މަސްތުވާތަކެތީގެ އަވާގައި ޖައްސާ ސަބަބުތައް


މި މަޒުމޫނުގައި އަލިއަޅުވައިލާނީ، މަސްތުވާތަކެތީގެ އަވާގައި ޒުވާނުން ޖެހުމަށް މެދުވެރިވާ މުހިންމު ސަބަބުތަކެއްގެ މައްޗަށެވެ.


ދީންވެރިކަން ކުޑަވުން:

ބައެއް ޒުވާނުން ޚާއްޞަކޮށް ފުރާވަރަށް އަރަމުންދާ (ޓީން-ޢުމުރުގެ) ގިނަ ކުދިންގެ ކިބައިގައި ދީންވެރިކަން ކުޑަކަމީ މުޖުތަމަޢަށް ނަޒަރު ހިންގައިލާއިރު ކަށަވަރުވާ ކަމެކެވެ. މާތްވެގެންވާ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކާމެދު އެ ކުދިންގެ ކިބައިގައިވާ ހޭލުންތެރިކަން ކުޑައެވެ. އަދި މި މާތް ދީނުގައި އަންގަވާފައިވާ ކަންތައްތަކާ ފުރިހަމައަށް ތަބާވުމަކީ ވެސް އެ ކުދިންގެ ކިބައިގައި ފުރިހަމައަށް އަށަގެންފައިވާ ކަމެއް ނޫން ކަމުގައި ވެސް ޤަބޫލުކުރެވެއެވެ. އެހެންކަމުން، އެފަދަ ކުދިންނާއި ޒުވާނުން، ތެދުމަގުން އެއްކިބާވެ، ފުރެދުމާއި ފަސާދައިގެ ތެރެއަށް ދިއުމަކީ، ވަރަށް ގާތްކަމެއް ކަމުގައި ވަނީ ވެފައެވެ. ޢަޤީދާގެ ބަލިކަށިވުމާއި، އިސްލާމްދީނާ ތަބާނުވުމުގެ ބަލިމަޑުކަން އެއުރެންގެ ހިތްތަކަށް ވެރިވެފައިވާތީއެވެ.

(وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ ۚ أُولَٰئِكَ هُمُ الْفَاسِقُونَ)
އަލްޙަޝްރު: 19


ނުބައި އެކުވެރިންނާއެކުގައި އުޅުން:

ނަފުސާނީ ކަންކަމާބެހޭ ދިރާސާތަކާއި، އިޖުތިމާޢީ ކަންކަމާބެހޭ ދިރާސާތައް މުޅިންހެން އިއްތިފާގުވާ ގޮތުގައި، ފުރަތަމަ ފަހަރު ޒުވާނަކު މަސްތުވާތަކެތި ބޭނުންކުރަނީ، އޭނާގެ އެކުވެރިން އެކަމަށް ބާރުއެޅުމުގެ ސަބަބުންނެވެ. އޭގެ އިތުރުން ކަންކަން ހޯދައިބެލުމާއި ތަޖުރިބާކުރުމުގެ ރޫޙުގައި ވެސް ބައެއް ޒުވާނުން އެކަން ކުރެއެވެ. އެއީ ވެސް އެކުވެރިންނާ އެމުނިއެކުލެވުމާއި، އެމީހުން ކުރާ ކަންތައްތަކަށް ޝައުޤުވެރިވުމުގެ ސަބަބުން ކުރާ ކަމެކެވެ. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވަނީ، ތެދުމަގުން އެއްކިބާވެފައިވާ މީހުންނާ ތަބާނުވުމަށް އަންގަވާފައެވެ. މިކަން އަލްމާއިދާ ސޫރަތުގެ 77 ވަނަ އާޔަތުން އެނގެއެވެ.

(وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ)
އަލްމާއިދާ: 77


ބާހުގެބާރު ގަދަވާނެ ކަމަށް ހީކުރުން:

ބައެއް ޒުވާނުން ހީކުރާ ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރުމަކީ، ބާހުގެބާރު ގަދަވާ ކަމެކެވެ. މިހެންވެ، އެންމެ މަތީ ދަރަޖައަށް ޖިންސީ އުފާ ޙާޞިލުކުރެވޭނެ ކަމަށާއި، އެއްދާންކުރާއިރު އެކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ކަމަށް ހީކޮށް މަސްތުވާތަކެތި ބޭނުންކުރެއެވެ. ޙަޤީޤަތުގައި ކަން ހިނގަނީ، ޒުވާނުންގެ މި ކުށްހީއާ ދިމާއިދިކޮޅަށެވެ.

ބޭރަށް ދަތުރުކުރުން:

ރަށުން ބޭރަށް ނުވަތަ ޤައުމުން ބޭރަށް، ނުވަތަ ޤައުމުން ބޭރަށް ދަތުރުކޮށް، ބެލެނިވެރިންނާއި ގާތްތިމާގެ މީހުންނާ ދުރުގައި އުޅޭއިރު މަސްތުވާތަކެއްޗަށް ހުށަހެޅިދެއެވެ. ތިމާގެ އަހުލުންނާ ދުރުގައި އުޅޭއިރު، ތިމާއާމެދު އަޅާލާނެ މީހަކު ނެތުމާއި، ތިމާ ހިތުހުރި ގޮތަކަށް އުޅުން ކޮންޓްރޯލްކުރާނެ މީހަކު ނެތުމުންނެވެ. ޚާއްޞަކޮށް މި ޙާލަތުގައި، މަސްތުވާތަކެތި ގެންގުޅޭ ތަންތަނަށާއި، ދުންޔަވީ ވަގުތީ އުފާތަކަށް މަގުފަހިކޮށްދީފައިވާ ތަންތަނަށް ގޮސްއުޅޭނަމައެވެ.


ހުސްވަގުތު ލިބުން:

ހުސްވަގުތުތައް ލިބިފައި، އެ ވަގުތުތަކުގައި ކުރާނެ ރަނގަޅު ކަމެއް ނުފެނުމަކީ ޒުވާނުން ނުބައިކަންކަމުގެ ތެރެއަށް ގެންދާ ކަމެކެވެ. ހުސްވަގުތު ހޭދަކުރުމަށްޓަކައި ޒުވާނުން އެއްވެއުޅޭ ތަންތަނަށް ގޮސްއުޅުމަކީ، މަސްތުވާތަކެއްޗަށް ހުށަހެޅޭ ކަމެކެވެ. އަދި ރާބުއިމާއި، ޖަރީމާ ހިންގުން ފަދަ ޢަމަލުތަކަށް ވެސް ހުށަހެޅިދާ ކަމެކެވެ.


ކޮޕީކުރުމަށް ލޯބިކުރުން:

ބައެއް ޒުވާނުންނާއި، ފުރާވަރުގެ ޢުމުރުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރަނީ، އެމީހުންނަށްވުރެ ބޮޑެތި މީހުން ކުރާ ކަންތައްތައް ކޮޕީކުރުމުގެ ގޮތުންނެވެ. ބޮޑެތި މީހުން ފަދައިން ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކޮށް، އެމީހުންނަކީ ވެސް ބޮޑެތި މީހުން ފަދަ ބަޔެއްކަން ދެއްކުމަށްޓަކައެވެ. އަދި ތިމާގެ އެކުވެރިންނާއި އަނެއް ޖިންސްގެ ޒުވާނުގެ ކުރިމަތީގައި ތިމަންނައަކީ، ފިސާރި މީހެއްކަން ސާބިތުކޮށްދިނުމުގެ މުހުތާދުގައި ވެސްމެއެވެ.


ގެއިން ބޭރުގައި ނިދުން:

ބައެއް ޒުވާނުން މިނިވަންކަން މާނަކުރަނީ، ހުރިހައި ކަމެއް ކުރުމުގެ މިނިވަންކަން ހޯދުމަށެވެ. އެއީ، މުޅިން ރަނގަޅު މާނައެއް ނޫނެވެ. ތިމާމެންގެ ފުށުން އަނެކުންނަށް ގެއްލުން ލިބުނު ކަމުގައި ވިޔަސް، މިނިވަންކަމުގެ މާނަ އެގޮތަށް ކޮށްގެން ހިތުހުރި ގޮތަކަށް ބައެއް ޒުވާނުން އުޅެއެވެ. ގެއިން ބޭރުގައި ރޭގަނޑު ހޭލާ އުޅުމާއި، ޙަރާމްކަންތައްތައް ކުރުމުގައި ދަންވަރުގެ ވަގުތުތައް ހޭދަކުރުމަކީ އެމީހުން ކުރާ ކަމެކެވެ. މަސްތުވާތަކެއްޗާއި އެނޫން ޙަރާމްކަންތައްތައް ކުރާ ތަންތަނުގައި އެމީހުން ރޭގަނޑުގެ ވަގުތުތައް ހޭދަކުރެއެވެ.


މާލީ ތަނަވަސްކަން:

ތިމާއަށް މުހުތާދުވާ މިންވަރަށްވުރެ އިތުރަށް ފައިސާ ލިބުމަކީ، ޒުވާނުން މަގުފުރެދިދާ ކަމެކެވެ. އަދި އެއީ، އެންމެ މީރު ކާނާ ކައިގެން، އެންމެ މީރު ބުއިންތައް ބޮއިގެން، އެންމެ ނުބައި މީހުންނާއެކު އުޅުމުގެ ފުރުޞަތު ތަނަސްވެގެންދާ ކަމެއް ވެސްމެއެވެ. ނަތީޖާއަކަށް ވަނީ، އެފަދަ މީހުންނާއެކުގައި އުޅޭއިރު، އެމީހުން ކުރާ ނުބައި ކަންތައްތައް ކުރުމުގައި ބައިވެރިވުމެވެ. މަސްތުވާތަކެތީގެ ތެރެއަށް ދެވެނީ މި މަގުންނެވެ. އެއާއެކު، އެކިއެކި ޖަރީމާތަކުގެ ތެރެއަށް ވެސް އެމީހުންނާއެކު ޒުވާނުންނަށް ވަދެވިދެއެވެ.


ހިތާމަތަކާއި، އިޖުތިމާޢީ މައްސަލަތައް:

ހިތާމަތަކާއި އެކިއެކި އިޖުތިމާޢީ މައްސަލަތައް ކުރިމަތިވުމުން، އެއިން އެއްކިބާވުމަށްޓަކައި ބައެއް މީހުން މަސްތުވާތަކެތި ބޭނުންކުރެއެވެ. ޚާއްޞަކޮށް ޒުވާނުންނަށް އެމަގު ވަރަށް ފަސޭހައިން އިޚުތިޔާރުކުރެވިދެއެވެ. އެއީ، ހިތާމަތަކާއި، އެމީހުންނާ ކުރިމަތިވެފައިވާ އެހެނިހެން މައްސަލަތައް ހަނދާންނެއްތައިލެވޭތޯއެވެ.


ފިލާވަޅު ދަސްކުރަން ހޭލާތިބުން:

ބައެއް ޒުވާނުން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެންދަނީ، ހެޔޮ ކަމެއް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރޭގައެވެ. އޭގެ މިސާލަކީ، ފިލާވަޅު ދަސްކުރުމަށްޓަކައި ހޭލާ ތިބޭ ޒުވާން ކުދިންނެވެ. މަސްތުވާތަކެތި ވިއްކާ މީހުން، އެމީހުންގެ ދަލުގައި އެފަދަ ޒުވާނުން ޖައްސައެވެ. މަސްތުވާތަކެއްޗަކީ، ބުއްދި ގަދަކޮށްދޭ އެއްޗެއް ކަމަށް ވިސްނުވައިދީގެންނެވެ. އޭގެ ބޭނުންކުރުމުން، އަވަހަށް ފިލާވަޅު ދަސްވާނެ ކަމުގައި ބުނެދީގެންނެވެ.


ތަޢުލީމީ ފެންވަރު ދަށްވުން:

ތަޢުލީމީ ގޮތުން ފެންވަރު ދެރަ، ހޭލުންތެރިކަން ކުޑަ ޒުވާނުންނަކީ، މަސްތުވާތަކެއްޗަށް ބޮޑަށް ހުށަހެޅޭ ބަޔެކެވެ. މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭނެ ގެއްލުމާއި ހަލާކު، އެމީހުންނަށް މޭރުންނުވާތީއެވެ. މީގެ މާނައަކީ، ކިޔަވައިގެންތިބި ތަންދޮރު ދަންނަ މީހުން މަސްތުވާތަކެއްޗަށް ހުށަނޭޅޭ ވާހަކައެއް ނޫނެވެ.


ޢާއިލާގެ ތެރެއިން ދަރީން މަސްތުވާތަކެއްޗަށް ހުށަހެޅުން:

ޢާއިލާގެ ތެރެއިން ދަރީން މަސްތުވާތަކެއްޗަށް ހުށަހެޅުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ވެއެވެ. ތިރީގައި މިވަނީ އެއިން މުހިންމު ސަބަބުތަކެކެވެ.

1. މައިންބަފައިންގެ ވިޔާނުދާ ދިރިއުޅުން ދަރީންނަށް ފެނުން،
2. ދެމަފިރިންކުރެ އެކަކު ނުވަތަ ދެމީހުން މަސްތުވާތަކެތި ބޭނުންކުރުން،
3. މައިންބަފައިން ދަރިންނާ އަޅާނުލުން،

4. ދެމަފިރިން ކުފޫހަމަނުވުން: ޚާއްޞަކޮށް، ފިރިމީހާއަށްވުރެ އަނބިމީހާގެ ތަނަވަސްކަން އިތުރުވުން ފާހަގަކޮށްލެވެއެވެ. މި ޙާލަތުގައި އަނބިމީހާ ފިރިމީހާގެ މައްޗަށް ނުފޫޒު ހިންގައެވެ. އަދި ފިރިމީހާގެ ނިކަމެތިކަމާއި، އަނބިމީހާގެ ތަނަވަސްކަން ފިރިމީހާއަށް ބުނެދެއެވެ. މިކަމުގެ ސަބަބުން އެ ދެމަފިރިންގެ ޒަވާޖީ ޙަޔާތަށް ބުރޫއަރައެވެ. ނަތީޖާއަކަށްވަނީ، އަނބިމީހާއާއި ދަރީން ދޫކޮށްފައި ފިރިމީހާ ދިއުމެވެ. އަނބިމީހާގެ ދޫނުބައިކަން ތަޙައްމަލުނުކުރެވުމުންނެވެ. މިކަމުގެ ނޭދެވޭ އަސަރު ދަރީންނަށް ކުރެއެވެ. އަދި މިކަމަކީ، އެ ކުދިން މަސްތުވާތަކެތީގެ ތެރެއަށް ގެންދާ ކަމެއް ކަމުގައި ވެއެވެ.

5. ދަރީންނާމެދު މާބޮޑަށް ހަރުކަށިވުން،
6. މައިންބަފައިން މާގިނައިން އެކިއެކި ބޭސް ބޭނުންކުރުން،
7. ކިޔެވުމުގައި މަތީ ވަނަތައް ހޯދުމަށް ދަރީންނާ ނުކުޅަދާނަ މިންވަރަށް ބެލެނިވެރިން ޕްރެޝަރުކުރުން.


ބަޔާންވެދިޔައީ، ޒުވާނުންނާއި، ފުރާވަރަށް އަރަމުންދާ ކުދީން މަސްތުވާތަކެތީގެ ތެރެއަށް ދިއުމަށް މެދުވެރިވާ ކަމަށް ފާހަގަކުރެވިފައިވާ ސަބަބުތަކެކެވެ. މި މަޢުލޫމާތު ނަގާފައިވަނީ، (الغد) "އަލްޣަދު" އޮންލައިންގައި ޝާއިޢުކޮށްފައިވާ މަޒުމޫނަކުންނެވެ. އެ މަޒުމޫނުގެ މައިގަނޑުނަމަކީ (أسباب تعاطي المخدرات) މިއެވެ.


މަޞްދަރު:
http://www.alghad.com/articles/800241