ސައްޔިދުލް އިސްތިޣުފާރް


ސައްޔިދުލް އިސްތިޣުފާރަކީ ވަރަށް މާތް ދުޢާއެކެވެ. މާތްﷲ ގެ ރުބޫބިއްޔަވަންތަކަމާއި އެއްކައުވަންތަކަމާއި ޚާލިޤުވަންތަކަމަށް ހެކިވުން، އެ ދުޢާގައި ވެއެވެ. އަދި އިންސާނާއަކީ އެކަލާނގެ ޙަޟުރަތަށް އަޅުކަންކުރަންޖެހޭ، އެކަލާނގެ އަޅެއް ކަމަށް އިޤުރާރުވެ، އެކަލާނގެ ހިއްޕަވާފައިވާ ޢަހުދުކަށަވަރާއި އެކަލާނގެ ވަޢުފުޅު ޤަބޫލުކުރުން މަތީ ދެމިހުރުމަށް އެއްބަސްވުން، އޭގައި ވެއެވެ. އެއަށްފަހު، އެކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކަށް އިޢުތިރާފުވެ، ތިމާއަށް ކުރެވިފައިވާ ކުށްތަކަށް ހެކިވެ، ފާފަ ފުއްސެވުމަށް އެދި ދުޢާކުރުން ވެސް އޭގައި ވެއެވެ.


ސައްޔިދުލް އިސްތިޣުފާރު:

«اللَّهُمَّ أَنْتَ رَبِّى لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِى وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ بِذَنْبِى اغْفِرْ لِى فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ»

ކީރިތި މާތް ރަސޫލާ (صلى الله عليه وسلم)، ސައްޔިދުލް އިސްތިޣުފާރު ވިދާޅުވުމަށްފަހު ޙަދީޘްކުރެއްވިއެވެ.
«وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِىَ فَهُوَ مِنْ أَهْلِ الْجَنَّةِ وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا فَمَاتَ قَبْلَ أَنْ يُصْبِحَ فَهْوَ مِنْ أَهْلِ الْجَنَّةِ »

މާނައީ، "ދުވާލުގައި ޔަޤީންކަމާއެކު އެ ޤަބޫލުކޮށްގެންވާ ޙާލު އެ ކިޔައިފި މީހާ، ރޭގަނޑާ ބައްދަލުކުރުމުގެ ކުރިން އެދުވަހު މަރުވެއްޖެނަމަ، އޭނާ ވާހުށީ ސުވަރުގެވެރިންގެ ތެރެއިންނެވެ. އަދި ރޭގަނޑުގައި ޔަޤީންކަމާއެކު އެ ޤަބޫލުކޮށްގެންހުރެ އެ ކިޔައިފި މީހާ، ހޭލުމުގެ ކުރިން މަރުވެއްޖެނަމަ، ފަހެ، އޭނާ ވާހުށީ ސުވަރުގެވެރިންގެ ތެރެއިންނެވެ."


ސައްޔިދުލް އިސްތިޣުފާރުގެ މާނަ:

اللَّهُمَّ : ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ!

أَنْتَ رَبِّى : އިނބަ ރަސްކަލާނގެއީ، މިއަޅާގެ ސާހިބުވަންތަ ރަސްކަލާނގެއެވެ.

لاَ إِلَهَ إِلاَّ أَنْتَ : އިނބަ ރަސްކަލާނގެ ފިޔަވައި، ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން ކަލަކު ވޮޑިގެން ނުވެއެވެ.
خَلَقْتَنِى : އިނބަ ރަސްކަލާނގެ މިއަޅާ ޚަލްޤުކުރެއްވީމުއެވެ.

وَأَنَا عَبْدُكَ : އަދި މިއަޅާއީ، (އިނބަރަސްކަލާނގެ ޙަޟުރަތަށް އަޅުކަންކުރާ)، އިނބަ ރަސްކަލާނގެ އަޅަކީމެވެ.

وَأَنَا عَلَى عَهْدِكَ : އަދި މިއަޅާވަނީ، އިނބަރަސްކަލާނގެ ހިއްޕެވި ޢަހުދު ކަށަވަރުގެ މަތީގައެވެ.

وَوَعْدِكَ : އަދި މިއަޅާވަނީ، އިނބަރަސްކަލާނގެ ވަޢުދުފުޅު ތެދުކޮށް ޤަބޫލުކުރުމުގެ މަތީގައެވެ.

مَا اسْتَطَعْتُ : މިއަޅާއަށް ކުޅަދާނަވެގެންވާ ޙާލުގައެވެ.

أَعُوذ ُ بِكَ : ސަލާމަތާއި ރައްކާތެރިކަމަށް އެދި، އިނބަ ރަސްކަލާނގެ ޙަޟުރަތަށް، މިއަޅާ ދަންނަވަމެވެ.

مِنْ شَرِّ مَا صَنَعْتُ : މިއަޅާއަށް ކުރެވުނު ނުބައި ކަންތައްތަކުން،

أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ : އިނބަ ރަސްކަލާނގެ މިއަޅާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް، މިއަޅާ އިޢުތިރާފުވެ، އިނބަ ރަސްކަލާނގެ ޙަޟުރަތުގައި ދަންނަވަމެވެ.

وَأَبُوءُ بِذ َنْبِى : އަދި މިއަޅާގެ ފާފައަށް، މިއަޅާ އިޢުތިރާފުވަމެވެ.

اغْفِرْ لِى : މިއަޅާއަށް ފާފަ ފުއްސަވައިފާނދޭވެ!

فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ : ފަހެ، އިނބަ ރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތެއް ފާފަ ނުފުއްސަވައެވެ.