ކުދިން ތަރުބިއްޔަތުކުރުން


ތަރުބިއްޔަތަކީ ކޮބާ؟

ފަރުދުންގެ ޙަޔާތާއި މުޖުތަމަޢުގައި މުހިންމު އުންސުރެއް ވެއެވެ. އެ އުންސުރުގެ ސަބަބުން ހެޔޮލަފާކަންމަތީގައި މީހުން ރީތިކޮށް ދިރިއުޅެއެވެ. އަދަބުވެރިކަމާއި ޚުލްޤުހެޔޮކަމާއެކު ރަނގަޅަށް ދިރިއުޅެއެވެ. އެ އުންސުރު ނެތިއްޖެނަމަ، މީހުން ތެދުމަގުން އެއްކިބާވެދެއެވެ. އެންމެހާ ނުބައި ކަންތައްތަކެއް މުޖުތަމަޢުގައި ފެތުރިދެއެވެ. އެކަމުގެ ސަބަބުން ބޮޑެތި ނުރައްކާތައް ކުރިމަތިވެދެ އެވެ. ތަރުބިއްޔަތޭ ކިޔަނީ އެ އުންސުރަށެވެ.

ތަރުބިއްޔަކީ، ކުދިން ކުޑައިރުއްސުރެ، އެކުދިންނަށް ދެމުން ގެންދާ ބޭހެއް ކަހަލަ އެއްޗެކެވެ. އޭގެ ސަބަބުން، ރީތި އަޚުލާޤާއި އުޅުން އެކުދިންގެ ކިބައިގައި އަށަގަނެއެވެ. ދިރިއުޅުމުގައި ރަނގަޅު އަދި ރީތި ގޮތްތައް އިޚުތިޔާރުކުރެ އެވެ. ހެޔޮކަންކަންތައްތައް ދިފާޢުކޮށް، ނުބައިކަންތައްތަކާ ދެކޮޅު ހަދައެވެ.

ރަނގަޅު ތަރުބިއްޔަތެއް ނެތި ބޮޑެތިވާ ކުދިން ނޭދެވޭ ކަންތައް ކުރެއެވެ. މިސާލަކަށް، އެކުދިން ދޮގުހަދައެވެ. އިމްތިޙާނުގައި ކޮޕީކުރެއެވެ. އެހެން މީހުނަށް އޮޅުވާލައެވެ. މިނޫނަސް މިފަދަ ނޭދެވޭ ކިތަންމެ ކަމެއް އެކުދިންގެ ކިބައިގައި އަށަގެންފައި ހުރެދާނެއެވެ.


ތަރުބިއްޔަތުކުރުމުގައި ބޭނުންކުރެވިދާނެ ގޮތްތައް

ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި ތަފާތު ގޮތްތައް ބޭނުންކުރެވިދާނެއެވެ. ތަރުބިއްޔަތުކުރަން ބޭނުންވާ ކުއްޖާގެ ޠަބީޢަތަށް ބަލައިގެން ގޮތެއް އިޚުތިޔާރުކުރެވިދާނެއެވެ. ތިރީގައި މިވަނީ ތަރުބިއްޔަތުކުރުމުގެ ބައެއް ގޮތްތަކެވެ.

ތަރުބިއްޔަތުކުރުމުގެ ގޮތްތަކުގެ ތެރޭގައި ނަމޫނާ ދެއްކުމާއި، އިނާމާއި އަދަބުދިނުމާއި، ނަސޭހަތްދިނުމާއި، މިސާލުޖެހުމާއި، ވާހަކަ ހިމެނެއެވެ.


ނަމޫނާ ދައްކައިދީގެން ތަރުބިއްޔަތުކުރުން

1. ނަމޫނާއަކީ، ކުއްޖާ ތަބާވާންޖެހޭ ކަންތައްތައް ދައްކުވާދޭ ނަމޫނާ ޝަޚުޞިއްޔަތެވެ.

2. ނަމޫނާ ޝަޚުޞިއްޔަތަކީ މަންމައާއި ބައްޕަ އެވެ. ނުވަތަ ޓީޗަރެކެވެ. ނުވަތަ އެނޫންވެސް މުޖުތަމަޢުގައި ނަންހިނގާ ޝަޚުޞިއްޔަތެކެވެ.


އިނާމާއި އަދަބުދީގެން ތަރުބިއްޔަތުކުރުން

1. ނޭދެވޭ ކަމެއް ކޮށްފިނަމަ އަދަބުދޭނީއެވެ.

2. އެދެވޭ ކަމެއް ކޮށްފިނަމަ އިނާމުދޭނީއެވެ.

3. އަދަބުދިނުމަކީ، ތަޅައި އަނިޔާކުރުމެއް ނޫނެވެ. ކުއްޖާ ބޭނުންވާ އެއްޗެއް ހޯދައި ދިނުން ކުޑަކޮށް ލަސްކޮށްލުމަކީ ވެސް އަދަބެކެވެ.

4. އިނާމަކީ ހަމައެކަނި މާއްދީ އެއްޗެއް ނޫނެވެ. ކުއްޖާ އެދެވޭ ކަމެއް ކުރުމުން "ހާދަމޮޅޭ!" ބުނެލުމަކީ ވެސް ވަރަށް ބޮޑު އިނާމެކެވެ.


ނަސޭހަތްދީގެން ތަރުބިއްޔަތުކުރުން

1. ކުއްޖާއަށް ދޭހަވާނެ ގޮތަކަށް ތިލަކޮށް ނަސޭހަތްދިނުން.

2. ހިތްހެޔޮކަމާއެކު ނަސޭހަތްދިނުން. ރުޅިއައިސްގެން ހަޅޭލަވަމުންދޭ ނަސޭހަތް ކުދިން ޤަބޫލެއް ނުކުރާނެއެވެ.

3. ކުއްޖާ ކަސްތޮޅު އެޅޭކަން އިޙުސާސްކޮށްނުދީ ނަސޭހަތްދިނުން. އިންސާނީ ޠަބީޢަތް ބުރަވަނީ މިނިވަންކަމަށެވެ.


މިސާލުޖަހައިގެން ތަރުބިއްޔަތުކުރުން

1. ހިތްހަމަޖެހިގެން ހުންނައިރު ދިމާވާ ކަންތައްތަކުން ދަސްވާވަރަށްވުރެ ބޮޑަށް، މުޑިއެރުންތަކުން ދަސްވެއެވެ.

2. ހިނގާފައިވާ ހާދިސާތަކުން ކަންތައްތައް ދަސްވެއެވެ.

3. ތިމާއަށް ކުރެވޭ ކުށަކުން ނުވަތަ އެހެން މީހުނަށް ކުރެވިފައިވާ ކުށްތަކުން ކަންތައްތައް ދަސްވެއެވެ.


ވާހަކަ ކިޔައިދީގެން ތަރުބިއްޔަތުކުރުން

1. ކުދިންނަށް ޢިބްރަތާއި ޙިކުމަތްތައް ދަސްވާނެ ވާހަކަތައް ކިޔައިދޭށެވެ.

2. ކުދިންނަށް ވާހަކަ ފޮތް ކިއުމަށް ފުރުޞަތު ފަހިކޮށްދޭށެވެ!

3. ތާރީޚީ ވާހަކަތަކުންނާއި، ޙަޤީޤީ ވާހަކަތަކުންނާއި، ޚިޔާލީ ވާހަކަތަކުން ވެސް ކުދިންނަށް ފިލާވަޅުތައް ލިބެއެވެ.


ތަރުބިއްޔަތުކުރުމުގެ އިތުރު އިރުޝާދުތައް

1. ޤުދުރަތީ ނިޒާމުގައިވާ ހަމަތަކަށް ބަލައިގެން ކުދިން ތަރުބިއްޔަތުކުރާށެވެ!

2. ކުދިން ނަސޭހަތަކަށް ބޭނުން ނުވަނީސް ނަސޭހަތް ނުދޭށެވެ! ނަމަވެސް، ކުދިން ނަސޭހަތަށް ބޭނުންވާނެ ހާލަތު އުފެއްދުމަކީ ތިބާއަށް ކުރެވިދާނެ ކަމެކެވެ.

3. އެކަން ނުކުރޭ! މިކަން ކުރޭ! މިބާވަތުގެ އަމުރުކޮށްގެން ތަރުބިއްޔަތުކުރަން ނޫޅޭށެވެ! އޭގެ ބަދަލުގައި ކުއްޖާއަށް ވިސްނުވާދޭން މަސައްކަތްކުރާށެވެ!

4. އަބަދު ކުއްޖާއަށް އެހީތެރިވެދިނުމުގެ ޚިޔާލު ނުގެންގުޅޭށެވެ! އޭގެ ބަދަލުގައި އޭނާ އަމިއްލަ ފައިމައްޗަށް ތެދުކުރަން މަސައްކަތްކުރާށެވެ!

5. ކުއްޖާއަށް ދަސްކޮށްދޭން ބޭނުންވާ ކަންތައްތައް ޢަމަލީގޮތުން ދައްކައިދޭށެވެ! ދުލުން ބުނާ ކަންތައްތަކަށްވުރެ ބޮޑަށް ޢަމަލީގޮތުން ފެންނަ ކަންތައްތައް އޭނާ ޤަބޫލުކުރާނެއެވެ.

6. މަސްއޫލިއްޔަތު އުފުލަން އެނގޭވަރަށް ހިތްހަމަނުޖެހޭ ކަންތައްތަކާ ކުރިމަތިލާން ކުއްޖާއަށް ދަސްކޮށްދޭށެވެ!

7. ބޮޑުވަމުން އަންނައިރު، ކުއްޖާގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން އޭނާ ކުރާ ކަންތަކާމެދު ކަންބޮޑުނުވާށެވެ! އެކަންތައްތަކުގެ ސަބަބުން އޭނާ ވާނީ، ކުޑަކުއްޖަކާ، ބާލިޣުވެފައިވާ މީހަކާ ދެމެދުގައެވެ. މިކަން ޤަބޫލުކޮށް، އޭނާ އެކަހެރިނުކޮށް، އޭނާއާ އަޅާލާށެވެ!

8. ކުދިންނަށް ވާހަކަ ދައްކަން ފުރުޞަތުދޭށެވެ! ބޮޑެތި މީހުންނަށްވުރެ ކުޑަކުދިން އަޑުގަދަވާނެއެވެ. ޙަރަކާތްތެރިވުން ވެސް އިތުރުވާނެ އެވެ. މިއީ ޠަބީޢީ ކަމެކެވެ. އެކުދިންގެ ކިބައިން ފެންނަ މިކަހަލަ ކަންތައްތައް ހުއްޓުވަން ނޫޅޭށެވެ!

9. ކުދިންނާ އަރާރުން ނުވާށެވެ! ... ކުދިން ރަޙުމަތްތެރިން އިޚުތިޔާރުކުރާނީ އެކުދިން އުޅޭ ވެށިންނެވެ. އެއީ ރަނގަޅު ކުދިން އުޅޭ ވެށްޓެއް ކަމަށްވަނީނަމަ، އެކުދިންގެ ރަޙުމަތަތްތެރިންނަކީ ރަނގަޅު ބަޔެއް ކަމަށްވާނެ އެވެ. ތިބާގެ ދަރިފުޅާއި، އޭނާގެ ރަޙުމަތްތެރިންނާ ވަކިކުރަން ގަދަކަމުން ނޫޅޭށެވެ! އެ ރަޙުމަތްތެރިންގެ ކިބައިގައި ނޭދެވޭ ކަމެއް ވާނަމަ، އެކަން ތިބާގެ ދަރިފުޅަށް ވިސްނުވާދީގެން، އެމީހުނާ ވަކިވުމުގެ އިޚުތިޔާރު އޭނާއަށް ދޫކޮށްލާފައި ބާއްވާށެވެ!