ކުރީގެ ބައެއް ޝަޚުޞިއްޔަތުން
ހުވަދު އަތޮޅު މާމެންދޫ އަކީ، މީހުން ދިރިއުޅުމަށްފަހު،
ފަޅުވެފައިވާ ރަށެއް ކަމަށް ބުނެވެ އެވެ. އެރަށް އަލުން
އާބާދުކުރެއްވި ބަޠަލަކީ، ކޭވަނެބެއްޔާ އެވެ.
ކޭވަނެބެއްޔާގެ އަޞްލު ނަމަކީ، ޢަލީ އެވެ. ހުވަދޫ ބަހުން
އޭނާއަށް ކިޔަނީ، އަލިޔާ އެވެ. އަލިޔާ އަކީ، ޢަލީ އެވެ،
ކިޔާ މީހުންނަށް ހުވަދޫ ސަގާފަތުގައި ކިޔާ ނަމެކެވެ.
މިހާރު ވެސް އެ ސަގާފަތުގައި، ޢަލީ އެވެ، ކިޔާ މީހުންނަށް
އަލިޔާ އެވެ، ކިޔަ އެވެ. ކޭވަނެބެއްޔާ، މާމެންދޫ
އާބާދުކުރެއްވީ ކޮން ސަބަބަކާ ހެދި ކަމެއް ނޭނގެ އެވެ.
އެނގެން އޮތް ޙަޤީޤަތަކީ، އޭނާ މާމެންދޫ
އާބާދުކުރެއްވުމަށްޓަކައި ވިލިނގިލިން އިތުރު ދެ ފަރުދަކު
ގެންނެވި ކަމެވެ. އެ ދެ ފަރުދުންނަކީ، މާކުދެބެއްޔާ އާއި،
އެއްގަމުކުދެމީހާ އެވެ. ކޭވަނެބެއްޔާގެ އަޞްލު ރަށަކީ،
ހުވަދުއަތޮޅު ވިލިނގިއްޔެވެ.
ކޭވަނެބެއްޔާގެ ދަރިކޮޅާއެކު، މާކުދެބެއްޔާ އާއި،
އެއްގަމުކުދެމީހާގެ ދަރިކޮޅު ވެސް މާމެންދޫގައި
އެބައޮތެވެ. އެންމެ ސާފުކޮށް އޮޅުންފިލަނީ، ކޭވަނެބެއްޔާގެ
ދަރިކޮޅެވެ. އެއާއެކު މާކުދެބެއްޔާގެ ދަރިކޮޅުގެ ބައެއް
ގޮފިތައް އެނގެން އެބައޮތެވެ. އެއްގަމުކުދެމީހާގެ
ދަރިކޮޅު، މިލިޔުން ލިއުނުއިރު ސާފުކޮށް އެނގިފައެއް
ނެތެވެ. އެހެނަސް، ހޯދަންއުޅެފިނަމަ، މި ތިން ދަރިކޮޅު
ނޭނގި ނުދާނެ ކަމަށް ގަބޫލުކުރެވެ އެވެ. ޖީލުތަކާއެކު،
ކޭވަނެބެއްޔާގެ ދަރިކޮޅާއި، މާކުދެބެއްޔާގެ ދަރިކޮޅު ވަނީ
މައްސުނިވެފަ އެވެ. ހަމައެފަދައިން، އެ ދެ ދަރިކޮޅާއެކު،
އެއްގަމުކުދެމީހާގެ ދަރިކޮޅު ވެސް މައްސުނިވެފައި ވާނެކަމީ
ޤަބޫލުކުރެވޭ ކަމެކެވެ.
ކޭވަނެބެއްޔާ އާއި، މާކުދެބެއްޔާގެ ދަރިކޮޅުން، އުފެދުނު
ހައިބަހުރި ޝަޚުޞިއްޔަތުންގެ ތެރޭގައި، މުޙައްމަދު
އިބްރާހީމް (ކާބޮލު ތުއްތު) އާއި، ޙަސަން ކަލޭގެފާނު
ހިމެނެ އެވެ. މި ދެ ބޭކަލުން މައިފުށުން ގުޅިފައިވަނީ،
ކޭވަނެބެއްޔާ އާ އެވެ. ބަފައިފުށުން ގުޅިފައިވަނީ،
މާކުދެބެއްޔާ އާ އެވެ. މި ދެ ބޭކަލުން ވެސް އުފެދިގެން
އައީ، މާމެންދޫގެ ހައިބަބިޔަ މަޝްހޫރު އަވަށުންނެވެ. އެއީ
ކާބޮލެވެ. ތާރީޚު ކިޔާ މީހުންގެ ދޫދޫމަތިން ވާރުތަވަމުން
އަންނަ ގޮތުގައި، ކާބޮލުން އުފެދުނު އެންމެ މުއްސަނދި
ޝަޚުޞިއްޔަތަކީ، އަހަންމާބެއްޔާ އެވެ. އޭނާއަކީ،
އެއްފަހަރަށްވުރެ ގިނަ ފަހަރު ޙައްޖުގެ އަޅުކަން
އަދާކުރެއްވި ބޭކަލެކެވެ. (ހަނދާން ކުށް ކަމުގައި
ނުވާނަމަ، އޭނާ ދެފަހަރަށް ޙައްޖުގެ އަޅުކަން އަދާކުރެއްވި
އެވެ.)
ކާބޮލުން އުފެދުނު އެންމެ ހައިބަހުރި ސިޔާސީ
ޝަޚުޞިއްޔަތަކީ، މުޙައްމަދު އިބްރާހީމު (ކާބޮލު ތުއްތު)
އެވެ. އޭނާގެ ޒަމާނުގައި އޭނާ ވަނީ، މާމެންދޫގެ އިދާރީ
އިސް މަޤާމުތަކެއް ވެސް ފުރުއްވާފަ އެވެ. އެއިން އެއް
މަޤާމަކީ، ކާޑުގޭ ވެރިޔާގެ މަޤާމެވެ. ކާބޮލު ތުއްތު އަކީ،
ޢިލްމީ ގޮތުން ވެސް ފުންނާބު އުސް މުކުރި (މުޤުރިއު)
ބޭކަލެކެވެ. ސިންގަޅަބަސް ދެނެވަޑައިގަންނަވަ އެވެ.
އެއާއެކު، ޢަރަބި ބަހާއި އުރުދޫ ބަސް ވެސް
ދެނެވަޑައިގަންނަވަ އެވެ. އޭނާއަކީ، މާމެންދޫގެ ތާރީޚުގައި
އުފެދުނު އެންމެ ބޮޑު ފޮތްތެރިޔާ ވެސްމެ އެވެ. ކާތިބަކު
ލައްވައި، ފޮތްތައް ނަކަލުކުރައްވައި، ފޮތްތައް
ޖަމާކުރެއްވުމަކީ އޭނާ ކުރައްވާފައިވާ އަގުހުރި ޢިލްމީ
މަސައްކަތެކެވެ. އޭގެތެރޭގައި ސިޙުރު ފޮތްތަކާއި، ފަންޑިތަ
ފޮތްތައް ނެތްކަން ފާހަގަކޮށްލަންޖެހެ އެވެ. އޭގެތެރޭގައި
ޒިކުރު ފޮތްތަކާއި، މަދަޙަ ފޮތްތަކާއި، ދީނީ ފޮތްތަކާއި،
ތާރީޚީ ފޮތްތައް ހިމެނެ އެވެ.
ކާބޮލުގެ ޢުމްރާނީ ވެށި ވީރާނާވެ ހަލާކުވިފަހުން ވެސް
ކާބޮލުގެ ބައެއް ޝަޚުޞިއްޔަތުން ދުނިޔޭގައި ތިއްބެވި އެވެ.
އެއިން އެއް ބޭކަލަކީ، ނަންގަނެވިދިޔަ ޙަސަން
ކަލޭގެފާނެވެ. އޭނާގެ އަޞްލު ނަމަކީ، ޙަސަން އިބްރާހީމެވެ.
ދެން ޙަސަން ތަކުރުފާނެވެ. ދެން ޙަސަން ކަލޭގެފާނެވެ.
އޭނާއަކީ، ސިންގަޅަ ބަހާއި، ޢަރަބި ބަހާއި، އުރުދޫ ބަސް
ދެނެވަޑައިގަންނަވާ ބޭކަލެކެވެ. ޢަރަބި ބަހުގެ މައުލޫދު
ފޮތްތައް ކިޔަމުންދާއިރު، ވަގުތުން އޭގެ ތަރުޖަމާ ކިއުއްވަ
އެވެ. ތަފާތު ފަންނުތައް ދެނެވަޑައިގަންނަވަ އެވެ.
އޭގެތެރޭގައި، ވަޑާމުގެ ބާވަތްތަކާއި، އޮޑިދޯނިފަހަރު
ބަނުމާއި، ވާއެޅުމާއި، ބޮޑުހަރުގައި ލިޔުމާއި، ފެހުން ފަދަ
ފަންނުތައް ހިމެނެ އެވެ.
ޙަސަންކަލޭގެފާނަކީ، މުޙައްމަދު އަމީނުގެ ވެރިކަން
ނިމެންދެން ދިވެހި ސަރުކާރުގެ ކުރިމަތީގައި މަޤުބޫލު
ޝަޚުޞިއްޔަތެކެވެ. ސަރުކާރުގެ އިސް ވެރިންނާ އޭނާއާ
ދެމެދުގައި ބަދަހި ގުޅުމެއް އޮތެވެ. އެފަދަ ބޭފުޅުންގެ
ތެރޭގައި، މުޙައްމަދު އަމީނާއި، އާދަމް ނަޞީރު މަނިކު ފަދަ
ބޭބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ބުނެވޭ ގޮތުގައި،
މުޙައްމަދު އަމީނުގެ އަމުރުފުޅަށް، އެންމެ ފުރަތަމަ
އަތްދިގު ގަމީހުގެ އަތް ބުރިކުރެއްވީ ވެސް
ޙަސަންކަލޭގެފާނެވެ.
ގއ. މާމެންދޫގެ ބިމުން ޝާޢިރުންނާއި، ޤާނޫނީ މާހިރުން ވެސް
އުފެދިފައި ވެ އެވެ. އެފަދަ މަޝްހޫރު އެއް ޝަޚުޞިއްޔަތަކީ،
އޮޅެތައްޚާނު (ޅަ ތައްޚާނު) އެވެ. ނަސަބުގެ ގޮތުން އޭނާ
ނިސްބަތްވެވަޑައިގަންނަވަނީ، ކޭވަނެބެއްޔާގެ ދަރިކޮޅަށެވެ.
އެހެނީ، އޭނާއަކީ، ކޭވަނެބެއްޔާގެ ޙަސަން ޚަޠީބު
(ޙަސަންކަތީބާ) ގެ އޮޅެތައްޚާނު (ޅަ ތައްޚާނު) އެވެ.
އޭނާއަކީ، މައުޟޫޢެއް ދިނުމުން ވަގުތުން އެ މައުޟޫއަކަށް
ރައިވަރާއި ޅެން ހެއްދެވި ފުންނާބުއުސް ޝާޢިރެކެވެ.
ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތެރެއަށް
ފުންކޮށް ވެދެވަޑައިގެން ހުންނެވި ޤާނޫނީ މާހިރެކެވެ.
އޮޅެތައްޚާނު ދުނިޔެއަށް ދޫކުރެއްވި އެންމެ އަގުހުރި
ތަރިކައަކީ، ނުވަތަ ހަދިޔާ އަކީ، އޭނާގެ ތަޢުލީމީ
ދަރިކަލުން ޢަލީމުނީރެވެ. ޢަލީމުނީރަކީ، މާމެންދޫގެ
މިޒަމާނުގެ ތަޢުލީމުގެ ބާނީ އެވެ. ޚާއްޞަކޮށް، އޭނާއަކީ
ކީރިތި ޤުރުއާން ކިޔެވުމުގެ ޢިލްމާއި، ދީނީ ތަޢުލީމުގެ
ބައްޕަ ކަން ފާހަގަކޮށްލަންޖެހެ އެވެ. އޭނާއަށް މި ޝަރަފު
އެރުވުމަކީ، އޭނާގެ ޒަމާނުގައި މާމެންދޫގައި އުޅުއްވި
އެހެން ތަޢުލީމުޔާފުތާއިންނަށް ކުރެވޭ ބޭއިންޞާފެއް
ކަމުގައި ނުވާނެ އެވެ. އެހެނީ، އޭނާއަށްވުރެ ބޮޑަށް
ތަޢުލީމަށް ލޯބިކުރައްވައި، ނުހަނު ދީލަތިކަމާއެކު
ތަޢުލީމު ފެތުރުއްވުމަށް ހިންމަތާއެކު މަސައްކަތްކުރެއްވި
އެހެން ޝަޚުޞިއްޔަތެއް، މާމެންދޫގެ އެހާރާއި މިހާރުގެ
ތާރީޚުގައި ވެސް ނެތެވެ.
ގއ. މާމެންދޫގެ ބިމުން އުފެދިފައިވަނީ، ހަމައެކަނި ޢިލްމީ
ބޭފުޅުންނާއި، ފަންނީ ބޭފުޅުންނެއް ނޫނެވެ. ދިވެހިސަރުކާރާ
ނުބައްދަލު ބޮޑެތި މަހުޖަނުން ވެސް އެރަށުން އުފެދިފައި ވެ
އެވެ. އެއިން އެކަކީ، ހުތެކުއްދާ އެވެ. އޭނާއަކީ ވެސް
ސަރުކާރުގެ އިސްވެރިންނާ ގުޅުން ބޮޑު ބޭކަލެކެވެ. އޭރު
ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން
އެދިވަޑައިގަތުމުން، އެބޭފުޅުންނަށް ހުތެކުއްދާ ފައިސާ
ދެއްވަ އެވެ. އެފަދަ ވާހަކަތައް ބަޔާންވެފައިވާ
ރިވާޔަތްތަކުގެ ތެރޭގައި، ފަޟީލަތުއްޝައިޚު ޙުސައިން
ޞަލާޙުއްދީނަށް އެއްހާސް ރިހި ރުފިޔާ ދެއްވި ކަމަށް ބުނާ
ރިވާޔަތެއް ވެސް ވެ އެވެ. އެއީ، މިހާރުގެ ބަހުން ބުނާ
ނަމަ، ރިޝްވަތެވެ. ނުވަތަ ކޮރަޕްޝަނުގެ ޢަމަލެކެވެ.
އެހެނީ، އެގޮތުން ދެވޭ ފައިސާގެ ބަދަލަކީ، ފަޅުރަށްރަށާއި،
ބިންތައް ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ހުތެކުއްދާ
މާލެއަށް ކުރައްވާފައިވާ ބައެއް ދަތުރުތަކުގައި، ދިވެހި
ސަރުކާރަށް ވެސް ބޮޑެތި މާލީ އެހީތައް ދެއްވާފައިވާ ކަމަށް
ރިވާވެފައި ވެ އެވެ.
ހުތެކުއްދާ އަކީ، އޭނާގެ ޙަޔާތުގެ ކުރީކޮޅުގައި ވަރަށް
ނިކަމެތި އާދައިގެ ފަރުދެކެވެ. ލިޔަންކިޔަން ނުދަންނަ
ޖާހިލެކެވެ. އޭނާ ޝަޚުޞިއްޔަތަކަށް ހެއްދެވީ، އޭނާގެ
ކުޅަދާނަ އަނބިކަނބަލުންނެވެ. އެއީ، ހަވޮއްޑޭ ތިރުގޭ
ފާތެއިފާނެވެ. އޭނާއަކީ، އެޒަމާނުގެ ޢިލްމުތައް
ދެނެލައްވާ، ހުށިޔާރު ބޭކަނބަލެކެވެ. އާދައިގެ ބަހުން
ސިފަކުރާނަމަ، ފިސާރި އަންހެނެކެވެ! ފާތެއިފާނުގެ އެންމެ
މަޝްހޫރު ދެ ސިފައަކީ، ތަޢުލީމުޔާފުތާކަމާއި،
މުށްބާރުކަމެވެ!!! ހުތެކުއްދާގެ އެންމެ މަޝްހޫރު ދެ
ސިފައަކީ، ލިޔަންކިޔަންނުދަތުމާއި، ދީލަތިކަމެވެ!!! އެ
ދެކަނބަލުންކުރެ، އެކެއްގެ ސިފަތައް، އަނެކެއްގެ ސިފަތަކާ
މުޅިން އިދިކޮޅެވެ. އެހެނަސް އެ ދެކަނބަލުން، ކާމިޔާބު
ޒަވާޖީ ޙަޔާތެއް އާރާސްތުކުރެއްވި އެވެ!
ގއ. މާމެންދޫގެ ތާރީޚުގައި އުފެދުނު ހައިބަވެތި
ޝަޚުޞިއްޔަތުންނާ ބެހޭ ގޮތުން ލިޔާ ލިޔުމެއް ފުރިހަމަވާނީ،
ޗާންދަނީގޭ މުޙައްމަދު ކަލޭގެފާނުގެ ނަންފުޅާ އެކުގައި
ކަން ކަށަވަރެވެ. އޭނާއަކީ، ޢުމުރުގެ ފުރަތަމަ ބަޔާ
ޚިލާފަށް، ޢުމުރުގެ ދެވަނަ ބައިގައި ނުހަނު ހަރުދަނާ
ޝަޚުޞިއްޔަތެކެވެ. ދީންވެރި އަޅުވެރިއެކެވެ. ޙައްޖުގެ
އަޅުކަން އަދާކުރެއްވި ތަޤުވާވެރިއެކެވެ. ނަމާދު ވަގުތަށް
މިސްކިތަށް ވަޑައިގެން، ފަރުޟު ފަސްނަމާދު ޖަމާޢަތުގައި
ކުރެއްވި އެވެ. އެއާއެކު ސުންނަތް ނަމާދުތައް ވެސް
ކުރެއްވި އެވެ. ރަށުގެ ކަމުވޮށިވެގެންވާ މީހުންނާއެކު
ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ވަގުތުކޮޅެއް
ހޭދަކުރެއްވި އެވެ. އޭނާ އިންނަވާނީ ޗާންދަނީގޭ ޢިމާރާތާ
އިންވެގެން ދެކުނުފަރާތުގައި ހަދާފައިވާ އުނދޯލިގެއެއްގެ
އުނދޯލީގަ އެވެ. އެކިއެކި ކަންކަމާމެދު މަޝްވަރާކުރުމަށް
ރަށުގެ ކަމުވޮށިވެގެންވާ މީހުން ގޮސްއުޅުނީ އެ އުނދޯލިގެ
އަށެވެ.
މުޙައްމަދު ކަލޭގެފާނަކީ، މާމެންދޫގެ ތާރީޚުގައި
ފާހަގަކޮށްލެވޭ މުއްސަންޖެކެވެ. ދިވެހިރާއްޖެއަށް އިންޖީނު
ދޯނި ތަޢާރަފުވެގެން އައިއިރު، އޭނާގެ ދޯންޏެއްގައި
އިންޖީނު އެޅުއްވި އެވެ. އެކަމުގެ ސަބަބުން އޭނާގެ
މުއްސަނދިކަން ދެމިއޮތެވެ. އެދުވަސްވަރު އުޅުއްވި އެފަދަ
އަނެއް މުއްސަންޖަކީ، ބޮޑު ކަޅުފުތުގެ ޢަބްދު އެވެ.
މުޙައްމަދު ކަލޭގެފާނު ހެއްދެވި ގޮތަށް ދޯންޏެއްގައި
އިންޖީނު އެޅުއްވުމުގެ ފިކުރެއް، ޢަބްދު ނުގެންގުޅުއްވަ
އެވެ. އަދި ޢަބްދުގެ މުއްސަނދިކަން ދަމަހައްޓާނެ އެހެން
ފަރާތެއް ވެސް ނެތެވެ. ނަތީޖާއަކަށްވީ، އޭނާއާއެކު އޭނާގެ
މުއްސަނދިކަން ނިމިގެންދިއުމެވެ.
މާމެންދޫގެ ތާރީޚުން ފާހަގަކޮށްލެވޭ އެންމެ ހައިބަވެތި
އެންމެ ފަހުގެ އެއް ޝަޚުޞިއްޔަތަކީ، އާދަމް ނަފީސް އެވެ.
ރަށު މީހުން އާންމުކޮށް ކިޔައިއުޅުނީ، އާދަންކަތީބާ އެވެ.
އާދަމް ނަފީސަކީ ރަށުގެ ކަތީބުކަން ކުރެއްވި ބޭކަލެކެވެ.
ޤަދަރުވެރި ޚާންދާނަކުން އުފެދުނު ވަރުގަދަ
ޝަޚުޞިއްޔަތެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވާ
ޚާންދާނުގެ ބައެއް އެހެން ޝަޚުޞިއްޔަތުންނެކޭ
އެއްފަދައިން، ރޫޙާނީ ޢުލޫމުގައި ފުންނާބުއުސް ބޭކަލެކެވެ.
އެހެންކަމުން، ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން،
އޭނާއާއެކު ބަދަހި ގުޅުމެއް ދެމެހެއްޓެވި އެވެ.
މިއީ، ގއ. މާމެންދޫގެ ތާރީޚުން ފާހަގަކޮށްލެވޭ އިހުގެ
ޝަޚުޞިއްޔަތުންގެ މައްޗަށް އަލިއަޅުވާލުމަށްޓަކައި ލިޔަން
ފެށުމުން ހަނދާނަށް އައި ބައެއް ޝަޚުޞިއްޔަތުންނެވެ.
ހަނދާނުން ކައްސާލާފައިވާ އިހުގެ އެހެން ޝަޚުޞިއްޔަތެއް
ވެދާނެ އެވެ. އިހުގެ ޝަޚުޞިއްޔަތުން ކަމަށް މާނަކުރަނީ،
މިހާރު ދުނިޔޭގައި ނެތް ޝަޚުޞިއްޔަތުންނެވެ. މި ލިޔުމުގައި
ނަންގަނެވިފައިވާ ބޭކަލުންގެ ތެރެއިން، ޢަލީ މުނީރަކީ،
އިހުގެ ޝަޚުޞިއްޔަތެއް ނޫނެވެ. 3 މެއި 2016 ވީ އަންގާރަ
ދުވަހު މި ލިޔުން ލިޔުނު އިރު އޭނާ ދުނިޔޭގައި
އެބަހުންނެވި އެވެ.
މާތް ﷲ، ގއ. މާމެންދޫގެ އިހުގެ ޝަޚުޞިއްޔަތުންނަށް
ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ! އާމީން!