ފުރަމޭ ހަދިޔާކުރުމާއި އިންދުމުގެ ނުރައްކާ
ޞިއްޙަތު ސަލާމަތުންހުރި މީހެއްގެ ފުރަމެއިން ބަޔެއް
ނަގާފައި، ބަލި މީހެއްގެ ހަށިގަނޑުގައި އިންދުމަކީ، ވަރަށް
ނުރައްކާތެރި ކަމެކެވެ. މިކަން ކުރުމަށްޓަކައި، ފުރަމެއިން
ބަޔެއް ހަދިޔާކުރާ މީހާއަށް ޑަކުޓަރުން ސިއްރުކުރާ
ކަންތައްތަކެއް ވެ އެވެ. ސަލާމަތުން ހުރި މީހެއްގެ
ފުރަމެއިން ބަޔެއް ނަގައިގެން، ބަލިމީހެއްގެ ހަށިގަނޑުގައި
އިންދުމަކީ، އެދެމީހުންނަށް ވެސް ނުހަނު ގެއްލުންހުރި
ކަމެކެވެ. ނަމަވެސް އެކަންކުރާ ޑަކުޓަރުން ބުނަނީ، އެއީ
ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެއީ އިންސާނެއްގެ
ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރެވޭ އިންސާނީ ޢަމަލެއް
ކަމަށެވެ.
ޑަކުޓަރުން، ފުރަމޭ ބަދަލުކުރުމާބެހޭ ވަރަށް ގިނަ
ޙަޤީޤަތްތައް ޢާއްމުންނަށް ސިއްރުކުރެ އެވެ. އޭން އެއް
ޙަޤީޤަތަކީ، ހަދިޔާކުރާ މީހާގެ ފުރަމެއިން ތިންބައިކުޅަ
ދެބައި ނަގާ ކަމެވެ. އެއަށްފަހު، ހަދިޔާކުރާ މީހާގެ
ހަށިގަނޑުގައި ބާކީ އޮންނަ، ފުރަމޭގެ ތިންބައިކުޅަ
އެއްބައި ހެދިބޮޑުވެ، އަސްލު ސައިޒަށް އަންނާނެ ކަމަށް
ޑަކުޓަރުން ބުނެ އެވެ. ނަމަވެސް އަސްލު ފުރަމެއިން
ކުރަމުން ގެންދިޔަ މަސައްކަތްތައް، ހެދިބޮޑުވި ބައިން
ނުކުރެ އެވެ. ހެދިބޮޑުވަނީ، ދިރުތަކެވެ. (ދިރަކީ، ސެލް
އެވެ.) ފުރަމޭގެ އަސްލު ޓިޝޫތައް ހެދިބޮޑުނުވާކަން ވަނީ،
މެޑިކަލް ތަޙުޤީޤުތަކުން ސާބިތުވެފަ އެވެ. މިނޫނަސް،
މިކަމުގައި ހިމެނޭ ކިތަންމެ ޙަޤީޤަތްތަކެއް ޑަކުޓަރުން
ވަނީ ފޮރުވާފަ އެވެ. އޭން މުހިންމު ޙަޤީޤަތްތަކަކީ:
1. ހަދިޔާކުރާ މީހާގެ ފުރަމެއިން ބޮޑުބައެއް ނެގުން
ހަދިޔާކުރާ މީހާގެ ފުރަމެއިން ބޮޑުބައެއް ނަގާކަން،
ޢާއްމުންނަކަށް ނޭނގެ އެވެ. ޙަޤީޤަތުގައި ޑަކުޓަރުން
ނަގަނީ، ހަދިޔާކުރާ މީހާގެ ފުރަމޭގެ ބޮޑުބަޔެވެ. އެބައިގެ
ބޮޑުމިނަކީ، އެންމެ ދަށްވެގެންވެސް، މުޅި މޭގަނޑުގެ 60
ނުވަތަ 65 އިންސައްތަ އެވެ. މި މިންވަރު ނެގުމުން، އޭނާގެ
ހަށިގަނޑުގައި ވާނީ، ފުރަމޭގެ 40 ނުވަތަ 35 އިންސައްތަ
އެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް މިބައި
މަސައްކަތްނުކުރުމުގެ ސަބަބުން ބައެއް ފަހަރު، ހަދިޔާކުރާ
މީހާގެ ފުރަމޭ ފޭލްވެ، ފުރަމޭ ނެގުމުގެ ތެރޭގައި ނުވަތަ
އެކަމާ ވިދިގެން އޭނާ މަރުވެ އެވެ. ނަމަވެސް، ބައެއް
ޑަކުޓަރުން ޝާއިޢުކޮށްފައިވާ ރިސަރޗްތަކުގައި
ލިޔެފައިވަނީ، އެމީހުންގެ ފުރަމެއިން 70 އިންސައްތަ
ނެގުމަށްފަހުގައި ވެސް (ބާކީ އޮންނަ 30 އިންސައްތައާއެކު)
އެމީހުން ރަނގަޅަށް ދިރިއުޅެފައިވާ ކަމަށެވެ. (މިއީ
ބުހުތާން ދޮގެކެވެ.)
ފުރަމެއިން ބޮޑުބަޔެއް ނެގުމުގެ ނުރައްކާތެރިކަން
ބޮޑުކަމުން، އެކަން ކުރާ ޑަކުޓަރުންނަށް އިންޒާރުދީފައިވާ
ރިސަރޗްތައް ވެ އެވެ. އެފަދަ ރިސާޗެއް (The American
Journal of Surgery) ގެ ޖުލައި 2005 ގެ ޢަދަދުގައި ވެސް
ޝާއިޢުކޮށްފައިވެ އެވެ.
ހަދިޔާކުރާ މީހާގެ ފުރަމެއިން ބޮޑު ބަޔެއް ނަގަން
ޑަކުޓަރުން މަސައްކަތްކުރަނީ ކީއްވެތޯ އެވެ؟
ފުރަމޭ ހަދިޔާކުރުމަކީ، އެކަން ކުރާ މީހަކަށް ގެއްލުންހުރި
ކަމެއް ކަމަށް، ސާފު ބަހުން ޑަކުޓަރުން އެއްބަސްވެ އެވެ.
އެމީހެއްގެ ފުރަމެއިން ނަގާ ބައި ބޮޑުވި ވަރަކަށް،
އެމީހަކަށް ލިބޭ ގެއްލުން އިތުރުވެ އެވެ. މިކަން އެނގޭއިރު
ވެސް ޑަކުޓަރުން، ހަދިޔާކުރާ މީހާގެ ފުރަމެއިން ބޮޑު
ބަޔެއް ނަގަނީ، ހަދިޔާކުރެވޭ ބަލިމީހާގެ ޙާލަތު
ރަނގަޅުކުރަންވެގެންނެވެ. ބަލިމީހާއަށް ޚާއްޞަފަރުވާ ދީ،
އޭނާއާމެދު ޑަކުޓަރުން ވަރަށް ބޮޑަށް އަޅާލަ އެވެ.
ނަމަވެސް ހަދިޔާކުރާ މީހާއާމެދު އެގޮތަކަށް ޢަމަލެއް
ނުކުރެވެ އެވެ.
1994 ވަނަ އަހަރުން ފެށިގެން، ޑަކުޓަރުން ނަގަނީ،
ހަދިޔާކުރާ މީހާގެ ފުރަމެއިން ބޮޑުފަޅި ކަމަށް ޑަކުޓަރުން
ބުނެފައިވެ އެވެ. އެއީ، ކަނާތުފަޅި އެވެ. މިވަޅި ނަގަނީ،
ވާތުފަޅި ކުޑަކަމުން، ބަލިމީހާއަށް ބޭނުންވާ ވަރަށް
ވާތުފަޅި މަސައްކަތްކޮށްނުދޭތީ އެވެ. ފުރަމޭ އިންދާއިރު،
ބަލިމީހާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް މަސައްކަތް ނުކުރާ
ވަރުގެ ތަންކޮޅެއް އިންދިއްޖެނަމަ، އެ ޙާލަތަށް ޑަކުޓަރުން
ކިޔަނީ، ސްމޯލް ފޮރ ސައިޒު ސިންޑްރޯމް (SMALL- FOR SIZE
SYNDROME) އެވެ.
ފުރަމޭގެ ކުޑަ ފަޅިން ބަލިމީހާއަށް ނުފުދޭނަމަ، ހަދިޔާކުރި
މީހާއަކަށް ވެސް އެއިން ނުފުދޭނެ ކަމީ ޝައްކެއް އޮތް
ކަމެއް ނޫނެވެ. ސާފުކޮށް މިކަން އެނގޭއިރު ވެސް،
ހަދިޔާކުރާ މީހާގެ ފުރަމެއިން ބޮޑު ފަޅި ނަގައި،
ޑަކުޓަރުން އޭނާގެ ފުރާނައަށް ނުރައްކާކުރެ އެވެ.
2. ފުރަމޭގެ ފަންކްޝަނަލް ރިޒަރވް ނެތިދިއުން
ޠަބީޢީ ގޮތެއްގައި ދިރިހުރުމަށްޓަކައި، އިންސާނަކަށް އެއް
ކިޑްނީ އިން ފުދޭނެ ކަމަށް، ކިޑްނީ އިންދާ ޑަކުޓަރުން ބުނެ
އެވެ. މިއީ، އެމީހުންގެ މަސައްކަތަށް މަގުފަހިކުރުމުގެ
ގޮތުން ދައްކާ ދޮގުވާހަކައެކެވެ. އެމީހުންނެކޭ
އެއްފަދައިން، ފުރަމޭ އިންދާ ޑަކުޓަރުން ވެސް ބުނަނީ،
ފުރަމޭގެ އަށްބައިކުޅަ އެއްބައި ވަރުގެ ކުޑަ އެތިކޮޅަކުން
އިންސާނަކަށް ފުދޭނެ ކަމަށެވެ. މިއީ، މިހެން ބުނާ
ޑަކުޓަރުން ކަނޑައެޅިގެން ހަދާ ބުހުތާން ދޮގެކެވެ. ޠަބީޢީ
ގޮތެއްގައި ދިރިއުޅޭ މީހަކަށް، އޭނާގެ އެއްކިޑްނީ ނުވަތަ
ފުރަމެއިން ބައެއް ދޫކޮށްލާފައި ދިރިއެއް ނޫޅެވޭނެ އެވެ.
އިންސާނާގެ ހަށިގަނޑުގައި އިތުރު ގުނަވަންތަކެއް ނެތެވެ.
އަދި ގުނަވަންތަކުގައި އިންސާނާއަށް ބޭނުންނުވާ އިތުރު
ބައިތަކެއް ވެސް ނެތެވެ. އިންސާނާގެ ހަށިގަނޑުގައިވާ
އެކިއެކި ގުނަވަންތައް އޭގެ ވަޒީފާ ފުރިހަމައަށް
އަދާކުރުމަށްޓަކައި ރިޒަރވްގައި ބައެއް ބަހައްޓަންޖެހެ
އެވެ. އެއީ، ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށް
ބަހައްޓާފައިވާ ބައެކެވެ. ފުރަމެއިން ތިންބައިކުޅަ ދެބައި
ނެގުމުން، ރިޒަރވްގައި ބަހައްޓާފައި ހުންނަ ބައި މުޅިން
ނެތިދިޔައީ އެވެ.
ފުރަމޭގެ ފަންކްޝަނަލް ރިޒަރވަށް ބޭނުންވާ ޙާލަތްތަކެއް
އިންސާނާގެ ޢުމުރުގައި އާދެ އެވެ. އެ ޙާލަތްތަކަކީ:
1. މުސްކުޅިވާވަރަކަށް އިންސާނާގެ ހަށިގަނޑުގައިވާ
ގުނަވަންތަކުގެ ބާރު ދަށްވަމުން ދެ އެވެ. އެހެންކަމުން
މުސްކުޅިވާވަރަކަށް، ހަށިގަނޑުގެ ގުނަވަންތަކުގެ
ރިޒަރވްގައި ބަހައްޓާފައި ހުންނަ ބައި ބޭނުންކުރަން ޖެހެ
އެވެ. މިގޮތުގެމަތިން، ފުރަމޭގެ ރިޒަރވްގައި ބަހައްޓާފައި
ހުންނަ ބަޔަކީ މުސްކުޅި ޢުމުރުގައި ނުހަނު ބޭނުންތެރި
އެއްޗެކެވެ.
2. ބަލިވުން ފަދަ ކަންތައްތައް މެދުވެރިވުމުން، އިންސާނާގެ
ހަށިގަނޑަށް ކުއްލި ޙާލަތު އާދެ އެވެ. އަދި ހަށިގަނޑު
ވިހަވުމުން ވެސް ކުއްލި ޙާލަތު އާދެ އެވެ. މިފަދަ ކަމެއް
މެދުވެރިނުވެ، ޠަބީޢީ ގޮތުން ވެސް ހަށިގަނޑަށް ކުއްލި
ޙާލަތު އާދެ އެވެ. އެ ޙާލަތުގައި ހަށިގަނޑާ ކުރިމަތިވާ
ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ފުރަމޭގެ ރިޒަރވަށް
ބޭނުންވެ އެވެ. ކުއްލި ޙާލަތުގައި މުޅި ފުރަމޭ
މަސައްކަތްކުރަން ޖެހެ އެވެ. ފުރަމެއިން ބައެއް
ހަދިޔާކޮށްފައިވާ މީހުން، ކުއްލި ޙާލަތަށް ހުށަހެޅޭ ހިނދު،
އެމީހުންގެ ފުރަމޭ ފޭލްވެ އެވެ.
3. ފުރަމެއިން ބައެއް ހަދިޔާކުރުމުގެން ލިބޭ ގެއްލުންތައް،
ދިގުމުއްދަތެއް ވަންދެން ދިރާސާކޮށްފައެއް ނެތެވެ.
ދިރިތިބި މީހުންގެ ފުރަމެއިން ބައެއް ނެގުމަށްފަހު، ދިގު
މުއްދަތެއްގެ ތެރޭގައި އެމީހުންނަށް ލިބޭ ގެއްލުންތައް،
އެކަމާބެހޭ ޑަކުޓަރުން ބަލާފައެއް ނެތެވެ. ނަމަވެސް،
މިހާތަނަށް އެނގިފައިވާ ގެއްލުންތައް ވެސް ވަކީން ކުޑައެއް
ނޫނެވެ. އޭގެތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެ
އެވެ.
(ހ) ޗިސްމޭ ދުޅަވުން.
(ށ) ދާއިމީ ގޮތެއްގައި ލޭގެ ތްރޮމްބަސައިޓޯޕީނިއާ
ދަށްވަމުން ދިއުން.
(ނ) ފުރަމޭގެ ދިރުތަކުގައި ފޮސްފަރަސް ފަދަ ބައެއް
މަޢުދަންތަކުގެ މެޓަބޮލިޒަމާބެހޭ މަސައްކަތްތައް ނުކުރުން.
ފުރަމޭ ބަދަލުކުރުމުގެ މަސައްކަތްކުރާ ގިނަ ތަންތަނުން
ބުނަނީ، ފުރަމޭގެ ކަނާތުފަޅި ނެގުމަކީ، ވާތުފަޅި
ނެގުމަށްވުރެ ތިންގުނަ ނުރައްކާތެރި ކަމެއް ކަމަށެވެ.
މިހެންވެ، 1994 ގެ ކުރިން ޢަމަލުކުރަމުން ގެންދިޔަ
ފަދައިން ފުރަމޭ ބަދަލުކުރާއިރު، ހަދިޔާކުރާ މީހާގެ
ފުރަމެއިން ވާތުފަޅި ނެގުމަށް، ބައެއް މުޙައްޤިޤުން
ނަޞީޙަތްތެރިވެ އެވެ. އެއީ، ހަދިޔާކުރާ މީހުންގެ
ޞިއްޙަތަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކަ އެވެ.
ފުރަމޭ ބަދަލުކުރުމުގެ އަނިޔާވެރި ޢަމަލު ހިންގާ ގިނަ
ފަރާތްތަކުން ބުނެފައިވަނީ، ހަދިޔާކުރާ މީހުންގެ ޞިއްޙީ
ޙާލަތު، ކުރުމުއްދަތަކަށް ނޫނީ އެތަންތަނުން ނުބަލާ
ކަމަށެވެ. ފުރަމެއިން ބައެއް ހަދިޔާކުރާ މީހުން،
އެކަމާވިދިގެން ދާދި އަވަހަށް މަރުވިޔަސް، ކަމާބެހޭ
ފަރާތްތަކަށް އެކަން ނާންގާކަމަށް ބައެއް ދިރާސާތަކުގައި
އިޝާރާތްކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން، ފުރަމޭ
ބަދަލުކުރުމުގެ ސަބަބުން ނުކުންނަ ނަތީޖާތަކުގެ ޙަޤީޤަތް
ވަނީ އޮޅިފަ އެވެ.
4. ފުރަމެއިން ބައެއް ނެގުމަށްފަހު، އަވަސް މުއްދަތެއްގެ
ތެރޭގައި ފުރަމޭގެ ހެދިބޮޑުވާއިރު، އޭގެ އަސްލު ޓީޝޫތަކެއް
ނުއުފެދެ އެވެ. އަދި އެއީ ޠަބީޢީ ހެދިބޮޑުވުމެއް ނޫންކަން
ވެސް ފަހުގެ ވަރަށް ގިނަ ދިރާސާތަކުން ކަށަވަރުވެފައިވެ
އެވެ.
5. ފުރަމޭ ހަދިޔާކުރާ މީހުންގެ ފުރަމެއިން ބޮޑުބައެއް
ނަގާތީ، އެމީހުން އެކަމާ ދެކޮޅުހަދަ އެވެ. އެކަމުގެ
ސަބަބުން އެމީހުންގެ މުސްތަޤުބަލަށާއި ފުރާނައަށް
ނުރައްކާވާތީ އެވެ. ކަންމިހެން އޮތުމާއެކު، މިކަމަކީ،
ބޭސްފަރުވާކުރުމުގެ އަޚުލާޤާ ވެސް ޚިލާފަށް ކުރެވޭ
ކަމެކެވެ. (University of Minnesota) އިން ކޮށްފައިވާ
ދިރާސާއެއްގައި އަންނަނިވި ޙަޤީޤަތްތައް ބަޔާންކޮށްފައިވެ
އެވެ.
(ހ) ދިރިހުރި މީހެއްގެ ފުރަމޭ ބަދަލުކުރުމަކީ،
ޖުމްލަގޮތެއްގައި ނުރައްކާތެރި ކަމެކެވެ.
(ށ) ފުރަމޭ ހަދިޔާކުރާ މީހުންނާ ކުރިމަތިވަނީ،
ޙަޤީޤަތުގައި ވަރަށް ބޮޑެތި ނުރައްކާތަކެކެވެ.
(ނ) ހަދިޔާކުރާ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ، ދާއިމީ
ގޮތެއްގައި ތަފާތު ބަލިތަކާ ކުރިމަތިލާން ޖެހިފައިވާ
ބަޔެކެވެ. އެމީހުންވަނީ ފުރާނައަށް ނުރައްކާތެރި ވެފައިވާ
ޙާލަތެއްގަ އެވެ.
(ރ) ފުރަމެއިން ބައެއް ނެގުމަށްފަހު، ހެދިބޮޑުވިޔަސް، އެއީ
ގިނަ ޙާލަތްތަކުގައި ފުރިހަމަ ހެދިބޮޑުވުމެއް ނޫނެވެ.
(ބ) ފުރަމެއިން ބަޔެއް ހަދިޔާކުރާ މީހުންނަށް، ދިގު
މުއްދަތެއްގެ ތެރޭގައި ލިބޭ ގެއްލުންތަކެއް އެނގިފައެއް
ނެތެވެ.
ނަންގަނެވިދިޔައީ، މިޞްރުގެ ޑަކުޓަރުން، ޢާއްމުންނަށް
ސިއްރުކޮށްފައިވާ ބައެއް ޙަޤީޤަތްތަކެވެ. މިކަންތައްތަކަށް
ބަލާއިރު، ފުރަމޭ ހަދިޔާކުރުމާއި، ފުރަމޭ ބަދަލުކުރުމަކީ،
ބޭސްވެރިކަމުގެ ޢުރުފާއި އަޚުލާޤާ މުޅިން ޚިލާފުކަމެއްކަން
އެބައެނގެ އެވެ.
ނޯޓް:
މިއީ، މިޞްރުގެ ބޭސްފަރުވާގެ އަޚުލާޤާބެހޭ ޖަމްޢިއްޔާގެ
ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިއުމެއްގެ ޚުލާޞާ
ތަރުޖަމާއެކެވެ.