ތިން ސުވާލުގެ ޖަވާބު
ކިޔެވުމަށްޓަކައި ޒުވާނަކު އޭނާގެ ޤައުމު ދޫކޮށް އެހެން
ޤައުމަކަށް ދިޔައެވެ. ދެން އެ ޤައުމުގައި ހުރެ އޭނާ އެތައް
ދުވަހެއް ވަންދެން ތަޢުލީމު ޙާޞިލުކުރިއެވެ. އެއަށްފަހު،
އެނބުރި ރަށަށް އައިސް، އޭނާއަށް ނޭގުނު ތިން ސުއާލެއްގެ
ޖަވާބު ލިބޭތޯ މަސައްކަތްކުރިއެވެ. އެ ތިން ސުއާލަކީ،
ދުންޔަވީ ޢިލްމުވެރިންގެ އަރިހުން އޭނާއަށް ޖަވާބު
ލިބިފައިނުވާ ތިން ސުއާލެކެވެ. ދެން އޭނާގެ ގާތްތިމާގެ
މީހުން، އޭނާއާ ވާހަކަ ދައްކާލާނެ ދީނީ ޢިލްމުވެރިޔަކު
ހޯދާދިނެވެ. ތިރީގައި މިވަނީ، ޒުވާނާއާއި ޢިލްމުވެރިޔާ އާ
ދެމެދުގައި ހިނގި މުޙާވަރާއެކެވެ.
ޒުވާނާ: ތިޔައީ ކޮން ބޭކަލެއްތޯއެވެ؟ އަޅުގަނޑުގެ ތިން
ސުއާލަށް ކަލޭގެފާނު ޖަވާބު ދެއްވާފާނަންތޯއެވެ؟
ޢިލްމުވެރިޔާ: އަޅުގަނޑަކީ، މާތްﷲ ގެ އަޅުތަކުންގެ
ތެރެއިން އަޅަކީމެވެ. އެކަލާނގެ އިޒުނަފުޅާއެކު، ތިބާގެ
ސުއާލުތަކަށް ޖަވާބުދެވޭތޯ ބަލާފާނަމެވެ.
ޒުވާނާ: ކަލޭގެފާނަށް، ތިކަން ކުރެއްވިދާނެކަމުގެ
ޔަޤީންކަން އެބައޮތްތޯއެވެ؟ ވަރަށް ގިނަ ދުންޔަވީ
ޢިލްމުވެރިންނާއި ޑަކުޓަރުންނާ، އަޅުގަނޑު މި ސުއާލުތައް
ކޮށްފީމެވެ. އެއިން އެއްވެސް ބޭކަލަކަށް މި ސުއާލުތަކުގެ
ޖަވާބު ވަނީ، އެނގިވަޑައިނުގެންފައެވެ.
ޢިލްމުވެރިޔާ: މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުގެ
ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން ވަރަކުން، ޖަވާބުދެވޭތޯ
ބަލާނަމެވެ.
ޒުވާނާ: އަޅުގަނޑުގެ އަތުގައި ތިން ސުއާލު އެބައޮތެވެ. އެ
ތިން ސުއާލަކީ:
1. ޙަޤީޤަތުގައި ވެސް މާތް ﷲ ވޮޑިގެންވޭތޯއެވެ؟ އެކަލާނގެ
ވޮޑިގެންވާނަމަ، އެކަލާނގެ ޒާތުފުޅު އަޅުގަނޑަށް
ދައްކަވައިދެއްވާށެވެ!
2. ޤަޟާ، ޤަދަރަކީ ކޮބާތޯއެވެ؟
3. ޝައިޠާނާއަކީ އަލިފާނުން ހައްދަވާފައިވާ މަޚުލޫޤެއް
ކަމަށްވަނީނަމަ، އާޚިރަތުގައި އޭނާއަށް ނަރަކައިގެ
އަލިފާނުން އަޒާބުދެއްވާނީ ކިހިނަކުންތޯއެވެ؟
ޒުވާނާ، މި ތިން ސުއާލުކޮށް ނިމުމުން، ޢިލްމުވެރިޔާ
އަތްޕުޅު ދަންމަވާލައްވާފައި، އަތްޕުޅަށް ލެއްވުނުހައި
ބާރަކާއެކު، ޒުވާނާގެ ކަންކަށީގައި ވަރުގަދަ އެތިފަހަރެއް
ޖެއްސެވިއެވެ.
އެހިނދު ޙައިރާންކަމާއެކު ޒުވާނާ ބުންޏެވެ.
ޒުވާނާ: ކަލޭގެފާނު، އަޅުގަނޑުގެ ގައިގައި ތިޔަ ޖެއްސެވީ
ކީއްވެގެންތޯއެވެ؟ ކަލޭގެފާނު ކޯފާއިސްވާވަރުގެ ކަމެއް
އަޅުގަނޑަށް ކުރެވުނީތޯއެވެ؟
ޢިލްމުވެރިޔާ: ފަހަރެއްގައިވެސް އަޅުގަނޑު ރުޅިއެއް
ނާދެއެވެ. ތިބާގެ ކަންކަށީގައި އަޅުގަނޑު މިޖެހި
އެތިފަހަރަކީ، ތިބާ ކުރެއްވި ތިން ސުއާލުގެ ޖަވާބެވެ.
ޒުވާނާ: ތިޔަ ވިދާޅުވި އެއްޗެއް އަޅުގަނޑަކަށް
ފަހުމެއްނުވިއެވެ.
ޢިލްމުވެރިޔާ: އަޅުގަނޑު ތިބާގެ ކަންކަށީގައި ޖެހީމާ،
ތިބާއަށް ކުރެއްވުނު އިޙުސާސަކީ ކޮބާތޯއެވެ؟
ޒުވާނާ: އަޅުގަނޑަށް ކުރެވުނު އިޙުސާސަކީ ތަދެވެ.
ޢިލްމުވެރިޔާ: އެހެންކަމަށްވަނީނަމަ، ތަދަކީ ވާ އެއްޗެއް
ކަމުގައި ތިބާ ޤަބޫލުކުރައްވަންތޯއެވެ؟
ޒުވާނާ: އާދޭހެވެ. ޤަބޫލުކުރަމެވެ.
ޢިލްމުވެރިޔާ: އެހެންކަމަށްވަނީނަމަ، އަޅުގަނޑަށް ތަދުގެ
ހަށިގަނޑު ނިކަން ދައްކަވައިދެއްވަބައްލަވާށެވެ!
ޒުވާނާ: ތިޔަކަމެއް ނުކުރެވޭނެއެވެ.
ޢިލްމުވެރިޔާ: މިއީ، ތިބާގެ ފުރަތަމަ ސުއާލަށް އަޅުގަނޑު
ދޭ ޖަވާބެވެ. މާތްﷲ ވޮޑިގެންވާކަން، އަޅުގަނޑުމެން
އެންމެނަށް އިޙުސާސްކުރެވެއެވެ. ނަމަވެސް، އެކަލާނގެ
ޒާތުފުޅު ދުށުމުގެ ކުޅަދާނަކަން އަޅުގަނޑުމެންގެ
ކިބައިގައި ނެތެވެ.
ދެން ޢިލްމުވެރިޔާ ވިދާޅުވިއެވެ: ތިބާގެ ކަންކަށީގައި
އަޅުގަނޑު ޖަހާތަން، ރޭގައި ތިބާއަށް ހުވަފެނުން
ފެނިފައިވޭތޯއެވެ؟ ނުވަތަ ތިބާގެ ގައިގައި މިއަދު
އަޅުގަނޑު ޖަހާފާނެ ކަމަށް ތިބާގެ ހިތަށް އެރިތޯއެވެ؟
ޒުވާނާ: ނޫނެކެވެ. ނޫނެކެވެ.
ޢިލްމުވެރިޔާ: ޤަޟާ، ޤަދަރަކީ، މިއީއެވެ.
އަނެއްކާވެސް، ޢިލްމުވެރިޔާ ވިދާޅުވިއެވެ: ތިބާގެ
ކަންކަށީގައި އަޅުގަނޑު ޖެހި އަތް، ހައްދަވާފައިވަނީ، ކޮން
އެއްޗަކުންތޯއެވެ؟
ޒުވާނާ: މަށިންނެވެ.
ޢިލްމުވެރިޔާ: ތިބާގެ ކަންކަށި ހައްދަވާފައިވަނީ
ކޮންއެއްޗަކުންތޯއެވެ؟
ޒުވާނާ: މަށިންނެވެ.
ޢިލްމުވެރިޔާ: ތިބާގެ ކަންކަށީގައި އަޅުގަނޑު ޖެހީމާ،
ތިބާއަށް ކުރެއްވުނީ ކޮން އިޙުސާސެއްތޯއެވެ؟
ޒުވާނާ: ވޭނާއި ތަދެވެ.
ޢިލްމުވެރިޔާ: ހަމަ މިކަން މި ހިނގައިދިޔަ ފަދައިން،
އަލިފާނުން ހައްދަވާފައިވާ ޝައިޠާނާއަށް އަލިފާނުން އަޒާބު
ދެއްވުމަށް މާތް ﷲ އިރާދަކުރައްވައިފިނަމަ، ނަރަކައިގެ
އަލިފާން ވާނީ، ޝައިޠާނާއަށް ވޭންދެނިވި އެއްޗެއް
ކަމަށެވެ.