ވަފާތެރި ޙިމާރު


ވަފާތެރި ޙިމާރެއް އެސޮރުގެ ވާހަކަ ކިޔާދިނެވެ.

މަށަކީ، ވަފާތެރި ޙިމާރެކެވެ. މަގޭ ސާހިބުމީހާގެ ބަސްއަހައި، އޭނާއަށް ކިޔަމަންވަމެވެ. އޭނާއަށް މާތްކޮށް ހިތައި ކުރުނީސްކުރަމެވެ. އޭނާ ދެއްކި ކޮންމެ ވާހަކައެއް ދެބަސްވުމެއްނެތި ޤަބޫލުކުރަމެވެ. އޭނާ މަގޭ ބުރިކަށިމައްޗަށް ސަވާރުވެ ތަންތަނަށް ދެއެވެ. އޭނާ މަގޭ ގައިގައި ތަޅައި އަނިޔާކުރެއެވެ. ނަމަވެސް އޭނާއަށް ހިނިތުންވުން ނޫންކަމެއް މަށެއް ނުކުރަމެވެ.

ދުވާލު ހަތަރުދަމު އޭނާއަށް މަސައްކަތް ކޮށްދީފައި، މަ ދާންޖެހެނީ ކޮށްޓަށެވެ. ދުވަހަކުވެސް ސާފުނުކުރާ އެ ހަޑި ކޮށިތެރޭގައި ރޭގަނޑު ނިދާފައި ފަތިހު ހޭލަމެވެ. އަނެއްކާވެސް އާ ދުވަހެއްގައި، ސާހިބުމީހާ މަގޭ ގައިގައި ތަޅާ ތެޅުމާއި، ކުރާ އަނިޔާތަކާ ކުރިމަތިލުމަށްޓަކައެވެ. އޭނާގެ ރަޙުމުކުޑަ ޢަމަލުތަކާމެދު ދުވަހަކުވެސް ދެކޮޅެއް ނަހަދަމެވެ. ދެކޮޅު ހަދާނެ ޖާގައެއް ވެސް ނެތެއް ނޫންހެއްޔެވެ؟ މަށަކީ ޙިމާރެކެވެ. މަގޭ ކިބައިގައި މިވަނީ ޙިމާރުގެ ޠަބީޢަތެވެ.

އިހާނެތިކަން ތަޙައްމުލު ކުރަމެވެ. ނުކިޔަމަންތެރިކަމެއް ދައްކައިފިނަމަ، މަގޭ ދުވަސް ދުއްވާލާނެއެވެ. މަށާ ދިމާއަށް ކިތަންމެ ހަޑިހުތުރު އެއްޗިއްސެއް ގޮވިޔަސް އަޅައެއް ނުލަމެވެ. ސާހިބުމީހާގެ ކިބައިން ކުރިމަތިވާ އަނިޔާއާއި އިހާނެތި ކަންތައްތައް ގަބޫލުކުރުމަށް މަށަށްވަނީ އާދަވެފައެވެ. މަގޭ ސާހިބުމީހާ ވެސްވަނީ، މަށާ ދިމާއަށް އަބަދު ހަޑިހުތުރު އެއްޗެހި ގޮވުމަށް އާދަވެފައެވެ.

ހޫނު މޫސުމުގެ ހޫނުގަދަ ދުވަސްތަކާއި، ފިނި މޫސުމުގެ ފިނިގަދަ ދުވަސްތަކުގައި ވެސް މަސައްކަތްކުރަމެވެ. ވާރޭވެހޭ ދުވަސްތަކާއި، ގަނޑުފެން ފައިބާ ދުވަސްތަކުގައި ވެސް މަސައްކަތްކުރަމެވެ. ބުރިކަށިމަތީގައި ބަރުތަކެތި ނުއުފުލާ ދުވަހަކަށް އިރެއް ނާރައެވެ. ބުރަމަސައްކަތް ކުރުމާމެދު ދެކޮޅު ހަދައިފިނަމަ، ސާހިބުމީހާ މަގޭ ކަންފަތުގައި ހިފާފައި ގެންގޮސް ކޮށްޓަށް ލައި، ކޮށި ތަޅުލާނެއެވެ. އަދި ކާއެތިކޮޅެއް ނުދީ އެތައް ދުވަހަކު ބާއްވާނެ އެވެ. އެގޮތަށް އަދަބުދޭއިރު ފެންފޮދެއް ވެސް ނުދޭނެއެވެ. ކޮށިތެރޭގައި އޮވެގެން މަށަށް ކާންޖެހޭނީ އެތަނުގައި ކުނިވެފައި ހުންނަ ހަޑިއެއްޗިއްސެވެ.

ކަންއޮތްގޮތް އެނގޭތީ އަނގަ މަޑުން ލައިގެން އޮތުން ނޫން ގޮތެއް މަށަކަށް ނެތެވެ. މިންވަރުފުޅުގައި މަށަށް ލިއުއްވާފައި ވަނީ، ސާހިބުމީހާގެ ކުރިމަތީގައި ސުކޫތާއި ޠާޢަތެވެ. ނަމަވެސް ސާހިބުމީހާ މަށަށްވުރެ ވަކީން މޮޅެއް ނޫނެވެ. އޭނާގެ ވެސް ހަތަރެސްފަޔާއި ނިގުލެއް ވެ އެވެ. ... އޭނާއަކީ ވެސް ހަމަ ޙިމާރެކެވެ.