ހިތުގެ ބާވަތްތައް


ހިތް

ހިތަކީ، ޝޫޢޫރާއި އިޙުސާސްތަކުގެ މަޞްދަރެވެ.
ހިތަކީ، އިންސާނިއްޔަތުކަމުގެ މައި މަރުކަޒެވެ.
ހިތަކީ، އިންސާނާގެ ޖައުހަރެވެ.


ތަޅުލެވިފައިވާ ހިތް

ހިތަށް އަސަރު ނުކުރުމަކީ، މޮޅު ކަމެއް ކަމަށް ބައެއް މީހުން ހީކުރެ އެވެ.
ހިތް ހަރުކަމަކީ އާރާއި ބާރާއި ހައިބަތުގެ މަޞްދަރު ކަމަށް އެމީހުން ހީކުރެ އެވެ.
އިންސާނާގެ ހިތަށް ހިތްދަތިކަން އިޙުސާސްނުވާނެ ކަމަށް ވެސް އެމީހުން ހީކުރެ އެވެ.
ނަމަވެސް އެމީހުން ވަނީ، އެއް ކަމެއް ހަނދާން ނެތިފަ އެވެ.
ހިތްދަތިކަމެއް ނުވާނަމަ، ބާއްޖަވެރިކަމެއް ނުވާނެ އެވެ!


މަރުވެފައިވާ ހިތް

ބައެއް މީހުން ވޭނާއި ކެކުޅުން އެއްފަރާތްކުރެ އެވެ.
ބިރުގަންނަ ހިނދު، ބިރު ނުގަންނަކަން ވެސް ފާޅުކުރެ އެވެ.
އެމީހުން، އަބަދުވެސް ޝުޢޫރުތައް ވަންހަނާކުރެ އެވެ.
އެކަމުގެ ސަބަބުން އެމީހުންގެ ހިތްތައް ގާވެ އެވެ.
ގާވެއްޖެ ހިތަކީ މަރުވެއްޖެ ހިތެކެވެ.
މަރުވެއްޖެ ހިތަކު އިޙުސާސެއް ނުވާނެ އެވެ.
އިޙުސާސެއް ނެތް ހިތަކު އިންސާނިއްޔަތުކަމެއް ނުވާނެ އެވެ.


މަވެތި ހިތް

ދިރުމެއް ނުވާ ހިތްތައް ގިނަ އެވެ.
އެއަކު ލޯތްބެއް ނުވާނެ އެވެ.
ޒަމީރެއް ވެސް ނުވާނެ އެވެ.
ޝުޢޫރެއް ވެސް ނުވާނެ އެވެ.
އިޙުސާސެއް ވެސް ނުވާނެ އެވެ.
އެއަކުން ވިންދެއް ވެސް ނުޖަހާނެ އެވެ.
އެފަދަ ހިތްތަކުގެ އަހުލުން އަނެކުންނާމެދު އަޅައެއް ނުލާނެ އެވެ.
އެމީހުން އިސްކަންދޭނީ އެމީހުންގެ އަމިއްލަ ނަފުސަށެވެ.
އެމީހުންގެ ހިތްތަކަކީ ކަނު ހިތްތަކެކެވެ.
އެ ހިތްތައް ކަނުކުރީ މަވެތިކަމެވެ.


ޙަސަދަވެރި ހިތް

ބައެއް ހިތްތައް ޙަސަދަވެރިވެ އެވެ.
އަނގުރު އަލިފާންހެން އަނދަ އެވެ.
އެ ހިތްތައް ހުޅު ރޯވެފައިވާ ހިލަ ފަދަ އެވެ.
އަލިފާންގަނޑު ކައިހުސްކުރާ ދަރު ފަދަ އެވެ.
އެފަދަ ހިތްތައް ގިނަ އަންހެނުންގެ މޭގައި ވެ އެވެ.
މަދު ފިރިހެނުންގެ މޭގައި ވެސް ވެ އެވެ.
ޙަސަދައިގެ އަލިފާނުގެ ނުރައްކާ އެންމެ ބޮޑީ ޙަސަދަވެރިޔާއަށެވެ.
ޙަސަދަވެރިޔާ ނޫން މީހަކު، ޙަސަދައިގެ އަލިފާނުން އަނދައި އަޅިޔަށްނުވާނެ އެވެ.


ބިއްލޫރި ހިތް

އެއީ ނާޒުކު ހިތްތަކެކެވެ.
ބުނެވޭ ބަހަކުން އޭގައި ކޫރެއް އެޅިދާނެ އެވެ.
ބުނެވޭ އަކުރަކުން ވެސް އެކަން ވެދާނެ އެވެ.
އިވޭ ވައި އަޑަކުން ވެސް އޭގައި ރެނދެއް އަޅާފާނެ އެވެ.
އެ ހިތްތަކުގެ އަހުލުންނަކީ، އަނެކުންނަށް އިތުބާރުކުރާ ބަޔެކެވެ.
އެމީހުން ވަނީ އެމީހުންގެ ހިތްތައް އަނެކުންނަށް ދީފަ އެވެ.
ނަމަވެސް އެމީހުން ނުދަންނަ ކަމެއް ވެ އެވެ.
ބިއްލޫރީގައި އަޅައިފި ކޫރެއް ފިލުވާލުމަކީ ދަތިކަމެވެ.
ބިއްލޫރީގައި އަޅައިފި ރެނދެއް ނުވެސް ބެއްދޭނެ އެވެ.


ތުއްތު ކުދިންގެ ހިތް

ބައެއް އަންހެނުން ވަރަށް ހިތްގަދަ ކަމަށް ހެދިގެން އުޅެ އެވެ.
އުމުރުން ކިތަންމެ ދުވަހެއް ވިޔަސް އެމީހުންގެ ހިތަކީ، ތުއްތު ކުއްޖެއްގެ ހިތެވެ.
ތެދުވެރިވާނެ އެވެ.
މަޢުޞޫމުވާނެ އެވެ.
އިވޭ ބަހަކުން އެ ހިތް ޒަޚަމްވެދާނެ އެވެ.
ހިފެހެއްޓުމެއްނެތި ލޭ އޮހޮރެން ފަށާފާނެ އެވެ.
ނަމަވެސް ވޭން އަޅާ އަޑެއް ނީވޭނެ އެވެ.
ރޯއަޑެއް ވެސް ނީވޭނެ އެވެ.
ތުއްތުކުދިންގެ ހިތަށް އަސަރުކުރާހެން އެ ހިތްތަކަށް އަސަރުކުރާނެ އެވެ.