ސްކޫލްތަކުގައި ކިޔަވާނުދޭ ފިލާވަޅުތައް


މައިކްރޯ ސޮފްޓްގެ ބާނީ، ބިލް ގޭޓްސް، އެމެރިކާގެ ސްކޫލެއްގައި ލެކްޗަރއެއް ދެއްވަން ގަސްދުކުރެއްވިއެވެ. އެ ލެކްޗަރގެ މައިގަނޑު ނަމަކީ، "ސްކޫލްގައި ތިޔަ ކުދީން ދުވަހަކުވެސް ނުކިޔަވާ ފިކުރާއި ހުނަރު" އެވެ. ތިރީގައި މިވަނީ އެ ލެކްޗަރއިން ނަގާފައިވާ އެގާރަ ފިލާވަޅެކެވެ.


ފުރަތަމަ ފިލާވަޅު

ތިބާ ދިރިއުޅޭ ތަނުގެ ޙާލަތަށް ހޭނި، އެތަނުގައި ދިރިއުޅެން އާދަކުރާށެވެ!


ދެވަނަ ފިލާވަޅު

ސާނަވީ ތަޢުލީމު ނިންމުމާއެކު މަހު މުސާރައަށް ފަސްދޮޅަސް ހާސް ޑޮލަރު ނުލިބޭނެއެވެ. އަދި ތިބާއަކީ، ޚުލްޤުހެޔޮ މީހަކަށްވީތީ، މަތީ މަޤާމެއް ވެސް ނުލިބޭނެއެވެ. ދުނިޔޭގެ އުފަލާއި އަރާމު ޙާޞިލުކުރެވޭނީ، ގަދައަޅައި މަސައްކަތްކޮށްގެންނެވެ.


ތިންވަނަ ފިލާވަޅު

ތިބާ، ތިބާގެ އަމިއްލަ ނަފުސު މޮޅުކަމަށް ދެކޭތީ، އެހެން މީހުންނަކު އެކަމެއް ގަބޫލެއް ނުކުރާނެއެވެ. އެހެން މީހުންގެ ކުރިމަތީގައި ތިބާ މޮޅު މީހަކަށްވާނީ، ތިބާ (އެމީހުން ޤަބޫލުކުރާ ފަދަ) މޮޅު ކަމެއް ކުރީމައެވެ.


ހަތަރުވަނަ ފިލާވަޅު

ތިބާގެ ޓީޗަރަކީ ހަރުކަށި އަމުރުކުރާ މީހެއް ކަމަށް ތިބާއަށް އިޙުސާސްކުރެވޭ ހެއްޔެވެ؟ އަދި އޭނާ ބުނާ ކަންތައްތައް ކުރުމަކީ، ތިބާއާ ނުކުޅަދާނަ ކަމެއް ކަމަށް ވެސް ދެކެން ހެއްޔެވެ؟ އެހެންކަމަށްވަނީނަމަ، އޮފީހެއްގެ ވެރިޔަކާ ޖެހެންދެން މަޑުކުރާށެވެ! ޓީޗަރަކީ ހަރުކަށި މީހެއް ނޫންކަމާއި، އޭނާއަކީ، ތިބާދެކެ ނުހަނު ލޯބިވާ މީހެއްކަން އޭރުން ތިބާއަށް އެނގޭނެއެވެ.


ފަސްވަނަ ފިލާވަޅު

ރެސްޓޯރެންޓެއްގައި ތަށި ދޮންނަން އުޅުމަކީ، ދެރަ ވަޒީފާއެއް ކަމަށް ހީނުކުރާށެވެ! އަހަރެމެންގެ ކާބަފައިން އެފަދަ ވަޒީފާއެއް ވެސް ލިބުމަށް އުންމީދުކުރިއެވެ. އަދިއަދަށްދާންދެން ވެސް ފަޤީރު ޤައުމުތަކުގެ މީހުން އެފަދަ ވަޒީފާއެއް ލިބޭތޯ މަސައްކަތްކުރެއެވެ.


ހަވަނަ ފިލާވަޅު

ތިބާ އުފަންވުމުގެ ކުރިން ވެސް، ތިބާގެ މަންމައާއި ބައްޕަ ވަނީ، މާޔޫސްވެފައި ކަމަށް ތިބާ ހީކުރަމެއް ނޫންހެއްޔެވެ؟ ކަންއޮތީ ތިބާ ހީކުރާ ފަދަޔަކުންނެއް ނޫނެވެ. އެ ދެ މީހުން މާޔޫސްކަން އިޙުސާސްކުރަން ޖެހުނީ ތިބާގެ ސަބަބުންނެވެ. ތިބާއަށް އަގުބޮޑު ރީތި ހެދުމާއި ތަކެތި ހޯދާދޭނެ ގޮތަކާމެދު އަބަދުމެ އެ ދެ މީހުން ވިސްނާ ފިކުރުކުރެއެވެ. ... ދަންނާށެވެ! ދުނިޔޭގައި ހިނގާ ބޮޑެތި ކަންތައްތަކާމެދު ވިސްނާ ފިކުރުކުރާކަށް ތިބާ އަދި ތަޞައްރުފެއް ނުފުދެއެވެ. އެކަންކަމުގެ މައްޗަށް ނަޒަރުހިންގަން ބޭނުންކަމަށްވަނީނަމަ، ފުރަތަމަ ތިބާގެ އަމިއްލަ އަލަމާރި ސާފުކޮށް، ތިބާގެ ކޮޓަރި ތަރުތީބުކުރާށެވެ!


ހަތްވަނަ ފިލާވަޅު

ތިބާއަށް ކުށެއް ކުރެވި، ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެނަމަ، އެއީ ހަމަ ތިބާގެ ސަބަބުން ވީ ކަމެއްކަން ދަންނާށެވެ! އެކަން މެދުވެރިވުމުގައި ތިބާގެ މަންމައާއި ބައްޕަ ނުވަތަ އެހެން ވެސް ތިމާގެ މީހެއްގެ ކުށެއް ވާކަމުގައި ހީނުކުރާށެވެ! އެކަމަކު ތިބާ ކުރަންވީ ކަމަކީ، ތިބާއަށް ކުރެވޭ ކުށްތަކުން އުނގެނި، ފިލާވަޅުތައް ޙާޞިލުކުރުމެވެ.


އަށްވަނަ ފިލާވަޅު

ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ތިބާ ކިޔަވާ ސްކޫލުން ވަރަށް ބޮޑު ކާމިޔާބީ އެއް ހޯދައި، އެންމެ މޮޅު ކުދީންނާއި އެންމެ ދެރަ ކުދީންނަކީ އެތަނުގައި ނެތް ބަޔަކަށް ހަދާލަފާނެއެވެ. ނަމަވެސް އެކުދިން ހުރިހާ ސްކޫލެއްގައި އުޅޭނެކަން ދަންނާށެވެ! ... ބައެއް ސްކޫލްތަކުން ހަދާ ގޮތަކީ، ފޭލްވާ ކުދިންގެ މާކްސް ކެންސަލްކުރަނީއެވެ. ބައެއް ސްކޫލްތަކުގައި އެއް ޖަވާބަށްވުރެ ގިނަ ޖަވާބު، އިޚުތިޔާރު ކުރުމުގެ ފުރުޞަތު ދެނީއެވެ. އެއީ ދަށްކުދިން ތިބިކަން ސިއްރުކޮށްލަން މޮޅު ގޮތެކެވެ. ނަމަވެސް ދަރިވަރުން ކިޔަވާ ނިމި ދަސްވެނިވުމަށްފަހު، އެކަހަލަ ފުރުޞަތުތަކެއް ނުލިބޭނެއެވެ. ޢަމަލީ މައިދާނުގައި ބައެއް ފަހަރު ލިބޭނީ ހަމަ އެންމެ ފުރުޞަތެކެވެ.


ނުވަވަނަ ފިލާވަޅު:

ފިލްމުތަކުން ފެންނަ ދިރިއުޅުމަކީ، މިދުނިޔޭގައި މީހުން ދިރިއުޅޭ ޙަޤީޤީ ދިރިއުޅުމެއް ނޫނެވެ. ޙަޤީޤީ ދިރިއުޅުމުގައި، އަބަދު ކުޅިވަރު ކުޅުމާއި، ޗުއްޓީ ހޭދަކުރުމާއި، ކޮފީ ބުއިމުގައި މީހުން ވަގުތު ހޭދައެއް ނުކުރާނެއެވެ. ތިޔަކުދީންނަށް ނޭނގުނެއް ކަމަކު، ޙަޤީޤީ ދުނިޔޭގައި މީހުން ދިރިއުޅެމުން ގެންދަނީ ވަރަށް އަވަދިނެތިއެވެ.


ދިހަވަނަ ފިލާވަޅު

އިންސާނީ ޙަޔާތަކީ، މަދުރަސީ ޙަޔާތެއް ނޫނެވެ. ތިޔަ ކުދީންނަށް އަބަދަކު ހޫނުމޫސުމުގައި ނުވަތަ ދިރާސީ އަހަރު ނިމުމުން ޗުއްޓީއެއް ނުލިބޭނެއެވެ. ޢަމަލީ މައިދާނަށް ތިޔަކުދީން ނިކުތުމުން، ޓީޗަރުން ފަދައިން ލޯތްބާއެކު ތިޔަކުދީންނާ އަޅާލައި އެހީތެރިވެދޭނެ ބަޔަކު ނޫޅޭނެއެވެ. ޢަމަލީ މައިދާނުގައި ތިޔަކުދިން ކުރާ ކޮންމެ ކަމެއް ކުރަން ޖެހޭނީ އަމިއްލަ ފައިމައްޗަށް ތެދުވެތިބޭ ޙާލުގައެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގައި ކޮންމެ ކަމެއް ވެސް ނިންމަން ޖެހޭނެއެވެ.


އެގާރަވަނަ ފިލާވަޅު

ތިބާއާ އެކުގައި ކިޔަވާ، މޮޅު ކުދިންގެ ކިބައިގައި ވިޔާނުދާ ސިފަތަކެއް ވެސް ހުރެދާނެއެވެ. ނަމަވެސް އެކުދިންނާ ދެކޮޅުވެރި ނުވާށެވެ! ކޮންމެވެސް ދުވަހަކުން ޢަމަލީ މައިދާނުގައި އެއިން ކުއްޖެއްގެ ދަށުން މަސައްކަތްކުރާ މުއައްޒަފެއްގެ ގޮތުގައި ތިބާ ހުންނަން ޖެހިދާނެކަން ދަންނާށެވެ!