ސައްޤާފު ވަންހައިގެ މަތިފުށަށް ނަޒަރެއް
ޔަމަނުކަރައިގެ ސައްޤާފު ވަންހައަކީ، ދިވެހިންނާއި،
ދިވެހި ތާރީޚާ ގުޅިފައިވާ މުހިންމު ވަންހައެކެވެ. އެ
ވަންހައިގެ ބާނީއަކީ، އަލްޙަބީބު ޢަބްދުއްރަޙްމާނުއް
ސައްޤާފު (الحبيب عبدالرحمن السقاف) އެވެ. އެކަލޭގެފާނަށް
"ސައްޤާފު" ގެ ލަޤަބު ދެވުނީ، އެޒަމާނުގައި ހުންނެވި
އެންމެ ބޮޑު ޢިލްމުވެރިޔާ ކަމުގައި ވީތީ އެވެ. ނުވަތަ
އެކަލޭގެފާނަކީ، އެޒަމާނުގައި ނުހަނު ފުންނާބުއުސް
ޢިލްމުވެރިއެއް ކަމުގައި ވީތީ އެވެ. އެކަލޭގެފާނަށް ބާރަ
ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ:
1. އަޙްމަދު
(أحمد)
2. މުޙައްމަދު (محمد)
3. އަބޫބަކުރު (أبوبكر)
4. ޢުމަރު (عمر)
5. ޢަލީ (علي)
6. ޙަސަން (حسن)
7. ޢަޤީލު (عقيل)
8. ޖަޢުފަރު (جعفر)
9. ޝައިޚު
(شيخ)
10. ޢަލަވީ (علوي)
11. ޢަބްދުﷲ (عبدالله)
12. އިބްރާހީމު (ابراهيم)
މި ބާރަ ބޭފުޅުންގެ
ތެރެއިން ބައެއް ބޭފުޅުންގެ ދަރިކޮޅުގެ އަހުލުވެރިން،
ސައްޤާފު ވަންހައިގެ ގޮތުގައި މަޝްހޫރުވެފައި ވެއެވެ. އަދި
އެހެން ފަރުޢީ ނަންނަމުން ވެސް މަޝްހޫރުވެފައި ވެ އެވެ.
ކޮންމެ ނަމަކުން މަޝްހޫރުވެ، ކޮންމެ ލަޤަބެއް ދެވިފައި
ވިޔަސް މިއިން ކޮންމެ ބޭކަލެއްގެ ދަރިކޮޅުމެ އައިސްފައި
ވަނީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަގެ އަހުލުބައިތުންގެ މާތް ސުލާލަތުންނެވެ.
އެހެނީ، މި ބޭފުޅުންގެ ބައްޕާފުޅު، އަލްޙަބީބު
ޢަބްދުއްރަޙްމާނުއް ސައްޤާފު (الحبيب عبدالرحمن السقاف)
އަކީ، ޢައްސައްޔިދު އަޙްމަދުލް މުހާޖިރުގެ ދަރިކޮޅުން
ވަޑައިގެންނެވި ބޭކަލެކެވެ. ތިރީގައި މިވަނީ، މި ދެ
ބޭކަލުންގެ ދެމެދުގައިވާ ނަސަބުގެ ސިލްސިލާ އެވެ.
ޢަބްދުއްރަޙްމާނުއް ސައްޤާފަކީ:
އަޙްމަދުލް
މުހާޖިރު (أحمد المهاجر) ގެ ދަރިކަލުން،
ޢުބައިދުﷲ
(عبيد الله) ގެ ދަރިކަލުން،
ޢަލަވީ (علوي) ގެ
ދަރިކަލުން،
މުޙައްމަދު (محمد) ގެ ދަރިކަލުން،
ޢަލަވީ (علوي) ގެ ދަރިކަލުން،
ޢަލީ (علي) ގެ
ދަރިކަލުން،
މުޙައްމަދު (محمد) ގެ ދަރިކަލުން،
ޢަލީ
(علي) ގެ ދަރިކަލުން،
މުޙައްމަދު (محمد) ގެ ދަރިކަލުން،
ޢަލަވީ (علوي) ގެ ދަރިކަލުން،
މުޙައްމަދު (محمد) ގެ
ދަރިކަލުން،
ޢަބްދުއްރަޙްމާނުއް ސައްޤާފު (عبدالرحمن
السقاف) އެވެ.
އަޙްމަދުލް މުހާޖިރު (أحمد المهاجر)
އަކީ، އަހުލުބައިތުންގެ މާތް ސުލާލަތުން، ޔަމަނުކަރައަށް
ހިޖުރަކުރެއްވި މާތް ބޭކަލެކެވެ. އެކަލޭގެފާނަށް
"އަލްމުހާޖިރު" ގެ ލަޤަބު ދެވުނީ ވެސް އެ ހިޖުރައަށްޓަކަ
އެވެ. ތިރީގައި މިވަނީ، އެކަލޭގެފާނާއި، ކީރިތި މާތް
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާ ދެމެދުގައިވާ
ނަސަބުގެ ސިލްސިލާ އެވެ.
އަޙްމަދުލް މުހާޖިރު (أحمد
المهاجر) އަކީ:
ކީރިތި މާތް ނަބިއްޔާ މުޙައްމަދު
(محمد) ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން،
ފާޠިމަތުގެފާނު (فاطمه الزهراء) ގެ ދަރިކަލުން،
ޙުސައިނުގެފާނު (الحسين) ގެ ދަރިކަލުން،
ޢަލީ ޒައިނުލް
ޢާބިދީން (علي زين العابدين) ގެ ދަރިކަލުން،
މުޙައްމަދުލް ބާޤިރު (محمد الباقر) ގެ ދަރިކަލުން،
ޖަޢުފަރުއްޞާދިޤު (جعفر الصادق) ގެ ދަރިކަލުން،
ޢަލީ
އަލްޢުރައިޟީ (علي العريضي) ގެ ދަރިކަލުން،
މުޙައްމަދު
(محمد) ގެ ދަރިކަލުން،
ޢީސާ އައްނަޤީބު (عيسى النقيب)
ގެ ދަރިކަލުން،
އަޙްމަދުލް މުހާޖިރު (أحمد المهاجر)
އެވެ.
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި،
ސައްޤާފު ވަންހައިގެ ގޮތްޕެއް ނުވަތަ ގޮފިތަކެއް،
ދިވެހިރާއްޖެއަށް އައިސްފައި ވެ އެވެ. އެ ގޮފިތަކުގެ
ސަބަބުން ދިވެހިރާއްޖޭގައި ވެސް ވަނީ، އަހުލުބައިތުންގެ
މާތް ސުލާލަތާ ގުޅިފައިވާ ދަރިކޮޅުތައް އުފެދިފަ އެވެ.
ސައްޤާފު ވަންހަ ދިރާސާކުރުން ދިވެހި ތާރީޚަށް މުހިންމު
ވަނީ މި ސަބަބަށްޓަކަ އެވެ. ނަސަބުނާމާތައް ލިޔެގެން
ބެލެހެއްޓިފައި ނުވާނަމަ، މިރާއްޖޭގައިވާ
ސައްޤާފުވަންހައިގެ ގޮފި، އަލްޙަބީބު ޢަބްދުއްރަޙްމާނު
އައްސައްޤާފު (الحبيب عبدالرحمن السقاف) އާ ހަމައަށް
ވާޞިލުކޮށްދޭ ނަސަބުގެ ސިލްސިލާ ނޭނގިދާނެ އެވެ. އެހެނަސް
އެއީ، އެ ގޮފީގެ އަހުލުން، އަހުލުބައިތުންގެ މާތް
ސުލާލަތަށް ނިސްބަތް ނުވާ ކަމުގައި ދެއްކޭނެ ޙުއްޖަތެއް
ނޫނެވެ.
ނަސަބުގެ ސިލްސިލާތައް ދިރާސާކުރާއިރު،
ފާހަގަކުރެވޭ މުހިންމު އެއް ނުކުތާއަކީ، އައްސައްޔިދު
ޔަޙުޔާ (ނަޤީބުލް ބަޞްރާ) ގެ ދަރިކޮޅުގެ އަހުލުވެރިން
ޔަމަނުކަރައަށް ހިޖުރަކޮށްފައި ވާ ކަމެވެ.
ޔަމަނުކަރައިގައި، އެ ދަރިކޮޅުގެ އަހުލުވެރިންނާއި،
ސައްޤާފު ވަންހައިގެ އަހުލުވެރިން ކާވެނީގެ ގޮތުން ގުޅި،
އެ ދެ ދަރިކޮޅަށް ނިސްބަތްވާ ޢާއިލާތައް އުފެދިފައިވާނެ
ކަމުގެ އިޝާރާތްތައް އެބަހުއްޓެވެ. ލިޔެވިފައިވާ ނަސަބުގެ
ސިލްސިލާތަކަށް ބަލާއިރު، އެފަދަ ޢާއިލާއެއްގެ ސައްޔިދު
ބޭކަލަކު ދިވެހިރާއްޖެއަށް ވަޑައިގެންފައިވާ ކަމަށާއި،
އެކަލޭގެފާނުގެ ނަސްލު ދިވެހިރާއްޖޭގައި އެބައޮތްކަން
ވަރަށް ސާފުކޮށް އެނގެ އެވެ.
ކީރިތި ނަބިއްޔާ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި ވެ އެވެ.
(كُلُّ حَسَبٍ وَنَسَبٍ مُنْقَطِعٌ يَوْمَ
الْقِيَامَةِ إِلا حَسَبِي وَنَسَبِي)
ރިވާކުރެއްވީ:
އަލްބައިހަޤީ.
މާނައީ، "ތިމަންކަލޭގެފާނުގެ
ޙަސަބާއި ނަސަބު ފިޔަވައި، (އެހެން) ކޮންމެ ޙަސަބަކާއި
ނަސަބެއް ވަނީ ޤިޔާމަތް ދުވަހު މެދުކެނޑިފައެވެ."
މާތް ﷲ، އަހުލުބައިތުންގެ މާތް ސުލާލަތުން ވަޑައިގެންނެވި
އެންމެހައި ބޭކަލުންނާއި، ބޭކަނބަލުންނަށް ދެދުނިޔޭގެ
ބާއްޖަވެރިކަން މިންވަރުކުރައްވާށި އެވެ! އާމީން!