އަހަރެމެން ފަނާވަނީއެވެ!


11/1.
ނެތޭ ރޭގަނޑަކު ހަނދު އަރާފައި ބެލެން!
ނެތޭ މެދުއުޑަކު ތަރިތަކެއް ވެސް ގުނެން!
ނެތޭ ކަނޑު ފަޅެއްގައި މަހެއް ވެސް ދިރެން!
ނެތޭ އަދި ބިމަކު ރުއްގަހެއް ވެސް ހެދެން!
އެނގޭހޭ؟ ފަނާވާން ދަނީޔޭ މަމެން!!!

11/2.
ތެދޭ ތިޔަ ބުނީ ހާއިމަކު ޅެންބަހުން!
ވިލޭރޭ އަރައި ސާދަ ވީ މޫން ކަމުން!
ލޮލަށް ފެންނަނީ ވެސް ސްޓާތައް ކަމުން!
ކަނޑާއި ފަޅުގަ ވީ ވެސް ދިރޭ ފިޝް ކަމުން!
ދަނޑާއި ބިމުގަ ވީ ވެސް ޓްރީތައް ކަމުން!!!

11/3.
އެނގޭހެއްޔެ؟ މިތުރާ ތިބާއަށް މިކަން،
މަލެއް ނެތްކަމެއް ގޮފިގޮފީގައި އަޅަން،
ބަގީޗާގެ ވަސް ވެސް ރަށުން ނެތުނުކަން،
ކުރާ އެންމެ އިޙުސާސް ގައިން ވަކިވިކަން،
ހިތަކު ނެތްމެ އަމުދުން ޝުޢޫރެއް ބުނަން!!!

11/4.
ބަލާއިރު ފްލާވަރ ގޮފިން ފެންނަނީ،
މި ރަށްރަށު ތެރަށް ގާޑަނޭ އަންނަނީ،
ގައިން އާދެ، ފީލިންގތަކޭ ކުރެވެނީ،
އިމޯޝަންތަކޭ ހިތްތަކަށް ވެރިވަނީ،
މި ކަންކަމުގެ ފިކުރުންނެ ޙައިރާންވަނީ!!!

11/5.
ނެތޭ ލޯބިވެރިއެއްގެ ޖަޒުބާތް ސަފުން،
ނުވެސް ބުނަމު ލޯތްބެއް ވެވޭކަން ދުލުން،
ނެތޭ އޭނަޔާ މެދަކު ޝައުޤެއްވެލުން،
ނުވެސް ކުރަމު ކުށްފާފައެއް މިލިލަމުން،
މިއީ މިއަދު ކަން އޮތް ގޮތޭ މަސްރަޙުން!!!

11/6.
ނިކަން ހައިވެ އެޓްރެކްޝަނޭ މިކިޔަނީ،
ދުލަށް ލުއިވެ ލަވް ޔޫ ކަމަށް ބުނެލަނީ،
ހިތަށް އޭނަ މިސްވާކަމޭ ވެރިވަނީ،
ވުމުން މީޓް ލަވްމޭކްތާ ކުރެވެނީ،
މިހެންނޭ މިއައި ބަދަލުތައް ކުރެހެނީ!!!

11/7.
މި ދޭހަށް މިނޫނަސް ބަދަލު ގެނުވަނީ،
ކުލައިން އަނދިރިވާ މަންޒަރޭ އުދަވަނީ،
އަޑުން ކުރަކިވާކަންމެ މޭރުންވަނީ،
ތެދެއްމޭ އިވޭ ރާގު ހުތުރޭ ވަނީ،
ވަކިން ވިސްނުމާއި ފިކުރު ކޮށްޓޭ ވަނީ!!!

11/8.
އިހަށް ހިނގި އެ ތަނަވަސް މަގޭ ހަނިވަނީ،
ކުރިން ދަތުރުކުރި އުޅަނދުތައް ބާވަނީ،
އެއިން ލާމެހުނު ބަސްމަގޭ ދޫވަނީ،
ބޮޑަށް އުމަގުތައް އުފެދިގެން ފުންވަނީ،
ސަގާފަތުގެ ވޭނީ ރުއިން ގުގުމަނީ!!!

11/9.
ދަރިން ދީބު، ބީރައްޓެހިންނަށް ވަނީ،
ބިމުން ބިމު ދަރީންނަށް ތަނެއް ނެތިދަނީ،
ބިދޭސީންނެ ދޭސީން ކަމަށް ވެސް ވަނީ،
މިތަން ފެނި ލޮލުން ކަރުނައޭ އޮހޮރަނީ،
އުދާސްތައް ބިމަށް ވެރިވެ އޮބި ނޯންނަނީ!!!

11/10.
ބައެއް ހެކިތަކޭ މީ ގެނެސްދޭ އަނާ،
އަރައި އުދަވަނީ މަންޒަރޭ ވާފަނާ،
ބަލަން ނުތިބެވޭވަރުވެ އުންމަތް ހަނާ،
ކިޔަންތިބެ އެކެއް އަނެކަކަށް ހަމަ ސަނާ،
ހަލާކަށް ސަވާރުވެ ނިދަން ނާނަނާ!!!

11/11.
އެތައް ފެކްޓް އެބަހުރި މިޔަށް އެމުނުމަށް،
ސަވާރުވި ކަތަށް ނޭނގުނަސް ޣަފުލަތަށް،
ބަލާށޭ! ޙަޔާތުގަ އަޅާ ބިންގަލަށް،
އަނބީންނޭ ކިޔާ އެންމެ ބޮޑު ޢިއްޒަތަށް،
ނުވޭހޭ އެ މާތް ރޫޙު ވެސް ވައިފުއަށް!!!