްވުމުގައި ވަރުބަލިވެ
ވަޑައިގަންނަވާށެވެ!" މިގޮތަށް ވިދާޅުވާ ބޭކަލުންގެ
ތެރޭގައި އަލްޙަސަނު އާއި އިބްނު ޒައިދު
ހިމެނިވަޑައިގަންނަވަ އެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވަނީ، މިއާޔަތުގެ މާނައަކީ،
"ފަހެ، ކަލޭގެފާނު ދުންޔަވީ ކަންތައްތަކުން
އަވަދިވެވަޑައިގަންނަވާ ހިނދު، ފަހެ، ކަލޭގެފާނު
ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެ ޙަޟުރަތަށް
އަޅުކަންކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވާށެވެ!"
މިގޮތަށް ވިދާޅުވާ ބޭކަލުންގެ ތެރޭގައި މުޖާހިދު
ހިމެނިވަޑައިގަންނަވަ އެވެ.
މި ތިން ރައުޔުގެ ތެރެއިން ޞައްޙަކަން ބޮޑީ ފުރަތަމަ
ރައުޔު ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
އަށްވަނަ އާޔަތް
8. وَإِلَى رَبِّكَ فَارْغَبْ
މާނައީ، "އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ
ޙަޟުރަތަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!"
މިއާޔަތުގައި މާތް ﷲ އަންގަވަނީ، މުޙައްމަދުގެފާނެވެ!
ކަލޭގެފާނުގެ ބޭނުންފުޅުތައް ތިމަންރަސްކަލާނގެ
ޙަޟުރަތުގައި ދަންނަވާށެވެ! ކަލޭގެފާނުގެ ބޭނުންފުޅަކަށް
އެދިވަޑައިގެން، ތިމަންރަސްކަލާނގެ ފިޔަވައި އެހެން
ފަރާތަކަށް ނުދަންނަވާށެވެ! ކަލޭގެފާނުގެ ޤައުމުގެ
މީހުންގެ ތެރެއިން މުޝްރިކުން އެމީހުންގެ ބޭނުންތަކަށް
އެދި ދަންނަވަނީ ޝަރީކުރާ ތަކެއްޗަށެވެ. ނަމަވެސް
ކަލޭގެފާނު އެގޮތަށް ޢަމަލުފުޅު ނުކުރައްވާށެވެ!
މިއާޔަތުގެ ޝަރަޙައަކަށް މުޖާހިދު ވިދާޅުވެފައިވެ އެވެ.
މިއާޔަތުގައި މާތް ﷲ އަންގަވަނީ، ކަލޭގެފާނުގެ ބޭނުންފުޅު
ކަލޭގެފާނު ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެ
ޙަޟުރަތުގައި ދަންނަވައި، ކަލޭގެފާނުގެ ނިޔަތްފުޅު،
ކަލޭގެފާނު އެކަލާނގެ ޙަޟުރަތަށް ސީދާކުރައްވާށެވެ!
މިއާޔަތުގައި، އަދި ހަމައެކަނި، ކަލޭގެފާނުގެ
ވެރިރަސްކަލާނގެ ޙަޟުރަތަށެވެ އޮތް ބަސްފުޅުގެ މާނައަކީ،
ނަމާދުގައި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ
ޙަޟުރަތަށް ކަމަށް ވެސް މުޖާހިދުގެ އަރިހުން ރިވާވެފައިވެ
އެވެ.