ކަށުނަމާދު ކުރާ ގޮތް


ކަށުނަމާދުގެ ކުރީގައި ބަންގިއެއް، ޤަމަތެއް ނޯވެ އެވެ. މި ނަމާދަކީ ކޮޅަށް ތިބެ ކުރާ ނަމާދެކެވެ. ރުކޫޢުކުރުމާއި، ސަޖިދަކުރުން ވެސް މި ނަމާދުގައި ނޯވެ އެވެ. މި ނަމާދު ކުރުމަކީ، ކިފާޔަތުގެ ފަރުޟެކެވެ. މުސްލިމުންގެ ތެރެއިން ބަޔަކު މީހުން މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުމުން ފުދެ އެވެ.

މައްޔިތާ އަކީ، ފިރިހެނެއް ކަމަށް ވަނީނަމަ، ކަށުނަމާދުގައި އިމާމުމީހާ ހުންނާނީ، މައްޔިތާގެ ބޯކޮޅުގަ އެވެ.

މައްޔިތާ އަކީ އަންހެނެއް ކަމަށް ވަނީނަމަ، އިމާމުމީހާ ހުންނާނީ، މައްޔިތާގެ ހަށިގަނޑުގެ މެދާ ދިމާވާ ގޮތަށެވެ.

މައްޔިތާގެ ބޯކޮޅު އޮންނަންވާނީ އިމާމުމީހާގެ ކަނާތްފަރާތުގަ އެވެ. ފައިކޮޅު އޮންނަންވާނީ ވާތްފަރާތުގަ އެވެ.

ސުންނަތްވެގެންވަނީ، މައުމޫމުންނަށްވުރެ ކުރީގައި އިމާމުމީހާ ހުރުމެވެ. ނަމަވެސް މައުމޫމުން ތިބޭނެ ޖާގަ ނެތްކަމަށްވަނީނަމަ، އިމާމުމީހާގެ ކަނާތްފަރާތާއި ވާތްފަރާތުގައި ވެސް މައުމޫމުންނަށް ތިބެވިދާނެ އެވެ.

ތަކުބީރު ކިޔާ ކޮންމެ ފަހަރަކު ދެއަތް ދެކޮނޑާ ހަމައަށް އުފުލައިލުން ސުންނަތްވެގެންވެ އެވެ.

އިމާމުމީހާ ހަތަރު ފަހަރު ތަކުބީރު ކިޔަންވާނެ އެވެ. ތަކުބީރު ކިއުމަކީ (الله أكبر) މިހެން ކިއުމެވެ.

ފުރަތަމަ ތަކުބީރަށްފަހު ކިޔަންޖެހޭ ތަކެތި ތިރީގައި މިވަނީ އެވެ.

أعوذ بالله من الشيطان الرجيم
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
الرَّحْمَنِ الرَّحِيمِ
مَالِكِ يَوْمِ الدِّينِ
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
اهدِنَا الصِّرَاطَ الْمُسْتَقِيمَ
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ

ދެވަނަ ތަކުބީރަށްފަހު، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވާނީ އެވެ.

(اللّهمَّ صل على محمدٍ وعَلَى آلِ محمدٍ كما صليتَ على إِبراهيمَ وعلى آلِ إبراهيمَ إنكَ حَميدٌ مَجيد، اللّهمَّ بارك على محمدٍ وعلى آلِ محمدٍ كما باركتَ على إِبراهيم وعلى آلِ إبراهيمَ إِنَّكَ حَميدٌ مَجيد)

ޞަލަވާތް ކިޔަވާނެ އެންމެ ކުރު ގޮތަކީ (اللهم صلِّ على محمد) މިއެވެ.

ތިންވަނަ ތަކުބީރަށްފަހު، މައްޔިތާގެ މައްޗަށް ހެޔޮދުޢާ ކުރާނީ އެވެ.

(اللهمَّ اغْفِرْ لَهُ وَارْحَمْهُ وَعافِهِ وَاعْفِ عَنْهُ، وَأَكْرِمْ نَزْلَهُ وَوَسِّعْ مَدْخَلَهُ وَاغْسِلْهُ بالماءِ والثلج وَالبَرَدِ، وَنَقِّهِ مِنَ الخطايا كما نَقَّيْتَ الثَّوْبَ الأبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ داراً خَيراً من دارِه وَأَهْلاً خَيْراً مِنْ أَهْلِهِ، وَزَوْجَةَ خَيْراً مِنْ زَوْجِهِ، وَأَدْخِلْهُ الجَنَّةَ وَنَجِّهِ مِنَ النّارِ، وَقِه عَذابَ القَبْرِ)

މިނޫން ދުޢާތައް ވެސް ވާރިދުވެފައިވެ އެވެ.

ހަތަރުވަނަ ތަކުބީރަށްފަހު، އަންނަނިވި ދުޢާ ކިޔާނީ އެވެ.

(اللَّهُمَّ لاَ تَحْرِمْنَا أَجْرَهُ، وَلاَ تَفْتِنَّا بَعْدَهُ)

ދެން ކުޑަ ހިނދުކޮޅަކު ހަމަހިމޭނުން ހުރުމަށްފަހު ސަލާމްދޭނީ އެވެ.