ޒަމާނުގެ ބަހުން މީސްތަކުންނާ މުޚާޠަބުކުރުން
އަޅުގަނޑު ތަބާވި ޤަޥާޢިދުތަކުގެ ތެރެއިން އެއް
ޤަޥާޢިދަކީ، މީސްތަކުންނާ، އެބައިމީހުންގެ ޒަމާނުގެ ބަހުން
މުޚާޠަބުކުރުމެވެ. އެއީ އެބައިމީހުންނަށް ރަނގަޅަށް
ފަހުމްވެ ދޭހަވާ ބަހެވެ. އެބައިމީހުންނަށް ނޭގޭ އުނދަގޫ
ބަސްތަކާއި ޢާއްމުކޮށް ބޭނުންކޮށް ނޫޅޭ ބީރައްޓެހި
ލަފުޒުތައް އަޅުގަނޑު އެއްކިބާކުރަމެވެ. އަޅުގަނޑު ބަލަނީ،
ފަސޭހައިން ދޭހަވާ، އަދި ރަނގަޅު މާނަ އެކުލެވޭ ލަފުޒުތައް
ބޭނުންކުރުމަށެވެ.
އަލްއިމާމު ޢަލީގެފާނު ވިދާޅުވެފައި ވެއެވެ. (حَدِّثُوا
النَّاسَ بِمَا يَعْرِفُونَ وَدَعُوْا مَا يُنْكِرُونَ
أَتُحِبُّونَ أَنْ يُكَذَّبَ اللَّهُ وَرَسُولُهُ؟)
މާނައީ، "މީސްތަކުންނަށް އޮޅުންފިލާވަރަށް މީސްތަކުންނާ
ތިޔަބައިމީހުން މުޚާޠަބުކުރާށެވެ! އެބައިމީހުން
އިންކާރުކުރާ ތަކެތި ދޫކޮށްލާށެވެ! ﷲ އާއި އެކަލާނގެ
ރަސޫލާގެ ބަސްފުޅުތައް ދޮގުކުރެވެން ތިޔަބައިމީހުން
ބޭނުންވާނެ ހެއްޔެވެ؟"
މާތްﷲ ޥަޙީކުރައްވާފައި ވެއެވެ. (وَمَا أَرْسَلْنَا مِن
رَّسُولٍ إِلاَّ بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ)
(އިބްރާހީމު: 4) މާނައީ، "ތިމަންރަސްކަލާނގެ އެއްވެސް
ރަސޫލަކު، އެބޭކަލެއްގެ ޤައުމުގެ މީހުންގެ ބަހުން
ވާހަކަދައްކަވާ ބޭކަލެއްގެ ގޮތުގައި މެނުވީ
ނުފޮނުއްވަމެވެ. އެއީ، އެއުރެންނަށް ސާފުކޮށް
ބަޔާންކޮށްދެއްވުމަށްޓަކައެވެ."
ކޮންމެ ޒަމާނަކަށް، އެ ޒަމާނެއްގެ މީހުން ވާހަކަދައްކާއުޅޭ
ބަހުރުވައާއި ވާހަކަ ދެއްކުމުގެ ވައްޓަފާޅިއެއް ވެއެވެ.
އަޅުގަނޑުމެންގެ މި ޒަމާނުގައި މީސްތަކުންނާ
މުޚާޠަބުކުރުމަށް އެދޭ ކޮންމެ މީހަކުމެ، މިޒަމާނުގެ
ބަހުރުވަ ދަސްކޮށްގެން، އެއިން ވާހަކަ ދެއްކުން ހުއްޓެވެ.
އަޅުގަނޑު މި ދަންނަވަނީ، ފަހަރެއްގައި ވެސް، ބަޔަކު
މީހުން ވާހަކަ ދައްކާ އުޅޭ ބަހެއްގައި ހިމެނޭ
ލަފުޒުތަކެއްގެ ވާހަކައެއް ނޫނެވެ. އެކަމަކު އަޅުގަނޑު މި
މާނަކުރަނީ އެއަށްވުރެ މާފުޅާ ދާއިރާއެކެވެ. އާދޭހެވެ.
މީސްތަކުން ވިސްނައި ފިކުރުކުރާ ގޮތާއި މީސްތަކުންނަށް
ފަހުމްވާ ގޮތާއި ފަހުމްކޮށްދެވޭ ގޮތް، އަޅުގަނޑުގެ
މާނަކުރުމުގައި ހިމެނެއެވެ. އަޅުގަނޑުމެންގެ މިޒަމާނުގައި
ވާހަކަ ދައްކާ ބަހުގައި ބަލަންޖެހޭ ކަންތައްތަކެއް ވެއެވެ.
ދީނުގެ ކަންތައްތައް އޮޅުންފިލުވާދޭ މީހަކު
އެކަންތައްތަކަށް ރިޢާޔަތްކުރަން ޖެހޭނެއެވެ.
އެކަންތައްތަކަކީ:
(ހ) ބުއްދި ޤަބޫލުކުރާ ހަމަތަކުގެ މަތިން، މީސްތަކުންގެ
ބުއްދިއާ މުޚާޠަބުކުރުން.
(ށ) ޢިބާރާތްތަކާއި އުސްލޫބުތައް ބޭނުންކުރުމުގައި،
ކަންބޮޑުކުރުމާއި ގޮތްބޮޑުކުރުމުން އެއްކިބާވުން.
(ނ) ޙިކުމަތާއި ޢިއްލަތާއެކު، އިސްލާމްދީނުގެ ޢާއްމު
ފަލްސަފާއާ ގުޅުވައިގެން ޙުކުމް ބަޔާންކޮށްދިނުން.
(ޢިއްލަތަކީ، ސަބަބެވެ.)
މިކަންތައްތަކުގެ ތަފުޞީލު ތިރީގައި މިވަނީއެވެ.
(ހ) ބުއްދި ޤަބޫލުކުރާ ހަމަތަކުގެ މަތިން، މީސްތަކުންގެ
ބުއްދިއާ މުޚާޠަބުކުރުން.
މީސްތަކުންގެ ހިތްތަކަށް ޢާޠިފީ އަސަރުތައް ކުރާނެ
ބީދައިން، ކަންބޮޑުކޮށްގެން ވާހަކަ ދައްކައިގެން
ނުވާނެއެވެ. އިސްލާމްދީނުގެ އެންމެ ބޮޑު މުޢުޖިޒާތަކީ،
ބުއްދީގެ މުޢުޖިޒާތެކެވެ. އެއީ ކީރިތި ޤުރުއާނެވެ. މާތްﷲ
ވަނީ އެފޮތުން މީސްތަކުންނަށް ގޮން ޖައްސަވާފައެވެ.
އާދަކާދަ ފޫއަޅުވާލަނިވި މުޢުޖިޒާތްތައް ކީރިތި ރަސޫލާއަށް
ދެއްވާފައިވުމާއެކު ވެސް، އެފަދަ ކަންކަމުން، އެކަލާނގެ
ގޮން ނުޖައްސަވައެވެ. އިސްލާމްދީން ފަދައިން، ބުއްދިއާއި
ޢިލްމަށް އިޙުތިރާމްކުރާ ދީނެއް، އިންސާނުންނަށް
އެނގިފައެއް ނުވެއެވެ.
(ށ) ޢިބާރާތްތަކާއި އުސްލޫބުތައް ބޭނުންކުރުމުގައި،
ކަންބޮޑުކުރުމާއި ގޮތްބޮޑުކުރުމުން އެއްކިބާވުން.
މިކަމަށްޓަކައި، އަޅުގަނޑު ބޭނުންކުރަނީ، މީސްތަކުންނަށް
އޮޅުންފިލާނެ ފަސޭހަ ބަސްމަގެވެ. އަދި ބައެއް ފަހަރު،
އަޅުގަނޑު ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް
ބުނެދިނުމަށްޓަކައި، ޢާއްމު ބަހުރުވައިގައި ބޭނުންކުރެވޭ
މިސާލުތައް ބޭނުންކުރަމެވެ. އަޅުގަނޑު ޤަބޫލުކުރާ
ގޮތުގައި، އަޅުގަނޑުގެ ޕްރޮގްރާމްތައް ބައްލަވާ
ބޭފުޅުންނާއި އަޑުއައްސަވާ ހުރިހާ ބޭފުޅުންނަކީ،
ވިސްނުމާއި ފިކުރާއި ހޭލުންތެރިކަމުގެ ގޮތުން އެއްވަރެއްގެ
ބަޔެއް ނޫނެވެ. އޭގެތެރޭގައި، ބޮޑެތި އުސްތާޛުން
ތިއްބަވާނެއެވެ. އަދި ކުދިކުދި ދަރިވަރުން ވެސް ވާނެއެވެ.
ހަމައެފަދައިން ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނާއި
އެނޫން މީހުން ވެސް ހިމެނޭނެއެވެ. އަޅުގަނޑު ދައްކާ ވާހަކަ
އެ އެންމެނަށް ދޭހަވެ އޮޅުންފިލަން ޖެހޭނެއެވެ. ވިސްނުމާއި
ފިކުރާއި ހޭލުންތެރިކަމުގެ ގޮތުން ތަފާތު ދަރަޖަތަކުގެ
މީހުންނަށް އޮޅުންފިލުވާދިނުމަކީ ދަތިކަމެކެވެ. ނަމަވެސް،
އަޅުގަނޑަށް ކުޅަދާނަވީ މިންވަރަކުން، އެކަން ކުރެވޭތޯ
މަސައްކަތްކުރަމެވެ. އަޅުގަނޑަކީ، ހުރިހާ ކަމެއްގައި
މެދުމިނާއި ހަމަހަމަކަން ޤަބޫލުކުރާ މީހަކީމެވެ. މިހެންވެ،
އަޅުގަނޑު ބަލަނީ މެދުމިނުގައި ހިފެހެއްޓުމަށެވެ.
ޢާއްމުންނަށް ދޭހަކޮށްދިނުމުން އެއްކިބާވެވިދާނެތީ،
މައްޗަށް އަރައިގެން ގޮސް، މޮޅު މީހުންނަށް އޮޅުންފިލާ
ދަރަޖައިގައި ނުހިފަހައްޓަމެވެ. އަދި، މޮޅު މީހުން
ޤަބޫލުކުރާ ހަމަތަކާ ޚިލާފުވެވިދާނެތީ، ތިރިވެގެން ގޮސް
އެންމެ ދަށު ދަރަޖައަށް ނުވެއްޓެމެވެ. ކީއްތޯއެވެ.
އަޅުގަނޑުގެ ލަނޑުދަނޑިއަކަށް ހެދީ، މޮޅުމީހުންގެ ރުހުމާއި
ތާއީދާއެކު، ޢާއްމުންނަށް އޮޅުންފިލުވާދިނުމެވެ. މިއީ،
އަޅުގަނޑު އަބަދުވެސް ބޭނުންކުރާ މަންހަޖެވެ. މި
މަންހަޖުގައި ހިފެހެއްޓުން ކާމިޔާބުކުރެވުނު ކަމަށް
އުންމީދުކުރަމެވެ. ނޫންނަމަ، އެއާ ގާތުގައި އުޅެވުނު
ކަމަށް އުންމީދުކުރަމެވެ.
(ނ) ޙިކުމަތާއި ޢިއްލަތާއެކު، އިސްލާމްދީނުގެ ޢާއްމު
ފަލްސަފާއާ ގުޅުވައިގެން ޙުކުމް ބަޔާންކޮށްދިނުން.
އަޅުގަނޑުގެ ފަތުވާތަކާއި ލިއުންތަކުގައި ޢާއްމުކޮށް
ތަބާވަނީ މި ގޮތާއެވެ. އެއީ ދެ ކަމަކަށްޓަކައެވެ. އެ ދެ
ކަމަކީ:
1. މިއީ، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގެ އުސްލޫބެވެ.
ފަހެ، ޙައިޟުވެރިޔާއާމެދު ސުއާލުކުރެވުނު ހިނދު،
ކަންއޮތްގޮތް ބަޔާންކުރައްވަމުން މާތްﷲ
ޥަޙީކުރައްވާފައިވަނީ، (وَيَسْأَلُونَكَ عَنِ الْمَحِيضِ
قُلْ هُوَ أَذًى فَاعْتَزِلُواْ النِّسَاء فِي الْمَحِيضِ
وَلاَ تَقْرَبُوهُنَّ حَتَّىَ يَطْهُرْنَ) (އަލްބަޤަރާ:
222) މިފަދައިންނެވެ. މާނައީ، "އަދި ޙައިޟާމެދު،
ކަލޭގެފާނާ އެއުރެން ސުއާލުކުރެތެވެ. ކަލޭގެފާނު
ވިދާޅުވާށެވެ! އެއީ، އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ،
ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ
ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢު ނުވާށެވެ!) އަދި
އެކަނބަލުން ހިނައި ޠާހިރުވެއްޖައުމަށްދާންދެން
ތިޔަބައިމީހުން (އެއްދާންކުރުމުގެ ގޮތުން) ނުދާށެވެ!"
މި އާޔަތުގައި، މާތްﷲ، އެކަލާނގެ ރަސޫލާއަށް އަންގަވާފައި
އެވަނީ، ޙުކުމަށްވުރެ ކުރިން، ޙުކުމުގެ ޢިއްލަތް،
އެބައިމީހުންނަށް ބަޔާންކޮށްދެއްވުމަށެވެ. ޙުކުމުގެ
ޢިއްލަތަކީ، އުނދަގޫ ލިބެނިވި ކަމެއް ކަމުގައި ވުމެވެ.
ޙުކުމަކީ، ދުރުހެލިވުމެވެ.
ފައިއުގެ މުދަލަށް ބަލާލަމާތޯއެވެ. އޭގެ ޙައްޤުވެރިންގެ
ތެރޭގައި، ޔަތީމުންނާއި މިސްކީނުންނާއި ދަތުރުވެރިން
ހިމެނެއެވެ. އެ މުދާ ބަހާނެގޮތް ބަޔާންކުރައްވާފައިވާ
އާޔަތުގައި އެކަން ކުރުމުގެ ޙިކުމަތް މާތްﷲ
ބަޔާންކުރައްވާފައިވެއެވެ. (كَيْ لا يَكُونَ دُولَةً بَيْنَ
الأَغْنِيَاء مِنكُمْ) (އަލްޙަޝްރު: 7) މާނައީ، "އެއީ، އެ
މުދާތައް، ތިޔަބައިމީހުންކުރެ މުއްސަނދީންގެ މެދުގައި
ދައުރުވޭވެ ހުރިޔަ ނުދިނުމަށްޓަކައެވެ."
އެހެން ޢިބާރާތަކުން ބުނާނަމަ، އެ މުދާ ހަމައެކަނި
މުއްސަނދިންގެ އަތްމަތީގައި ނުބެހެއްޓުމާއި، އެހެން
ފަންތިތަކުގެ މީހުން އެއިން މަޙުރޫމް ނުކުރުމަށްޓަކައެވެ.
އެހެނީ، ހަމައެކަނި މުއްސަނދިންގެ އަތުގައި މުދާ ހުރުމަކީ،
ފަސާދައިގެ މަޞްދަރެވެ. ދުނިޔޭގެ އިޤުތިޞާދަށް ގަދަބާރު
ހިންގާ ކެޕިޓަލިޒަމްގެ އެންމެ މުހިންމު ސިފައަކީ،
މުއްސަނދިންގެ އަތުގައި މުދާވެރިކަން ބޭއްވުމެވެ.
އަޅުކަމުގެ ކަންތައްތަކަށް ދާންދެން ކުރުމަށް
އަންގަވާފައިވަނީ ވެސް، ސާދާ ފިޠުރަތާއި ސަލާމަތް ބުއްދި
ޤަބޫލުކުރާ ޢިއްލަތްތަކާއި ޙުކުމްތައް
ބަޔާންކުރެއްވުމާއެކުގައެވެ.
ނަމާދާމެދު އަންގަވާފައި ވެއެވެ.
(إِنَّ الصَّلاةَ تَنْهَى عَنِ الْفَحْشَاء وَالْمُنكَرِ)
(އަލްޢަންކަބޫތު: 45)
މާނައީ، "ހަމަކަށަވަރުން ނަމާދަކީ، ހުތުރުކަން ބޮޑު
ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ."
ރޯދައާމެދު އަންގަވާފައި ވެއެވެ.
(لَعَلَّكُمْ تَتَّقُونَ)
(އަލްބަޤަރާ: 183)
މާނައީ، "(އެއީ) ތިޔަބައިމީހުން
ތަޤުޥާވެރިވުމަށްޓަކައެވެ."
ޒަކާތާމެދު އަންގަވާފައި ވެއެވެ.
(خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ
وَتُزَكِّيهِم بِهَا)
(އައްތައުބާ: 103)
މާނައީ، "އޭގެ ސަބަބުން ކަލޭގެފާނު އެއުރެން
ޠާހިރުކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން
އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެއުރެންގެ މުދަލުން
ކަލޭގެފާނު ނަންގަވާށެވެ!"
ޙައްޖާމެދު އަންގަވާފައި ވެއެވެ.
(لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ
فِي أَيَّامٍ مَّعْلُومَاتٍ)
(އަލްޙައްޖު: 28)
މާނައީ، "އެއީ، އެއުރެންނަށް ހުރި (ދީނީ އަދި ދުންޔަވީ)
މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި
އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން ﷲ ގެ އިސްމުފުޅު
ހަނދުމަކޮށް އުޅުމަށެވެ."
ކީރިތި ރަސޫލާގެ ސުންނަތަށް ނަޒަރު ހިންގާލައިފިނަމަ،
ޙުކުމުގެ ޙިކުމަތާއި އެ ޝަރުޢުކުރެއްވުނީ ކީއްވެގެންކަން
ބަޔާންވެފައިވާތަން ފެންނާނެއެވެ.
އޭގެ އެއް މިސާލަކީ، ރޯދައަށް ހުންނަވައިގެން
ޢުމަރުގެފާނު، އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ބޮސް
ދެއްވުމަށްފަހު، އެކަމާމެދު ކަންބޮޑުވެވަޑައިގެން ކީރިތި
ރަސޫލާގެ އަރިހަށް ވަޑައިގެންނެވި ހިނދު، އިތުރު
އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެވެ. އެކަލޭގެފާނަށް
އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (أَرَأَيْتَ لَوْ
تَمَضْمَضْتَ ثُمَّ مَجَجْتَهُ، أَكَانَ يَضُرُّ شَيْئاً؟)
މާނައީ، "ކަލޭގެފާނު ފެންކޯވަރަކުން އަނގަފުޅު
ދޮންނެވުމަށްފަހު، އެ ފެންފޮދު އުއްކަވާލައްވައިފިނަމަ،
އެކަމާމެދު ވިދާޅުވާނީ ކީކޭތޯއެވެ؟ އެކަމުގެ ސަބަބުން
ކަލޭގެފާނުގެ ރޯދަ ގެއްލޭނެތޯއެވެ؟" އެހިނދު ޢުމަރުގެފާނު
ވިދާޅުވިއެވެ. "ނޫނެކެވެ."
މިގޮތުގެ މަތިން ކީރިތި ރަސޫލާ އެ ބަޔާންކޮށްދެއްވީ،
ޙަރާމްކަމަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭ ކޮންމެ
ކަމަކީ ޙަރާމްކަމެއް ނޫންކަމެވެ. ދޮންދިނުމަކީ،
ޖިމާޢުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ރޯދަވެރިޔާ އޭނާގެ
އަނބިމީހާއާ ޖިމާޢުވުމަކީ ޙަރާމްކަމެކެވެ. އެކަމަކު، އޭނާ،
އޭނާގެ އަނބިމީހާއަށް ދޮނެއް ދިނުމަކީ ޙަރާމްކަމެއް
ނޫނެވެ. ހަމައެފަދައިން، އަނގައަށް ފެންލުމަކީ،
ފެންބުއިމަށް މަގުފަހިކޮށްދޭ ކަމެކެވެ. ރޯދަވެރިޔާ ފެން
ބުއިމަކީ ޙަރާމް ކަމެކެވެ. ނަމަވެސް އެކަމަށް
މަގުފަހިކޮށްދޭ ކަމަކީ، ޙަރާމް ކަމެއް ނޫނެވެ.
ނަންގަނެވި ދިޔަ ފަދަ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. (لاَ
تُنْكَحُ الْمَرْأَةُ عَلَى عَمَّتِهَا وَلاَ عَلَى
خَالَتِهَا، وَلاَ عَلَى ابْنَةِ أَخِيْهَا، وَلاَ عَلَى
ابْنَةِ أُخْتِهَا، فَإنَّكُمْ إنْ فَعَلْتُمْ ذَلِكَ
قَطَعْتُمْ أرْحَامَكُمْ) މާނައީ، "އަންހެނަކާ
ކާވެނިކުރާއިރު، އެކަނބުލޭގެ ބަފައިފުށުގެ ބޮޑުދައިތައާ
އަދި މައިފުށުގެ ބޮޑުދައިތައާ އަދި އަޚެއްގެ
އަންހެންދަރިއާ އަދި އުޚުތެއްގެ އަންހެންދަރިޔާ
އިނދެގެންހުރެ އެކަނބުލޭގެއާ ކާވެނި ނުކުރެވޭނެއެވެ. ފަހެ،
ތިޔަބައިމީހުން އެކަން ކޮށްފިނަމަ، ތިޔަބައިމީހުން އެ
ކަނޑާލީ ރަޙިމުގެ ގުޅުމެވެ."
މި ޙަދީޘްފުޅުގައި އިތުރު އެކަލޭގެފާނު އެވަނީ، އެކަމުގެ
ޙުކުމާއި، އެކަން ޙަރާމްކުރެއްވި ޙިކުމަތް
ބަޔާންކުރައްވާފައެވެ. އެހެނީ، ދަމަހައްޓަން މާތްﷲ
އަންގަވާފައިވާ ގުޅުމެއް އެކަމުގެ ސަބަބުން އެބަ
ކަނޑާލެވެއެވެ. އެކަން އެހެންވަނީ، އަނބިންގެ މެދުގައި
ހިނގާފާނެ ހަމަނުޖެހުމެއްގެ ސަބަބުންނެވެ.
އަދި އެހެން ޙަދީޘްފުޅެއްގައި، ބަޝީރު ބިން ސަޢުދަށް،
އިތުރު އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ބަޝީރަކީ،
އޭނާގެ ދަރީންނަށް އެއްޗެހި ދީ ހެދުމުގައި ތަފާތުކުރާ
މީހެކެވެ. އެ ޙަދީޘްފުޅުގައި ވެއެވެ. (أيَسُرُّكَ أنْ
يَكُونُوا لَكَ فِي البِرِّ سَوَاءً؟ قَالَ: نَعَمْ. قَالَ:
(فَاتَّـقُـوا اللهَ وَاعْدِلُوا بَيْنَ أوْلاَدِكُمْ)
މާނައީ، "ތިބާގެ ދަރިން ތިބާއަށް ހެޔޮކޮށް ހިތުމުގައި
ހަމަހަމަވުމުން ތިބާ އުފާވާނެތޯއެވެ؟ ބަޝީރު ދެންނެވިއެވެ.
އާދޭހެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ،
ތިޔަބައިމީހުން ﷲ އަށް ތަޤުޥާވެރިވާށެވެ! އަދި
ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ!"
ނަންގަނެވިދިޔަ ފަދަ އާޔަތްތަކާއި ޙަދީޘްފުޅުތައް ކީރިތި
ޤުރުއާނާއި ސުންނަތުގައި ވަރަށް ގިނައެވެ. މާތްﷲ ގެ
ޥަޙީބަސްފުޅާއި ކީރިތި ރަސޫލާގެ ޙަދީޘްފުޅަކީ، އޭގައި ވަކި
ޢިއްލަތެއް ބަޔާންނުކުރެއްވިޔަސް ޙުއްޖަތެކެވެ.
އަޅުގަނޑުމެން ދެނެގަންނަންވީ، އޭގައި ހެޔޮކަމަކަށް މެނުވީ
އަންގަވާފައި ނުވާނެ ކަމެވެ.
2. ޝައްކު އުފައްދާ މީހުންނާއި ޝައްކުކުރާ މީހުން
މިޒަމާނުގައި ގިނަކަން.
މި ޒަމާނުގައި ގިނަ މީހުން ގޮތަކީ، ޙުކުމެއްގެ ދަލީލާއި
އޭގެ ސިއްރާއި އޭގެ ޙިމުމަތާއި ބޭނުން
ދެނެގަތުމަށްފަހުގައި މެނުވީ އެ ޙުކުމެއް
ޤަބޫލުނުކުރުމެވެ. ޚާއްޞަކޮށް، އަޅުކަމުގެ ކަންތައްތައް
ފިޔަވައި އެހެން ކަންކަމުގައި ގިނަ މީހުންގެ ގޮތަކީ
އެއީއެވެ.
އެހެންކަމުން، ޒަމާނާއި ޒަމާނުގެ މީސްތަކުންގެ ޠަބީޢަތް،
އަޅުގަނޑުމެންނަށް އެނގެން އެބަޖެހެއެވެ. މާތް ﷲ
ޝަރުޢުކުރައްވާފައިވާ ކަންކަން ޤަބޫލުކުރުމާމެދު، މީހުންގެ
ހިތުގައި އޮންނަ ދަތިކަން ފިލުވާލުމަށްޓަކައި،
އެކަންކަމުގެ ޙިކުމަތް ބުނެދޭނެ ގޮތް، އަޅުގަނޑުމެންނަށް
އެނގެން ޖެހެއެވެ. ހިތްހަމަޖެހޭ ޙާލުގައި އެ ޙުކުމްތައް
މީސްތަކުން ބަލައިގަންނާނީ އޭރުންނެވެ. ޝައްކެއްގައިވާ
މީހެއްނަމަ، އޭނާގެ ޝައްކު ފިލާނީ އޭރުންނެވެ. މުއުމިނެއް
ނަމަ، އޭނާގެ އީމާންތެރިކަން އިތުރުވާނީ ވެސް އޭރުންނެވެ.
މިކަންކަން މިހެން އޮތުމާއެކު ވެސް، މީސްތަކުންނަށް
އަޅުގަނޑުމެން ކަށަވަރުކޮށްދޭން ޖެހޭ ކަންތައްތަކެއް
ވެއެވެ. އެކަލާނގެ އެދިވޮޑިގެންނެވި ކޮންމެ ކަމެއް
ކުރުމަށް މީސްތަކުންނަށ އެންގެވުމުގެ ޙައްޤު އެކަލާނގެ
އަށް ލިބިވޮޑިގެން ވެއެވެ. އެހެނީ، އެކަލާނގެއީ
މީސްތަކުންގެ ވެރި ރަސްކަލާނގެއެވެ. އެންމެހައި
މީސްތަކުންނީ އެކަލާނގެ އަޅުތަކުންނެވެ. މީސްތަކުން
ޚަލްޤުކުރައްވައި، އުޅެންވީ ގޮތް އެންގެވީ އެކަލާނގެއެވެ.
މިހެންވެ، އެކަލާނގެ އެންގެވި ކޮންމެ ކަމަކަށް، މީސްތަކުން
ކިޔަމަންގަންނަން ޖެހެއެވެ. އަދި އެކަލާނގެ އެންގެވި
ކޮންމެ ޚަބަރެއް ތެދުކޮށް ޤަބޫލުކުރަން ޖެހެއެވެ. އޭގެ
ޢިއްލަތާއި ސަބަބާއި ސިއްރު މީސްތަކުންނަށް ނޭގުނު
ކަމުގައި ވިޔަސް އެވެ. އެކަލާނގެ އަމުރުފުޅުތަކުގެ
ކުރިމަތީގައި މީސްތަކުން ފުރަތަމަ ބުނަންޖެހޭނީ،
"އަޑުއަހައި ކިޔަމަން ވެއްޖައީމުއެވެ." ދެން ބުނަންޖެހޭނީ،
"އެއަށް އީމާންވެއްޖައީމުއެވެ. އެއީ ތިމަންމެންގެ ވެރި
ރަސްކަލާންގެ ޙަޟުރަތުން އައި އެއްޗެކެވެ."
ޙިކުމަތެއް އޮވެގެން މެނުވީ، އެއްވެސް ކަމަކަށް މާތްﷲ
އަމުރުނުކުރައްވައެވެ. އަދި ޙިކުމަތެއް އޮވެގެން މެނުވީ،
އެކަލާނގެ އެއްވެސް ކަމެއް ނަހީ ނުކުރައްވައެވެ. މިއީ،
އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް،
ކަންކަމުގައި މާތްﷲ ލައްވާފައިވާ ޙިކުމަތްތައް
ތަފުޞީލުކޮށް ބަޔާންކުރުމުގެ ކުޅަދާނަކަން،
އަޅުގަނޑުމެންނަށް ލިބިފައެއް ނުވެއެވެ. އަޅުގަނޑުމެންނަށް
އެކަމުގެ ކުޅަދާނަކަން ދެއްވާފައި ނުވަނީ
އިމްތިޙާންކުރެއްވުމަށްޓަކައެވެ. (ކަންކަމުގައި މާތްﷲ
ލައްވާފައިވާ ޙިކުމަތްތައް ނޭގުނު ކަމުގައި ވިޔަސް
އެކަލާނގެ އަންގަވާފައިވާ ގޮތާ ތަބާވާކަން ނުވަތަ ނޫންކަން
ހާމަކުރެއްވުމަށްޓަކައެވެ.) ތަކުލީފު ލިބިގެންވުމާ އަދި
އިންސާނާގެ ހުރިހާ ކަމެއް ޤާއިމްވެފައިވަނީ،
އިމްތިޙާނުކުރެއްވުމުގެ މަތީގައެވެ.
ނޯޓް: މިއީ، "ފަތާޥާ މުޢާޞިރާ" ނަމަކަށް ކިއުނު ފޮތުގައި،
އެ ފޮތުގެ މުއައްލިފު ލިއުއްވާފައިވާ މައުޟޫޢެއްގެ
ތަރުޖަމާއެވެ. ފޮތުގެ މުއައްލިފަކީ، ޑރ. ޔޫސުފުލް ޤަރަޟާވީއެވެ.