ކުޑަ ފުޅިއެއްގައި އޮތް ބޮޑު އޮރެންޖު
ޙިކުމަތްތެރި ވާހަކައެއްގައިވެ އެވެ. އެއްދުވަހަކު،
ބައްޕައަކު އޭނާގެ ނުވަ އަހަރުގެ ދަރިފުޅަށް ކުޑަވަރެއްގެ
ފުޅިއެއް ދެއްކެވި އެވެ. އެފުޅިތެރޭގައި ބޮޑު އޮރެންޖެއް
އޮތެވެ. އެއާމެދު އެކުއްޖާ ވަރަށް ބޮޑަށް ހައިރާންވި އެވެ.
އެފުޅީގެ އަނގަ ނުހަނު ކުޑަ އެވެ. އޭގެތެރެއިން އޮރެންޖު
ނެރެވޭތޯ އެކުއްޖާ މަސައްކަތްކުރި އެވެ. ނަމަވެސް
އޭނާއަކަށް އެކަމެއް ނުކުރެވުނެވެ.
އެކުއްޖާ އެއްސެވެ. "ބައްޕާއެވެ! މިހައި އަނގަ ކުޑަ
ފުޅިއްގެ ތެރެއަށް މިހައި ބޮޑު އޮރެންޖެއް ލާފައި މިވަނީ
ކިހިނަކުންތޯ އެވެ؟"
ދަރިފުޅު ކުރި ސުވާލަށް ޖަވާބު ދިނުމަށްޓަކައި، އޭނާ
ގޮވައިގެން ބަގީޗާގެ ތެރެއަށް ބައްޕަ ދުރުވި އެވެ. ދެން
ނުހަނު އަނގަ ކުޑަ ފުޅިއެއް ނަންގަވާފައި، އޮރެންޖު ގަހުގެ
ގޮފިގަނޑެއް އެ ފުޅީގެ ތެރެއަށް ކޮއްޕަވާލެއްވި އެވެ. އެ
ގޮފިގަނޑުގައި ވަރަށް ކުޑަކުޑަ އޮރެންޖެއް އޮތެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ބައްޕަ، އެކުއްޖާ ގޮވައިގެން
ގޮސް، ގޮފިގަނޑު ލާފައި އޮތް ފުޅި ދެއްކެވި އެވެ. އޭރު
އޮރެންޖުވަނީ ބޮޑުވެފަ އެވެ. އެފުޅީގެ ތެރެއިން އެ
އޮރެންޖު ބޭރުނުކުރެވޭނެ ވަރު ވެފަ އެވެ.
ބައްޕަ ބުނުއްވި އެވެ. "ދަރިފުޅާ އެވެ! އަނގަ ކުޑަ
ފުޅިއަކަށް، ބޮޑު އޮރެންޖެއް ލާ ގޮތަކީ މިއީ އެވެ."
އެދުވަހު، އެކަމުގެ ޙަޤީޤަތް އެކުއްޖާއަށް އެނގުނެވެ.
ފުރަތަމަ ފެނުނު ދުވަހު އޮޅުން ނުފިލި ސިއްރު އޮޅުންފިލި
އެވެ. ކަމުގެ ޙަޤީޤަތް ދަރިފުޅަށް އޮޅުންފިލުމުން ބައްޕަ
ބުނުއްވި އެވެ.
"ދަރިފުޅާ އެވެ! މިދުނިޔެއިން ތިބާއަށް ވަރަށް ގިނަ މީހުން
ފެނިދެނިވާނެ އެވެ. އޭގެތެރޭގައި ބުއްދިގަދަ މޮޅު މީހުން
ވާނެ އެވެ. އަދި މަޤާމު މަތިވެރި މީހުން ވެސް ވާނެ އެވެ.
ނަމަވެސް އެމީހުން ވިޔާނުދާ ކަންތައްތައް ކުރާތަން
ތިބާއަށް ފެންނާނެ އެވެ. މުޖުތަމަޢުގެ އަގުތަކާއި، ރީތި
އަޚުލާޤާ ފުށުއަރާ ކިތަންމެ ކަމެއް އެމީހުން ކުރާނެ އެވެ.
އެމީހުންގެ މިސާލަކީ، އަނގަކުޑަ ފުޅީގައި އޮތް ބޮޑު
އޮރެންޖުގެ މިސާލެވެ."
ޙައިރާންކަމާއެކު ދަރިފުޅަށް އަހާލެވުނެވެ. "އެއީ
ކިހިނަކުންތޯ އެވެ؟"
ބައްޕަ ބުނުއްވި އެވެ. "އެމީހުން ކުރާ ވިޔާނުދާ
ކަންތައްވަނީ، ކުޑައިރުއްސުރެ އެމީހުންގެ ކިބައިގައި
އަށަގެންފަ އެވެ. ގޮފިގަނޑުގައިވާ އޮރެންޖު، ފުޅިތެރޭގައި
އޮވެގެން ބޮޑުވި ފަދައިން، އެކަންތައްވަނީ، އެމީހުންގެ
ނަފުސުގެ ތެރޭގައި ހެދިބޮޑުވެ، ނުހަނު ބިޔަވެފަ އެވެ.
އެހެންކަމުން، އެމީހުންގެ ނަފުސުން އެކަންތައްތައް
ބޭރުކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ."
ދަރިފުޅަށް މި ޙަޤީޤަތް މޭރުންވުމުން ނުހަނު އަގުހުރި
ނަޞީޙަތެއް، ބައްޕަ ދެއްވި އެވެ.
"ދަރިފުޅާ އެވެ! ބައެއް މީހުން ރީތި އަޚުލާޤާއި، ހަރުދަނާ
އަގުތައް ނަގާލަނީ، އެމީހުން ބޭނުންވާ ދުންޔަވީ
ފައިދާތަކެއް ޙާޞިލްކުރުމަށްޓަކަ އެވެ. ކުޑައިރުއްސުރެ،
އެމީހުންނަށް އެގޮތް ދަސްވަމުން ގޮސްފައިވާތީ އެވެ.
އެމީހުންނާ ޚިލާފަށް، ރީތި އަޚުލާޤާއި، ހަރުދަނާ
އަގުތަކުގައި ހިފަހައްޓަން ދަރިފުޅު ދަސްކުރާށެވެ!
ކުޑައިރުއްސުރެ ރަނގަޅު ކަންތައްތަކުގައި
ހިފަހައްޓައިފިނަމަ، ދަރިފުޅު ބޮޑުވާއިރު، އެކަންތައްވާނީ،
ދަރިފުޅުގެ ކިބައިގައި އަށަގެންފަ އެވެ. އޭގެ ސަބަބުން
ދަރިފުޅަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެ
އެވެ."
މަޞްދަރު: ޞުޙުބަތުލްޤުރުއާން.ކޮމް