ކުރު މަޒުމޫނުތަކެއް


1. މިނިވަންކަން

ތާރީޚު ބުންޏެވެ.
މިނިވަންކަމަކީ، ސިޓީއުރައަކަށް ލާފައި ދޭ ހަދިޔާއެއް ނޫނެވެ.
އެކަމަކު އެއީ ބުރަމަސައްކަތުން ހޯދާ ޖައުހަރެކެވެ.


2. ޗާޕުދެލީގެ ކުށް

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!
އެމީހުންނަކު، ހަބަރާއި ޚަބަރު ވަތްކެއް ނުކުރެއެވެ.
ޢާލިމާއި ޢާލަމު ވެސް ވަތްކެއް ނުކުރެއެވެ.
ފެހިކަމާއި ފަހިކަން ވެސް ވަތްކެއް ނުކުރެއެވެ.
ދުވުމާއި ދެވުން ވެސް ވަތްކެއް ނުކުރެއެވެ.
ހިރިއާއި ހަރު ވެސް ވަތްކެއް ނުކުރެއެވެ.
ޗާޕުދެލީގެ ކުށްތަކުގެ ތެރެއިން އެން ނުރައްކާތެރި ބާވަތަކީ، އިޞްލާޙު ނުކުރެވޭ ކުށެވެ.


3. ތާރީޚު ލިއުން

އަހަރެމެން އާދަވެފައި މިވަނީ، ތާރީޚު ލިއުމަށެވެ.
ލިޔާއެއްޗެއްގެ ހަވާސާގައި ކުޑަނަމަވެސް ފާޑުކިއުމެއް ލިޔެލާކަށް އާދައެއް ނުވަމުއެވެ.
ހިނގާ ކަންތައްތައް، ހިނގާ ގޮތަށް ލިޔަން އާދަވާނެނަމަ ހާދަހާ ރަނގަޅެވެ.
ނަމަވެސް ދެރަކަމަކީ، ހާދިސާ އުފައްދާ މީހާ ބޭނުންވާ ގޮތަށް އަހަރެމެން ހާދިސާ ލިޔާ ކަމެވެ.


4. ޖަލާއި ކަސްތޮޅު

ރަށްރަށުގައި ވަނީ ކޮންމެ އެއްޗަކަށްމެ ޖަލެއް އީޖާދުކޮށްފައެވެ.
ކޮންމެ އެއްޗެއްމެ ވަނީ ކަސްތޮޅު އަޅާފައެވެ.
ނިކަން ދެކިބަލާށެވެ!
އޮހޮރޭ ފެންގަނޑު އެވަނީ، ފެންއަރުވާ ވަޑާމުގެ ޖަލުގައެވެ.
މިނިވަންކަމާއެކު ހިނގަމުންދިޔަ ކޯރު އެވަނީ ހޮޅިހޮޅީގައި ކަސްތޮޅު އަޅާފައެވެ.


5. ހަމަހަމަކަން

އަހަރެމެން ބުނަމުން މިގެންދަނީ، އެންމެން ހަމަހަމަ ކަމަށެވެ.
ޢަރަބީންނާއި ޢަޖަމީން ހަމަހަމަ ކަމަށެވެ.
ޚާދިމުންނާއި ސާހިބުން ހަމަހަމަކަމަށެވެ.
ދޮންމީހުންނާއި ކަޅުމީހުން ހަމަހަމަކަމަށެވެ.
ވޯޓުދޭ މީހުންނާއި އިންތިޚާބުވާ މީހުން ހަމަހަމަކަމަށެވެ.
ނަމަވެސް އަހަރެމެންގެ ބަހާއި ޢަމަލު ދިމައެއް ނުވެއެވެ.
އަހަރެމެން މީހުން ވަޒަންކުރަނީ، އެމީހުންގެ ވަނަވަރުންނެވެ.
އަހަރެމެން މީހުން އަގުކުރަނީ، އެމީހުންގެ ވަންހައިންނެވެ.
އަހަރެމެން މީހުން ފާހަގަކުރަނީ، އެމީހުންގެ ކުލައިންނެވެ.
އަހަރެމެން މީހުން މޮޅުކުރަނީ، އެމީހުންގެ މަޤާމުންނެވެ.


6. ގަބޫލާއި ނުގަބޫލު

ޝިރުކުކުރުމަކީ އަހަރެމެން ނުގަބޫލުކަމެކެވެ... ވާސިޠާހެދުމަކީ އަހަރެމެން ގަބޫލުކަމެކެވެ.
މަގުމަތި ނުތާހިރުވުމަކީ އަހަރެމެން ނުގަބޫލުކަމެކެވެ... މަގުމައްޗަށް ކުނިއެޅުމަކީ އަހަރެމެން ގަބޫލުކަމެކެވެ.
ޓީން-އޭޖު ކުދިން ވިޔާނުދާކޮށް އުޅުމަކީ އަހަރެމެން ނުގަބޫލުކަމެކެވެ... އެކުދިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަކީ އަހަރެމެން ގަބޫލުކަމެކެވެ.
އޮފީސްތައް ވަކި ގޮތަކަށް ހިންގުމަކީ އަހަރެމެން ނުގަބޫލުކަމެކެވެ... އެ އޮފީސްތައް ހިންގަން އަހަރެމެން ތިބުމަކީ، އަހަރެމެން ގަބޫލުކަމެކެވެ.
އަހަރެމެންގެ ވެށީގައިވާހައި ކަންތައްތަކެއް އައީ ދުނިޔޭން ބޭރަކުން ނޫނެވެ. ދަންނާށެވެ! މިވެށި ބައްޓަންކުރި މޭސްތެރިންނަކީ، ހަމަ އަހަރެމެންނެވެ.


7. ހިޔަޅަށް ކުރާ ތާރީފެއް

ވަގުންނާއި ލުޓޭރުން ބުނެއެވެ.
ތިމަންމެންގެ ތެރޭގައި އުޅެނީ ހިޔަޅެވެ.
މިއީ، ހިޔަޅަށް ކުރެވޭ މަލާމާތެއް ހެއްޔެވެ؟
ނޫނެކެވެ. މިއީ ހިޔަޅަށް ކުރެވޭ ތާރީފެކެވެ.


8. ހިޓްލަރާއި ނެޕޯލިއަން

ހިޓްލަރަކީ، ނުލަފާ މުޖުރިމެކެވެ.
ނެޕޯލިއަން އަކީ، ވަރުގަދަ ބަޠަލެކެވެ.
ނަމަވެސް މި ދެ މީހުން ކުރީ ހަމަ އެއްކަމެކެވެ.
މި ދެ މީހުން ބައިވެރިވާ ބަހާއަކީ، ހަނގުރާމައެވެ.
އެކަކު ބަޠަލަކަށް ހަދާފައި، އަނެކަކު މުޖުރިމަކަށް ހެދީ ކާކު ހެއްޔެވެ؟
އެކަންކުރީ، މުއައްރިޚުންކަން ކަށަވަރެވެ.
ޙަޤީޤަތުން އެއްކިބާވާ މުއައްރިޚުންނެވެ!
އެމީހުން، މީހުންގެ ތާރީޚު، ތާރީފުން ލިޔެލައެވެ!


9. ނަފުރަތާއި ލޯބި

ނަފުރަތުކުރަނީ ސަބަބުތަކެއް ހުރެގެންނެވެ.
ނަމަވެސް ލޯބިވަނީ، ސަބަބެއް ނެތިއެވެ.
ލޯބިވާކަން ދިފާޢުކޮށްދޭ ހަމައެކަނި ހުއްޖަތަކީ ހަމަ ލޯބިވުމެވެ.


10. ސިޔާސީ ބަހެއް

"އަނެކުންގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ނުވަންނާށެވެ!"
މިއީ، ސިޔާސީ މައިދާނުގައި ތަކުރާރުކޮށް ބުނެއުޅޭ ބަހެކެވެ.
ނަމަވެސް މިބަހަށް ޢަމަލުކުރަނީ، ބައެއް ގައުމުތަކުގެ ދާޚިލީ ކަންތައްތަކުގައެވެ.
ބައެއް ގައުމުތަކުގެ ދާޚިލީ ކަންތައްތަކުގައި، މިބަހަށް ޢަމަލުކުރުމެއް ނެތެވެ.


11. ކަޅާއި ހުދު

ތަފާތު ކަންކަމުގައި އަހަރެމެން ހައްދުފަހަނަޅައިދަމުއެވެ.
އެކި ކަންކަމާމެދު އަހަރެމެން ޚިޔާލުފާޅުކުރަނީ ކަޅާއި ހުދުންނެވެ.
އެކި މީހުންނާ މެދު ވެސް އަހަރެމެން ޚިޔާލުފާޅުކުރަނީ ކަޅާއި ހުދުންނެވެ.
އަޅިކުލަ ވީ ކޮންތާކުހެއްޔެވެ؟
އެކުލައިގެ ވާހަކައެއް އަޑެއް ނީވެއެވެ.
އަހަރެމެންގެ ސަގާފަތާމެދު ވެސް އަހަރެމެން ދެކެނީ ކަޅާއި ހުދުންނެވެ.
އަހަރެމެންގެ ޙަޟާރަތާމެދު ވެސް އަހަރެމެން ދެކެނީ ކަޅާއި ހުދުންނެވެ.
އަހަރެމެންގެ ޤައުމާމެދު ވެސް އަހަރެމެން ދެކެނީ ކަޅާއި ހުދުންނެވެ.
އަހަރެމެންގެ ތިމާގެ މީހުންނާމެދު ވެސް އަހަރެމެން ދެކެނީ ކަޅާއި ހުދުންނެވެ.
އަހަރެމެންގެ ނަފުސުތަކާމެދު ވެސް އަހަރެމެން ދެކެނީ ކަޅާއި ހުދުންނެވެ.
ކަޅާއި ހުދު ނޫން އެހެން ކުލަތަކެއް ނެތީހެއްޔެވެ؟


12. މަ މާ މޮޅޭ

ބައެއް މީހުން ބުނެއުޅެއެވެ.
އެންމެ މޮޅު ގައުމަކީ، އަހަރެމެންގެ ގައުމެވެ.
އެންމެ ހެޔޮ ޢަމަލުތަކަކީ އަހަރެމެންގެ ޢަމަލުތަކެވެ.
އެންމެ ރިވެތި އާދަކާދަތަކަކީ އަހަރެމެންގެ އާދަކާދަތަކެވެ.
މިނޫން ގޮތަކަށް ބުނެފި މީހަކީ، އަހަރެމެންގެ މައްޗަށް ހަސަދަވެރިވެގެން އުޅޭ މީހެކެވެ.
ނުވަތަ އެއީ، ބުއްދި ފަސާދަވެފައިވާ، ތަނެއް ދޮރެއް ނުދަންނަ ޖާހިލެކެވެ.
މިފިކުރުގެ އަހުލުވެރިން ފާޑުކިއުމާ ދެކޮޅު ހަދައެވެ.
އަދިވެސް އެމީހުން ބުނެއުޅެއެވެ.
ބޭރުތަކެއްޗަށް ރޭރުނުވާށެވެ!
އެތަކެތިން ތިމާމެންނަށް ބޮޑެތި ލާބައާއި މަންފާ ލިބުނަސް އެތަކެތި ހަމަ ދޫކޮށްލަންވީ ހެއްޔެވެ؟


13. އަމިއްލަވަންތަކަން ނަގާލުން

ތިމާމެންގެ އަމިއްލަވަންތަކަމާ ދެކޮޅުވެރި ބަޔަކު އުޅެއެވެ.
އަމިއްލަވަންތަ ކޮންމެ އެއްޗަކާ އެމީހުން ދެކޮޅުހަދައެވެ.
އެމީހުންނަކީ، އަމިއްލަވަންތަ ސަގާފަތާއި ރީތި އާދަކާދަތައް ފާރުބުޑަށް ޖަހާލާ ބަޔެކެވެ.
އެއަށްފަހު، ބޭރު ބަޔެއްގެ ސަގާފަތާއި ހުތުރު އާދަކާދަތަކެއްގައި ހިފަހައްޓައެވެ.
އެމީހުންނަކީ، އެމީހުން ދިރިއުޅޭ މުޖުތަމަޢުގެ މީހުންނާ ތަފާތު ބަޔެކެވެ.
އެމީހުން އެ މުޖުތަމަޢަށް ނިސްބަތް ނުވާފަދައެވެ.
އެމީހުންގެ ހުރިހާ ސިފަތަކެއް ވަނީ ބަދަލުކޮށްލާފައެވެ.
ލާ ހެދުމާއި، ވާހަކަދައްކާ ގޮތާއި، އުޅޭ އުޅުން ވެސް ވަނީ ބަދަލުކޮށްލާފައެވެ.
ކިއެއްތަ، ކާބޯތަކެތިވެސް ވަނީ ބަދަލުކޮށްލާފައެވެ.
އެމީހުންގެ އަމިއްލަ ރަށުގައިވާ ހުރިހާ ރީތިކަމެއް އެމީހުންނަކަށް ކަމަކުނުދެއެވެ.
ވިސްނުމާއި ފިކުރާއި ބުއްދީގެ ނިޢުމަތުން އެމީހުން މަޙުރޫމުވީ ހެއްޔެވެ؟


14. އަހަރެމެންގެ ބަސް ދަމަހައްޓާށެވެ!

އަހަރެމެންގެ ބަސް ރީއްޗެވެ.
އަދި އެހެން މީހުންގެ ބަސްތައް ވެސް ރީއްޗެވެ.
އަހަރެމެންގެ ބަހާއި އަހަރެމެންގެ ސަގާފަތަށް ޙުރުމަތްތެރިކޮށް ހިތުމަކީ ވާޖިބެކެވެ.
އަހަރެމެންގެ އާދަކާދަތަކާއި އަމިއްލަވަންތަކަމަށް ކަމޭހިތުމަކީ ވެސް ވާޖިބެކެވެ.
ނަމަވެސް އެއާމެދު ކަނުލޯތްބަކުން ލޯބިވެގެން ނުވާނެ އެވެ.
އަހަރެމެންގެ ޤައުމިއްޔަތަކީ، ނަސްލީ އިމްތިޔާޒެއް ކަމަށް ހަދައިގެން ނުވާނެއެވެ.
އަހަރެމެންގެ ބަސް ދަމަހައްޓަން ޖެހޭނެއެވެ.
ނަމަވެސް އެހެން މީހުންގެ ބަސްތައް ދަސްކުރަން ވާނެއެވެ.
ކިތަންމެ ބަހެއް ދަސްކުރިޔަސް އަހަރެމެންގެ އަމިއްލަ ބަސް ހަނދާންނައްތާލައިގެން ނުވާނެއެވެ.
އަދި އަހަރެމެންގެ އަމިއްލަ ބަހުގެ އަދަބިއްޔާތު ވެސް ނަގާލައިގެން ނުވާނެއެވެ.


15. ބޭރުބަހެއް ދަސްކުރާށެވެ!

ބޭރު ބަސްތައް ދަސްކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ބޭރު ބަސްބަހުން ލިޔެފައި ހުންނަ ފޮތްތައް ކިއުމަކީ، ތައުލީމުޔާފުތާކަން އިތުރުވާނެ ކަމެކެވެ.
އެހެން ޤައުމުތަކުގެ ސަގާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅި ވެސް އެނގޭނެ ކަމެކެވެ.
ނަމަވެސް ބޭރު ސަގާފަތުތަކުން ލިބިގަންނަންވާނީ ތިމާމެންނަށް ފައިދާހުރި ކަންތައްތަކެވެ.
ތިމާމެންގެ ސަގާފީ އަގުތަކާ ފުށުނާރާ ކަންތައްތަކެވެ.
ބޭރު ބަހަކާއި، ބޭރު ސަގާފަތެއް އެނގުނީތީ، ތިމާމެންގެ އަމިއްލަ ތަކެތި ދޫކޮށްލައިގެން ނުވާނެއެވެ.
އަދި ތިމާމެންގެ އަމިއްލަވަންތަކަމަކީ، އަގެއް ނެތް އެއްޗެއް ކަމަށް ހީކޮށްގެން ވެސް ނުވާނެއެވެ.


16. ބިނާކުރަނިވި މީހަކަށް ވާށެވެ!

ކަންކަމުގައި މެދުމިން އިޚުތިޔާރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ވެސް މިކަމަކީ ކުރަންޖެހޭ ކަމެކެވެ.
ސަގާފީ ކަންކަމުގައި މެދުމިން އިޚުޔާރުކުރި ޤައުމުތަކުގެ ތެރޭގައި ޖަޕާނާއި މެލޭޝިއާ ހިމެނެއެވެ.
އެ ދެ ޤައުމުގެ ރައްޔިތުން އެމީހުންގެ އަމިއްލަވަންތަކަމަށް ލޯބިކުރެއެވެ.
އެއާއެކު، މިޒަމާނުގެ ކުރިއެރުމާއި ތަރައްޤީއަށް ވެސް އިޖާބަދިނެވެ.
ކީއްތޯއެވެ. ޒަމާނީ ކުރިއެރުމާއި ތަރައްޤީއަކީ، އެމީހުންގެ އަމިއްލަވަންތަކަން ދިރުވާދޭ ވަސީލަތަކަށް ހެދިއެވެ.
އެހެންކަމުން އެ ދެ ޤައުމުވަނީ، ޒަމާނީ ތަރައްގީގެ ރޭހުގައި، ފައިތިލަ ސާބިތުކޮށްފައެވެ.
އެގޮތަށް ޢަމަލުކުރަން ނޭނގުނު މީހުން ދިރިއުޅޭ ޤައުމުތައް އެވަނީ ސޮހޮލުވެފައެވެ.
އަމިއްލަވަންތަކަން ގެއްލިފައެވެ.
ޒަމާނުގެ ތަރައްޤީއާއި ކުރިއެރުމުގެ މައިދާނުން ބޭރުވެފައެވެ.
މިކަމާމެދު ވިސްނާ ފިކުރުކުރާށެވެ!
ތިބާއަށް ތިބާގެ ޤައުމުގެ ބިނާކުރުމުގައި ދައުރެއް އަދާކުރެވިދާނެއެވެ.
އެންމެ ފުރަތަމަ އަމިއްލަ ނަފުސު ބިނާކުރާށެވެ!
އެއަށްފަހު، ޤައުމުގެ ބިނާގައިވާ ތަނބެއް ކަމުގައި ވާށެވެ!
ނުވަތަ ބެރިއެއް ކަމުގައި ވާށެވެ!
ނޫންނަމަ އެންމެ ކުޑަމިނުން ގަލެއް ކަމުގައި ވެސް ވޭތޯ މަސައްކަތްކުރާށެވެ!
ގާންދީ ވިދާޅުވެފައިވެއެވެ.
"ހުރިހާ ބާވަތެއްގެ ވައިރޯޅިތައް ތިމަންނާގެ ޤައުމަށް ޖެހުމަކީ ތިމަންނާ އެދިވަޑައިގަންނަވާ ކަމެކެވެ. ނަމަވެސް އެއިން އެއްވެސް ވައިރޯޅިއެއް، ތިމަންނާ މުލުން ލުހެލުމަކީ ތިމަންނާ ދެކޮޅު ހައްދަވާ ކަމެކެވެ."


17. ދަތުރުވެރިއެއް

ދަތުރުވެރިޔަކީ ހިތެވެ.
އޭނާގެ ކާނާއަކީ ޚިޔާލެވެ.
އޭނާގެ މިތުރުންނަކީ، ބުއްދިއާއި ރޫޙެވެ.
ނުހަނު ދީލަތިކަމާއެކު އޭނާގެ ކާނާއިން މިތުރުންނަށް ދެއެވެ.
ތިން މިތުރުން ބައިވެރިވާ ބަހާއެއް ވެއެވެ.
އެއީ، ލޯތްބެވެ.


18. ލޯބީގެ މާތައް

ލޯބީގެ ތަފާތު މާތައް ވެއެވެ.
ކޮންމެ މަލަކަށް ޚާއްޞަ ލައްޒަތާއި މީރުވަސް ވެއެވެ.
ރައްބާނިއްޔަ ލޯބީގެ މަލަކީ ލޯބީގެ އެންމެ ރީތި މަލެވެ.
އޭގެ ޢަބީރުން ސާހިބުވަންތަ ރަސްކަލާނގެއާ ގުޅުން ބަދަހިވެއެވެ.
ގައުމީ ލޯބީގެ މަލަކީ ނުހަނު ޝައްފާފު އެއްޗެކެވެ. އޭގެ ދެފުށް ފެނެއެވެ.
އީމާންކަމުގެ ދޯދިތައް އެއިން ވިހުރެއެވެ.
މަވެތިކަމުގެ ލޯބީގެ މަލަކީ ދެމިޔަލީ ކަނޑިއެކެވެ.
އެއީ އޭގެ ސާހިބުމީހާ މަތިވެރިކޮށްލާ ރޫޙެކެވެ. ނުވަތަ އޭނާ ޤަތުލުކޮށްލާ ޚަންޖަރެކެވެ.
މާލީ ލޯބީގެ މަލަކީ ފޫ ނެތް ފަޔެކެވެ.
ކިތަންމެ ވަރަކަށް އެޅިޔަސް އެޔެއް ނުފުރޭނެއެވެ.
ޢިލްމީ ލޯބީގެ މަލަކީ ބުއްދީގެ ކާނާ އެކެވެ.
އީމާންކަމުގެ މަގަށް މަގުދައްކާދޭ އާރުކާޓީއެއް އޭގައި ވެއެވެ.
ޢިޝްޤީ ލޯބީގެ މަލަކީ ޝައިޠާނާގެ މަންޒިލެކެވެ.
ޝަރުޢީ އިމުން ބޭރުވެއްޖެނަމަ، އެއީ ވަސްވާހުގެ ޖަލެކެވެ.