މަސްބަހަ ޖާދޫ
ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން،
ދައިތާ ކިހިލޭ މުޅޯށި ހަރުވި ލިކުން،
.....
މަތީގައި އެވަނީ ހުވަދު އަތޮޅުގެ ސަގާފަތުގައި ހިމެނޭ
ވާހަކައެއްގެ ތަންކޮޅެކެވެ. މިއީ، ނިދާ ގަޑީގައި
ކުޑަކުދިންނަށް ކިޔާދޭ ވާހަކައެކެވެ. މަތީގައިވާ ގޮތަށް
ވާހަކަ ކިޔާދެމުން ގެންދަނީ، ޝަރަޙަޔާ އެކުގައެވެ. މިއީ
ވަރަށް ދިގު ވާހަކައެކެވެ. ތިރީގައި އެވަނީ މި ވާހަކައިގެ
ކުރު ޚުލާޞާއެކެވެ.
އެއްދުވަހަކު ހިކަންޖަކާއި މީދަލަކާއި ދޭތި މަސްބަތް
ކައްކަން އެއްބަސްވިއެވެ. ކެއްކުމާ ޙަވާލުވީ ހިކަންޖެވެ.
ކެއްކުމަށް ބޭނުންވާ ސާމާނު ހޯދުމާ ޙަވާލުވީ މީދަލެވެ.
އެއްބަސް ވެވިފައިވާ ގޮތަށް، މީދާ ހޯދައިދިން ތަކެތިން،
ހިކަނދި މަސްބަތް ކެއްކިއެވެ. އެއަށްފަހު، ކެއުމަށް
އިންސާފުކުރަންވީ ވަގުތު އައިސް ޖެހުމުން، މީދާ ކާން
ދިޔައެވެ. ނަމަވެސް މީދާ ދިޔައިރު، މަސްބަތްތަވަ ވަނީ
ހުސްވެފައެވެ. އެކަން ވީގޮތެއް އޮޅުން ފިލުވުމަށް މީދާ
ސުއާލުކުރިއެވެ. ހިކަނދި ބުނީ، ރަހަ ބަލަން އުޅެނިކޮށް،
އޭގެ ރަހަ ނޭނގެނީސް ހުސްވީ ކަމަށެވެ. ދެން މީދާ ވަރަށް
ބޮޑަށް ދެރަވެ ހިތާމަކުރަންފެށިއެވެ.
މީދަލުގެ ހިތަށް ވެރިވި ވަރުގަދަ ހިތާމައިގެ
މޮޅިވެރިކަމުގައި އޮއްވާ، އެސޮރު ކައިރިޔަށް ކާޅެއް އައިސް
ސުއާލުކުރިއެވެ.
"މީދަލާއެވެ! މިއަދު ތިޔަ ހިތާމަކުރަނީ ކޮންކަމަކާ
ހެއްޔެވެ؟"
މީދާ ބުންޏެވެ.
ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން.
މީދާ ހަމަ މިހެން ބުނުމާއެކު، ކާޅުގެ ދެލޯ ކަނުވެއްޖެއެވެ.
ދެން ކާޅު ދާނެ ނުދާނެ ދިމާއެއް ނޭނގި އުދުހެމުން
އުދުހެމުން ދަނިކޮށް ގަހަކާ މުޑިއެރިއެވެ. ދެން އެގަހުގެ
ގޮތްޕެއްގެ މަތީގައި ކާޅު މަޑުކޮށްލިއެވެ. އެއީ
ބޮއިގަހެކެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ކާޅު
އެއްގޮފި މަތިން އަނެއް ގޮފި މަތިން ނުދާތީއާއި ނުވެސް
ގޮވާތީ ބޮއިގަސް ވަރަށް ބޮޑަށް ޙައިރާންވިއެވެ. ދެން
ކާޅަށް ވެފައިވާ ގޮތެއް އޮޅުން ފިލުވުމަށް ބޮއިގަސް
ސުއާލުކުރުމުން ކާޅު ޖަވާބު ދިނެވެ.
ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން.
ކާޅު ހަމަ މިހެން ބުނުމާއެކު، ބޮއި ގަހުގައިވާ ހުރިހައި
ފަތްތަކެއް މިލައި މޯޅިވެގެން ގަސްދަށް ފައިބައްޖެއެވެ.
މިކަން މިމަގަށް ހިނގާފައި ވަނިކޮށް، ކުނިކަހާ ދައިތަ،
އެކި ތަންތަން ކުނިކަހަމުން ގޮސް، ބޮއި ގަސް ކައިރިއަށް
އަތުވެއްޖެއެވެ. އެހެން ދުވަސްތަކާ ޚިލާފަށް ބޮއި
ގަހުގައިވާ ހުރިހައި ފަތެއް ގަސްދަށަށް ފައިބާފައި ވާތީ،
ދައިތަ ވަރަށް ބޮޑަށް ޙައިރާންވިއެވެ. ދެން ބޮއި ގަހަށް
ވީގޮތެއް އޮޅުން ފިލުވުމަށް ދައިތަ ސުއާލުކުރުމުން،
ބޮއިގަސް ޖަވާބު ދިނެވެ.
ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން،
ދައިތާ ކިހިލޭ މުޅޯށި ހަރުވި ލިކުން.
ބޮއިގަސް ހަމަ މިހެން ބުނުމާއެކު، ދައިތަ ކިހިލި
ޖަހައިގެން ދިޔަ މުޅޯށި، ދައިތަގެ ކިހިލީގައި
ތަތްވެއްޖެއެވެ.
ދެން އެ މުޅޯށި ކިހިލިން ނައްޓާލެވޭތޯ ދައިތަ ވަރަށް
މަސައްކަތްކުރިއެވެ. ނަމަވެސް އެކަމެއް ނުވިއެވެ.
ދައިތައަށް މި ޖެހުނު ޙާލާމެދު ހިތާމަކުރަމުން ދަނިކޮށް،
އަތިރިމަތީގައި ދާއެއްލައިގެން މަސްހިފަން އުޅުނު ކެޔޮޅަކާ
ދިމާވިއެވެ. ދައިތައަށް ވެފައިވާ ގޮތެއް އޮޅުންފިލުވާނަމޭ
ހިތައި އޭނާ ސުއާލުކުރުމުން ދައިތަ ޖަވާބު ދިނެވެ.
ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން،
ދައިތާ ކިހިލޭ މުޅޯށި ހަރުވި ލިކުން،
ކެޔޮޅާ ގައު ދެލާ ވޮޑުން ލިކުން.
ދައިތަ ހަމަ މިހެން ބުނާއިރަށް، ކެޔޮޅުކަލޭގެ މުޅިގައިގައި
ދާއޮޅިއްޖެއެވެ.
ކެޔޮޅުކަލޭގެ އޭނާގެ ގައިން ދާ ނައްޓަން އުޅެއުޅެ އެކަމެއް
ނުވިއެވެ. ދެން އޭނާއަށް ކުރިމަތިވި މި މުޞީބާތުގެ
ބޮޑުކަމާމެދު ހިތާމަކުރަމުން ދަނިކޮށް އެހެން މީހަކު
ސުއާލުކުރެއެވެ. މީދަލާއި ކާޅާއި ބޮއިގަހާއި ދައިތަ
ޖަވާބުދިން މަގުން ކެޔޮޅުކަލޭގެ ވެސް ޖަވާބުދެއެވެ.
ނަތީޖާއަކަށްވަނީ، ސުއާލުކުރި މީހާއަށް ކޮންމެވެސް ކަމެއް
ކުރިމަތިވުމެވެ.
މިގޮތުގެ މަތިން "މަސްބަހަ ޖާދޫ" އެކެއްގެ ދުލުން
އަނެކެއްގެ ގަޔަށް ނަގުލުވަމުން ދެއެވެ. ވާހަކައިގެ
ދިގުމިން އޮންނަނީ، ވާހަކަ ކިޔާދޭ މީހެއްގެ ޚިޔާލުގެ
ތަނަވަސްކަމާ ގުޅިފައެވެ. ދިގުކޮށް މި ވާހަކަ ކިޔާދޭ
މީހުން، ވާހަކަ ކިޔައިދީ ނުނިމެނީސް ކުދިންނަށް ނިނދެއެވެ.
ކުރުކޮށް ކިޔައިދޭ މީހުން ވާހަކަ ނިންމާލުމާއެކު، ކުދިން
ނިދަން ޖެހެއެވެ. އެހެނީ، ވާހަކަ ނިންމާލަމުން ކިޔާނީ:
ވާހަކަ ނުނިމި ކޮއްކޮއަށް ނިދުން ލިކުން.
މިހެން ނެވެ.
ހަމަ މިހެން ކިޔާއިރަށް ވާހަކަ އަޑުއަހާ ކުއްޖާ ނުވަތަ
ކުދިން ނިދަން ޖެހެއެވެ. މިގޮތަށް ވާހަކަ ނިންމާލާއިރު،
ނިދި ނާންނަ ކުދިން ތިބެން ޖެހޭނީ ނިދާފައި ކަމަށް
ހެދިގެންނެވެ. ދެން އެސާހިތަކު އެކުދިންނަށް ނިދިދެއެވެ.
މިވާހަކައިގައި ކުޑަކުދިންގެ ތަރުބަވީ ބަޔެއް ހިމެނޭކަން
ފާހަގަކޮށްލަން ޖެހެއެވެ. އޭގެ އިތުރުން ޙިކުމަތާއި
ސިޔާސަތު ވެސް ހިމެނެއެވެ. އެކި ކަންކަމާ ގުޅުވައިގެން
ޙިކުމަތްތެރިކަމާއެކު ކުދިންނަށް ކަންތައްތައް
ވިސްނުވައިދިނުމަކީ މިވާހަކައިގައި ހިމެނޭ ޢުންޞުރެކެވެ.
އަދި އެކަކު އަނެކެއްގެ ކައިރީގައި ދެއްކުން މަނާ ސިޔާސީ
ވާހަކަތައް ވެސް މި ވާހަކައިގައި ކިޔައިދެއެވެ. މިސާލަކަށް
ކަތީބަކު ވަޒީފާއިން ވަކިކުރެވުނު ގޮތެވެ. ނުވަތަ މީހަކަށް
މުދިންކަން ލިބުނު ގޮތެވެ. ނުވަތަ ކަމުވޮށިވެގެންވާ މީހަކު
ބޭޒާރުވިގޮތެވެ. މިފަދަ ވާހަކަތައް، މި ވާހަކައިގައި
ކިޔާއިރު، އެ ކިޔާއެއްޗެއް ވިސްނޭނީ އަޑުއަހަންތިބޭ ބޮޑެތި
މީހުންނަށެވެ. ކުޑަކުދިންނަށް އެއިން ފޯރުކޮށްދޭނީ އެހެން
މެސެޖެކެވެ.
މި ވާހަކައިން ފާހަގަކުރެވޭ އަނެއް ކަމަކީ، "ސަންނަޓިބަސް"
ހިމެނޭ ކަމެވެ. "ސަންނަޓިބަހަކީ" ހުވަދޫ ބަހުގައި
ބޭނުންކުރާ ތަޢުބީރެކެވެ. ސަންނަޓިބަހުން ވާހަކަ
ދެއްކުމަކީ، ކޮންމެވެސް ދެބަހެއް އެއްކޮށްލައިގެން
ވާހަކަދެއްކުމެވެ. މިސާލަކަށް ހުވަދޫ ބަހާއި މާލޭ ބަސް
މައްސުނިކޮށްގެން ވާހަކަ ދެއްކުމެވެ. ނުވަތަ ހުވަދޫ ބަހާއި
އައްޑޫ ބަސް މައްސުނިކޮށްގެން ވާހަކަ ދެއްކުމެވެ.
މިވާހަކައިގައި ސަންނަޓިބަސް ބޭނުންކުރާއިރު، ކުދިންނަށް
މާނަ ނޭނގޭ ބަހެއް އަތުވެއްޖެނަމަ، ކުދިން
ސުއާލުކުރާނެއެވެ. ދެން ވާހަކަ ކިޔާދޭ މީހާ، އެބަސް
އެކުދިންނަށް ޝަރަޙަކޮށްދޭނެއެވެ. މާލޭ ބަހުގެ ލަފުޒެއް
ހުވަދޫ ބަހަށް ބަދަލުވާ ގޮތާއި، ހުވަދޫ ބަހުގެ ލަފުޒެއް
މާލޭ ބަހަށް ބަދަލުވާ ގޮތް ބުނެދޭނެއެވެ. ނަމަވެސް މިކަން
މިމަގަށް ކުރެވޭނީ ބަސް ދަންނަ މީހަކު ވާހަކަ ކިޔައިދޭ
އިރުގައެވެ.
މި ލިޔުމުގެ އެއް މަޤުޞަދަކީ، ހުވަދޫ ސަގާފަތުގައި ހިމެނޭ
ވާހަކައަކާ ބެހޭ ކޮންމެވެސް ވަރެއްގެ ތަސައްވުރެއް
ގެނެސްދިނުމެވެ. އެހެންކަމުން، ހުވަދޫ ބަހުން މި ވާހަކަ
ކިޔާއިރު ހުންނަ ދިރުމާއި ރޫޙު، މަތީގައިވާ
ފޮޅުވަތްތަކުގައި ނުހިމަނަމެވެ. އަދި ވާހަކައިގައި ހިމެނޭ
ފަރުދުން އެކަކު އަނެކަކާ މުޚާޠަބުކުރާއިރު، ވާހަކަ ދައްކާ
ބަސްމަގު ވެސް ނުހިމަނަމެވެ.
މި ލިޔުމުގެ އަނެއް މަޤުޞަދަކީ، "މަސްބަހަ ޖާދޫ" ހުވަދޫ
ސަގާފަތުގައި ދެމެހެއްޓުމެވެ. މިކަން ކުރާނެ ދަރީންތަކެއް
ހުވަދު އަތޮޅުގައި ތިބޭނެ ކަމަށް އުންމީދުކުރަމެވެ.