ކުރިޔަށްދާންވީ މަގަކީ މިއީތާ އެވެ!


މަގެއްގައި ހިނގަމުން ދަނިކޮށް އަހަރެންނަށް މަގުއޮޅުނެވެ.
އެއީ އާންމުކޮށް އަހަރެން ހިނގާ މަގެއް ނޫނެވެ.
އެ މަގުގައި ދުވަހަކުވެސް އަލިކަމެއް ނުވެ އެވެ.
މިފަހަރު އަހަރެންނަށް ގޯހެއް ހެދުނީތާ އެވެ!

ހިތަށްއެރި އެވެ.
މުޤުރީއަކަށް ވެސް ކުށެއް ކިއިދާނެ އެވެ.
ތަށި ތެޅޭނީ ދޮންނަ މީހުން އަތުންނެވެ.
ނަމަވެސް މަގުއޮޅުމުން ކަންބޮޑުވި އެވެ.
ދާންވީ ފަރާތް ދެނެގަތުމަށް ބޭނުންވި އެވެ.

އާރުކާޓީއަކު ކުއްލިއަކަށް ދުރުން ފެނުނެވެ.
އަހަރެންނާ ދިމާއަށް އޭނާ އަންނަނީ ވަރަށް ބާރަށެވެ.
ގޮވާލާފައި އެހީމެވެ.
ތިޔައީ ކާކުހެއްޔެވެ؟
ބޭނުމަކީ ކޮބާހެއްޔެވެ؟
ތިބާ ފަދަ ކަތަކު މިމަގުން ފެނިދާނެ ކަމަކަށް ހިޔެއް ނުކުރަމެވެ.

އޭނާ ބުންޏެވެ.
އަހަރެންނަކީ، ލޯތްބެވެ.
އަހަރެންގެ މަޤުޞަދަކީ ތިބާ އެވެ.
ތިބާގެ މޫނުގައިވާ އުޖާލާކަން ކެނޑުނީ ކީއްވެ ހެއްޔެވެ؟

ވީ ގޮތް ކިޔައިދިނީމެވެ.
ރުޅިން އޭނާގެ މޫނު ފަޅައިގެންދާވަރު ވި އެވެ!
ތިބާއާމެދު ކަންކުރެވުނު ގޮތް ހާދަހާ ގޯހެވެ!
ތިބާފަދަ ނަމޫނާތައް ވަރަށްވެސް ނާދިރެވެ.
އަޅާނުލާށެވެ!
ހިތާމައިގެ ހިރަފުސް ފޮޅާލާށެވެ!
އަހަރެމެން ދެމީހުންނަކީ ލޯބިކަމުގައި ވަމާ ހިނގާށެވެ!
އަހަރެމެން ދެމީހުންނަކީ އެކަކު ކަމުގައި ވެސް ވަމާ ހިނގާށެވެ!
ޖީލުތަކަށް ނަގުލުވަމުންދާނެ ލޯބީގެ ވާހަކައެއް ކަމުގައި ވެސް ވަމާ ހިނގާށެވެ!

ޚިޔާލީ ދުނިޔެއެއްގައި އޭނާ ގަނޑުވަރު ބިނާކުރަމުން ގެންދިޔަ އެވެ.
އެއީ ހުވަފެންތަކެއް ފަދަ ބިނާތަކެކެވެ!
އޭނާ އެކަންކުރި ގޮތް ހާދަހާ މޮޅެވެ!
އޭނާގެ މޮޅުކަމަށްޓަކައި ހިތުން ސާބަސްދިނީމެވެ.
އެއީ އަވާމެންދުރެއް ނޫން ކަމެއް ވެސް އޭރަކު ނޭނގެ އެވެ.

އަޑުގެ ނެތްތަނަށް ގޮވާލީމެވެ!
ސަޅިބައިސާ ބުރުވާނެ ކަމެއް ނެތެވެ!
ތިޔައީ ކާކުކަން އަދިވެސް އަހަރެންނަކަށް ނޭނގެ އެވެ.

އަހަރެންނާ ދިމާއަށް އެނބުރިލާފައި އޭނާ ބުންޏެވެ.
މިއީ ކާކުކަން ތިބާއަށް ފަހުން އެނގޭނެ އެވެ.
އޭނާ އެހެންބުނުމުން އަހަރެންގެ ދެތުންފަތް ބާރަށް ހީނގަތެވެ!
އަހަރެން ބުނީމެވެ.
ލޯތްބަށް ޝުކުރުވެރިވަމެވެ.
އަބަދުވެސް އަހަރެންނަށް ތެދުމަގު އިލްހާމްކޮށްދޭ ލޯބިވެރިއެއް ވެ އެވެ.
އަހަރެން މިހިރީ ތިބާ އެދޭ މަގަކުން ކުރިޔަށް ދިއުމަށެވެ.
ތިބާގެ ހުށަހެޅުމަށް ޝުކުރުއަދާކުރަމެވެ.
ކުރިޔަށްދާންވީ މަގަކީ މިއީތާ އެވެ!

ހިރަފުސް ފޮޅާލީމެވެ!
ސީދާވެގެންވާ ތެދުމަގަށް މިޞްރާބުޖެހީމެވެ!
އެހިނދު ކުރިޔަށްދާންވީ ތެދުމަގު އިލްހާމްވި އެވެ!
ކުރިމަތިވެފައިވާ މައްސަލަތައް ވެސް ޙައްލުވި އެވެ!