ސުވަރުގޭގެ ދޮރުކޮޅުތަކާއި ނަރަކައިގެ ދޮރުތައް



"މަޝާރިޤުލް އަންޥާރި" ނަމަކަށް ކިއުނު ފޮތުގެ 178 ވަނަ ޞަފުޙާގައި ވެއެވެ. ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ގޮތުގައި، ސުވަރުގޭގައި އަށް ދޮރުކޮޅު ވެއެވެ. އޭގެ ތެރެއިން އެއް ދޮރުކޮޅަކީ، ރައްޔާން ދޮރުކޮޅެވެ. ރޯދަވެރިން ސުވަރުގެއަށް ވަންނާނީ އެ ދޮރުކޮޅުންނެވެ. އަދި ރިވާވެފައިވާ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. (مَنْ أَنْفَقَ زَوْجَيْنِ مِنْ مَالِهِ فِي سَبِيْلِ اللهِ دُعِيَ مِنْ أَبْوَابِ الجَنَّة، وَلِلْجَنَّةِ أَبْوَاب. فَمَن كَانَ مِنْ أَهْلِ الصَّلاَةِ دُعِيَ مِنْ بَابِ الصَّلاَةِ وَمَنْ كَانَ مِنْ أهْلِ الصِّيَامِ دُعِيَ مِنْ بَابِ الرَّيَّان، وَمَنْ كَانَ مِنْ أَهْلِ الصَّدَقَة دُعِيَ مِنْ بَابِ الصَّدَقَة وَمَنْ كَانَ مِنْ أَهْلِ الجِهَادِ دُعِيَ مِنْ بَابِ الجِهَادِ)

މާނައީ، "ﷲ ގެ މަގުގައި، އެމީހެއްގެ މުދަލުން ދެގުނައަށް ހޭދަކޮށްފި މީހާއަށް، ސުވަރުގޭގެ ދޮރުކޮޅުތަކުން ގޮވާލެވޭނެއެވެ. ފަހެ، އޭނާއަކީ، ނަމާދުކުރުމަށް އަރާހުރި މީހެއްނަމަ، އޭނާއަށް ގޮވާލެވޭނީ، ނަމާދުގެ ދޮރުކޮޅުންނެވެ. އަދި އޭނާއަކީ، ރޯދަހިފުމަށް އަރާހުރި މީހެއް ނަމަ، އޭނާއަށް ގޮވާލެވޭނީ، ރައްޔާން ދޮރުކޮޅުންނެވެ. އަދި އޭނާއަކީ، ޞަދަޤާތް ދިނުމަށް އަރާހުރި މީހެއް ނަމަ، އޭނާއަށް ގޮވާލެވޭނީ، ޞަދަޤާތުގެ ދޮރުކޮޅުންނެވެ. އަދި އޭނާއަކީ، ޖިހާދުކުރުމަށް އަރާހުރި މީހެއް ނަމަ، އޭނާއަށް ގޮވާލެވޭނީ، ޖިހާދުގެ ދޮރުކޮޅުންނެވެ."

އައްޠަބަރާނީ ތަޚުރީޖުކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. (وَإنَّ فِي الجَنَّةِ بَابًا يُقَالُ لَهُ الضُّحَى) މާނައީ، "އަދި ސުވަރުގޭގައި އައްޟުޙާ ނަމަކަށް ކިޔޭ ދޮރުކޮޅެއް ވެއެވެ." އެ ދޮރުކޮޅު ޚާއްޞަވެގެންވަނީ، ޟުޙާ ނަމާދުކުރުންމަތީ ދެމިތިބި މީހުންނަށެވެ.
ސުވަރުގޭގެ ދޮރުކޮޅުތަކުގެ ނަންތަކާ ބެހޭގޮތުން ވާރިދުވެފައިވަނީ މިވަރަށެވެ. އެ ދޮރުކޮޅުތަކުގެ ޢަދަދަކީ، އަށެކެވެ. ނަމަވެސް އެ ހުރިހައި ދޮރުކޮޅުތަކެއްގެ ނަންތައް ބަޔާންކުރައްވާފައި ނުވެއެވެ.

އެހެންވީމާ، ޞައްޙަ ގޮތުގައި ވާރިދުވެފައިވާ ހިސާބަށް ކުރުކޮށްލަން ޖެހެއެވެ.

"އައްތަޛުކިރާ" ގައި ތިރުމިޛީގެ އަރިހުން، ޤުރުޠުބީ ނަކަލުކުރައްވާފައިވެއެވެ. "ސުވަރުގޭގައި، މުޙައްމަދުގެފާނު (صلى الله عليه وسلم) ގެ އުންމަތު މީހުންނަށް ޚާއްޞަ ދޮރުކޮޅެއް ވެއެވެ. އެ ދޮރުކޮޅުން އެބައިމީހުން ނޫން ބަޔަކު ނުވަންނާނެއެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) ވެދެވަޑައިގަންނަވާނީ، މުޙައްމަދު ނަމަކަށް ކިއުނު ދޮރުކޮޅުންނެވެ. އެއީ ރަޙުމަތާއި ތައުބާގެ ދޮރުކޮޅެވެ."

ސުވަރުގޭގެ ދޮރުކޮޅުތަކާ ބެހޭ ގޮތުން މީގެ އިތުރުން، ޟަޢީފު ރިވާޔަތްތައް ވާރިދުވެފައި ވެއެވެ. ޢަޤީދާއާއި ޣައިބިއްޔާތުގެ ކަންކަމުގައި އެފަދަ ރިވާޔަތްތައް ޤަބޫލުނުކުރެވޭނެއެވެ. މާތްﷲ ގެ އިރާދަފުޅާއެކު، އަޅުގަނޑުމެންނަށް ސުވަރުގެއަށް ދެވުމުން، އެތަން ފެނި، ޙަޤީޤަތް އެނގޭނެއެވެ.

"މަޝާރިޤުލް އަންޥާރި" ނަމަކަށް ކިއުނު ފޮތުގެ 175 ވަނަ ޞަފުޙާގައި ވެއެވެ. ނަރަކައިގައި ހަތް ދޮރު ވެއެވެ. އެކަމުގެ ދަލީލަކީ، އަލްޙިޖުރު ސޫރަތުގެ 43 ވަނަ އާޔަތާއި 44 ވަނަ އާޔަތެވެ. وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ (43) لَهَا سَبْعَةُ أَبْوَابٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ (44) މާނައީ، "އަދި ހަމަކަށަވަރުން، ނަރަކައަކީ، އެ އެންމެނަށް ﷲ ވަޢުދުކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ. (43) އެ ނަރަކައަށް ހަތް ދޮރު ވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއް ވެއެވެ. (44)"

ރިވާވެފައި ވެއެވެ. ނަރަކައިގެ ފުރަތަމަ ދޮރުގެ ނަމަކީ، ޖަހަންނަމަ އެވެ. ދެނަވަ ދޮރުގެ ނަމަކީ، ލަޡާ އެވެ. ތިންވަނަ ދޮރުގެ ނަމަކީ، ސަޤަރު އެވެ. ހަތަރުވަނަ ދޮރުގެ ނަމަކީ، އަލްޙުޠަމާ އެވެ. ފަސްވަނަ ދޮރުގެ ނަމަކީ، "އަލްޖަޙީމް" އެވެ. ހަވަނަ ދޮރުގެ ނަމަކީ، "އައްސަޢީރު" އެވެ. ހަތްވަނަ ދޮރުގެ ނަމަކީ، "އަލްހާވިޔާ" އެވެ. މި ނަންތައް ނެގިފައިވަނީ، ނަރަކައިގެ ބައިތަކުގެ ނަމުންނެވެ.

މިކަންކަމުގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވާނީ، މާތް ﷲ އެވެ.