އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މިއީ، ބަޙުރު އީމަޖައްލާގެ 18 ވަނަ ޢަދަދެވެ. މި މަޖައްލާގެ ޢުމުރުން ފާއިތުވެދިޔަ 9 އަހަރުދުވަސް ހޭދަކޮށްފައި މިވަނީ ދަރުމަވެތި މަޖައްލާއެއްގެ ގޮތުގައެވެ. މި ޢަދަދު ވުޖޫދަށް އައިއިރު ވެސް 9 އަހަރުވީ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. އާދޭހެވެ. އަދިވެސް ޢަޒުމަކީ، އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވާގިފުޅާއެކު، މި މަޖައްލާ ދަރުމަވެތި މަޖައްލާއެއްގެ ގޮތުގައި ދެމެހެއްޓުމެވެ.

އެހެނިހެން ޢަދަދުތަކެކޭ ވެސް އެއްފަދައިން، މި ޢަދަދުގައި ވެސް ތަފާތު ލިޔުންތައް ހިމަނާފައި ވާނެއެވެ. މަޒުމޫނުގެ ބައިގައި، ބުރަދަންހުރި މަޢުލޫމާތުތަކެއް ގެނެސްދިނުމަށް މަސައްކަތްކޮށްފައި ވާނެއެވެ. އެބައިން ފާހަގަކޮށްލެވޭ މަޒުމޫނުތަކުގެ ތެރޭގައި، މަކާރިމުލްއަޚުލާޤުގެ ބައިތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ކަރުދާހެއް ހިމެނެއެވެ. އެއީ، ތާޖުއްދީން ސްކޫލްގެ ދަރިވަރުންނަށް އެކަމާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ތައްޔާރުކުރެވުނު ކަރުދާހެކެވެ. އެއާއެކު، އޭގެ ހުށަހެޅުން ވެސް ހިމަނާފައި ވާނެއެވެ.

މި ޢަދަދުގެ ވާހަކައިގެ ބައިގައި ހިމަނާފައިވާނީ އެންމެ ވާހަކައެކެވެ. ނަމަވެސް އެއީ ނުހަނު ޢިބްރަތްތެރި ވާހަކައެކެވެ. އެ ވާހަކައިން ހާމަވެގެންދަނީ، ގާޒީއެއްގެ ކުޅަދާނަކަމެވެ. ނުވަތަ އޭނާ ބޭނުންކޮޅަކަށް ޝަރީޢަތް އަނބުރައިލާ ގޮތެވެ. އެއީ ޙަޤީޤީ ވާހަކައެއް ނޫނެވެ. އެކަމަކު، އެއީ ޚިޔާލީ ވާހަކައެއްގެ ތަރުޖަމާއެކެވެ. ޙަޤީޤީ ދުނިޔޭގައި އެފަދަ ކަންކަން ހިނގުމަކީ އާންމުކޮށް ފެންނަ ކަންކަމެއް ނޫންތާއެވެ!

މި ޢަދަދުގެ ޢަރަބިބަހުގެ ބައިގައި، ވީޑިއޯ ފިލާވަޅުގެ 10 ފިލާވަޅު ހިމަނާފައިވާނެއެވެ.

އިސްވެދިޔަ 17 ވަނަ ޢަދަދުގެ މަޒުމޫނުގެ ބައިގައި ހިމެނި މަޒުމޫނަކާ ގުޅުވައިގެން، މި ޢަދަދުގެ ޅެމުގެ ބައިގައި ޅެމެއް ހިމަނާފައި ވާނެއެވެ. ފާއިތުވެދިޔަ ޢަދަދުގައި ލިޔެފައިވާ އެ މަޒުމޫނަކީ، ދެ ޙަރަމްފުޅުގެ ޚާދިމު، ކިންގ ސަލްމާނު ބްނު ޢަބްދުލްޢަޒީޒާބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނެކެވެ. މި ޢަދަދުގައިވާ ޅެމަކީ، އެމަނިކުފާނުގެ އަރިއަހަށް ވެދުމާއި ޝުކުރު ދަންނަވާފައިވާ ޅެމެކެވެ. މި ޅެމަކީ، 1438 ވަނަ އަހަރުގެ ޙައްޖުމޫސުމުގައި ހަދާފައިވާ ޅެމެކެވެ. މި ޅެން އެންމެ ފުރަތަމަ ލިޔުނީ، ޚާދިމުލް ޙަރަމައިނިގެ މެހުމާނުންގެ ގޮތުގައި ޙައްޖަށްދާ މީހުންގެ ހަނދާނީ ފޮތުގައެވެ.

މި ޢަދަދުގެ "ފޫހިފިއްލި" ބައިގައި، ވާނީ ތިން ފޫހިފިއްލިއެވެ.

ބަޙުރު އީމަޖައްލާގެ މި ޢަދަދަކީ ވެސް ޢިއްޒަތްތެރި ކިޔުންތެރިންގެ އަރިއަހުގައި، ނުހަނު މަޤުބޫލު ޢަދަދެއް ކަމުގައި ވާނެ ކަމަށް އުންމީދުކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ، މަޢުލޫމާތުގެ ހެޔޮ މަޞްދަރެއްގެ ގޮތުގައި، ކީރިތިވަންތަ މާތް ﷲ، މި މަޖައްލާ ލެހެއްޓެވުމެވެ. އެކަލާނގެ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!
26 ޖުލައި 2018