ގއ. މާމެންދޫ އަށް ބުރެތިކާލީން އެރި ވާހަކަ
ހުވަދު އަތޮޅު މާމެންދޫ، މުސްކުޅިއަކު އަޅުގަނޑުގެ
ގާތުގައި ބުންޏެވެ. މާ އިހު ޒަމާނެއްގައި ބޭރު ބަޔަކު
މާމެންދުއަށް އެރި ކަމަށް ބުނާ ވާހަކައެއް ތިމަންނަ
އަޑުއެހީމެވެ. ދެން އެވާހަކަ ކިޔާދީބަލާށޭ ބުނުމުން، އޭނާ
ކިޔައިދިނެވެ.
އެއްދުވަހަކު، ހެނދުނު ދަމަކަށް އިރުއެރިތަނާ، ރިޔާ
ނަގާފައި އޮތް ބޮޑު ނަވެއް އައިސް، މާމެންދޫ ބޭރަށް
މަޑުކޮށްލިއެވެ. ރުއްރުކަށް އަރާ ބައެއް މީހުން އެ ނާ
ބެލިއެވެ. ބައެއް މީހުން އަތިރި މައްޗަށް ގޮސް އެ ނާ
ބެލިއެވެ. ބެލި ބެލުމުން އެނގުނީ އެއީ ހަނގުރާމަވެރި
ބަޔަކު ތިބި ނަވެއް ކަމެވެ. އެމީހުންގެ އަތުގައި ކަނޑިއާއި
ލޮންސި އާއި ދުނިދަނޑި ފަދަ ތަކެތި ހުއްޓެވެ.
ދެން ރަށުގައި ތިބި ހަރުކުލައިގެ މީހުން، އަތިރި މައްޗަށް
ގޮސް، ޒިޔާރަތްތަކަށް ނަދުރުބުނެ، ހަނގުރާމަވެރިންގެ
ކިބައިން ސަލާމަތްކޮށް ދެއްވުމަށް އެދި ދުޢާކުރިއެވެ.
އެކަން ކުރުމަށްފަހު، އެމީހުން ރަށުތެރެއަށް ގޮސް
ފިލީއެވެ. އޭރު ރަށުގެ އާއްމު ރައްޔިތުން ވެސް
ފިލައިފިއެވެ. ނަމަވެސް ބައެއް ހިތްވަރު ގަދަ މީހުން
ވަލުތެރޭގައިވާ ރުއްރުކަށް އަރައި ބޭރުން އައި މީހުން ކުރާ
ކަމެއް ބަލަން ތިއްބެވެ. އަދި އެފަދަ ބައެއް މީހުން
ގަސްގަހާގެހީގެ ނިވަލުގައި އަތިރިމައްޗާ ކައިރި
ހިސާބުތަކުގައި ވެސް ތިއްބެވެ.
އޭރު އެފަދަ ނާފަހަރުގެ މީހުން ރަށަށް އަންނާތީ، ރަށުގެ
ވަލުތެރޭގައި ބިންގަރާސް ހަދާފައި ހުރެއެވެ. އެދުވަހު ވެސް
ބައެއް މީހުން ފިލަން ވަނީ އެ ބިންގަރާސްތަކަށެވެ.
ކޮންމެއަކަސް، ނަވުގެ މީހުން ހަތިޔާރު ހިފައިގެން
މާމެންދުއަށް ފޭބިއެވެ. އެހިނދު، ކަންތައްވީ އެއްވެސް
ބަޔަކު ހީކުރި ގޮތަކަށް ނޫނެވެ. ނަވުން އައި ބިދޭސީން ވެސް
އަދި ރަށުގައި ތިބި ރަށްވެހިން ވެސް، އެކަން އެހެން ވެދާނެ
ކަމަކަށް ހިޔެއް ނުކުރެއެވެ.
ނަވުން ފޭބި މީހުން އަތިރި މަތީގައި ތިބެ ކުޑަކޮށް
ހަމަޖެހިލައިގެން، ހަތިޔާރު އުފުލާލިއެވެ. އަދި
ހަޅޭލަވަމުން ރަށުތެރެއަށް އަރައިގަންނަން ދިމާކުރިއެވެ.
އެމީހުން ހިނގާފައި ދިޔައީ އާދަޔާ ޚިލާފު
ބާރުމިނެއްގައެވެ. ކުޑަ ތަންކޮޅަކަށް އެމީހުން ދިޔަތަނާ،
އެމީހުންގެ ކުރިމަތިން މާ ވަރުގަދަ ބަޔަކު ފާޅުވިއެވެ.
އެއީ ހުދު ހެދުމުގައި ތިއްބެވި ބޭކަލުންތަކެކެވެ. ހުދު
ހެދުމުގައި ތިއްބެވި އެ ބޭކަލުން ފާޅުވީ، އަތިރިމަތީގައިވާ
ޒިޔާރަތްތަކާ ހިސާބުންނެވެ.
ހުދު ހެދުމުގައި ތިއްބެވި ބޭކަލުން ހަތިޔާރެއް
ނުގެންގުޅުއްވައެވެ. ބޭރުން އައި ހަނގުރާމަވެރިންނާ
ދިމާއަށް، އެބޭކަލުން ދިއްކޮށްލެއްވީ އަތެވެ. ހުއްޓޭށޭ
ނުވަތަ އައިކޮޅަށް އެނބުރި ދާށޭ ބުނާފަދަ އިޝާރާތެއް
އަތުން ކުރައްވަމުންނެވެ. ދެން ބޭރުން އައި ބިދޭސީން ތިބި
ހިސާބުގައި ހުއްޓުނެވެ. އަދި މަޑުމަޑުން ފަހަތަށް ޖެހެމުން
ޖެހެމުން ގޮސް ގޮނޑުދޮށަށް ފައިބައިފިއެވެ. އެމީހުން
ފަހަތަށް ޖެހެމުން ދިޔައިރު، ދިޔައީ ފަހަތަށް ހިނގާފައެވެ.
ހުދު ހެދުމުގައި ތިއްބެވި ބޭކަލުންނަށް ފުރަގަސް ދީފައި
ދާކަށް ނުކެރުނެވެ. ދެން އެމީހުން އައި ބޮއްކުރާތަކަށް
އަރައި، އެމީހުންގެ ނަވަށް އެނބުރި ހިނގައްޖެއެވެ.
އެމީހުން އެނބުރި ދިއުމުން، ހުދު ހެދުމުގައި ތިއްބެވި
ބޭކަލުން ގެއްލިއްޖެއެވެ. ދެން ރަށުގެ މީހުން،
ޒިޔާރަތްތަކުގައި ދިދަ ޖަހައި، ފާތިޙާ ޞަލަވާތް ކިޔަވައި
ދުޢާކޮށް އުޅުނެވެ.
ބައެއް ފަހަރު، އެގޮތަށް ބޭރުން އަންނަ މީހުން، ރަށުގެ
މީހުންނަށް ގޯނާކުރެއެވެ. ރަށު މީހުންގެ އަތުން ފޭރިގެން
ތަކެތި ގެންދެއެވެ. ގަސްގަހާގެހީގައި ހުންނަ މޭވާތައް ވެސް
ބިނދެގެން ގެންދެއެވެ. ނަމަވެސް މިފަހަރު އެކަހަލަ
ގެއްލުމެއް އެއުރެންނަކަށް ނުދެވުނެވެ.
މި ވާހަކަ ކިޔާ ދިނުމުން އެހީމެވެ. ބޭރުން އައީ ކޮން
ބަޔެއްހެއްޔެވެ؟ އަދި ރަށުން ފާޅުވި ހުދުހެދުމުގައި
ތިއްބެވީ ކޮން ބޭކަލުންނެއް ހެއްޔެވެ؟ ވާހަކަ ކިޔާދިން
މުސްކުޅިއާ ބުންޏެވެ. ބޭރުން އައި މީހުންނަކީ ބުރެތިކާލީން
ކަމަށް ވާހަކައިގައި ކިޔައެވެ. ރަށުން ފާޅުވި ހުދު
ހެދުމުގައި ތިއްބެވި ބޭކަލުންނަކީ، ޒިޔާރަތްތަކުގައި
ފަސްދާނުލެވިފައިވާ ވަލީވެރި ބޭކަލުންނެވެ. މި ކަހަލަ
ވާހަކައެއް، ބައެއް ތަފާތުތަކާއެކު، އަޅުގަނޑުގެ މާމަ ވެސް
ކިޔާދީފައިވެއެވެ.
ބުރެތިކާލީންނަކީ ކޮންބަޔެއްކަން އެނގުނީ، މިވާހަކަ
އަޑުއެހިތާ އެތައް އަހަރެއް ފަހުންނެވެ. އެއީ،
ފުރެތިކާލުންނެވެ. ނުވަތަ ފުށެތިކާލުންނެވެ.
ކޮންމެއަކަސް، މިއީ ހުވަދު އަތޮޅު މާމެންދޫގެ ފޯކްލޯރުގައި
ހިމެނޭ ވާހަކައެކެވެ. މި ވާހަކަ ލިއުނީ، މީހުންގެ
ހަނދާނުން މިވާހަކަ ފޮހެވިގެން ހިނގައިދާނެތީއެވެ.