މީހަކު ބުނާހައި ކަމެއް ނުކުރާށެވެ!
ނޫކަށިފުރައިގެ ޒުވާން ކުއްޖަކު ބާޒާރުކުރަން
އުޅެނިކޮށް، އުމުރުން ދުވަސްވެފައިވާ ދައިތައެއް އޭނާގެ
ފަހަތުން އަޅުވާލި އެވެ. އެ ދައިތަ، އެކުއްޖާ ދާ ކޮންމެ
ތާކަށް ދެ އެވެ. އެކުއްޖާއަށް މިކަން ފާހަގަކުރެވިގެން އެ
ދައިތަގެ ކުރިމައްޗަށް ހުއްޓިލާފައި ބުންޏެވެ.
"މާމަ ތިއުޅެނީ އަހަރެންގެ ކިބައިން ކަމެއް ބޭނުންވެގެން
ހެއްޔެވެ؟"
އެކުއްޖާ މިހެން ބުނުމުން، އެ ދައިތަ ރޮއިގެންފައި
ބުންޏެވެ.
"މާމަ، އަކީ ހާދަހާ އަޑުއަހާހިތްވާ ލަފުޒެކެވެ.
މިދުނިޔޭގައިވާ އެންމެ ރީތި ލަފުޒަކީ މާމަ އެވެ.
އެކްސިޑެންޓެއްގައި މަރުވި މާމަގެ މާމަދަރިއަކާ ތިޔަ
ކުއްޖާ ހާދަހާ ވައްތަރެވެ."
އެ ދައިތަ ދެއްކި ވާހަކަތައް އަޑުއިވުމުން، އެކުއްޖާ
ވަރަށް ބޮޑަށް ހައިރާންވި އެވެ. އަދި ބޭއިޚުތިޔާރުގައި
އޭނާގެ ދުލުން ބުނެލެވުނެވެ.
"މާމަ ބޭނުމީ ކޮންކަމެއް ހެއްޔެވެ؟"
"މާމަ މާބޮޑު ކަމެއް ބޭނުމެއް ނޫނެވެ. މާމަ މި ފިހާރައިން
ނިކުމެގެން ދާއިރު، މާމައަށް އަޑުއިވޭ ވަރަށް ތިންފަހަރު
ގޮވާލުން ނޫންކަމެއް ދަރިފުޅުގެ ކިބައަކުން ނޭދެމެވެ.
ދަރިފުޅު މާމަ އަށް ގޮވާލާއަޑު އަހަން ވަރަށް ބޮޑަށް
ބޭނުމެވެ." މިހެން ބުނުމަށްފަހު އެ ދައިތަ، އެކުއްޖާއާ
ދުރަށް ހިނގައްޖެ އެވެ.
އެކުއްޖާ ގަންނަން ބޭނުންވާ ތަކެތި އަވަހަށް ނަގައިގެން،
އެ ދައިތަ އަށް ވާނުވާ ބަލަމުން ގެންދިޔަ އެވެ. އެ ދައިތަ
ފިހާރައިން ނިކުންނައިރު، މާމައެވެ، ކިޔާފައި
ގޮވާލުމަށްޓަކަ އެވެ.
އެ ދައިތަ ވަރަށް ބައިވަރު ތަކެތި ނަގައިގެން، ފިހާރައިގެ
ސޭޓު ކައިރިއަށް ގޮސް، އެއްޗެއް ބުންޏެވެ. ދެން އެތަކެތީގެ
ހިސާބު ހަދާފައި، ހިސާބު ހެދި ކަރުދާސްކޮޅު ސޭޓް އަތަށް
ދީފައި އެ ދައިތަ ފިހާރައިން ނިކުތުމަށް ހިނގައިގަތެވެ.
އެމަންޒަރު ބަލަން ހުރެފައި، ނޫކަށިފުރައިގެ ޒުވާން ކުއްޖާ
ގޮވާލި އެވެ.
"މާމާ! މާމާ! މާމާ!"
އެ ދައިތަ އިވޭކަމަށް ވެސް ނަހަދައި ފިހާރައިން ނިކުމެގެން
ހިނގައްޖެ އެވެ. ދެން އެކުއްޖާ ކައުންޓަރަށް ގޮސް، އޭނާ
ނެގި އެއްޗެހި ސޭޓަށް ދެއްކި އެވެ. އެތަކެތީގެ
އަގުބަލާފައި ސޭޓް ބުންޏެވެ.
"ތިބާ ނެގި އެއްޗިއްސަށް އެރީ 500 (ފަސް ސަތޭކަ) ރުފިޔާ
އެވެ. ތިބާގެ މާމަ ގެންދިޔަ އެއްޗިއްސަށް އެރީ 5000 (ފަސް
ހާސް) ރުފިޔާ އެވެ."
އެކުއްޖާ: "އަޅުގަނޑުގެ މާމަ، މިފިހާރައިން އެއްވެސް
އެއްޗެއް ނުގެންދެ އެވެ."
ސޭޓް: "ދެންމެ މިފިހާރައިން ނިކުމެގެން އެދިޔައީ ތިބާގެ
މާމަ ނޫންހެއްޔެވެ؟"
އެކުއްޖާ: "އެއީ އަޅުގަނޑުގެ މާމައެއް ނޫނެވެ! އެއީ
މިތަނުން ދިމާވި ކާކުކަން ނޭނގޭ ދައިތައެކެވެ."
ސޭޓް: "އޭނާ ނިކުމެގެންދިޔައިރު، އޭނާއަށް މާމައެވެ،
ކިޔާފައި ގޮވީ ކީއްވެގެން ހެއްޔެވެ؟"
އެކުއްޖާ: "އެއީ، އޭނާ އެދިގެން ކުރި ކަމެކެވެ. އޭނާ ބުނީ،
އޭނާގެ މާމަ ދަރިންގެ ތެރެއިން އަޅުގަނޑާ ވައްތަރު
ކުއްޖަކު، އެކްސިޑެންޓްވުމުގެ ހާދިސާއެއްގައި މަރުވެފައިވާ
ކަމަށެވެ. އެހެންކަމުން އަޅުގަނޑު، މާމައެވެ، ކިޔާފައި
ގޮވީމާ އޭނާ ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާ
ނިކުމެގެންދާއިރު، ތިންފަހަރު އޭނާއަށް ގޮވައިދިނުމަށް
ވެސް އެދި އާދޭސްކުރި އެވެ."
ސޭޓް: "ދެންވެސް ތިޔަ ކަހަލަ މާމަދައިތައެއްގެ ބަހަށް
ނުހެއްލޭށެވެ! މިފަހަރު ތިބާއަށް މިފިހާރައިން ނިކުމެވޭނީ،
ތިބާނެގި ތަކެތީގެ އަގަށްވާ 500 (ފަސް ސަތޭކަ) ރުފިޔާ
އާއި، އެދައިތަ ނެގި ތަކެތީގެ އަގަށްވާ 5000 (ފަސް ހާސް)
ރުފިޔާ ދެއްކުމަށްފަހުގަ އެވެ."
އެދައިތަ ނެގި ފައިސާ ނުދައްކައި ސަލާމަތްވެވޭނެ
ގޮތެއްވޭތޯ، އެކުއްޖާ ސޭޓާ ވާހަކަދެއްކި އެވެ. ނަމަވެސް
އެފައިސާ ދެއްކުން ނޫން އެހެން އެއްވެސް ގޮތަކާ ސޭޓް
އެއްބަހެއް ނުވި އެވެ. އެންމެފަހުން އެކުއްޖާއަށް ޖެހުނީ،
5500 (ފަސް ހާސް ފަސް ސަތޭކަ) ރުފިޔާ ދެއްކުމަށެވެ.
އެއަށްފަހު، އޭނާ ގެއަށްދިޔައީ، ދުވަހަކުވެސް މީހަކު ބުނާ
ކޮންމެ ކަމެއް، ވިސްނާނުލައި ނުކުރުމަށް ހިތާއި ނަފުސުން
ވަޢުދުވަމުންނެވެ!