ނީލަމުގައި ވިއްކާލެވޭ އަންހެނެއް



އަންހެން ކަނބަލުންނަށް، ޖާހިލުން ތިންފަހަރު އަނިޔާވެރިވެއެވެ.

ފުރަތަމަ ފަހަރު، އަނިޔާވެރިވަނީ، މުށްބާރު ބައްޕައެވެ. މުދަލަށް ދަހިވެތިވާ ވާރުތަވެރިޔާ ވެސް އަނިޔާވެރިވެއެވެ. އަދި އެ ދެ މީހުންކުރެ މީހަކަށް ބަލަދުއަރާއިރު، ޚަރަދުކުރުމުގައި ވެސް ފަސްޖެހެއެވެ.

ދެވަނަ ފަހަރު، އަނިޔާވެރިވަނީ، ގޮތްކުޑަ ފިރިމީހާއެވެ. އަނބިމީހާގެ މިލްކުގައި އެއްޗެއް ވާނަމަ، އެ އެއްޗަކަށް އޭނާ އަތްގަދަކުރެއެވެ. އަނބިމީހާގެ ފައިސާއިން އޭނާގެ އަމިއްލަ ކަނތަކަށް ޚަރަދުވެސް ކުރެއެވެ. އެއާއެކު، އެންމެ ހަޑިހުތުރު ބަހުން ވާހަކަދައްކައި، އަނބިމީހާ އަށް ޖިސްމާނީ އަނިޔާ ވެސް ކުރެއެވެ.

ތިންވަނަ ފަހަރު، އަނިޔާވެރިވަނީ، ވަރިކުރާ ފިރިމީހާ އެވެ. ވަރިކުރުމާއެކު، އަންހެނަކަށް ލިބިގެންވާ އެންމެ އާދައިގެ ޙައްޤުތަކުން ވެސް އޭނާ މަޙުރޫމުކޮށްލައެވެ. ފިރިމީހާގެ އިތުރުން، މުދަލާއި، ދަރީންނާއި، ޢާއިލާ ވެސް އޭނާގެ އަތުން ބީވެދެއެވެ.

ޖާހިލު، ނާތަހުޒީބު މުޖުތަމަޢުތަކުގައި، ރަޙުމް ކުޑަ މީހުން، އަންހެން ކަނބަލުންނަށް އަނިޔާވެރިވަނީ، ދީނުގެ ނަމުގައެވެ. އެމީހުން އަންހެނަކު އަގުކުރަނީ ވެސް ވަރަށް ދަށް އަގުތަކަކުންނެވެ.

އަންހެން ކަނބަލަކު އޭނާއަށް ކޮންޓްރޯލްކުރެވެން ނެތް ސަބަބަކާހެދި، އޭނާ މީހަކާ ނީނދެ އިނަސް، މީހުން ބުނެއުޅެއެވެ.
އޭނާއަކީ، މީހަކާ އިންނަން ވެސް ނޭނގިފައި އިން ބީތާއެކެވެ. ކަމުދާ އަންހެނެއް ނަމަ، ކޮންމެވެސް މީހަކު އޭނާއާ ކާވެނިކުރީހެވެ.

އަންހެން ކަނބަލަކު ވަރިކުރެވިއްޖެ ނަމަ، މީހުން ބުނެއުޅެއެވެ.
އޭނާއަކީ، ފިރިމީހާއާއެކުގައި އުޅެން ދަންނަ، ޚުލްޤު ހެޔޮ އަންހެނެއް ނަމަ، އޭނާގެ ފިރިމީހާ އޭނާ ވަރިއެއް ނުކުރީހެވެ.

އަންހެން ކަނބަލަކު ހައެއްކަ ދަރިން ވިހައިފިނަމަ، މީހުން ބުނެއުޅެއެވެ.
ރާތާ ގާބަރިއަކަށްވުރެ ގިނައިން ދަރިން ވިހައިފި އެވެ. އަދި ދަރިން ބެލުން ފިރިމީހާގެ ބޮލަށް ވެސް ޖަހައިފިއެވެ.

އަންހެން ކަނބަލަކު ދަރިން ލިބުމުގެ ނިޢުމަތުން މަޙުރޫމުވެއްޖެ ނަމަ، މީހުން ބުނެއުޅެއެވެ.
ދަރިމައިނުވާ އަންހެނެއްތާއެވެ! އޭނާއާ އިނދެގެން އުޅޭނީ ވަރަށްވެސް ގޮތެއް ނެތް މީހެކެވެ. އޭނާއާ އެކުގައި ދިރިއުޅެން ވިސްނުމަކީ ގޯސް ވިސްނުމެކެވެ.

އަންހެން ކަނބަލަކު ދަރިން ލިބުމުން ކިޔެވުން ހުއްޓާލާފައި، އާއިލާ ބިނާކުރުމުގެ މަސައްކަތާ ކުރިމަތިލައިފި ނަމަ، މީހުން ބުނެއުޅެއެވެ.
އޭނާއަކީ، ހޭލުންތެރިކަން ކުޑަ، ތަންދޮރު ނުދަންނަ، ޖާހިލުކަމަށް ލޯބިކުރާ އަންހެނެއްތާއެވެ.

އަންހެން ކަނބަލަކު ކިޔެވުމުގެ ހަރުފަތްތައް ގިރާކުރަމުން ކުރިއަށް ދާ ނަމަ، މީހުން ބުނެއުޅެއެވެ.
އޭނާއަކީ، ގެދޮރު އިހުމާލުކޮށް، އާއިލާއާ އަޅާނުލައި، ފިރިމީހާގެ ހައްގުތައް ވެސް ނުދޭ ނުބައި އަންހެނެކެވެ.

އަންހެން ކަނބަލެއްގެ އަތުގައި ފައިސާއާއި މުދާ ނެތް ނަމަ، މީހުން ބުނެއުޅެއެވެ.
އޭނާއަކީ، ހުރިހާ ޚަރަދެއް ކުރުމުގެ ބުރަ ފިރިމީހާގެ ބޮލުގައި އަޅުވާނެ، ދެރަ، ނިކަމެތި، ފަގީރު، އަންހެނެކެވެ.

އަންހެން ކަނބަލަކު ލިބިފައިވާ މުދާތަކަކުން އޭނާ ވިޔަފާރިކުރާ ނަމަ، މީހުން ބުނެއުޅެއެވެ.
ވިޔަފާރީގެ މައިދާނަށް ނިކުމެ، ފިރިހެނުންނާ ހަމަހަމަވާން އުޅެނީތާ އެވެ! އޭނާ، ގެޔަކު މަޑެއް ނުވާނެއެވެ. އޭނާ، އަންހެން ވަންތަކަމުގައި ކޮޅުފައިން ޖަހައިފި އެވެ. އަދި އޭނާ، މައިވަންތަކަމަށް ވެސް އިންކާރުކޮށްފިއެވެ.

އަންހެން ކަނބަލަކު ފިރިމީހާގެ ކިބައިން ޙައްޤު ހޯދަން އުޅެފި ނަމަ، މީހުން ބުނެއުޅެއެވެ.
އޭނާއަކީ، އުޅެން ނުދަންނަ، ތަޞައްރަފު ނުފުދޭ، ދޯހަޅި އަންހެނެކެވެ. އުޅެން އެނގުނު ނަމަ، ފިރިމީހާއާ އެކުގައި ރީތި ދިރިއުޅުމެއް އުޅުނީހެވެ. އޭނާއަކީ ތަނެއް ދޮރެއް ނުދަންނަ، ގޮތެއްފޮތެއް ނެތް، ޖާހިލު އަންހެނެކެވެ.

އަންހެން ކަނބަލަކު އޭނާއަށް ކުރެވޭ އަނިޔާތަކަށް ކެތްކޮށްފި ނަމަ، މީހުން ބުނެއުޅެއެވެ.
އޭނާއަކީ، ފިނޑި އަންހެނެކެވެ. އޭނާގެ ކިބައިގައި ހިތްވަރެއް ނެތެވެ. އޭނާއަށް ލިބެމުންދާ އަނިޔާއިން ސަލާމަތްވާނެ ބުއްދިއެއް ވެސް އޭނާއަކަށް ނޭނގުނެވެ.

އަންހެން ކަނބަލަކު ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ، މީހުން ބުނެއުޅެއެވެ.
ހެޔޮލަފާ އަންހެނަކު، އޭނާގެ ޢާއިލީ ސިއްރުތައް ކޯޓަށް ހުށަހަޅާނެ ހެއްޔެވެ؟ ރަނގަޅު އަންހެނަކު، އޭނާގެ ގާތްތިމާގެ މީހުންނާއި، ފިރިމީހާއާ ދެކޮޅަށް މައްސަލަ ޖައްސާނެ ހެއްޔެވެ؟ އޭނާއަށް ބުއްދީގެ ނިޢުމަތް ލިބިގެންވޭ ހެއްޔެވެ؟ އަދި އޭނާގެ އަބުރާއި ޢިއްޒަތް ވެސް ކޮބައިހެއްޔެވެ؟

ހުޅުވާލެވިފައިވާ ނީލަމެއްގައި މިފަދަ ހެޔޮ އަގުތަކަކަށް އަންހެން ކަނބަލުން ވިއްކާލެވޭ މުޖުތަމަޢުތަކެވެ. އެއީ ޖާހިލު މުޖުތަމަޢުތަކެވެ. އެ މުޖުތަމަޢުތަކުގެ އަހުލުން، އަންހެން ކަނބަލުންގެ އަގުދަށްކޮށް، އަނިޔާވެރިވެއެވެ. އެކަނބަލުންގެ ޙައްޤުތައް ނިގުޅައިގަނެވެނީ، ހޭލުންތެރިކަން ކުޑަ މުޖުތަމަޢުތަކުގައެވެ. އެފަދަ މުޖުތަމަޢެއްގައި އަންހެން ކަނބަލެކޭ، ހިފާގެންގުޅޭ ކަންވާރެކޭ ތަފާތެއް ނެތެވެ. ޖަނަވާރެއް ވާރުތަވާހެން އޭނާ ވާރުތަވެއެވެ. ފަރުނީޗަރުގަނޑެއް ގެންދެވޭހެން އޭނާ ގެންދެވެ އެވެ. އޭނާއާ މެދު އެފަދަ މުޖުތަމަޢުތަކުގައި ދެކެނީ، އުފެދުމުގައި ބަލިކަށި، ވިސްނުން ކޮށި، މަޚުލޫޤެއް ކަމަށެވެ. އޭނާގެ ކަންތައް ބަލަހައްޓާނީ އެހެން މީހެކެވެ. އޭނާއަށް އުޅެންވީ ގޮތް ބުނެދޭނީ ވެސް އެހެން މީހެކެވެ. އޭނާ ތަހުޒީބުކޮށް، ހިމާޔަތްކުރާނީ ވެސް އެހެން މީހެކެވެ.

ބައެއް މީހުންގެ ޖާހިލުކަން ބޮޑުކަމުން، އަންހެން ކަނބަލުންގެ ނަންވެސް ނުކިޔައެވެ. ނަމުގެ ބަދަލުގައި ބޭނުންކުރާނީ ކޮންމެވެސް ލަގަބެކެވެ. ނުވަތަ ވަނަމެކެވެ. އެމީހުން ހީކުރަނީ، އަންހެން ކަނބަލެއްގެ ނަން ކިޔުމުން އެމީހުން ފަޟީޙަތްވާނެ ކަމަށެވެ. އެއީ ވަރަށް ދަށުދަރަޖައިގެ ކުށް ހީއެކެވެ. އެފަދަ ކުށްހީތައް ހީކުރާނީ ވެސް ވަރަށް ދަށުދަރަޖައިގެ ބަޔެކެވެ.

ޙަޤީޤަތުގައި ކޮންމެ އަންހެން ކަނބަލަކީ، މާތް މަޚުލޫޤެކެވެ. ހައިބަތުހުރި ޝަޚުޞިއްޔަތެކެވެ. އަންހެން ކަނބަލުންނަކީ، ފިރިހެނުންނާ އެއްހަމައިގައިވާ ބަޔެކެވެ. އެކަނބަލުންނަކީ، ބަޠަލުންގެ މައިންނެވެ. ކާބަފައިންގެ ކަރާމަތާއި ޤަދަރުގެ މަދުރަސާތަކެވެ. ތާރީޚު އުފައްދަނީ އެކަނބަލުންނެވެ. ޢިއްޒަތުގެ ގަސްގަހާގެއްސަކީ ވެސް އެކަނބަލުންނެވެ. ހެޔޮކަމާއި ދީލަތިކަމުގެ ބަގީޗާތަކަކީ ވެސް އެކަނބަލުންނެވެ. އަގުހުރި މޮޅު މަޢުދަންތަކަކީ ވެސް އެކަނބަލުންނެވެ. ނަބީބޭކަލުންގެ މައިންނަކީ ވެސް އެކަނބަލުންނެވެ. ދުނިޔެ އާރާސްތުކުރި ބާނީން ތަރުބިއްޔަތުކުރީ ވެސް އެކަނބަލުންނެވެ. ވަލީވެރިން އުރުގައި ގެންގުޅުނީ ވެސް އެކަނބަލުންނެވެ. ޙިކުމަތްތެރިން ތަރުބިއްޔަތުކުރީ ވެސް އެކަނބަލުންނެވެ. ފަހެ، ކޮންމެ ބަޠަލެއްގެ ފަހަތުގައި އަންހެން ކަނބަލަކު ވެ އެވެ. ތޫނުފިލި ކޮންމެ ދަރިވަރެއްގެ ފަހަތުގައި ހަރުދަނާ މަޔަކު ވެ އެވެ. ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި ކެތްތެރި އަނތްބަކު ވެއެވެ.

ޠާހިރުކަން ބާވައިލެއްވުނީ އަންހެން ކަނބަލުންގެ އުނގަށެވެ. އޯގާވެރިކަމާއި ރަޙުމުކުރުން ވެސް އުފަންވީ އެކަނބަލުންގެ ކިބައިންނެވެ. ހެޔޮކަމާއި އާއިލީ ގުޅުން ވެސް ފާއްދާލީ އެކަނބަލުންގެ ފުށުންނެވެ. ތޫނުފިލި ބުއްދިއާއި، އީޖާދީ އިލްހާމުތަކުގެ މަންބަޢަކީ ވެސް އެކަނބަލުންނެވެ. އަންހެން ކަނބަލުންނަކީ، ކެތްތެރިކަމާއި، ހިތްވަރުގަދަކަމުގެ ސިޔަރަތެވެ. އޯގާވެރި އަނތްބަކާ ނުލައި މިދުނިޔޭގެ ރީތިކަމެއް ނުފެންނާނެ އެވެ. އެފަދަ އަނތްބަކާ ނުލައި މިދުނިޔެއިން ހިތްހަމަޖެހުމެއް ވެސް ނުލިބޭނެއެވެ.

ދަންނާށެވެ! ޙައްވާގެފާނާ ނުލައި، އާދަމުގެފާނަށް ސުވަގޭގައި ނޫޅުއްވުނެވެ! ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަކީ، ޠާހިރު މާތް އަންހެން ބޭކަނަބަލުންގެ ބައްޕާފުޅެވެ. އިތުރުއެކަލޭގެފާނު ވަނީ، އަންހެން ކަނބަލުންނަށް މަތިވެރި މަޤާމެއް ދެއްވާފައެވެ. މާމަ އާއި، މަންމަ އާއި، ދައްތަ އާއި، އަންހެން ކޮއްކޮ އާއި، އަނބިމީހާ އާއި، އަންހެން ދަރިފުޅު ވަނީ އެކަނބަލުންގެ ތެރެއިންނެވެ. މިއިން ކޮންމެ މަޤާމެއްގައި ވެސް އެކނބަލުންނަކީ ޤަދަރު މަތިވެރިވެގެންވާ ޢިއްޒަތްތެރި ބަޔެކެވެ.

އަންހެން ކަނބަލުންގެ ޙައްޤުތަކާމެދު އިންކާރުކުރާ މީހުންނޭވެ! ތިޔަބައިމީހުންވަނީ، އެންމެހައި އަގުތަކަށް އަނިޔާވެރިވެފައެވެ. އެންމެހައި ފަޟީލަތްތަކަށް އުރެދިފައެވެ. ދީނަށް ޖާހިލުވެފަ އެވެ. ވަފާތެރިކަމުގެ ޢަހުދުނާމާއާ އިރާލާފައެވެ. ޝަރަފުވެރިކަމުގެ އެއްބަސްވުމާ ޚިލާފުވެފައެވެ. ތިޔަބައިމީހުންނަށް ގެއްލުމާއި ހަލާކުހުއްޓެވެ! ތިޔަބައިމީހުންނަކީ އުނި ބަޔެކެވެ. ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކިބައިގައިވާ ޖާހިލުކަމާއި ގަބުކަން ދައްކައިފީމުއެވެ. ތިޔަބައިމީހުންގެ ވިސްނުމާއި ފިކުރުގެ ނާތަހުޒީބުކަން ވެސް ދައްކައިފީމުއެވެ. ދަންނާށެވެ! އަންހެން ކަނބަލަކަށް އަނިޔާވެރިވެއްޖެ މީހަކަށް ގެއްލުންހުއްޓެވެ! އަންހެން ކަނބަލެއްގެ ޙައްޤުތައް ނިގުޅައިގެންފި މީހަކަށް ހަލާކުހުއްޓެވެ!