އިލާހީ ޙިމާޔަތް ލިބުނު އަންހެންކުއްޖެއް


އެއްދުވަހަކު މުސްލިމު ޒުވާން އަންހެންކުއްޖަކު އޭނާގެ ރަޙުމަތްތެރިއެއްގެ ގެއަށް ދިޔައެވެ. އެގޭގައި އޭނާ އެކިއެކި ކަންކަމުގައި މަޝްޣޫލުވެގެން އުޅެނިކޮށް، ރޭގަނޑު މެންދަންވިއެވެ. އެ ގެ ހުންނަނީ، އޭނާގެ ގެޔާ ވަރަށް ދުރުގައެވެ. އަވަހަށް ގެއަށް ދެވެންއޮތީ ރޭލުގައެވެ. އެހެނަސް، ރޭލުގައި ދަންވަރު ދަތުރުނުކުރުމަށާއި، ބަހުގައި ގެއަށް ދިއުމަށް އޭނާއަށް ނަސޭހަތްދެވުނެވެ. އެއީ، ރޭލުގައި އަންހެންކުދިންނަށް ގޯނާކުރުމުގެ ހާދިސާތައް ހިނގާތީއެވެ. ލަންޑަނަކީ، އެފަދަ ހާދިސާތައް ގިނަ ސަހަރެކެވެ.

އަންހެންކުއްޖާ ބޭނުންވީ އަވަހަށް ގެއަށް ދިއުމަށެވެ. ރޭލުގައި ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ޤަބޫލުކޮށްގެން ރޭލްވޭ ސްޓޭޝަނަށް ދިޔައެވެ. އެފަދަ ތަންތަނުގައި ދަންވަރު ހިނގާ ޖަރީމާތަކުގެ ވާހަކަ އޭނާއަށް ވަނީ އަޑުއިވިފައެވެ. އޭނާއަށް އެތަނަށް ދެވުނުއިރު، އެތާނގައި އެންމެ ފިރިހެނެއް ނޫން މީހަކު ނެތެވެ. އެމީހާ ފެނުމުން އޭނާ ވަރަށް ބޮޑަށް ޖެހިލުންވެ ބިރުގަތެވެ. ދެން ހިތްވަރު ގަދަކޮށް، ކީރިތި ޤުރުއާނުން ހިތުދަސްވެފައިވާ އާޔަތްތައް މަޑުމަޑުން ކިޔަވަމުންގެންދިޔައެވެ. އޭނާއާއެކު، އެތާނގައި ހުރި މީހާ ވެސް ރޭލަށްއެރިއެވެ.

އެރޭ އަމާން ދަތުރެއް ކޮށްފައި ގެއަށް ދިއުމުގެ ނަޞީބު އެ އަންހެންކުއްޖާ އަށް ލިބުނެވެ. ނަމަވެސް ޖެހިގެން އައި ދުވަހު، އޭނާ ސިއްސުވާލި ޚަބަރެއް ލިބުނެވެ. އެ ރޭ، އެ ރޭލުގައި ދަތުރުކުރި އެހެން އަންހެންކުއްޖަކު މަރާލެވުނު ޚަބަރެވެ. އެ އަންހެންކުއްޖާ މަރާލާފައިވަނީ، އޭނާ ރޭލުން ފޭބިތާ ފަސްވަރަކަށް މިނިޓް ފަހުންނެވެ. އަދި އެ ޖަރީމާ ހިންގި ޤާތިލު ހައްޔަރުކުރެވުނު ކަމަށް ވެސް އެ ޚަބަރުގައި ވެއެވެ. އެ ޚަބަރު ކިއުމަށްފަހު، އެ ހާދިސާއާބެހޭ އިތުރު މަޢުލޫމާތެއް ލިބޭތޯ ކަމާބެހޭ ފުލުހުންގެ މަރުކަޒަށް ދިޔައެވެ. ޤާތިލު ވަނީ އެ މަރުކަޒުގެ ބެލުމުގެ ދަށުގައެވެ. އެއީ ކާކުތޯ ބަލައިލުމަށް އެ އަންހެންކުއްޖާ ބޭނުންވިއެވެ. އޭނާއަކީ، އެ ހާދިސާ ހިނގުމުގެ ފަސްމިނިޓް ކުރިން ރޭލުގައި އިން ދަތުރުވެރިއެއްކަން ފުލުހުންނަށް އެނގުމުން ފުލުހުން އޭނާއަށް ޤާތިލު ދެއްކިއެވެ. އިތުރު މަޢުލޫމާތެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ.

ފުލުހުންގެ ހުއްދައާއެކު އަންހެންކުއްޖާ އެ ޤާތިލާ ވާހަކަދެއްކިއެވެ.

އަންހެންކުއްޖާ: "ތިބާ އަހަރެންގެ މަތިން ހަނދާން އެބަހުރިހެއްޔެވެ؟"

ޤާތިލު: "ތިޔައީ ކާކުހެއްޔެވެ؟"

އަންހެންކުއްޖާ: "އަހަރެންނަކީ، ތިބާއާއެކު ރޭލުގައި ދަތުރުކުރި އަންހެންކުއްޖާއެވެ."

ޤާތިލު: "ހަނދާންވެއްޖެއެވެ."

އަންހެންކުއްޖާ: "ތިބާ އެ އަންހެންކުއްޖާ ޤަތުލުކުރުމުގެ ކުރިން، އަހަރެން ޤަތުލުނުކުރީ ކީއްވެހެއްޔެވެ؟"

ޤާތިލު: "ތިބާގެ ފަހަތުގައި ބާރުގަދަ ބިޔަ ދެ ފިރިހެނުން ތިއްބައި، ތިބާ ޤަތުލުކުރާނީ ކިހިނަކުން ހެއްޔެވެ؟"

ޤާތިލު މިހެން ބުނުމުން، އަންހެން ކުއްޖާ އިތުރު އެއްޗެއް ނުބުނެ އެތަނުން ނިކުމެއްޖެއެވެ. އޭނާ ސަލާމަތްކުރެއްވި ކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކުރަމުންނެވެ. ޤާތިލު އެބުނާ ބާރުގަދަ ބިޔަ ދެ ފިރިހެނުން އެ ދަތުރުމަތީގައި ވީ ކަމަކަށް ނުވެއެވެ. ޤާތިލު ފިޔަވައި އެހެން މީހަކަށް އެ ދެ މީހުން ފެނިފައި ނުވާތީއެވެ. އެއީ މާތް ﷲ އެ އަންހެންކުއްޖާ ސަލާމަތްކުރެއްވުމަށްޓަކައި އޭނާއަށް ދެއްކެވި ދެއްކެވުމެކެވެ. މިވާހަކައިގެ މަޞްދަރު ކަމުގައިވާ saaid.net ގައި ވަނީ، އެއީ އެ އަންހެންކުއްޖާގެ ޙިމާޔަތުގައި ތިއްބެވި ދެ މަލާއިކަތްބޭކަލުން ކަމުގައި ވެދާނެ ކަމަށެވެ.

ޢިއްޒަތްތެރި ކިއުންތެރިންނޭވެ! މިއީ، މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވެ، އެކަލާނގެ ޙަޟުރަތުން މަދަދަށް އެދޭ މީހުންނަށް އެކަލާނގެ އެކަން ހިންމަވައިދެއްވައެވެ. މިއީ، އަޅުގަނޑުމެން އަބަދުވެސް ހަނދާންބަހައްޓަންޖެހޭ ކަމެކެވެ.