ދޮންދިޔެ މުޅެއި


ދޮންދިޔެ މުޅެއި، ބަނިޔާދަމެއި،
ކިޔަމަންގަނެއި، ޚުލުޤާ ރަނެއި.

ޤުރުއާން ދެނެއި، ފޮތެފޮތެ ކެޔައި،
ކެރަހަން އެގެއި، ގަލަމުން ލެޔައި.

މަލޮލަޓެ އެހައި، ހެއްސޮހޮވެފައި،
މީބޫ މުތެއި، މަހިތަޓެ އަރައި.

މަހުރަބެ ފެނެއި، މޫނެން ހުރައި،
ޤިންދީލެކެއި، ބަބުޅައި ވިދައި.

ނަލެ ފަރިވެލައި، ދެއިރަޓެ ހެނައި،
ޒީނަތެވެލައި، ސެންޓަސް ޖަހައި.

ފޮނެޔާ އޮޑައި، ހުޅިޔާ ގަތައި،
މާރީތިވެއި، ފަށްޓެރެ އޮޑައި.

އަދެނާ ފަވައި، ގިރިޓީ ނުލައި،
ހެދުމާ ނަލެއި، ގަހަނާ ވިދައި.

ދެ ލޮލާ ހުދެއި، ކަޅިޔާ ކަޅެއި،
ދެ ލޮލުން ހުރައި، ވިދެވަރެ ޖަހައި.

ހަދެ ލަދެގަނެއި، މި ދިޔަޓެ ބަލައި،
އިރެ އަލި ބަދެއި، އާއު ނޯޑޮވައި.

ދޮންދިޔެ މުޅެއި، އަދި ބަހަ އަހައި،
ޔާޤޫތެކެއި، މީބޫ ހުވައި!!!


ނޯޓު:
މި ޅެން އާންމުކުރުމުން، ހުވަދޫ ސަގާފަތު ދެނެވަޑައިނުގަންނަވާ ބައެއް ބޭފުޅުން، މިއީ ޢިޝްޤީ ލޯބީގެ ޅެމެއް ކަމަށް ހީފުޅުކުރައްވަމުންދާތީ ދަންނަވަމެވެ. މި ޅެމަކީ، މަންމައަކު ނުވަތަ ބައްޕައަކު އޭނާގެ އަންހެން ދަރިފުޅު ދެކެ ލޯބިން ކިޔާ ނާނާއެއް ފަދަ ޅެމެކެވެ.