ހިޔަޅު ދިން އިނާމު
އެއްދުވަހަކު، ހިޔަޅެއް، މުސަޅެއް ސިކާރަކޮށްގެން
ކަމުން ގެންދިޔައެވެ. އެކަން ކުރުމުގެ ތެރޭގައި، މުސަޅުގެ
ބައެއް ކަށިތައް، ހިޔަޅުގެ ކަރުތެރޭގައި ހުރަސްވިއެވެ.
ދެން އެ ކަށިތައް ކަރުތެރޭން ނެއްޓޭތޯ ހިޔަޅު ވަރަށް
މަސައްކަތްކުރިއެވެ. އަމިއްލައަށް އެކަން ނުކުރެވުމުން،
ޖަންގަލީގައި އިޢުލާނެއް ކުރިއެވެ.
"ތިމަންނާގެ ކަރުތެރޭގައި ހުރަސްވެފައިވާ ކަށިތައް
ނައްޓައިދިން ފަރާތަކަށް ވަރަށް ބޮޑު އިނާމެއް ދޭނަމެވެ."
މި އިޢުލާނު އަޑުއިވުނު ކޮންމެ ޖަނަވާރެއް، އިނާމުގެ
ދަހިވެތިކަމުގައި، ހިޔަޅުގެ ކަރުތެރޭގައި ތާށިވެފައިވާ
ކަށިތައް ނައްޓައިދެވޭތޯ މަސައްކަތްކުރިއެވެ. އެއްވެސް
ޖަނަވާރަކަށް އެކަން ނުކުރެވިފައި ވަނިކޮށް، ހިޔަޅަށް
އިރުވާހުދެއް ފެނުނެވެ. ދެން އެ އިރުވާހުދު ގާތުގައި
ބުންޏެވެ.
"ތިމަންނާގެ ކަރުތެރޭގައި ތާށިވެފައިވާ ކަށިތައް
ނައްޓައިދީފިނަމަ، ވަރަށް ބޮޑު އިނާމެއް ދޭނަމެވެ."
އިރުވާހުދަކީ، ކަރުދިގު ދޫންޏެކެވެ. އެހެންކަމުން އެސޮރު
ހިޔަޅުގެ ކަރުތެރެއަށް ބޯކޮއްޕާލުމުން، ކަރުތެރޭގައި
ތާށިވެފައިވާ ކަށިތަކާ ހަމައަށް ތުންގަނޑު ފޯރިއެވެ. ދެން
ނުހަނު ފަސޭހަކަމާއެކު އެ ކަށިތައް ނަގައިދިނެވެ.
އެއަށްފަހު ބުންޏެވެ.
"ހިޔަޅާއެވެ! ތިބާ ތިމަންނައަށް ދޭން ބުނި ބޮޑު އިނާމު
ކޮބައިހެއްޔެވެ؟"
ހިޔަޅު ބުންޏެވެ.
"ތިބާއަށް އެ އިނާމު ދީފީމެވެ."
އިރުވާހުދު ބުންޏެވެ.
"ތިބާ ތިމަންނާއަށް އެއްވެސް އެއްޗެއް ނުދެއެވެ."
ހިޔަޅު ބުންޏެވެ.
"ނޫނެކެވެ. ތިބާއަށް ވަރަށް ބޮޑު އިނާމެއް ދީފީމެވެ.
ތިމަންނާގެ ކަރުތެރެއަށް ތިބާ ބޯކޮއްޕައިގެން އުޅުނުއިރު،
ތިބާ ނުކައި ދޫކޮށްލީމެއް ނޫންހެއްޔެވެ؟ ތިމަންނާ ތިބާއަށް
ދިން ބޮޑު އިނާމަކީ އެއީއެވެ."
ހިޔަޅު މިހެން ބުނުމުން، ދުވަހަކުވެސް މަކަރުވެރި
ހިޔަޅެއްގެ އަތުން އިނާމެއް ނުހޯދުމަށް، އަމިއްލަ ނަފުސަށް
ނަސޭހަތްތެރިވަމުން އިރުވާހުދު ހިނގައްޖެއެވެ.