ވިޔާނުދާ ކަމެއްގެ ނިމުން


ފިރިމީހާ ވިޔާނުދާ ކަމެއް ކުރަން ފެށިއެވެ. އެއީ ނޭދެވޭ ކަމެއްކަން ބުނެދިނުމަށްޓަކައި އަނބިމީހާ އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް ފިރިމީހާ ގަބޫލެއް ނުކުރިއެވެ. ފިރިމީހާ ގަބޫލުކުރާ ގޮތުގައި އޭނާ ކުރަނީ ވިޔާނުދާ ކަމެއް ނޫނެވެ. ނަމަވެސް އޭނާ އެ ވިޔާނުދާކަމުގެ ތެރެއަށް ދޫކޮށްލާކަށް އަނބިމީހާ ބޭނުމެއް ނުވިއެވެ.

ކަމުގެ ކުރީކޮޅުގައި، އެއީ ވިޔާނުދާ ކަމެއްކަން އަނބިމީހާ ބުނެދޭން މަސައްކަތްކުރީ ނުސީދާކޮށްނެވެ. އެގޮތް ކާމިޔާބުނުވުމުން، ދެން ބުނެދޭން މަސައްކަތްކުރީ ޞަރީޙަ ބަހުންނެވެ.

އަނބިމީހާ: "ތިބާ ތިކުރަނީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. ތިޔައީ، ވަރަށް ވިޔާނުދާ ކަމެކެވެ."

ފިރިމީހާ: (ހީނލާފައި) "މިއީ، އެހެން މީހުން ވެސް ކުރާ ކަމެކެވެ. މިއީ އެހާ ވިޔާނުދާ ކަމެއް ނޫނެއް ނޫން ހެއްޔެވެ؟"

އަނބިމީހާ: "ނޫނެކެވެ. ތިޔައީ، ވަރަށް ވިޔާނުދާ ކަމެކެވެ. ތިޔަ ކަމުގެ ސަބަބުން ފައިސާއާއި ގެދޮރާއި ޞިއްޙަތު އެބަ ވީރާނާވެއެވެ. އަދި އަނެކުންނަށް ވެސް އެތައް ދުއްތުރާލެއް އެބަވެއެވެ."

މި މޭރުމުން އަނބިމީހާ ދެއްކި އެއްވެސް ވާހަކައެއް ފިރިމީހާ ގަބޫލެއް ނުކުރިއެވެ.

އަނބިމީހާ، ދެން އެހެން ގޮތަކަށް މަސައްކަތްކުރަންފެށިއެވެ.

އަނބިމީހާ: "ވިޔާނުދާކަން ކުރުމަށްޓަކައި ތިބާ ޚަރަދުކުރާ ފައިސާއަކީ، ތިބާގެ އެކަނި އެއްޗެއް ނޫނެވެ. އެއީ މި އާއިލާގައިވާ ތިން މީހުންގެ އެއްޗެކެވެ. ތިބާ ހިތުހުރި ގޮތަކަށް އެކަމަކަށް ޚަރަދުކޮށްގެނެއް ނުވާނެއެވެ."

ފިރިމީހާ: (ހީނލާފައި) "ތިޔަ ކަމަކާ ދެކޮޅެއް ނަހަދަމެވެ."

އަނބިމީހާ: "އެންމެ ރަނގަޅެވެ. މިއަދުން ފެށިގެން، ތިބާ އެކަމަށް ޚަރަދުކުރާ ފައިސާއާ އެއްވަރަށް، ތިބާގެ އަނބިމީހާ އަށާއި ދަރިފުޅަށް ފައިސާ ދޭން ވާނެއެވެ."

ފިރިމީހާ: (ބާރަށް ހީނގެންފައި) "އެކަމަށް ޚަރަދުކުރާ ފައިސާގެ ދެގުނަ ވެސް ދީފާނަމެވެ."

ފިރިމީހާ އެކަމަށް ޚަރަދުކުރަނީ، ދުވާލަކު ސަތޭކަ ރުފިޔާއެވެ. އެދުވަހަށްފަހު، ކޮންމެ ދުވަހަކު ވެސް އެކަމަށް ޚަރަދުކުރާ ފައިސާގެ ދެގުނަ. އަނބިމީހާގެ އަތަށް ދޭންފެށިއެވެ. މަސްދުވަސްވީއިރު، -/6000 ރ. (ހަ ހާސް ރުފިޔާ) އަނބިމީހާ ރައްކާކުރިއެވެ.... އެއް އަހަރު ފާއިތުވިއިރު، -/72000 ރ. (ހަތްދިހަ ދެހާސް ރުފިޔާ) ރައްކާކުރިއެވެ.... ދެ އަހަރު މާޒީވިއިރު، -/144000 ރ. (އެއްލައްކަ ސާޅީސް ހަތަރު ހާސް ރުފިޔާ) ރައްކާކުރިއެވެ.

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ރައްކާކުރެވޭ ފައިސާގެ ޢަދަދު ދިޔައީ އިތުރުވަމުންނެވެ. ދެލައްކައަށްވުރެ ގިނަ ފައިސާ ރައްކާކުރެވުމުން، އެއްދުވަހަކު އަނބިމީހާ ފައިސާތަކެއް ހިފައިގެން އައިސް ފިރިމީހާގެ ކުރިމަތީގައި އިށީނެވެ. ދެން ސަތޭކަ ރުފިޔާގެ ނޫޓަކުން ގޮއްޓެއް ހެދުމަށްފަހު، އޭގައި އަލިފާން ރޯކޮށްލިއެވެ. މި މަންޒަރު ފެނުމުން ފިރިމީހާ އިންތިހާ ދަރަޖައަށް ރުޅިގަދަވިއެވެ. ވަގުތުން އެކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށް އަޑުލާންފެށިއެވެ.

ނުހަނު ހަމަހިމޭންކަމާއެކު އަނބިމީހާ ބުންޏެވެ. "ރުޅި ފަސްކޮށް، ބުއްދި އިސްކުރާށެވެ! ފިރިހެނުންނަކީ ބުއްދިވެރި ބާރުގަދަ ބަޔެއްކަން ހަނދާންކުރާށެވެ! އަނބިމީހާއާ ދިމާއަށް އަޑުލައިހެދުމަކީ، ބުއްދިވެރި ފިރިއަކު ކުރާނޭ ކަމެއް ނޫނެއް ނޫން ހެއްޔެވެ؟"

މިމޭރުމުން އޭނާ ވާހަކަދައްކަން ފެށުމުން، ފިރިމީހާ ހިސާބަކަށް މައިތިރިވެއްޖެއެވެ. އޭނާ އަޑުލައިގަތް އަޑަށް ކޮޓަރި ތެރޭގައި ނިދާފައި އޮތް ތުއްތު ދަރިފުޅަށް ހޭލެވުނެވެ. އެއީ ވާހަކަދައްކަން ދަސްވެގެން އެންމެ މަޖާކޮށް އަނގަތަޅާ އުމުރުގެ ވަރަށް މަޖާ ކުއްޖެކެވެ. ދެ ލޯ އުނގުޅަމުން ނިދިފިލުވަމުން، އޭނާ ފެންޑާތެރެއަށް ނިކުތްއިރު، ކަމަކުދާކަށް ނެތެވެ! ބައްޕައާ މަންމައާ ދެމީހުން ހަމަހަމަވެ ނިމިއްޖެއެވެ. އެ ދެ މީހުންގެ ކިބައިން އޭނާއަށް ފާހަގަކުރެވިފައިވާ ފަރަގަކީ އެންމެ ކަމެކެވެ. މަންމަވެސް އެކަން ކުރާތަން މިއަދު ލޮލަށްފެނި އަތުން ހިފުނީއެވެ!

ތުއްތު ދަރިފުޅު އެއްފަހަރު ބައްޕަގެ މޫނަށް ބަލާލިއެވެ. އަނެއް ފަހަރު މަންމަގެ މޫނަށް ބަލާލި އެވެ. ދެތިން ފަހަރަކު އެކަން ތަކުރާރުކުރުމުން، އޭނާއަށް ފެންނަނީ ހުވަފެނެއް ނޫންކަން ކަށަވަރުވިއެވެ. ދެން ނުހަނު މަޢުޞޫމުކަމާއެކު އޭނާގެ މަންމައާ މުޚާޠަބުކުރަމުން ބުންޏެވެ.

"ބައްޕަ ބޯގޮތަށް މަންމަވެސް ބޮނީ ދޯ!
މަންމަ ބުނީމެއްނު މަންމައެއް ނުބޮމޭ!
ކޮއްކޮ ވެސް ބޯން ފަށަންވީ ދޯ!!!"

ދަރިފުޅުގެ މިހެން ބުނިއަޑު އިވުމުން، ފިރިމީހާއަށް އާދަޔާ ޚިލާފު ސިހުމެއް ލިބުނެވެ. ބޭޤަރާރުވެފައި ހުރުމަށްފަހު، އޭނާ މުޅިން އާ ދުނިޔެއަކަށް އޭނާ ހޭލެވުނު ކަހަލައެވެ. އެހިނދު ބޭއިޚުތިޔާރުގައި އޭނާގެ ދުލުން ބުނެލެވުނެވެ.

"ނޫނެކެވެ. މިހާރަކު ބައްޕައެއް ނުބޮމެވެ. ބައްޕަ މިހާރު އެކަންތައް ހުއްޓާލައިފީމެވެ. ދެން ދުވަހަކު ވެސް ނުބޯނަމެވެ!"

އެހިނދު ދަރިފުޅުގެ ގައިގައި އޮޅުލައިގެންފައި މަންމަ ބުންޏެވެ.

"ދަރިފުޅާއެވެ. މަންމަ ބޮނީއެއް ނޫނެވެ. ކަތުރުފަނި ކައިފައި އޮތް ރުފިޔާއެއް މަންމަ އަންދާލީއެވެ. މަންމަ ނުބޯކަން ދަރިފުޅަށް ވެސް އެނގެއެއް ނޫންހެއްޔެވެ؟ އެކަހަލަ ގޯސް ކަމެއް މަންމަ ނުކުރާނަމެވެ."

މަންމައާމެދު ދަރިފުޅުގެ އިތުބާރު އާކޮށްދީ، މަންމަ އެއްޗެއް ނުބޯކަން ކަށަވަރުކޮށްދިނެވެ. ދަރިފުޅު އެކަން ގަބޫލުކުރިއެވެ. ބައްޕަގެ އަނގައިން ދުވާކަހަލަ ވަހެއް، މަންމަގެ އަނގައިން ނުދުވާތީ ވެސް މެއެވެ.

ދަރިފުޅު ނިންދެވުމަށްފަހު، އެ ދެމަފިރިން ދަރިފުޅު ކަންކުރި ގޮތް މަޖާކަމުން ހީނހީނފައި އެ ވާހަކަ ދެއްކިއެވެ. އަދި އެ ދެމަފިރިންގެ ދެމެދުގައި އުފެދުނު މައްސަލަ ހައްލުކުރުމަށްޓަކައި މަޝްވަރާކުރިއެވެ.

އަނބިމީހާ: "އަހަރެން އުޅުނީ، ދެ މީހުންނަށް ވެސް މިކުރެވެނީ އެއްކަމެއްކަން ބުނެދިނުމަށެވެ."

ފިރިމީހާ: "އަހަރެން އުޅުނީ، ރުފިޔާ އެންދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ބުނެދިނުމަށެވެ."

އަނބިމީހާ: އަހަރެން ވެސް ބުނެދޭން އުޅުނީ އަސްލުގައި ހަމަ ތިޔަ ކަމެވެ. ދެމީހުން ވެސް ކުރަން މިއުޅުނީ ހަމަ އެއްކަމެކެވެ."

ފިރިމީހާ: "ގައިމުވެސް އަހަރެންނަކު ރުފިޔާއެއް ނާންދަމެވެ."

އަނބިމީހާ: "ތިބާ ރުފިޔާ އަންދަނީ އެހެން ގޮތަކަށެވެ. ތިބާ އަންދާލަނީ ރުފިޔާ ދީފައި ގަންނަ އެއްޗެކެވެ. އަހަރެން އަންދާލަން މިއުޅުނީ ސީދާ ރުފިޔާއެވެ. މި ދެ ކަމުން ވެސް މި އާއިލާއަށް ޙާޞިލުވާނީ ހަމަ އެއް ނަތީޖާއެކެވެ."

އަނބިމީހާ މިހެން ބުނުމުން ފިރިމީހާ، އިރުކޮޅަކު ވިސްނާލަން އިނެވެ.... އަނބިމީހާ ޖަމާކުރި ދެލައްކަ ރުފިޔާ ފަދަ އެތައް ލައްކަ ރުފިޔާއެއް އޭނާގެ އަތުން ބީވެގެން ހިނގައްޖެކަން އޭނާއަށް ވިސްނުނެވެ.... އިރުގަނޑެއްވަންދެން އެ ދެމަފިރިން ވާހަކަދެއްކިއެވެ.... އަނބިމީހާ ދެއްކި ވާހަކަތައް އެދުވަހު ފިރިމީހާ ގަބޫލުކުރިއެވެ. އެތައް ދުވަހެއް ވަންދެން އޭނާއަށް ވިޔާނުދާ ކަމެއް ކުރެވުނީ ވިޔާނުދާ އެކުވެރިންތަކެއްގެ ސަބަބުންނެވެ. އެކަމަށްޓަކައި އޭނާ އެދުވަހު އިންތިހާ ދަރަޖައަށް ހިތާމަކުރިއެވެ.... ދެން ދުވަހަކުވެސް ސިނގިރޭޓް ނުބޯން އެދުވަހު އޭނާ ގަދަ ޢަޒުމުން ޢަޒުމުކަނޑައެޅިއެވެ. އަދި އެގޮތުގައި ދެމިހުރުމަށް ވަޢުދުވިއެވެ.