ހަތްއުޑާއި އޭގެ ނަންތައް


ސުވާލު:

ހަތް އުޑަކީ ކޮބައިތޯއެވެ؟ އެ އުޑުތައް ވަނީ ކޮން ތަނެއްގައިތޯއެވެ؟


ޖަވާބު:

ހަތް އުޑަކީ، ކައުނުގެ ޢިލްމުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ފުރަތަމަ އުޑަކީ މުޅި މި ކައުނު ކަމަށް އިސްލާމީ ފިޤުހުވެރިން ވިދާޅުވެފައި ވެއެވެ. ބައެއް ފިޤުހުވެރިން ވިދާޅުވާ ގޮތުގައި، ފުރަތަމަ އުޑަކީ، ދުނިޔޭގެ ވަށައިގެން ލައްވާފައިވާ ޖައްވުގެ ފަށަލައެވެ. ބައެއް ފިޤުހުވެރިން ވިދާޅުވާ ގޮތުގައި، ހަތް އުޑަކީ، ދުނިޔޭގެ ވަށައިގެން ލައްވާފައިވާ ޖައްވުގެ ހަތް ފަށަލައެވެ. އެ ފަށަލަތަކުގެ ޢަދަދަކީ، ކަނޑައެޅިގެން ހަތެއް ކަމަށް، މި ރައުޔުގެ ފިޤުހުވެރިން ވިދާޅުވެއެވެ.

އުޑާބެހޭ ގޮތުން ވާރިދުވެފައިވާ ބަސްފުޅުތަކަށް ބަލާއިރު، އުޑަކީ، މަޑިކިލަނބުތަކުގެ މެދުގައިވާ ހުސްތަނެއް ނޫނެވެ. އަދި އެއީ، ހަމައެކަނި މުޅި މިކައުނެއް ވެސް ނޫނެވެ. އެކަމަކު އެއީ، މުޅި މި ކައުނު، އޭގައި ހިމެނޭގޮތަށް އާރާސްތުކުރައްވާފައިވާ ބިނާއެއް ކަމަށް ބުނެވިދާނެއެވެ. ތަރިތަކާއި، މަޑިކިލަނބުތައް ވަނީ، އެ ބިނާގެ ތެރޭގައިވާ ކައުނުގައެވެ.

ސައިންސްގެ އަހުލުވެރިން ބުނާ ގޮތުގައި، މުޅި މި ކައުނު ފުރިފައިވަނީ، ނުފެންނަ މާއްދާއިންނެވެ. ކައުނުގެ 96 އިންސައްތަ އަކީ، އެ މާއްދާއެވެ. ކައުނަކީ، ވަރަށް ވަރުގަދަ ބިނާއެކެވެ. ކައުނު އުފެދިފައިވަނީ، ބިޔަ ގޮވުމުން އުފެދުނު ގޭހާއި ދުމުންނެވެ.

އިބްނު ކަޘީރުގެ ތަފުސީރާއި އެނޫން ތަފުސީރު ފޮތްތަކުގައި ވެއެވެ.

ގުރަހަތަކުގެ ދައުރުކުރުމާއި، ކޭތަހިފުން ފަދަ ކަންތައްތަކުން އެނގޭ ގޮތުގައި، ހިނގަމުންދާ ހަތް ޕްލެނެޓް ވެއެވެ. އޭގެ އެކަތިން އަނެކަތި ނިވާވެ ކޭތަހިފައެވެ. އެ އެއްޗެހީގެ ތެރެއިން ދުނިޔެއާ އެންމެ ކައިރީގައިވާ އެއްޗަކީ، ހަނދު (الْقَمَر) އެވެ. ހަނދު ވަނީ ދުނިޔޭގެ އުޑުގައެވެ. އެއަށްވުރެ މަތީގައިވާ އެއްޗެހި އެއިން ނިވާވެ ކޭތަހިފައެވެ. ޢުޠާރިދު (عُطَارِد) ވަނީ، ދެވަނަ އުޑުގަ އެވެ. ޒުހުރަތު (الزُّهْرَة) ވަނީ ތިންވަނަ އުޑުގައެވެ. އިރު (الشَّمْس) ވަނީ ހަތަރުވަނަ އުޑުގައެވެ. މިއްރީޚު (الْمِرِّيخ) ވަނީ ފަސްވަނަ އުޑުގައެވެ. މުޝްތަރީ (الْمُشْتَرِي) ވަނީ ހަވަނަ އުޑުގައެވެ. ޒުޙަލު (زُحَل) ވަނީ ހަތްވަނަ އުޑުގައެވެ. ދަންނައެ، އެހެން ކައުކަބުތަކާއި ތަރިތަކަކީ، (ލޮލަށް ފެންނަ ފެނުމުގައި) ސާބިތު އެއްޗިއްސެވެ. އެ އެއްޗެހި ވަނީ، އަށްވަނަ ފަލަކެއްގައެވެ. އެ ފަލަކަށް ކިޔަނީ، ސާބިތު ފަލަކެވެ. ޝަރުޢީ ޢިލްމުގެ އަހުލުވެރިން އެއަށް ކިޔަނީ، ކުރުސި (الْكُرْسِيّ) އެވެ.

އުޑުތައް ހައްދަވާފައިވާ މާއްދާ އާއި، އުޑުތަކުގެ ނަންތައް ވެސް ފަލަކީ ޢިލްމުވެރިންގެ ފޮތްފޮތުގައި ވެއެވެ. ފުރަތަމަ އުޑަކީ ދުނިޔޭގެ އުޑެވެ. އެ އުޑު ހައްދަވާފައިވަނީ، ފެހި ޒުމައްރަދަކުންނެވެ. އެ އުޑުގެ ނަމަކީ، (رقيعاء) އެވެ. ދެވަނަ އުޑު ހައްދަވާފައިވަނީ، ހުދު ރިހިގަނޑަކުންނެވެ. އެ އުޑުގެ ނަމަކީ، (أزفلون) އެވެ. ތިންވަނަ އުޑު ހައްދަވާފައިވަނީ، ރަތް ޔާޤޫތަކުންނެވެ. އެ އުޑުގެ ނަމަކީ، (قيدوم) އެވެ. ހަތަރުވަނަ އުޑު ހައްދަވާފައިވަނީ، ހުދުމުތަކުންނެވެ. އެ އުޑުގެ ނަމަކީ، (ماعونا) އެވެ. ފަސްވަނަ އުޑު ހައްދަވާފައިވަނީ، ރަތް ރަންގަނޑަކުންނެވެ. އެ އުޑުގެ ނަމަކީ، (ريقا) އެވެ. ހަވަނަ އުޑު ހައްދަވާފައިވަނީ، ރީނދޫ ޔާޤޫތަކުންނެވެ. އެ އުޑުގެ ނަމަކީ، (دقناء) އެވެ. ހަތްވަނަ އުޑު ހައްދަވާފައިވަނީ، ނޫރުންނެވެ. އެ އުޑުގެ ނަމަކީ، (عريبا) އެވެ.