ދިވެހި ނޫސްވެރިކަމާއި ލިޔުންތެރިކަން ފެށުނު ތާރީޚު


މިއަހަރު ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރޭނެއެވެ. އަދި ދިވެހި ލިޔުންތެރިކަމަށް 85 އަހަރު ފުރޭނެއެވެ. ސަރުކާރުގެ ޚަބަރު ފުރަތަމަ ނެރުނު ތާރީޚާއި، އަލްއިޞްލާޙު މަޖައްލާ ވުޖޫދުވި ތާރީޚުން މިކަން އެނގެއެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ނޫހާއި، މަޖައްލާއެވެ. އެއިން އެކަތި ތަމްސީލުވެފައިވަނީ، ނޫސްވެރިކަމުގެ ފެށުން ކަމުގައެވެ. އަނެކަތި ތަމްސީލުވެފައިވަނީ ލިޔުންތެރިކަމުގެ ފެށުން ކަމުގައެވެ.

ސަރުކާރުގެ ޚަބަރު ފުރަތަމަ ނެރުނު ތާރީޚަކީ، 5 ޖޫން 1943 އެވެ. އެއީ ދިވެހި ނޫސްވެރިކަން ފެށުނު ދުވަސް ކަމުގައި ބަލާއިރު، ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރޭނީ، 4 ޖޫން 2018 ގައެވެ. 5 ޖޫން 2018 ވާނީ، ދިވެހި ނޫސްވެރިކަމުގެ 76 ވަނަ އަހަރު ފެށޭ ދުވަސް ކަމުގައެވެ.

"ސަރުކާރު ޚަބަރު" ނޫހަށްވުރެ ކުރިން، ޝާއިޢުކުރެވިފައިވަނީ، "އަލްއިޞްލާޙު" މަޖައްލާއެވެ. އެ މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނު ތާރީޚަކީ، 8 ޖުލައި 1933 އެވެ. އެ މަޖައްލާއަކީ، ދިވެހި ލިޔުންތެރިކަމުގެ ފެށުން ކަމުގައި ބަލާއިރު، ދިވެހި ލިޔުންތެރިކަމަށް 85 އަހަރު ފުރޭނީ، 7 ޖުލައި 2018 ގައެވެ. 8 ޖުލައި 2018 ވާނީ، ދިވެހި ލިޔުންތެރިކަމުގެ 86 ވަނަ އަހަރު ފެށޭ ދުވަސް ކަމުގައެވެ.

ނަންގަނެވުނު ދެ ތާރީޚަށް ބަލާއިރު، ރާއްޖޭގައި ފުރަތަ ފެށުނީ ލިޔުންތެރިކަން ކަމާއި، ދިވެހި ނޫސްވެރިކަން ވުޖޫދަށް އައީ، އޭގެ ފަހުންކަން އެނގެއެވެ. އެ ދެމެދުގައި ފާއިތުވެފައިވާ މުއްދަތަކީ، 9 އަހަރާއި، 10 މަހާއި، 27 ދުވަހެވެ.

ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ޢުމުރުން 75 އަހަރު ފުރެންދާއިރު، އަދި ލިޔުންތެރިކަމަށް 85 އަހަރު ފުރެންދާއިރު، އެ ދެ ކަމާބެހޭ މަޢުލޫމާތު ލިބޭނެ ގިނަގުނަ މަޞްދަރުތަކެއް ނެތެވެ. ޤައުމީ ކުތުބުޚާނާއަށް ގޮސް ބެލިބެލުމުން އެނގުނީ، ނޫސްވެރިކަމުގެ މަޢުލޫމާތު ޖަމާވެފައިވާ އެންމެ ތިން ފޮތް ނޫނީ އެތާނގައި ނެތް ކަމެވެ. އެ ތިން ފޮތަކީ:

1. ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޝާއިޢުކުރި 50 އަހަރުގެ ދިވެހި ނޫސްވެރިކަން،
2. ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހި ނޫސްވެރިކަމުގެ ހަނދާނީ ލިޔުން އެރުވުނު ފަރާތްތައް،
3. ދިވެހި މީޑިއާއިން އަމާޒުހިފިދާނެ ބައެއް ހަމަތައް، ބައެއް އުސޫލުތައް، މިއެވެ.

މީގެ ތެރެއިން، އެންމެ މުހިންމު އެއް މަޞްދަރަކީ، "ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޝާއިޢުކުރި 50 އަހަރުގެ ދިވެހި ނޫސްވެރިކަން" އެވެ، ކިޔާ ފޮތެވެ. އެ ފޮތް ނެރުއްވާފައިވަނީ، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިންނެވެ. ފޮތުގެ ބޭރުގައި، "1943-1993" މިހެން ޖަހާފައި ވެއެވެ.

2018 މާރިޗު 14 ވީ ބުރާސްފަތި ދުވަހު، ޤައުމީ ކުތުބުޚާނާއަށް ގޮސް، މިދެންނެވި ފޮތުގެ ބައެއް ޞަފުޙާތައް ހޯދީމެވެ. އެއީ އެ ފޮތުގެ، 143 ވަނަ ޞަފުޙާއިން ފެށިގެން 151 ވަނަ ޞަފުޙާގެ ނިޔަލަށެވެ. އެ ޞަފުޙާތަކުގައިވާ މަޒުމޫނުގެ މައުޟޫޢަކީ، "ރާއްޖޭގައި ދުވަހު ނޫސްވެރިކަން .... ޙާލަތާއި ކުރިއެރުން" މިއެވެ. އެ މަޒުމޫނު ލިޔުއްވާފައިވަނީ، "މުޙައްމަދު ޒާހިރު ޙުސައިން" އެވެ. އެ މަޒުމޫނުގެ ޕީޑީއެފް ނަކަލަކަށް ވާޞިލުކޮށްދޭ ފާލަމެއް މި ލިޔުމުގެ ތިރީގައި ހިމަނައިލާނަމެވެ.

މި ލިޔުންކޮޅު ވުޖޫދަށް އައީ، ދިވެހި ލިޔުންތެރިކަމާއި، ނޫސްވެރިކަމުގެ މުހިންމު ތާރީޚެއް މިއަހަރު އަންނާތީ އެކަމާމެދު އުފެދުނު ޝައުޤުވެރިކަމެއްގެ ތެރެއިންނެވެ. ފާއިތުވެގެންދިޔަ، 75 އަހަރާއި، 85 އަހަރުގެ ތެރޭގައި، ދިވެހި ނޫސްވެރިކަމާއި، ލިޔުންތެރިކަން ދެމެހެއްޓި ޚިދުމަތްތެރިންނަކީ ކޮބައިކަން އެނގޭނެ މަޞްދަރެއް ވުޖޫދަށް އައުމަކީ ނުހަނު ޝައުޤުވެރިވާ ކަމެކެވެ. ކޮންމެ ވެސް ފަރާތަކުން މި މުހިންމު މަސައްކަތް ކޮށްދެއްވާނެ ކަމަށް އުންމީދުކުރަމެވެ.


ރާއްޖޭގައި ދުވަހު ނޫސްވެރިކަން .... ޙާލަތާއި ކުރިއެރުން