ގަބު ގާޒީއެއް


ސީރިއާގެ ޙިމްޞުގެ މީހަކު، ޚަލީފާ މައުމޫނުގެ އަރިހަށް މައްސަލައެއް ހުށަހެޅިއެވެ. އެމީހާ ދެންނެވިއެވެ.

އެމީހާ: "އަމީރުލްމުއުމިނީންއެވެ! އަޅުގަނޑުމެންގެ ރަށުގައި ތަންދޮރު ނުދަންނަ، އެއްޗެއް ދޭހަނުވާ، ވަރަށް ގަބު ގާޒީއަކު އެބައުޅެ އެވެ. އޭނާއަށް މައްސަލައެއް ދޭހަވެއްޖެނަމަ، ބަލަންވާވަރަށް ނުބަލައި، އަވަސް އަވަހަށް މައްސަލައިގެ ނިޔާ ކަނޑައަޅައެވެ."

ޚަލީފާ: އޭނާ ކޮށްފައިވާ ކަމެއްގެ ވާހަކަ ނިކަން ކިޔައިދީބަލާށެވެ!

އެމީހާ: އެއްފަހަރަކު، އެ ގާޒީގެ ގާތަށް މީހަކު 24 (ސައުވީސް) ދިރުހަމުގެ ދަރަނީގެ މައްސަލައެއް ހުށަހެޅިއެވެ. ދަޢުވާ ލިބޭ މީހާ، އެއީ އޭނާ އަދާކުރަންޖެހޭ ދަރަންޏެއް ކަމަށް އެއްބަސްވުމަށްފަހު ބުންޏެވެ.

"ޢިއްޒަތްތެރި ގާޒީ އެވެ. އަޅުގަނޑަކީ ޙިމާރެއް ލައްވައި މަސައްކަތް ކޮށްގެން ފައިސާ ހޯދާ މީހަކީމެވެ. ކޮންމެ ދުވަހަކު އަޅުގަނޑަށް ލިބެނީ 4 ދިރުހަމެވެ. ޙިމާރަށް ކާންދޭން ދިރުހަމެއް ހޭދަކުރަމެވެ. އަޅުގަނޑުގެ ކެއިންބުއިމަށް ދިރުހަމެއް ހޭދަކުރަމެވެ. ބާކީ އޮންނަ 2 ދިރުހަމު ޖަމާކޮށްގެން ދަރަނި އަދާކުރަން މަސައްކަތް ކުރަމެވެ. ނަމަވެސް 12 ދުވަހުން 24 ދިރުހަމު ޖަމާކުރެވޭ ކޮންމެ ފަހަރަކު، ދަރަނި ލިބެންވާ މީހާއާ ބައްދަލެއް ނުވެއެވެ. ދަރަނި އަދާ ނުކުރެވިގެން މިއުޅެނީ މިހެންވާތީއެވެ."

ދަޢުވާ ލިބޭ މީހާ މިހެން ބުނުމުން، ގާޒީ ހެދި ގޮތަކީ، ދައުވާ ކުރި މީހާ، 12 ދުވަހުގެ މުއްދަތަށް މުއްދަތު ޖަހައި، ހުރަގޭގައި ކަސްތޮޅު އަޅައި ހައްޔަރުކުރީއެވެ."

މިވާހަކަ އިވިވަޑައިގަތުމުން، ޚަލީފާ މައުމޫނު ވަރަށް ބޮޑަށް ހިނިފުޅުވެޑުވިއެވެ. އަދި، އެ ގާޒީ މަގާމުން ވަކިކުރެއްވިއެވެ.