މުލްޙިދު ޙައިރާންކުރުވި ބޮއްކުރާ


ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ. މާތްﷲ އަށް އީމާން ނުވާ މުލްޙިދަކު، ޢިލްމުވެރިޔަކަށް ގޮންޖެހުމަށް ބޭނުންވިއެވެ. ދެން އެކަމަށްޓަކައި، އޭނާ އެ ޢިލްމުވެރިޔާއާ ބައްދަލުކޮށް މުނާޒަރާކުރާނެ ދުވަހަކާއި ވަގުތެއް ކަނޑައެޅުނެވެ. އެ ދުވަހުގެ އެ ވަގުތު އައިސް ޖެހުނުއިރު، އަޑުއަހަން އެއްވެ ތިބި މީހުން ވަނީ މުޅިތަން ފުރާލާފައެވެ. އެންމެން ތިބީ ޢިލްމުވެރިޔާ، ވަޑައިގަންނަވާނެ ހިނދުކޮޅެއްގެ އިންތިޒާރުގައެވެ. ނަމަވެސް، ގަޑިޖެހި ދިޔަ އިރުވެސް ޢިލްމުވެރިޔާގެ ޚަބަރެއް ނުވިއެވެ.
ކުޑައިރުކޮޅެއް ވަންދެން ޢިލްމުވެރިޔާއަށް އިންތިޒާރުކުރުމަށްފަހު، މީސްތަކުންނާ މުޚާޠަބުކޮށް، މުލްޙިދު ވާހަކަ ދައްކަން ފެށިއެވެ.

"މާތްﷲ ވޮޑިގެންވާކަން ސާބިތުކޮށްދޭން އުޅުނު ޢިލްމުވެރިޔާ ބިރުން އެފިލީއެވެ. މި މުނާޒަރާގައި އޭނާ މޮޅު ނުވާނެތީ އެކަމާ ބިރުންނެވެ. މި ކައުނާއި ކާއިނާތު ޚަލްޤުކުރެއްވި ކަލަކު ވޮޑިގެން ނުވާކަން އަޅުގަނޑު ތިޔަ ބޭފުޅުންނަށް ސާބިތުކޮށްދޭނަމެވެ. ..."

މި މޭރުމުން، މުލްޙިދު ވާހަކަ ދައްކަމުން ގެންދަނިކޮށް، ޢިލްމުވެރިޔާ ވަޑައިގެންފިއެވެ. އަދި ގަޑިޔަށް ވަޑައިނުގެންނެވުނީތީ، ޢުޛުރުވެރިވެ ވަޑައިގަތެވެ.

ޢިލްމުވެރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑު މިތަނަށް އައުމަށްޓަކައި ކޯރެއް ހުރަސްކުރަން ޖެހެއެވެ. ކޯރުގެ އައްސޭރިޔަށް ދިޔައިރު، ކޯރު ހުރަސްކުރާ ބޮއްކުރައެއް ނެތެވެ. ދެން ބޮއްކުރާ އާދޭތޯ އެތަނުގައި ހުރީމެވެ. އެހެން ހުއްޓާ، ކުއްލިއަކަށް ކޯރުތެރޭން މަޑޫތަކެއް ފެންމަތިވިއެވެ. ދެން އެމަޑޫތައް އަމިއްލައަށް އެއްވެ، އެއިން ބޮއްކުރައެއް އުފެދުނެވެ. ވަރަށް ފުރިހަމައަށް އިންތިޒާމުވެގެން މިކަން ހިނގާ ދިޔައީ، ވަރަށް ހަލުއިކޮށްނެވެ. ދެން އެ ބޮއްކުރާ އަޅުގަނޑު ހުރި ދިމާއަށް ގާތްވިއެވެ. ދެން އަޅުގަނޑު އެ ބޮއްކުރަޔަށް އަރައިގެން ތިޔަބޭފުޅުންގެ އަރިހަށް މިއައީއެވެ."

ޢިލްމުވެރިޔާގެ މި ބަސްތައް އަޑުއަހާފައި، މުލްޙިދު ބުންޏެވެ.

"ޢިލްމުވެރިޔެކޭ ކިޔާފައި މިތަނަށް އައިސް މިހުރީ ބޮޑު މޮޔައެކެވެ. ކޯރެއްގެ ތެރެއިން މަޑޫތަކެއް ފާޅުވެ، އެއިން ބޮއްކުރައެއް އުފައްދާނެ ވަޑިއަކާ ނުލައި، އެއިން ބޮއްކުރައެއް އުފެދޭނީ ކިހިނަކުން ހެއްޔެވެ؟ އަދި އޭނާ އެބުނާ ގޮތަށް، އެ މަޑޫތައް ޖަމާކުރާނެ މީހަކާ ނުލައި އެތަކެތި އެއްތަންވާނީ ކިހިނަކުން ހެއްޔެވެ؟"
މުލްޙިދުގެ މި ބަސްތައް އަޑުއައްސަވާފައި، ޢިލްމުވެރިޔާ ނިކަން ހިތްހަމަޖެހިވަޑައިގެން، މުލްޙިދާ މުޚާޠަބުކޮށް ވިދާޅުވިއެވެ.

"މަޑޫތަކަކުން އަމިއްލައަށް ބޮއްކުރައެއް ނުއުފެދޭނެކަމަށް ތިބާ ވިދާޅުވާއިރު، ފަހެ، ތިބާގެ އަމިއްލަ ނަފުސު އުފެދުނު ގޮތާމެދު ތިބާ ވިދާޅުވަނީ ކީކޭތޯއެވެ؟ ތިބާ ތިޔަ ވިދާޅުވަނީ، މި މާސިންގާ ބިޔަ ކައުނުގައި ޚާލިޤުވަންތަ ކަލަކު ވޮޑިގެން ނުވާކަމަށެވެ!"

ޢިލްމުވެރިޔާގެ ސުއާލަށް ދޭނެ، ޙާޟިރު ޖަވާބެއް މުލްޙިދަކަށް ނޭގުނެވެ. އަޑުއަހަންތިބި މީހުންނަށް، މިވަރުން، މައްސަލަ ދޭހަވެ ނިމިއްޖެއެވެ.