އިސްބަސް
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ
وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ
وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.
أَمَّا بَعْدُ:
މިއީ، ބަޙުރު އީމަޖައްލާގެ ފުރަތަމަ ޢަދަދުގެ ދެވަނަ
އިޞްދާރެވެ. މި އިޞްދާރު ނެރެފައި މިވަނީ،
އިޞްލާޙުތަކަކާއެކުގައެވެ. އެންމެ ފުރަތަމަ މި މަޖައްލާ
ވުޖޫދަށް އައިއިރު ނެރެފައިވާނީ އަޖުމަބެލުމުގެ ނަކަލެއްގެ
ގޮތުގައެވެ. އޭގެ ތަޖުރިބާގެ އަލީގައި ކޮންމެހެން
ގެންނަންޖެހޭ ބަދަލުތަކެއް ވާކަން ފާހަގަކުރެވުނެވެ. މި
އިޞްދާރު ނެރެފައިވަނީ، އެ އަށް ރިޢާޔަތްކޮށްގެންނެވެ.
މި މަޖައްލާގެ މި ޢަދަދުގައި، ތަފާތު މައުޟޫޢުތަކަށް
ލިޔެވިފައިވާ މަޒުމޫނުތައް ވާނެއެވެ. އަދި ވާހަކައާއި ޅެން
ވެސް ހިމަނާފައި ވާނެއެވެ. އޭގެ އިތުރުން
މުނިފޫހިފިލުވުމަށް ބޭނުންކުރެވިދާނެ ފަސް ޞަފުޙާއެއް ވެސް
ހިމަނާފައި ވާނެއެވެ.
ދިވެހި ބަހާއި ލިޔުންތެރިކަން ކުރިއެރުވުމާއި، ޒަމާނުގެ
ވަސީލަތްތަކަށް ދިވެހި ލިޔުންތެރިކަން
އަހުލުވެރިކުރުވުމަކީ، މި މަޖައްލާގެ ވަރަށް ބޮޑު
އަމާޒެކެވެ. މި މަޖައްލާ ވަނީ، އެންޑްރޮއިޑް ނިޒާމު
ބޭނުންކުރާ މޮބައިލް ފޯނުންނާއި، އައިޕެޑާއި، ލެޕްޓޮޕް
ފަދަ ވަސީލަތްތަކުން ޓެސްޓްކުރެވި، އެޔަށް
އަހުލުވެރިކުރެވިފައެވެ. އެއީ، މިހާރު ފޮތް ކިޔުމަށް
ބޭނުންކުރެވޭ ވަސީލަތްތަކެއް ކަމަށްވާތީއެވެ.
މި މަޖައްލާއަކީ، ތިޔަ ޢިއްޒަތްތެރި ކިޔުންތެރިންގެ
އަރިއަހުގައި މަޤުބޫލު އެއްޗަކަށް ވާނެ ކަމަށް
އުންމީދުކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ
ބޭފުޅުންނަށް ފައިދާހުރި އެއްޗެއް ކަމުގައި، މި މަޖައްލާ
ލެއްވުމެވެ. މާތް ﷲ، އަޅުގަނޑުގެ މި ދުޢާ
އިޖާބަކުރައްވާށިއެވެ! އާމީން!
26 ޖުލައި 2009