އަމިއްލަޒާތުގައި މީހުން އަނދައިހުލިވުން
ސަބަބެއްނެތި އަމިއްލަޒާތުގައި މީހަކު އަނދައި
އަޅިޔަށްވުމަށް އިނގިރޭސި ބަހުން ކިޔަނީ، (Spontaneous
Human Combustion) ނުވަތަ (SHC) އެވެ. އެއީ، ޙަޤީޤަތް
ނޭނގޭ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. އެ ގޮތަށް
އަނދާފައިވާ މީހުންގެ ހަށިގަނޑުން ސަލާމަތްވެފައިވަނީ
ވަރަށް މަދު ގުނަވަންތަކެކެވެ. އެ ކަމާބެހޭ ވާހަކަތައް
މަޝްހޫރުވެގެން ދިޔައީ، އިނގިރޭސިވިލާތުގެ މަޝްހޫރު
ލިއުންތެރިޔާ ޗާރލްސް ޑިކެންޒް (Charles Dickens)،
އެކަމާބެހޭ ތަފުޞީލުތައް، އޭނާ ލިއުއްވި (Bleak House)
ނަމަކަށް ކިއުނު ވާހަކަ ފޮތުގައި ހިމެނުއްވުމުންނެވެ.
އަމިއްލަޒާތުގައި މީހުން އަނދާފައިވާ ހާދިސާތަކުގެ
ތެރެއިން އެންމެ މަޝްހޫރު އެއް ހާދިސާއަކީ، އެމެރިކާގެ،
ފްލޮރިޑާގައި ހިނގި ހާދިސާއެކެވެ. އެ ހާދިސާގައި
އަނދާފައިވަނީ، މޭރީ ރީޒަރ (Mary Reeser) އެވެ. އޭނާއަކީ،
ހުވަފަތްވެފައިވާ އަންހެނެއް ކަމުގައިވި އެވެ. އޭނާ
އަނދާފައި އޮއްވާ ފެނުނީ، ބަދިގެ ތެރޭގައެވެ. އެ
ހާދިސާގައި އެންމެ ހައިރާންކުރުވަނިވި ކަމަކީ،
ބަދިގޭގައިވާ އެއްވެސް އެއްޗަކަށް އެއްވެސް ގެއްލުމެއް
ލިބުމެއްނެތި އޭނާގެ ހަށިގަނޑުން ބޮޑު ބަޔެއް އަނދައި
އަޅިޔަށްވެފައިވާ ކަމެވެ. ކަމާބެހޭ މާރިހުން ލަފާކުރި
ގޮތުގައި، އޭނާގެ ހަށިގަނޑުގައި އުފެދުނު ހޫނުކަން 1500
ޑިގްރީ ސެލްސިއަސް އަށް އަރާފައިވެއެވެ. ކުނިބުންޏާއި
ދަގުއި ފަދަ ތަކެތި އަންދާ ބޮޑެތި އުނދުންތަކުގައި ނޫނީ،
އެވަރުގެ މަތީ ދަރަޖައިގެ ހޫނުކަމެއް ނުއުފެދޭނެއެވެ.
މިފަދަ މަޝްހޫރު އެހެން ހާދިސާއެއް ހިނގާފައިވަނީ
ނައިޓްކްލަބެއްގެ ތެރޭގަ އެވެ. އެ ހާދިސާގައި
އަނދާފައިވަނީ، ޑާންސްކުރާ ޖިންސްލަޠީފެކެވެ. އޭނާގެ
ހަށިގަނޑު އަނދައިހުލިވީ އެތައް ބަޔެއްގެ ކުރިމަތީގަ އެވެ.
1930 ވަނަ އަހަރު ހިނގި އެ ހާދިސާގައި އޭނާގެ މުޅި
ހަށިގަނޑު ވަނީ އެއްކޮށް އަނދައިހުލިވެފައެވެ.
ކަމާބެހޭ ފަރާތްތަކުން 300 ވަރަކަށް އަހަރު ދުވަހުގެ
ތެރޭގައި ރެކޯޑްކޮށްފައިވާ މިފަދަ ހާދިސާތައް 200 އަށްވުރެ
ގިނައެވެ. އެ ހާދިސާތަކުގައި އަނދާފައިވާ މީހުންގެ މުޅި
ހަށިގަނޑު ކަހަލަ ގޮތަކަށް ވަނީ އަނދާފައެވެ.
ސަލާމަތްވެފައިވަނީ ވަރަށް މަދު ގުނަވަނެކެވެ. 1951 ވަނަ
އަހަރު ހިނގި އެފަދަ ހާދިސާއެއްގައި އަނދައި ހުލިވި
މުސްކުޅި އަންހެނެއްގެ ހަށިގަނޑުން ސަލާމަތްވެފައިވަނީ،
އޭނާގެ ފައިތިލައާއި ކަށިމަތި ހިމެނޭ ބަޔެވެ. ކަކުލުން
ތިރިއަށް ހައެއްކަ ސެންޓިމީޓަރާ ހަމައަށް މުޅި ހަށިގަނޑު
ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. އޭނާގެ ހަށިގަނޑު
ހުށަހެޅުނު ހޫނުކަމުގެ މިންވަރަކީ، 1800 ޑިގްރީ ސެލްސިއަސް
ކަމަށް އަންދާޒާކުރެވުނެވެ.
ސަބަބެއް ނެތި އަމިއްލަޒާތުގައި މީހުން އަނދައި
އަޅިޔަށްވަނީ ކީއްވެގެންކަން ސައިންޓިސްޓުންނަކަށެއް
ނޭނގެއެވެ. އެ ކަމާމެދު ސައިންޓިސްޓުން ވެސް ވަނީ
ހައިރާންވެފައެވެ. މަތީ ދަރަޖައެއްގެ ހޫނަށް މީހެއްގެ
ހަށިގަނޑު ހުށަހެޅެންވީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ.
ހަށިގަނޑުގެ ސެލްތައް އަނދަން އެހައި މަތީ ދަރައެއްގެ
ހޫނަކަށް ބޭނުމެއް ވެސް ނުވާނެއެވެ. މިއަށްވުރެ ބޮޑަށް
ހައިރާންވާންޖެހޭ ކަމަކީ، އެހައި މަތީ ދަރަޖައެއްގެ
ހޫނަކަށް ހުށަހެޅި، މީހެއްގެ ހަށިގަނޑު އަނދައި
އަޅިޔަށްވާއިރު، އޭނާގެ ކައިރީގައިވާ އެއްވެސް އެއްޗަކަށް
ގެއްލުމެއް ނުލިބޭ ކަމެވެ. ޢިލްމީ ގޮތުން ބަލާއިރު
އެއްވެސް ސަބަބެއް ނެތި މީހަކު އޭނާގެ އަމިއްލަ ޒާތުގައި
އަނދައި އަޅިޔަށްވުމަކީ ވާނެ ކަމެއް ނޫނެވެ. އެއީ
ކިހިނަކުން ހިނގާ ކަމެއްކަން ސައިންސްގެ އަލީގައި
ހޯދިފައެއް ނެތްނަމަވެސް، އެއީ ޙަޤީޤަތެއް ކަމަށް
ސައިންޓިސްޓުން ޤަބޫލުކުރެއެވެ.
ވިކިޕީޑިއާ ބުނާ ގޮތުގައި 2010 ވަނަ އަހަރު ވެސް، ދެމީހަކު
އަމިއްލަ ޒާތުގައި އަނދާފައިވެއެވެ. އެއީ، (Michael
Faherty) އާއި (Elizabeth McLaughlin) އެވެ. މިކަމާބެހޭ
ގޮތުންލިޔެވިފައިވާ ބައެއް ލިއުންތައް ބުނާ ގޮތުގައި،
ބައެއް މީހުން ސަލާމަތްވެފައިވެސް ވެއެވެ.
އަމިއްލައަށް އަނދައި ހުލިވާ ހާލަތްތަކުގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ.
1. އަލިފާން ރޯވަނީ ކުއްލިއަކަށެވެ. އަލިފާން ރޯވީ ކޮން
އެއްޗަކުން ކަމެއް އަދި ކިހިނަކުން ކަމެއް ވެސް ނޭނގެ
އެވެ. އެ އަލިފާނުގެ ހޫނުކަން 1500 ޑިގްރީ ސެލްސިއަސް އަށް
ވުރެ މައްޗެވެ.
2. އެގޮތުން ރޯވާ އަލިފާނާއި، އޭގެ ހޫނުކަމުން އަނދައި
އަޅިޔަށްވަނީ، ހަމައެކަނި އަލިފާން ރޯވާ މީހާ އެވެ. އެހެން
މީހަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އަދި އޭނާގެ
ގައިން މައިގަނޑު ގޮތެއްގައި އަނދައި އަޅިޔަށްވަނީ،
މައިބަދައާއި ހަށިގަނޑާއި ބޮލެވެ. ފައިތިލައެއް ނާނދައެވެ.
ބައެއް ހާލަތްތަކުގައި ދެ އަތްތިލަ ވެސް ނާނދަ އެވެ. ގިނަ
ހާލަތްތަކުގައި، އޭނާ ހުންނަ ތަނުގައިވާ އެއްޗަކަށް ވެސް
ގެއްލުމެއް ލިބިފައެއް ނުވެއެވެ.
3. އަމިއްލަ ޒާތުގައި މީހަކު އަނދާތަން މަދުފަހަރެއްގައި
ނޫނީ، އެހެން މީހަކަށް ފެނިފައެއް ނުވެއެވެ.
4. ގިނަ ހާލަތްތަކުގައި އަނދާފައިވަނީ އުމުރުން
ދުވަސްވެފައިވާ މުސްކުޅި އަންހެނުންނެވެ.