ބާވައިލެއްވި ސަބަބު


ލުބާބުއް ނުޤޫލި ފީ އަސްބާބިއްނުޒޫލި ގައި އިމާމު ސުޔޫޠީ ވިދާޅުވެފައި ވެ އެވެ. ސޫރަތުއްޝަރްޙު ބާވައިލެއްވީ، މުސްލިމުންގެ ފަޤީރުކަމުގެ މައްޗަށް މުޝްރިކުން ދެރަބަސް ބުނެ އާޑަކިއުމުންނެވެ.... އަލްޙަސަނުގެ އަރިހުން އިބްނު ޖަރީރު ރިވާކުރައްވާފައިވެ އެވެ. (إِنَّ مَعَ الْعُسْرِ يُسْرًا) މިއާޔަތް ބާވައިލެއްވުމުން ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދިޘްކުރެއްވި އެވެ. (أبشروا، أتاكم البشر، لن يغلب عسر يسرين) މާނައީ، "ތިޔަބައިމީހުން އުފާކުރާށެވެ! ތިޔަބައިމީހުންގެ ގާތަށް އުފާފާގަތިކަން އަތުވެއްޖެ އެވެ. އެންމެ އުނދަގޫކަމަކަށް، ދެ ފަސޭހައިގެ މައްޗަކަށް ގަދަވެއެއް ނުގަނެވޭނެ އެވެ." (إِنَّ مَعَ الْعُسْرِ يُسْرًا) މިއާޔަތުގެ މާނައީ، "ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަން ވެ އެވެ." މިއާޔަތުގައިވާ (الْعُسْرِ) އަކީ ފަޤީރުކަމުގެ ދަތިކަމާއި އުނދަގޫކަމެވެ. އަދި މިއާޔަތަށްވުރެ ކުރީގައިވާ އާޔަތުގައި އޮތް (الْعُسْرِ) އަކީ ވެސް ހަމަ ފަޤީރުކަމުގެ ދަތިކަމާއި އުނދަގޫކަމެވެ.

އިބްނު ޢައްބާސްގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއް، ތަފްސީރު އިބްނު ކަޘީރުގައި ވެ އެވެ. އިބްނު ޢައްބާސްގެފާނު ވިދާޅުވި އެވެ. ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދިޘްކުރެއްވި އެވެ. (سألت ربي مسألة وددت أني لم أسأله، قلت: قد كان قبلي أنبياء منهم من سخرت له الريح، ومنهم من يحيي الموتى... قال: يا محمد ألم أجدك يتيما فأويتك؟ قلت: بلى يا رب، قال: ألم أجدك ضالا فهديتك؟ قلت: بلى يا رب، قال: ألم أجدك عائلا فأغنيتك، قلت: بلى يا رب، قال: ألم أشرح لك صدرك؟ ألم أرفع لك ذكرك، قلت: بلى يا رب.) ތިމަންކަލޭގެފާނު ހައްދައިވައިބޮޑުކުރެއްވި ރަސްކަލާނގެ ޙަޟުތުގައި، އެކަމަކަށް އެދިވަޑައިނުގެންނެވުނު ނަމައޭ ހިތްޕުޅަށް އަރާވަޑާއިގެންނެވި ކަމަކަށް ތިމަންކަލޭގެފާނަށް އެދިވަޑައިގެންނެވުނެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނަށްވުރެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންގެ ތެރެއިން ބޭކަލަކަށް ވައި ކިޔަމަން ކޮށްދެއްވާފައިވެ އެވެ. އަދި އެއިން ބޭކަލަކަށް މަރުވެފައިވާ މީހުން ދިރުއްވުން ދެއްވާފައިވެ އެވެ.... ތިމަންކަލޭގެފާނު މިވާހަކަތައް ދެންނެވުމުން މާތް ﷲ ވަޙީކުރެއްވި އެވެ. (ألم أجدك يتيما فأويتك) ތިމަންކަލޭގެފާނު ދެންނެވީމެވެ. އިބަރަސްކަލާނގެ ތިޔަ ނިޢުމަތް ތިމަންކަލޭގެފާނަށް ދެއްވީމު އެވެ. އެކަލާނގެ ވަޙީކުރެއްވި އެވެ. (ألم أجدك ضالا فهديتك) ތިމަންކަލޭގެފާނު ދެންނެވީމެވެ. އިބަރަސްކަލާނގެ ތިޔަ ނިޢުމަތް ތިމަންކަލޭގެފާނަށް ދެއްވީމު އެވެ. އެކަލާނގެ ވަޙީކުރެއްވި އެވެ. (ألم أجدك عائلا فأغنيتك) ތިމަންކަލޭގެފާނު ދެންނެވީމެވެ. އިބަރަސްކަލާނގެ ތިޔަ ނިޢުމަތް ތިމަންކަލޭގެފާނަށް ދެއްވީމު އެވެ. އެކަލާނގެ ވަޙީކުރެއްވި އެވެ. (ألم أشرح لك صدرك) ތިމަންކަލޭގެފާނު ދެންނެވީމެވެ. އިބަރަސްކަލާނގެ ތިޔަ ނިޢުމަތް ތިމަންކަލޭގެފާނަށް ދެއްވީމު އެވެ. އެކަލާނގެ ވަޙީކުރެއްވި އެވެ. (ألم أرفع لك ذكرك) ތިމަންކަލޭގެފާނު ދެންނެވީމެވެ. އިބަރަސްކަލާނގެ ތިޔަ ނިޢުމަތް ތިމަންކަލޭގެފާނަށް ދެއްވީމު އެވެ...."

އައްޝަރްޙް ސޫރަތަކީ، މައްކިއްޔަ ސޫރަތެއް ކަމަށް މުފައްސިރުން ވަނީ އިއްތިފާޤުވެވަޑައިގެންފަ އެވެ. މިސޫރަތުގައި ބަޔާންކުރައްވާފައިވަނީ، މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި، ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ދަރަޖަ އާއި، އެކަލޭގެފާނުގެ މަތިވެރި މަޤާމެވެ. އެކަލާނގެ އަޅާ، އަދި ރަސޫލާ އަށް، އެކަލާނގެ ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކުގެ ވާހަކަ މިސޫރަތުގައިވެ އެވެ. އެކަންތައްތައް ބަޔާންކުރައްވައި، މިސޫރަތް ބާވައިލެއްވީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ތަސްލިޔާ ދެއްވުމަށްޓަކަ އެވެ. އެއީ، އިތުރުއެކަލޭގެފާނާއި، އަޞްޙާބު ބޭކަލުންނާ ކުރިމަތިވެވަޑައިގަންނަމުން ދިޔަ މުޝްރިކުންގެ އުނދަގޫތަކާއި ދުއްތުރާތަކަށް ކެތްތެރިވެ ވަޑައިގަތުމަށް ހިތްޕުޅު ތަނަވަސްކޮށްދެއްވުމުގެ ގޮތުންނެވެ. އިތުރުއެކަލޭގެފާނު މާތްވެގެންވާ އިސްލާމްދީނަށް ގޮވާލެއްވުމުން، މުޝްރިކުންގެ ކިބައިން ވަނީ، ނުހަނު ގިނަގުނަ އުނދަގޫތަކާއި ދުއްތުރާތައް އިތުރުއެކަލޭގެފާނާ ކުރިމަތިވެވަޑައިގެންފަ އެވެ. މިސޫރަތް ބާވައިލެއްވުމުން، އެކަންތައްތަކަށް ހިތްޕުޅު ތަނަވަސްވެ، ތަސްލިޔާ ލިބިވަޑައިގަތެވެ.