ފަޞާޙަތްތެރި އަވަށްޓެރިޔާ


މަހުޖަނަކު ނިޔާވިއިރު އޭނާގެ ތަރިކައަކީ، ވިހިމިލިޔަން ރުފިޔާ ކަމުގައި ވިއެވެ. އޭގެ ވާރުތަވެރިޔަކީ ކޮބައިތޯ ބެލިއިރު، އެމީހަކީ، ނުހަނު ބޮޑު ފަޤީރެއްކަން އެނގުނެވެ. އެހެންކަމުން، އެ ވިހިމިލިޔަން ރުފިޔާ އޭނާއަށް ވާރުތަވި ވާހަކަ، އޭނާއަށް ޝޮކެއް ނުޖެހޭނެ ފަދަ ގޮތަކަށް ބުނެދޭނެ ފަޞާޙަތްތެރި މީހަކީ ކޮބައިތޯ ބެލުނެވެ. އެމީހަކަށް ހޮވުނީ، އޭނާގެ އެންމެ ގާތް އަވަށްޓެރިޔާއެވެ.

ފަޤީރު މީހާގެ ގާތަށް ގޮސް އަވަށްޓެރިޔާ ބުންޏެވެ.

"ތިބާގެ ގާތްތިމާގެ މީހަކު ނިޔާވުމުން، ތިބާއަށް ވިހި މިލިޔަން ރުފިޔާ ވާރުތަވެއްޖެނަމަ، އެންމެ ފުރަތަމަ ކުރާނީ ކީއްހެއްޔެވެ؟"

ފަޤީރު މީހާ ބުންޏެވެ.

"ތިމަންނާ ފުރަތަމަ ކުރާނެ ކަމަކީ، އެ ފައިސާގެ ދެބައިކުޅަ އެއްބައި، ތިޔަ ލޭފަވެތި އަވަށްޓެރިޔާއަށް ހަދިޔާކުރުމެވެ."

ފަޤީރު މީހާ މިހެން ބުނި އަޑު އިވުނު ހިނދު، އަވަށްޓެރިޔާގެ ހިތަށް އެރި ލޮޅުމެއްގެ ބޮޑުކަމުން، ހަމައެވަގުތު އޭނާގެ ހިތް ހުއްޓި، އޭނާ ހުރިތަނަށް ވެއްޓިއްޖެއެވެ!