މޭފުޅު އިރުއްވި ހާދިސާ
ސޫރަތުއް ޝަރްޙްގެ ފުރަތަމަ އާޔަތުގައިވާ "މޭފުޅު
ތަނަވަސްކޮށްދެއްވުމަކީ" އިތުރުއެކަލޭގެފާނުގެ މޭފުޅު
އިރުއްވި ހާދިސާއަށް އޮތް އިޝާރާތެއް ކަމަށް ރިވާވެފައިވެ
އެވެ. އިތުރުއެކަލޭގެފާނުގެ މޭފުޅު، ދެފަހަރަކު އިރުއްވުނު
ކަމަށް ޞައްޙަ ޙަދީޘުން ސާބިތުވެ އެވެ. ފުރަތަމަ ފަހަރު
އިރުއްވުނީ، ތުއްޕުޅުއިރު ކިރުމައިކަމަނާގެ އަރިހުގައި
ހުންނެވި ދުވަސްވަރު އެވެ. ދެވަނަ ފަހަރު އިރުއްވުނީ،
އިސްރާއާއި މިޢުރާޖު ގެ ރޭ ގަ އެވެ.
ތުއްޕުޅުއިރު، ކިރުމައިކަމަނާގެ އަރިހުގައި ހުންނަވަނިކޮށް
މޭފުޅު އިރުއްވި ހާދިސާ ރިވާވެފައިވަނީ، އަނަސުގެފާނުގެ
އަރިހުންނެވެ. އަނަސުގެފާނު ވިދާޅުވި އެވެ.
(أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- أَتَاهُ
جِبْرِيلُ -صلى الله عليه وسلم- وَهُوَ يَلْعَبُ مَعَ
الْغِلْمَانِ فَأَخَذَهُ فَصَرَعَهُ فَشَقَّ عَنْ قَلْبِهِ
فَاسْتَخْرَجَ الْقَلْبَ فَاسْتَخْرَجَ مِنْهُ عَلَقَةً
فَقَالَ هَذَا حَظُّ الشَّيْطَانِ مِنْكَ. ثُمَّ غَسَلَهُ
فِى طَسْتٍ مِنْ ذَهَبٍ بِمَاءِ زَمْزَمَ ثُمَّ لأَمَهُ
ثُمَّ أَعَادَهُ فِى مَكَانِهِ وَجَاءَ الْغِلْمَانُ
يَسْعَوْنَ إِلَى أُمِّهِ - يَعْنِى ظِئْرَهُ - فَقَالُوا
إِنَّ مُحَمَّدًا قَدْ قُتِلَ. فَاسْتَقْبَلُوهُ وَهُوَ
مُنْتَقَعُ اللَّوْنِ. قَالَ أَنَسٌ وَقَدْ كُنْتُ أَرَى
أَثَرَ ذَلِكَ الْمِخْيَطِ فِى صَدْرِهِ.)
ރިވާކުރެއްވީ މުސްލިމު.
މާނައީ، "ﷲ ގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ
(ތުއްޕުޅުއިރު އިތުރުއެކަލޭގެފާނު) ގެ އަރިހަށް
ޖިބުރީލުގެފާނު ވަޑައިގެންނެވި އެވެ. އޭރު
އިތުރުއެކަލޭގެފާނު ހުންނެވީ ކުޑަކުދިންތަކަކާއެކު
ކުޅިވަރު ކުޅުއްވުމަށެވެ. ފަހެ، ޖިބުރީލުގެފާނު،
އިތުރުއެކަލޭގެފާނު ނަންގަވާފައި ބޭއްވެވި އެވެ. ފަހެ،
ޖިބުރީލުގެފާނު އިތުރުއެކަލޭގެފާނުގެ ހިތްޕުޅު
ހާމަވާނެހެން ފަޅުއްވައި، ހިތްޕުޅު ނަންގަވައި، އޭގައިވާ
ޢަލަޤާއެއް ނެރުއްވި އެވެ. ފަހެ، ޖިބުރީލުގެފާނު ވިދާޅުވި
އެވެ. މިއީ ކަލޭގެފާނުގެ މައްޗަށް ޝައިޠާނާއަށް
ބާރުފޯރުވޭނޭ އެތިކޮޅެވެ. ދެން ރަން ތަބަކެއްގައި ޒަމްޒަމް
ފެނުން ހިތްޕުޅު ދޮންނެވުމަށްފަހު، އެ އޮންނަންވާ ތަނުގައި
ބާއްވަވައި ހަމަޖައްސަވައިލައްވައިފި އެވެ. އިތުރު
އެކަލޭގެފާނާއެކު ކުޅެން ތިބި ކުދިވެރިން ގޮސް
އިތުރުއެކަލޭގެފާނުގެ ކިރުމައިކަމަނާއަށް ދެންނެވި އެވެ.
މުޙައްމަދުގެފާނު ޤަތުލުކުރެވިއްޖެ އެވެ. ދެން
ކިރުމައިކަމަނާ ވަޑައިގެން ބެއްލެވިއިރު
އިތުރުއެކަލޭގެފާނު ހުންނެވީ (ބޮޑު ކަމެއް
ކުރިމަތިވެވަޑައިގެންނެވުމުގެ ސަބަބުން) ހަށިކޮޅުގެ
ކުލަވަރުފުޅު ތަޣައްޔަރުވެފަ އެވެ. އަނަސުގެފާނު ވިދާޅުވި
އެވެ. އިތުރުއެކަލޭގެފާނުގެ މޭފުޅު ފައްސަވާފައިވާ ކަމުގެ
އަސަރު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ."
ޢަލަޤާއަކީ، ގަނޑުވެފައިވާ ލޭކޮޅެއް ކަމަށް މާނަކުރެވެ
އެވެ. ޢަލަޤާގެ އެނޫން މާނަތައް ވެސް ވެ އެވެ.
އިސްރާއާއި މިޢުރާޖުގެ ރޭ، ދަތުރުފުޅު ފެށްޓެވުމުގެ ކުރިން
ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ މޭފުޅު
އިރުއްވި ހާދިސާ ބަޔާންކުރައްވަމުން އިތުރުއެކަލޭގެފާނު
ޙަދީޘްކުރެއްވި އެވެ.
(فَأُتِيتُ بِطَسْتٍ مِنْ ذَهَبٍ مُمْتَلِئٍ حِكْمَةً
وَإِيمَانًا فَشُقَّ مِنَ النَّحْرِ إِلَى مَرَاقِّ
الْبَطْنِ فَغُسِلَ بِمَاءِ زَمْزَمَ ثُمَّ مُلِئَ حِكْمَةً
وَإِيمَانًا)
ރިވާކުރެއްވީ ބުޚާރީ.
މާނައީ، "ތިމަންކަލޭގެފާނުގެ އަރިހަށް ރަން ތަބަކެއް
ގެންނެވުނެވެ. އެއީ ޙިކުމަތާއި އީމާނުން ފުރިގެންވީ
ތަބަކެކެވެ. ފަހެ، ތިމަންކަލޭގެފާނުގެ ލަގޮނޑި ވަޅުފުޅުން
ފެށިގެން ބަނޑުފުޅުގެ މަޑު ބަޔާ ހަމައަށް
އިރުއްވައިލެއްވުނެވެ. ފަހެ، ޒަމްޒަމް ފެނުން
ދޮވެލެއްވުނެވެ. ދެން ޙިކުމަތާއި އީމާނުން
ފުރައިލެއްވުނެވެ."