"އޫނާ" ގެ މާނަ
ސުވާލު:
"އޫނާ" ގެ މާނައަކީ، ކޮބައިތޯ އެވެ؟
އެއީ، ޢަރަބި ބަހުގެ ނަމެއްތޯ އެވެ؟
ޖަވާބު:
"އޫނާ" އަކީ، ޢަރަބި ނަމެއްތޯ ނުވަތަ ނޫންތޯ
ބެލުމަށްޓަކައި، ޢަރަބި އަކުރުން "އޫނާ" ލިޔެވޭނެ
ގޮތްތަކަށް ބަލާލަންޖެހެ އެވެ. ޢަރަބި އަކުރުން އޫނާ
ލިޔެވޭނެ ގޮތްތަކަކީ:
أونا: މިއީ، ޢަރަބި ބަހުގެ
ނަމެއް ނޫނެވެ.
أُوْنَة: މިއީ ވެސް ޢަރަބި ބަހުގެ
ނަމެއް ނޫނެވެ.
ޢަރަބި ބަހުގައި، أُوْنَا އާއި
أُوْنَة އާ އެންމެ ގާތްކުރާ އެއް ލަފުޒަކީ، "އޫނު"
(الأُونُ) އެވެ. "އޫނު" ނުވަތަ "އަލްއޫނު" ގެ މާނަތަކުގެ
ތެރޭގައި:
"މިހިނދު" އާއި،
"ޖަމަލުގެ
މަތީގައި އުފުލާއެއްޗެހީގެ ތެރެއިން އެއްފަރާތުގައިވާ
އެއްޗެހި" އާއި،
"އެއްޗެހި އަޅާފައިވާ ބޮޑެތި
ކޮތަޅު ނުވަތަ ގޯނި" އާއި،
"ޖަނަވާރުގެ
ބުރިކަށިމަތީގައި އެއްޗެހި އުފުލަން ހަދާފައިވާ ކޮތަޅުގެ
އެއްފަރާތް" އާއި،
"އުނަގަނޑުގެ އެއްފަރާތު
އަރިމަތި" ހިމެނެ އެވެ.
"އޫނާ" އަކީ، ޢަރަބި ބަހުގެ
ނަމެއް ނޫނެވެ. އެކަމަކު، "އޫނާ" (Oona) އަކީ، ހުޅަނގުގެ
ގައުމުތަކުގައި އަންހެން ކުދިންނަށް ކިޔާ ނަމެކެވެ. އެ
ނަން ނިސްބަތްވަނީ، އަޔަލެންޑް (Irish) ސަގާފަތާއި،
ފިންލެންޑް (Finnish) ސަގާފަތަށެވެ. އެ ދެ ސަގާފަތުގައި،
އެއް ގޮތަށްވުރެ ގިނަ ގޮތްގޮތަށް "އޫނާ" ލިޔެ އެވެ.
"އޫނާ" (Oona) ގެ މާނައަކީ، "އެކެއް" އެވެ.
މާނައިގެ ގޮތުން ބަލާއިރު، "އޫނާ" (Oona) އާ އެންމެ
ގާތްކުރާ ޢަރަބި ބަހުގެ އަންހެން ނަމަކީ، "ވާޙިދާ" (واحدة)
އެވެ. ފިރިހެން ނަމަކީ، "ވާޙިދު" (واحد) އެވެ. މާނައަކީ،
"އެކެއް" އެވެ.
"އޫނާ" (Oona) އަކީ، ޢަރަބި
ޤައުމުތަކުގައި މުސްލިމުންގެ ދަރިންނަށް އާންމުކޮށް
ކިޔައިއުޅޭ ނަމެއް ނޫނެވެ. އަދި އެއީ، އެހެނިހެން
މުސްލިމުގެ ޤައުމުތަކުގައި ވެސް އާންމުކޮށް ކުދިންނަށް
ކިޔައިއުޅޭ ނަމެއްކަމުގައި ނުވެއެވެ.