ދެ ކޮތަރާއި ގޮދަން ހާލި
އެއްޒަމާނެއްގައި ދެ ކޮތަރެއް އުޅުނެވެ. އެއީ އަންހެން
ކޮތަރަކާއި ފިރިހެން ކޮތަރެކެވެ. އެ ދެ ކޮތަރު އިނދެގެން
ހެދި ހާއްޔަށް ހިމަ ގޮދަނާއި ފަލަ ގޮދަން ޖަމާކޮށް ހާލި
ފުރާލިއެވެ. އޭރު އެއީ ނުހިކި ހުރި ގޮދަނެވެ.
އެއްދުވަހަކު އަންހެން ކޮތަރު ގާތުގައި ފިރިހެން ކޮތަރު
ބުންޏެވެ.
"ހޫނު މޫސުމުގައި ކާނެ، ކާބޯތަކެތި މި ބިމުގައި
އެބަހުއްޓެވެ. އެހެންވީމާ، ހާއްޔަށް ޖަމާކުރި އެއްޗެހި
ކާނެ ކަމެއް ނެތެވެ. ފިނި މޫސުމުގައި ކާން އެ އެއްޗެހި
ބަހައްޓާނީއެވެ."
އަންހެން ކޮތަރު މިގޮތާ އެއްބަސްވިއެވެ.
ދެން ކޮންމެވެސް ކަމަކު، ފިރިހެން ކޮތަރު ހާލި ދޫކޮށްފައި
ދިޔައެވެ. ހާލިން ބޭރުގައި ދުވަސްކޮޅަކު އުޅުމަށްފަހު،
ފިރިހެން ކޮތަރު އައިއިރު، ގޮދަން މަދުވެފައިވާ ކަމަށް
ފެނުނެވެ. އެއީ، ގޮދަން ހިކުމުގެ ސަބަބުން ވީކަމެއް ކަން
އެސޮރަކަށް ނުވިސްނުނެވެ. ދެން އަންހެން ކޮތަރު ގާތުގައި
ބުންޏެވެ.
"ފިނި މޫސުމުގައި ނޫނީ މި ގޮދަން ނުކެއުމަށް އަހަރެމެން
އެއްބަހެއްނުވަމު ހެއްޔެވެ؟"
އަންހެން ކޮތަރު އެތައް ހުވަޔެއް ކޮށްފައި ބުންޏެވެ.
"ތިމަންނާއެއް ތިޔެއް ނުކަމެވެ."
ނަމަވެސް ފިރިހެން ކޮތަރު އެބަހެއް ޤަބޫލެއް ނުކުރިއެވެ.
ދެން ރުޅިއައިސްގެން އަންހެން ކޮތަރު ގައިގައި ތަޅައި
އަނިޔާކުރަނިކޮށް، އަންހެން ކޮތަރު މަރުވެއްޖެއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ފިނި މޫސުމް އަތުވެއްޖެ އެވެ.
ވާރޭވެހެން ފަށައިފިއެވެ. ހާލި ތެއްވެ ގޮދަން ފުފެން
ފަށައިފިއެވެ. ހަފުތާއެއްހައި ދުވަސްވީއިރު، ގޮދަންވަނީ،
ކުރިން ހުރި މިންވަރަށް އިތުރުވެފައެވެ. ފިރިހެން ކޮތަރަށް
އެމަންޒަރު ފެނުމުން ކަންވީ ގޮތް އޮޅުންފިލައި،
ހިތާމަކުރަން ފެށި އެވެ. ހިތާހިތުން އަންހެން ކޮތަރާ
ވާހަކަދައްކައި ބުނެއެވެ.
"ތިބާ ނެތް ދުނިޔެއެއްގައި ގޮދަނަކުން ލިބޭނެ ދިރިއުޅުމެއް
ނެތެވެ. ތިބާގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކުމެ،
ތިބާއަށް ބޭއިންސާފުން އަނިޔާކުރެވުނީތީ ދެރަވެއެވެ.
ނަމަވެސް ފާއިތުވެއްޖެ ކަމެއް އަނބުރާ ނުގެނެވޭނެތާއެވެ!"
މިހެން ކިޔައި، ހާލީގައި ނުކައި ނުބޮއި އޮވެ
ހިތާމަކުރަންފެށިއެވެ. އެގޮތަށް ހިތާމަކުރަމުން ދަނިކޮށް
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިރިހެން ކޮތަރު
މަރުވެއްޖެއެވެ.
ކަންކަމުގެ ޙަޤީޤަތް ނުބަލައި ފިޔަވަޅު އެޅުމަކީ، މި
ފިރިހެން ކޮތަރަށް ޖެހުނު ޙާލު ޖެހިދާނެ ކަމެކެވެ.