ފޮށާގެ އަސްލާއި ވަސްލު
ދިވެހި ސަގާފަތުގައި އެތައް ބާވަތެއްގެ ފޮށާތައް ވެ
އެވެ. އޭގެތެރޭގައި، ހޮޅިފޮށާ، ނަމާދުފޮށާ، ބަންގާޅުފޮށާ،
ކަތީބުފޮށާ، ކުޑަފޮށާ، އަތްދުއްލިފޮށާ، މަރުފޮށާ،
ފަތުކެއްކިފޮށާ، ފަގުޑިފޮށާ، ދެލިފޮށާ ފަދަ އެތައް
ފޮށާތަކެއް ހިމެނެ އެވެ. އަދި ފޮށަޔާ ގުޅުންހުރި މިނޫން
އެތައް ލަފުޒުތަކެއް ވެސް ދިވެހި ބަހުގައި ހިމެނެ އެވެ.
ދިވެހި ބަސްފޮތުގައި، "ފޮށާ" ގެ މާނަ ކަމަށް ލިޔެފައިވަނީ
"ފިރިހެނުން އުނު އަނުމަށާއި، ބޮލުގައި އެޅުމަށާއި،
އުނަގަނޑުގައި ބަނުމަށް ބޭނުންކުރާ ހުދު ފޮތިގަނޑެއް"
މިހެންނެވެ. އެހެންކަމާއެކު ވެސް ޢައުރަ ނިވާކުރުމަށް
ބޭނުންކުރާ ބަހެއް ފޮށައިން ހެދިފައި ވާކަމަކަށް ދިވެހި
ބަސްފޮތުގައި ނުވެ އެވެ. މިދަންނަވަނީ، "ފޮށާއަނުން" ފަދަ
ބަހެއް ނެތް ވާހަކައެވެ. އެކަމަކު، ޢައުރަ ކަޝްވުމަށާއި،
ބޭޒާރުވުން ފަދަ ކަންތައްތަކަށް، ފޮށައިން އުފެދިފައިވާ
ބަސްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި، ފޮށާނެގުން،
ފޮށާގަނޑުބޭލުން، ބޮލާފޮށާއެޅުން ފަދަ ބަސްތައް ހިމެނެ
އެވެ.
މި ލިޔުމުގައި އަލިއަޅުވާލާނީ، "ފޮށާ" ގެ
އަސްލާއި ވަސްލުގެ މައްޗަށެވެ. އޭގެ ޒާތުގެ އަޞްލާއި، އޭގެ
ނަމުގެ ބަހަވީ އަސްލާއި، ދިވެހި ސަގާފަތަށް އެ ފޯރާފައިވާ
ގޮތުގެ މައްޗަށެވެ. އެހެނަސް، އޭގެ ކުރިން އަސްލާއި
ވަސްލުގެ މާނައަށް ބަލައިލާނަމެވެ.
"އަސްލު" ގެ
މާނަ ކަމަށް ދިވެހި ބަސްފޮތުގައި ވަނީ، "އެއްޗެއް ނުވަތަ
ކަމެއް އުފެދުމުގެ މައިގަނޑު" އެވެ. ދިވެހި ބަސްފޮތުގައި
"ވަސްލު" ގެ މާނައެއް ނެތެވެ. "ވަޞްލު" ގެ އަޞްލަކީ،
"އަސްލު" ގެ ވެސް އަޞްލު ކަމުގައިވާ ޢަރަބި ބަހެވެ. ޢަރަބި
ބަހުގައި "ވަޞްލު" (وَصْلُ) އަކީ، "ވަޞަލަ" (وَصَلَ) ގެ
މަޞްދަރެވެ. "ވަޞަލަ" (وَصَلَ) ގެ މާނައަކީ،
"ވާޞިލުވެއްޖެ" އެވެ. އެހެންވީމާ، "ވަޞްލު" (وَصْلُ) ގެ
މާނައަކީ، "ވާޞިލުވުން" ކަމަށް ދިވެހިބަހަށް
ތަރުޖަމާކުރެވިދާނެ އެވެ. އަދި (أصل) އަޞްލުން "އަސްލު"
އުފެދުނު ގޮތަށް، (وَصْلُ) ވަޞްލުން "ވަސްލު" އުފައްދައި
އޭގެ މާނައަކީ، ދިވެހި ބަސްފޮތުގައިވާ "ވާޞިލުވުން" ކަމަށް
ވެސް ކަނޑައެޅިދާނެ އެވެ. ވާޞިލުވުމުގެ މާނައަކީ،
ރައްދުވުމާއި، ފޯރުމެވެ.
ބައެއް ތާރީޚީ
މަޞްދަރުތަކުން އެނގޭ ގޮތުގައި، ފޮށަޔަކީ، ޔަމަނުކަރައިގެ
އިހުގެ ފޭރާމުގައި ހިމެނޭ އެއްޗެކެވެ. ޔަމަނުކަރައިން ފޮށާ
ދިވެހިރާއްޖެއަށް ވާސިލުވުމުގެ ކުރިން، އެ
ވާސިލުވެފައިވަނީ، ބަންގާޅަށެވެ. ބަންގާޅުން އިންޑިއާގެ
ބައްރުގެ އެކި ސަރަހައްދުތަކަށް ފެތުރުނެވެ.
ޔަމަނުކަރައިގެ ފޮށާ، ދިވެހިރާއްޖެއަށް އައިސްފައިވާ
ކަމަށް ބެލެވޭ ދެ މަގެއް ވެ އެވެ. އެއް މަގަކީ، އިންޑިއާގެ
ބައްރުން ދިވެހިރާއްޖެއަށް ފޯރުމުގެ މަގެވެ. އަނެއް
މަގަކީ، ޔަމަނުކަރައިގެ ފޮށާ، އަސޭކަރައަށް ދިޔަ
މަގުމަތީގައި ދިވެހިރާއްޖެއަށް ފޯރުމުގެ މަގެވެ. މި ދެ
މަގުންކުރެ، ދެވަނަ މަގު ޞައްޙަވެއްޖެނަމަ، ދިވެހިންނަށް
ފޮށާ ލިބިފައިވާނީ، ސީދާ ޔަމަނުކަރައިގެ އަހުލުވެރިންގެ
އަތުންނެވެ. އެހެނީ، އާންމު ގޮތެއްގައި އަސޭކަރައަށް
ދެވޭނީ، ދިވެހިރާއްޖެ ހުރަސްކޮށްފަ އެވެ.
ޔަމަނުކަރައިގެ ފޮށާގެ އެންމެ މުހިންމު މީޒާއަކީ، އެއީ
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ
އިޒާރުކޮޅުގެ ނަކަލެއް ކަމުގައި ވީކަމެވެ. ޔަމަނުކަރައިގެ
މީހުން، އިތުރުއެކަލޭގެފާނުގެ އިޒާރުކޮޅުގެ ނަކަލު،
އެމީހުންގެ ފިރިހެނުންގެ ފޭރާމުގެ އެންމެ މުހިންމު ބައި
ކަމުގައި ހެދި އެވެ. އެއަށް އެމީހުން އިންތިހާ ދަރަޖައަށް
ލޯބިކުރި އެވެ. އަދި އެއަށްޓަކައި އެމީހުން ފަޚުރުވެރިވި
އެވެ. މިކަމުގެ ސިއްރަކީ، ރަޙުމަތުގެ ނަބިއްޔާ ޞައްލަ ﷲ
ޢަލައިހި ވަސައްލަމައަށް އެމީހުންގެ ހިތްތަކުގައި ނުހަނު
މަތިވެރި މަޤާމެއް ދިން ކަމެވެ. އިތުރުއެކަލޭގެފާނުގެ
ސުލާލަތުން، އެމީހުންގެ ގާތަށް ވަޑައިގެންނެވި ބޭކަލުންގެ
ދަރިފަސްކޮޅުތަކާ އެކު އެމުނިއެކުލެވިގެން އެމީހުން
ދިރިއުޅުނު ކަމެވެ.
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަގެ އިޒާރުކޮޅޭ ދެންނެވުމުން، އިޒާރަކީ،
ފޮށާ ނޫން އެހެން އެއްޗެއް ކަމުގައި ނުހިއްތެވުން
އެދެމެވެ. އިތުރުއެކަލޭގެފާނު ތުރުކުރައްވާނީ
އިޒާރުކޮޅެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު އަންނާނީ
ފޮށާއެވެ. މިހެން ދެންނެވުމުން ކިޔަވާކުދިންނަށް ވެސް
ދޭހަވާނެ ކަމަށް އުންމީދުކުރަމެވެ. އިޒާރުކޮޅަކީ، ދިވެހި
ބަސްފޮތުގައި ނެތް ބަހެކެވެ. އެހެންކަމުން، ބަސްފޮތަށް
"އިޒާރުކޮޅު" އިތުރުކޮށް، އޭގެ މާނައަކީ، ކީރިތި މާތް
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅުގެ
ފޫޅުފުޅުން ތިރީ ފޭރާންކޮޅުކަން ދޭހަވާނެ ޢިބާރާތެއް
ލިޔެލެވިދާނެ އެވެ. ބަސްފޮތަށް "އިޒާރުކޮޅު"
އިތުރުނުކުރަންވީ ސަބަބެއް އޮތް ކަމަކަށް ނުފެނެ އެވެ.
މިހާރުވެސް ބަސްފޮތުގައި "ރިދާ" އާއި އޭގެ މާނަ
ހިމެނިފައިވާތީ އެވެ. ދިވެހި ބަހުން ބުނެވޭނީ،
"އިތުރުއެކަލޭގެފާނު ރިދާކޮޅު ތުރުކުރެއްވި" ކަމަށެވެ.
ބަހަވީ ނަޒަރަކުން ބަލާއިރު، "ފޮށާ" ގެ އަޞްލަކީ،
ޢަރަބި ބަސްކަން ވަރަށް ސާފުކޮށް އެނގެ އެވެ. އެހެނީ
"ފޮށާ" އަކީ، ޢަރަބި ބަހުގެ "ފޫޠާ" (فُوطَة) އިން
އުފެދިފައިވާ ލަފުޒެކެވެ. "ފޫޠާ" އަށް ބަދަލު އައިސް
"ފޮށާ" އަށް ފުރޮޅިގެންދިޔައިރު، މި ދެ ލަފުޒުގެ
ދެމެދުގައި އެހެން ލަފުޒުތައް އުފެދިފައިވާނެ ކަމަށް
ބެލެވެ އެވެ. އެއިން ލަފުޒެއްގެ ގޮތުގައި ފާހަގަކުރެވޭ
އެއް ލަފުޒަކީ، ހުވަދޫ ބަހުގެ "ފޮޓެޔާ" އެވެ. "ފޮށާ" ގެ
ށަވިޔަނީގެ ބަދަލުގައި ޓަވިޔަންޏެއް އޮތް ޒަމާނެއް
ފާއިތުވެފައިވާނެ ކަމަށް ބެލެވެ އެވެ. ޢަރަބި ބަހުގެ ޠާގެ
އަޑާ އެންމެ ކާރިކުރާ އެއް އަޑަކީ، ޓަވިޔަނީގެ އަޑު
ކަމުގައި ވާތީ އެވެ.
ޒަމާނުގެ ދުވަސްތަކާއެކު،
ޔަމަނުކަރައިގެ ފޮށާ، އިންޑިއާގެ ބައްރުގައި
ތަރައްޤީވެފައިވާކަމީ، ތާރީޚީ ގޮތުން ސާބިތުވާ
ޙަޤީޤަތެކެވެ. އަދި އެ ބައްރުގައި އެ ފޮށާ އުފައްދައި،
އަލުން ޢަރަބި ކަރައަށް ބޭރުކުރެވުނުކަން ވެސް އެނގެ އެވެ.
މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، ބައެއް ޢަރަބި
ބަސްފޮތްތަކުގައި "ފޫޠާ" ގެ މާނަ ބަޔާންކޮށްފައިވާ ގޮތެވެ.
މިސާލަކަށް، އަލްމުޢުޖަމުލްވަސީޠު (المعجم الوسيط) އެވެ،
ކިޔާ ބަސްފޮތެވެ. އެ ބަސްފޮތުގައި، "ފޫޠާ" (الفُوطَةُ) ގެ
އެތައް މާނަތަކެއް ބަޔާންކޮށްފައި ވެ އެވެ. އެއިން އެއް
މާނައިގެ ތަފުޞީލުގައި ވަނީ، "ފޫޠާ" (الفُوطَةُ) އަކީ،
"ސިންދުކަރައިން (ޢަރަބިކަރައަށް) އެތެރެކުރެވޭ އެއްޗެއް"
ކަމަށެވެ. ބަސްފޮތްތަކުގައި މިހެން ބަޔާންކޮށްފައިވާތީ،
މިޒަމާނުގެ ބައެއް ޢަރަބީން ހީކުރަނީ، "ފޫޠާ" (الفُوطَةُ)
ގެ އަޞްލަކީ، އިންޑިޔާގެ ބައްރުގެ އިހުގެ ފޭރާން ކަމަށެވެ.
ނަމަވެސް އެއީ ކުށްހީއެކެވެ. ސިންދު (السِّنْدُ) އެވެ،
ކިޔަނީ އިންޑިޔާގެ ބައްރުގެ ހުޅަނގު އުތުރު ބިތަށެވެ.
މިހާރު އެ ސަރަޙައްދުގެ ބޮޑު ބައިގައި ހިމެނެނީ
ޕާކިސްތާނެވެ.
ޔަމަނުކަރައިން ފޮށާ ދަތުރުކުރި
އެހެން ސަގާފަތުތަކުގައި ކަން ހިނގި ގޮތަށް ދިވެހި
ސަގާފަތުގައި ވެސް ވަނީ ކަން ހިނގާފަ އެވެ. އާދޭހެވެ.
ޒަމާނުގެ ދުވަސްތަކާއެކު އެއަށް ބަދަލުތަކެއް
އަންނަމުންދިޔަ އެވެ. އެއިން އިތުރު ފޮށާތައް އުފެދިފައި
ވެ އެވެ. އެއީ ހަމައެކަނި ފޫޅުންތިރި ނިވާކުރާ އެއްޗެއްގެ
ގޮތުގައި އޮތުމުގެ ބަދަލުގައި، ހަށިގަނޑުގެ އެކިބައިތަކަށް
އެކިވަރުގެ ފޮށާތައް ވެސް އެއިން އުފަންވި އެވެ. އެކި
ކަންކަމަށާއި، އެކި މަޤާމުތަކަށާއި، އެކި ހާލަތުތަކަށް
ޚާއްޞަ ފޮށާތައް ވެސް އުފެދުނެވެ. އަދި އެއަށް
ރޮނގުރޮނގާއި އަތްދުއް ވެސް އިތުރުވެފައި ވެ އެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު، މުސްލިމު ފިރިހެނުންގެ
ފޭރާމުގައި ހިމެނޭ ފޮށާގެ ޒާތުގެ އަސްލަކީ، ކީރިތި މާތް
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އިޒާރުކޮޅެވެ.
ބަހަވީ ނަޒަރަކުން ބަލާއިރު، ފޮށާގެ ނަމުގެ އަސްލަކީ،
ޢަރަބި ބަހުގެ "ފޫޠާ" (الفُوطَةُ) އެވެ. އޭގެ ވަސްލަށް
ބަލާއިރު، އެއީ ޔަމަނުކަރައިން ދިވެހިރާއްޖެއަށް
ވާޞިލުވެފައިވާ އެއްޗެއްކަން އެނގެ އެވެ. ދިވެހިބަހުގައިވާ
އޭގެ ނަންތަކަށް ބަލާއިރު، ބައެއް އަވަށްޓެރި ޤައުމުތަކުން
ވެސް ދިވެހިރާއްޖެއަށް ފޮށާ އެތެރެކުރެވިފައިވާކަން އެނގެ
އެވެ. ދިވެހި އިސްލާމީ ފިރިހެން ހެދުމެއް ފަރުމާކުރާއިރު،
އެއަށް ކޮންމެވެސް ސިފައެއްގައި ފޮށައެއް
އިތުރުކޮށްލުމަކީ، އޭގެ މާނަވީ އަގު ވަރަށް ބޮޑަށް
އިތުރުވެގެންދާނެ ކަމެއްކަން ކަށަވަރެވެ. އަދި ދިވެހި
ސަގާފަތުގައިވާ ފޮށާތަކުގެ ތެރެއަށް އިތުރު ފޮށާތައް
އުފަންކުރުމަކީ ވެސް ފޭރާން ފަރުމާކުރައްވާ ފަރާތްތަކަށް
ކުރެއްވިދާނެ އަގުހުރި ސަގާފީ ކަމެކެވެ.