ބޯކޮށަން ދިޔަ މީހާ ދެއްކި ހެކި
ބޯކޮށާދޭ ތަނަކަށް މީހަކު ދިޔަ އެވެ. އޭނާ ދިޔައީ
ބޯކޮށައި ތުނބުޅި ރީތިކޮށްލުމަށްޓަކަ އެވެ. ބޯކޮށާދޭ މީހާ،
އޭނާގެ ބޯކޮށުމުގެ މަސައްކަތް ފެށުމާއެކު، އެކިއެކި ވާހަކަ
ދައްކަން ފެށި އެވެ. ތަފާތު ވާހަކަތައް ދައްކަމުން ގޮސް
ބޯކޮށާދޭ މީހާ، މާތް ﷲ އާ ބެހޭ ގޮތުން ވާހަކަދައްކަން ފެށި
އެވެ. އޭނާ ބުންޏެވެ.
"މާތް ﷲ ވޮޑިގެންވާކަން ތިމަންނަ ޤަބޫލެއް ނުކުރަމެވެ!"
ބޯކޮށަން ދިޔަ މީހާ ބުންޏެވެ.
"އެކަލާނގެ ވޮޑިގެންވާ ކަން، ތިބާ ޤަބޫލުނުކުރަނީ ކީއްވެ
ހެއްޔެވެ؟"
ބޯކޮށާދޭ މީހާ ބުންޏެވެ.
"ތިބާ މަގުމަތީގައި ހިނގާފައިދާއިރު، ކަލަކު ވޮޑިގެން
ނުވާކަމުގެ ހެކިތައް ފެންނަމުން ދާނެ އެވެ. ކަލަކު
ވޮޑިގެންވާނަމަ، މިދުނިޔޭގައި ބަލިމީހުން އުޅޭނެ ހެއްޔެވެ؟
ކަލަކު ވޮޑިގެންވާނަމަ، ޙާލުގައި ޖެހިފައިވާ އެތައް ސަތޭކަ
ހާސް ކުޑަކުދީން މިދުނިޔޭގައި އުޅޭނެ ހެއްޔެވެ؟ ޔަޤީނެވެ.
ކަލަކު ވޮޑިގެންވާނަމަ، މިދުނިޔޭގައި މިހުރިހައި
މުޞީބާތެއް ނުވާނެކަން ކަށަވަރެވެ. އޯގާވަންތަ ކަލަކު
ވޮޑިގެންވާނަމަ، މިދުނިޔޭގައި މިހުރިހައި މުޞީބާތެއް
ވުމަށް އެކަލާނގެ ފުރުޞަތެއް ނުދެއްވާނެ އެވެ."
ބޯކޮށަން ދިޔަ މީހާ، މިވާހަކަތަކާމެދު ފިކުރު ހިންގާލި
އެވެ. ނަމަވެސް ބޯކޮށާދޭ މީހާއާ ޖަދަލުކޮށް އަރާރުން
ނުވުމަށްޓަކައި އޭނާއާ ދެކޮޅަށް އެއްޗެއް ނުބުނެ އެވެ.
ބޯކޮށާ ނިމުމުން އަގު ދީފައި އޭނާ ދިޔައީ އެވެ.
ބޯކޮށާދޭ ތަނުން ނުކުމެގެން އޭނާ ތަންކޮޅަކަށް ދިޔަތަނާ،
ނުތާހިރު ސިފައެއްގައި ހުރި މީހަކު ފެނިއްޖެ އެވެ.
އެމީހާގެ ބޮލާއި ތުނބުޅީގެ އިސްތަށިތައް ވަނީ ވަރަށް
ބޮޑަށް ދިގުވެފަ އެވެ. ބޮލުގެ އިސްތަށިގަނޑު ހީވަނީ
އޮޅިފައިވާ ސުތުލިތަކެއް ހެންނެވެ. ތުނބުޅި ހީވަނީ
ސާފުނުކޮށްހުރި ވަކަތަކެއް ހެންނެވެ. އެމީހާ ހުރީ ވަރަށް
ހަޑި ސިފައެއްގަ އެވެ. އެމީހާ ދުވަހަކުވެސް ފެންވަރާ
ސާފުތާހިރުވި ހެނެއް ހިޔެއްނުވެ އެވެ.
ބޮލާއި ތުނބުޅި ދިގުކޮށްފައިވާ، މި ނުތާހިރު މީހާ
ފެނުމުން، ބޯކޮށަން ދިޔަ މީހާގެ ހިތަށް އެރި އެވެ. މިއީ،
މާތް ﷲ ވޮޑިގެންވާ ކަމުގެ ހެތްކެއްގެ ގޮތުން، ބޯކޮށާދޭ
މީހާއަށް ދައްކަން ރަނގަޅު މިސާލެކެވެ. ދެން، ބޯކޮށާދޭ
މީހާގެ ގާތަށް ގޮސް ބުންޏެވެ.
"ބޯކޮށާދޭ އެއްވެސް މީހަކު ނެތްކަން ތިބާ ދެނަހުރިން
ހެއްޔެވެ؟"
ޙައިރާންކަމާއެކު، ބޯކޮށާދޭ މީހާ ބުންޏެވެ.
"ތިބާއަށް ތި ދައުވާ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
ތިމަންނާ ތިބާގެ ބޯކޮށާދިނީ ދާދި ދެންމެއަކު ނޫން
ހެއްޔެވެ؟"
ބޯކޮށަން ދިޔަ މީހާ ބުންޏެވެ.
"ބޯކޮށާދޭ މީހުން އުޅޭނަމަ، ބޮލާއި ތުނބުޅީގެ އިސްތަށިތައް
ދިގުކޮށްގެން، ސާފުތާހިރުވުމެއްނެތި އުޅޭ މީހަކު
މިރަށުގައި އުޅޭނެ ހެއްޔެވެ؟"
ބޯކޮށާދޭ މީހާ ރައްދުދެމުން ބުންޏެވެ.
"ކަންއޮތީ ތިބާ ހީކުރާކަހަލަ ގޮތަކަށް ނޫނެވެ. ބޯކޮށާދޭ
މީހުން އެބައުޅެ އެވެ. ނަމަވެސް ތިޔަބުނާ ކަހަލަ ނުތާހިރު
މީހުން، ބޯކޮށާދޭ މީހުންގެ ގާތަށް ނާންނަނީ އެވެ. އެމީހުން
އަންނަ ނަމަ، އެމީހުންގެ ވެސް ބޯކޮށައި ތުނބުޅި
ރީތިކޮށްދޭނަމު އެވެ."
އެހިނދު ބޯކޮށަން ދިޔަ މީހާ ބުންޏެވެ.
"މާތް ﷲ ގެ ޙަޟުރަތާ އެކުގައި ވެސް ކަން އޮތީ ހަމަ
ތިޔަހެންނެވެ.
އެކަލާނގެ ވޮޑިގެންވެ އެވެ.
ނަމަވެސް އެކަލާނގެ ޙަޟުރަތަށް ބައެއް މީހުން ކުއްތަން
ނުވަނީ އެވެ.
އެކަލާނގެ ޙަޟުރަތަށް މީހުން ކުއްތަންވެ އުޅޭނަމަ،
މިދުނިޔެއިން މިފެންނަ މުޞީބާތްތަކެއް ނުފެނީހެވެ.
މުޞީބާތްތައް ކުރިމަތިވަނީ، އެކަލާނގެ އަންގަވާފައިވާ ގޮތާ
ޚިލާފަށް މީހުން އުޅޭތީ އެވެ.
އެކަލާނގެ ޙަޟުރަތަށް ކުއްތަންވެއުޅޭ މީހަކަށް އެކަލާނގެ
ވޮޑިގެންވާކަން ކަށަވަރުވާނެ އެވެ."
މަޞްދަރު: http://dreamsahlam.jeeran.com