ޖުހާގެ ވައުޒުބުނުން
އެއްދުވަހަކު ޖުހާ ވައުޒުބުނުމަށްޓަކައި މިސްކިތުގެ
މިންބަރަށް އަރައިހުރެ މީހުންނާ މުޚާޠަބުކޮށް ބުންޏެވެ.
"އެންމެހައި މީސްތަކުންނޭވެ! ތިމަންނާ މިދައްކަން އުޅޭ
ވާހަކައެއް ތިޔަބައިމީހުންނަށް އެބަ އެނގޭ ހެއްޔެވެ؟"
އެމީހުން ބުންޏެވެ.
"ނޫނެކެވެ. ނޭނގެއެވެ."
ޖުހާ ބުންޏެވެ.
"ތިމަންނާ ދައްކަން މިއުޅެނީ ކޮން ވާހަކައެއްކަން ނޭނގޭނީ
ވަރަށްވެސް ޖާހިލު ބަޔަކަށެވެ. ޖާހިލު ބަޔަކަށް ވައުޒަކުން
ކުރާނެ ފައިދާއެއް ނެތެވެ."
މިހެން ބުނުމަށްފަހު، ޖުހާ މިންބަރުން ފައިބައިގެން
ހިނގައްޖެއެވެ.
އެހެން ދުވަހަކު ޖުހާ ވައުޒުބުނުމަށްޓަކައި މިސްކިތުގެ
މިންބަރަށް އަރައިހުރެ މީހުންނާ މުޚާޠަބުކޮށް ބުންޏެވެ.
"އެންމެހައި މީސްތަކުންނޭވެ! ތިމަންނާ މިދައްކަން އުޅޭ
ވާހަކައެއް ތިޔަބައިމީހުންނަށް އެބަ އެނގޭ ހެއްޔެވެ؟"
އެމީހުން ބުންޏެވެ.
"އާނއެކެވެ. އެނގެއެވެ."
ޖުހާ ބުންޏެވެ.
"ތިމަންނާ ދައްކަން މިއުޅެނީ ކޮން ވާހަކައެއްކަން
ތިޔަބައިމީހުންނަށް އެބަ އެނގޭތާއެވެ! ބަޔަކަށް އެނގޭ
އެއްޗެއް ތަކުރާރުކޮށް ކިޔައިދިނުމަކީ ބޭނުންކަމެއް
ނޫންތާއެވެ!."
މިހެން ބުނުމަށްފަހު، ޖުހާ މިންބަރުން ފައިބައިގެން
ހިނގައްޖެއެވެ.
އެދުވަހު މިސްކިތުގައި ތިބި މީހުން، މިސްކިތުން
ފައިބައިގެން ދިޔައީ، ސައްލާއެއް ކުރަމުންނެވެ. އެމީހުން
ސައްލާކުރީ، ދެން ޖުހާ މިންބަރަށް އަރާ ދުވަހަކު ދެބަޔަކު
ދެގޮތަށް ބުނުމަށެވެ. އެއްބަޔަކު ބުނާނީ އެނގޭ ކަމަށެވެ.
އަނެއް ބަޔަކު ބުނާނީ ނޭނގޭ ކަމަށެވެ.
އެމީހުން މިހެން ސައްލާކޮށްގެން ތިއްބައި، އެއްދުވަހަކު
ޖުހާ ވައުޒުބުނުމަށްޓަކައި މިސްކިތުގެ މިންބަރަށް
އަރައިހުރެ މީހުންނާ މުޚާޠަބުކޮށް ބުންޏެވެ.
"އެންމެހައި މީސްތަކުންނޭވެ! ތިމަންނަ ދައްކަން މިއުޅޭ
ވާހަކައެއް ތިޔަބައިމީހުންނަށް އެބަ އެނގޭ ހެއްޔެވެ؟"
އެއްބަޔަކު ބުންޏެވެ.
"އާނއެކެވެ. އެނގެއެވެ."
އަނެއް ބަޔަކު ބުންޏެވެ.
"ނޫނެކެވެ. ނޭނގެއެވެ."
ޖުހާ ބުންޏެވެ.
"އެނގޭ މީހުން ނޭނގޭ މީހުންނަށް ބުނެދޭށެވެ!"
މިހެން ބުނުމަށްފަހު، ޖުހާ މިންބަރުން ފައިބައިގެން
ހިނގައްޖެއެވެ.