ޝައިޚަކަށް ވާންއުޅުނު ޖާހިލެއް


ޖާހިލަކު، އޭނާއާމެދު މީހުން ދެކޭ ގޮތް ބަދަލުކޮށްލަން ޤަޞްދުކުރިއެވެ. ދެން ދެތިންދުވަހު، ދީނީ ދަރުސް އަޑުއަހާލަން ދިޔައެވެ. އެއަށްފަހު، އޭނާއަކީ ވެސް ދީނީ ދަރުސްތައް ދެވިދާނެ ޝައިޚެއް ކަމަށް ޤަބޫލުކުރިއެވެ. ފަހެ، ތުނބުޅި ދިގުކޮށް، ފައިކުރި ކުރުކޮށް، ޝައިޚުންގެ ކިބައިން ފެންނަ ހުރިހައި ކުލަވަރެއް ޖެހިގެންވާ ޙާލު، މިސްކިތަށް ނަމާދަށްދާން ފެށިއެވެ. އެގޮތުގައި ދުވަސްކޮޅެއް ފާއިތުވެފައި ވަނިކޮށް، އޭނާއަކީ ވެސް ޝައިޚެއް ކަމަށް މިސްކިތު މުދިމަށް ހީވެލެއްވިއެވެ. ދެން މުދިމު އޭނާގެ ގާތުގައި ބުނުއްވިއެވެ.

"ޝައިޚާއެވެ! މި މިސްކިތުގައި ކޮންމެވެސް ދުވަހަކުން ދީނީ ދަރުސެއް ދެއްވަންވީނޫންތޯއެވެ؟"

ޖާހިލު ބުންޏެވެ.

"ތިޔައީ ފެންފޮދެއް ބޯލުންހައި ފަސޭހަ ކަމެކެވެ. އެހެން ޝައިޚުން ފަދައިން ތިޔަ ކަމަކަށް އުޖޫރައެއް ވެސް ނުނަގާނަމެވެ. ތިމަންނާ ތިޔަ ކަންތައް ކޮށްދޭނީ ހިލޭސާބަހަށެވެ!"

އޭނާ މިހެން ބުނުމުން މުދިމު އޭނާއަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔުއްވިއެވެ. އަދި ދެން އަންނަ ހުކުރު ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ދަރުސް ދިނުމަށް ހަމަޖެއްސެވިއެވެ. އެދުވަހު، ޢަޞްރު ނަމާދަށްފަހު، ދީނީ ދަރުސް ދީ ނިންމާފައި، މުދިމު ގާތުގައި ޖާހިލު ބުންޏެވެ.

"ދަރުސް ކިހިނެއްހެއްޔެވެ؟"

މުދިމު ބުނުއްވިއެވެ.

"މުޅިއަކުން ގޯހެއް ނޫނެވެ. ނަމަވެސް މަޢުލޫމާތުގެ ކުށްތަކަކާއި، ޝައިޚެއްގެ ސުލޫކީ މިންގަނޑަށް ނުފެތޭނެ ކަންތައްތަކެއް ފާހަގަކުރެވުނެވެ. އެ ކަންތައްތަކުގެ ތެރެއިން މިހާރު ހަނދާންހުރި ކަންތައްތަކަކީ:

1. ޙަބްޝްކަރައިގެ ރަސްގެފާނުގެ ނަންފުޅަކީ، ނަޣާޝީ އެއް ނޫނެވެ. ރަނގަޅު ގޮތަކީ، ނަޖާޝީއެވެ.

2. ނަމާދުނުކުރާ މީހުންގެ ހިސާބު ބަލާނީ މިސްކިތު މުދިމެއް ނޫނެވެ. އެމީހުންގެ ހިސާބު ބައްލަވާނީ މާތް ﷲ އެވެ.

3. އަބޫޖަހުލު، ބިލާލުގެފާނަށް އަދަބުދިނުމުގެ ގޮތުން، އެކަލޭގެފާނު ބާސެލޯނާއަށް ފަސް މިލިއަން ޑޮލަރަށް ވިއްކައެއްނުލައެވެ. މައްކާގެ މުޝްރިކުން ބިލާލުގެފާނަށް ދިން އަދަބަކީ، އެކަލޭގެފާނުގެ މޭފުޅުމަތީގައި ބަރު ހިލައެއް ބާއްވައިގެން އަނިޔާކުރުމެވެ.

4. ކަށުނަމާދަށް ބަންގި ނުގޮވަނީ، އެ ނަމާދުގައި "ބެންޑްވުމެއް" ނޯންނާތީއެއް ނޫނެވެ. އެ ނަމާދަށް ބަންގި ނުގޮވަނީ، އެ ނަމާދަށް މީހުން ހާޒިރުވެތިބޭތީއެވެ.

5. މީހަކު ފަތްބޮއިގެން މަސްތުވުމަކީ، އޭނާއަށް މަސްތުވާތަކެތި ހުއްދަވާނެ ކަމެއް ނޫނެވެ. އެއީ އެންމެނަށް ވެސް ޙަރާމް އެއްޗެކެވެ.

އަދިވެސް ފާހަގަކޮށްލާހިތްވާ އެހެން ކަމެއް އެބައޮތެވެ. ދެން ފަހަރަކު މިންބަރަށް އަރާހުންނަވައި ދަރުސް ދެއްވުމަށްފަހު، މިންބަރުން ފޭބެންނެވުމަށްޓަކައި، މިންބަރުގެ އަރިމަތިން ސޮއްސާނުލައްވައްޗެވެ! އެއީ ޝައިޚެއްގެ ސުލޫކީ މިންގަނޑަށް ފެތޭނެ ކަމެއް ނޫނެވެ!