މޮޅުކަމުގެ ސިއްރު
އެއްދުވަހަކު ސްކޫލެއްގެ ވެރިޔާ، ކްލާސްތަކަށް ދުރުވެ،
ކުދިންނާ ވާހަކަދައްކަވައި، ހިތްވަރުދެއްވަމުން
ގެންދެވިއެވެ. އެ ދުވަހު، އޭނާ ކުރެއްވި ސުވާލުތަކުގެ
ތެރެއިން ދަރިވަރުންނަށް ޖަވާބުދޭން ނޭނގުނު ސުވާލުތަކެއް
ވިއެވެ. އެ ސުވާލުތައް އެކި ކްލާސްތަކުގެ ކުދިންނާ
ތަކުރާރުކޮށް ކުރައްވަމުން ގެންދެވިއެވެ. އެތައް
ކްލާހެއްގައި އެކަން ކުރައްވާފައިވަނިކޮށް އެއް ކްލާހެއްގެ
ކުއްޖަކު އެ ހުރިހާ ސުވާލަކަށް ޖަވާބުދިނެވެ. އެކަމާމެދު
ސްކޫލްގެ ވެރިޔާ ވަރަށް ބޮޑަށް ޙައިރާންވެލެއްވިއެވެ.
ވެރިޔާ އެއްސެވިއެވެ.
"ތިޔައީ ކޮން ކުއްޖެއްހެއްޔެވެ؟"
އެކުއްޖާ ނަންގަތެވެ.
"އަޅުގަނޑުގެ ނަމަކީ، މުޙައްމަދެވެ. އަޅުގަނޑަށް ނޭނގޭ
އެއްޗެހި، ޓީޗަރުންގެ އަރިހުން އޮޅުންފިލުވަމެވެ.
އަޅުގަނޑަށް އެނގޭ އެއްޗެހި، އެހެން ކުދިންނަށް
ބުނެދެމެވެ."
މުޙައްމަދު މި ޖަވާބު ދިނުމުން، އަނެއްކާ ވެސް، ސްކޫލްގެ
ވެރިޔާ އެއްސެވިއެވެ.
"ކޮއްކޯއެވެ! ކޮއްކޮ ތިހާ މޮޅީ ކީއްވެ ހެއްޔެވެ؟"
މުޙައްމަދު ނަންގަތެވެ.
"އަޅުގަނޑުމެންގެ ގޭގައި ވަނީ، އެކަކު އަނެކަކަށް
އިޙްތިރާމުކުރާ ހަމަހިމޭން އާބުހަވާއެކެވެ.
އަރާރުންވުމާއި، ޒުވާބުކުރުމަކީ، އަޅުގަނޑުމެންގެ
ގޭތެރޭގައި ދުވަހަކުވެސް ނުހިނގާ ކަމެކެވެ. ހުސް
ވަގުތުތަކުގައި އަޅުގަނޑުމެން ކުރާ ކަމަކީ، ފޮތް ކިއުމެވެ.
ކޮންމެ ދުވަހަކު އަޅުގަނޑު ފިލާވަޅުތައް ހަދާތޯ ބައްޕަ
ބައްލަވައެވެ. ނޭނގޭ އެއްޗެހި ބައްޕަ ބުނެދެއްވައެވެ.
އަޅުގަނޑާއެކު މަންމައާއި ބައްޕަ، އެތައް ކަމެއްގައި
މަޝްވަރާކުރައްވައެވެ. އަޅުގަނޑާއެކު ވަގުތު ހޭދަކުރުމަކީ،
މަންމައާއި ބައްޕަ، ނުހަނު އުފަލާއެކު ކުރައްވާ ކަމެކެވެ."
"އަޅުގަނޑުމެންގެ ގޭ އެންމެން ފަތިހު ތެދުވެ ފަތިސް
ނަމާދުކުރެއެވެ. އެއަށްފަހު ނާސްތާކޮށްގެން ކޮންމެ
މީހަކުމެ، ކޮންމެވެސް ފައިދާހުރި ކަމެއްގައި
މަޝްޣޫލުވެއެވެ. ފަތިހު ހޭލުމަކީ، ކަންނެތްކަން ފިލުވައިލާ
ކަމެއް ކަމަށާއި، ސިކުނޑިއާއި، ހަށިގަނޑު ހީވާގިކޮށްލާ
ކަމެއް ކަމަށް ބައްޕަ ބުނުއްވައެވެ. ރޭގަނޑު އަވަހަށް
ނިދުމަށާއި، ފަތިހު އަވަހަށް ހޭލުމަށް މަންމަ ވަރަށް ބޮޑު
ސަމާލުކަމެއް ދެއްވައެވެ."
"މަންމަ އެންމެ ބޮޑަށް ސަމާލުކަން ދެއްވާ ކަންތައްތަކުގެ
ތެރޭގައި، އަޅުގަނޑު ކޮންމެ ދުވަހަކު މަދުވެގެން
ތިންފަހަރު ދަތް އުނގުޅިތޯ ބެއްލެވުން ހިމެނެއެވެ. އަދި
އަޅުގަނޑު ސާފުތާހިރުކޮށް ބެހެއްޓެވުމަށާއި، ކާންޖެހޭ
އިރުވަރުތަކުގައި ކާން ދެއްވުމަށް ވެސް ވަރަށް ބޮޑު
ސަމާލުކަމެއް ދެއްވައެވެ."
"އެހެން ކުދިންގެ ގެތަކެކޭ އެއްފަދައިން އަޅުގަނޑުމެންގެ
ގޭގައި ވެސް ޓީވީ ހުރެއެވެ. އެހެނަސް އަޅުގަނޑުމެން ޓީވީ
ބަލަނީ، ވަކި ގަޑިތަކެއްގައެވެ. އެހެން ކުދިންނެކޭ
އެއްފަދައިން އަޅުގަނޑު ވެސް ގޭގައި ކުޅެމެވެ. އެހެނަސް
އެކަން ވެސް ކުރަނީ ވަކި ވަގުތެއްގައެވެ. އެހެންކުދިންނެކޭ
އެއްފަދައިން އަޅުގަނޑުގެ ގޭގައި ވެސް ފޯނާއި އައިޕެޑް
ފަދަ އެއްޗެހި ހުރެއެވެ. އެހެނަސް އަޅުގަނޑު އެއިން
އެއްޗެއްގެ ބޭނުންކުރަނީ ޒަރޫރީ ޙާލަތެއްގައެވެ. އެއީ،
އޭގެ ސަބަބުން ކުޑަކުދިންގެ ސިކުނޑިއަށް ގެއްލުން
ލިބޭތީއެވެ."
"ކޮންމެ ދުވަހަކުމެ، އަޅުގަނޑު ސްކޫލަށް އަންނަނީ، ނުހަނު
އުފާފާގަތިކަމާއެކުގައެވެ. އިސް އުފުލާލައިގެން ހުރެ، ފަހި
މުސްތަޤުބަލަކަށް އުންމީދުކުރަމުންނެވެ. ކްލާހުގައި
އިންނައިރު، ޓީޗަރުން ދައްކަވާ ހުރިހާ ވާހަކައެއް ކަނުލާ
އަޑުއަހަމެވެ. ދުވަހަކުވެސް، ނަހަދާ ފިލާވަޅެއް
ނޯންނާނެއެވެ. އަޅުގަނޑުގެ ވާހަކަދެއްކުމާއި، ލިޔުން
ރީތިކަމަށްޓަކައި ހުރިހާ ޓީޗަރުން ވެސް
ތަޢުރީފުކުރައްވައެވެ. ކްލާހުން ބޭރުގައި ދުވަހަކުވެސް
ސްކޫލް ކުއްޖަކާ އަރާރުން ނުވަމެވެ. ސްކޫލްގައި ހޭދަކުރާ
ވަގުތުތައް ނިންމުމުން، ގެއަށް ދަނީ ހިތްހަމަޖެހިގެންވާ
ޙާލުގައެވެ."
"އަޅުގަނޑަކީ، މޮޅު ކުއްޖެއް ކަމަށް ޤަބޫލުކުރައްވާ
ބޭފުޅުން އެކަމުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރައްވައެވެ.
ޖަވާބުގައި އަޅުގަނޑު ދަންނަވަނީ، އަޅުގަނޑުގެ
ޙަޔާތުގައިވާ މިފަދަ ކަންތައްތަކުގެ ވާހަކައެވެ."
މުޙައްމަދުގެ ވާހަކަ އަޑުއެއްސެވުމަށްފަހު، ސްކޫލްގެ
ވެރިޔާ ބުނުއްވިއެވެ.
"މުޙައްމަދުގެ ވާހަކަ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް
ކިޔައިދޭށެވެ! އަދި ބެލެނިވެރިންނާ ބައްދަލުކުރާ ދުވަހު،
އެމީހުންނަށް ވެސް އޭނާގެ ވާހަކަ ކިޔައިދޭށެވެ! ކޮންމެ
ކުއްޖަކަށް ވެސް މޮޅު ކުއްޖަކަށް ވެވިދާނެއެވެ. އެކަމަކު،
އެކަން ޙާޞިލުވާނީ، މުޙައްމަދުގެ ޙަޔާތުގައިވާ ބަހާތައް
ލިބިއްޖެ ކުއްޖަކަށެވެ."