ލައްބައިކަ (لَبَّيْكَ) ގެ މާނަ
ލަފުޒީ މާނަ
ލައްބައިކަ (لَبَّيْكَ) އަކީ ޢަރަބި ބަހުގެ ލަފުޒެކެވެ.
ޢަރަބި ބަހުގައި މި ލަފުޒު ގިންތިކުރެވިފައި ވަނީ ޙަރުފުގެ
ތެރޭގައްޔާއި އަދާތުގެ ތެރޭގައެވެ.
ލައްބައިކަ
(لَبَّيْكَ) އެކުލެވިގެން ވަނީ ލައްބާ (لَبَّى) އާއި ކަ
(كَ) އިންނެވެ.
(لَبَّى) އާއި ކަ (كَ) ގުޅުވައިލުމުން
(لَبَّيْكَ) އުފެދެއެވެ.
ލައްބާ (لَبَّى) ގެ ލަފުޒީ
މާނައަކީ: އިޖާބަދީފި އެވެ.
ކަ (كَ) ގެ ލަފުޒީ
މާނައަކީ: އިބަރަސްކަލާނގެ / އިބަ / ތިބާ / ކަލޭ އެވެ.
މި މާނައިގެ އިމުގެ ތެރޭގައި ލައްބައިކަ (لَبَّيْكَ) ގެ
އެއް މާނައަކީ: "އިބަރަސްކަލާނގެ ޙަޟުރަތަށް
އިޖާބަދީފީމެވެ." މިއީ މާތްﷲ ގެ ޙަޟްރަތުގައި (لَبَّيْكَ)
އޭ ދަންނަވާއިރު ކުރެވޭ ޢާންމު މާނައެވެ.
(لَبَّيْكَ)
ގެ އަނެއް މާނައަކީ: "ތިބާއަށް އިޖާބަދީފީމެވެ." މިއީ
މީހެއްގެ ގާތުގައި (لَبَّيْكَ) އޭ ބުނާއިރު ކުރެވޭ ޢާންމު
މާނައެވެ.
ބަހަވީ ނަޒަރުން ތިން ޙާލަތެއް
(لَبَّيْكَ) އަކީ އިޖާބަދިނުމަށް ޓަކައި ބޭނުންކުރާ
ލަފުޒެކެވެ. ބަހަވީ ނަޒަރުން ބަލާއިރު މީހަކާ މުޚާޠަބުކޮށް
މި ލަފުޒު ބޭނުންކުރެވޭ ތިން ޙާލަތެއް ވެއެވެ.
ފުރަތަމަ
ޙާލަތަކީ، ދިރިހުރި މީހެއްގެ ކުރިމަތީގައި ނުވަތަ އޭނާގެ
ގާތުގައި (لَبَّيْكَ) އޭ ބުނުމެވެ. މި ޙާލަތުގައި
(لَبَّيْكَ) އޭ ބުނާނީ، އޭނާއަށް އިޖާބަދޭކަން
އަންގައިދިނުމަށެވެ.
ދެވަނަ ޙާލަތަކީ، ހާޒިރުގައި ނެތް
މީހަކާ މުޚާޠަބުކުރުމުގެ މަޤުޞަދުގައި (لَبَّيْكَ) އޭ
ބުނުމެވެ. މި ޙާލަތުގައި (لَبَّيْكَ) އޭ ބުނާނީ، އޭނާ
އެދިފައިވާ ކަމެއް ކުރުމަށް އިޖާބަދޭކަން އަންގައިދިނުމުގެ
ޤަޞްދުގައެވެ.
ތިންވަނަ ޙާލަތަކީ، މަރުވެފައި ވާ މީހަކު
ދިރިހުރިއިރު އޭނާ އެދިފައި ވާ ކަމެއް ކުރުމުގެ
މަޤުޞަދުގައި (لَبَّيْكَ) އޭ ބުނުމެވެ. މީގެ މިސާލަކީ،
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއް
އަޑުއިވުމުން، އެ ޙަދީޘް ބަސްފުޅުގައި ވާ ގޮތަށް
ޢަމަލުކުރުމުގެ މަޤުޞަދުގައި (لَبَّيْكَ) އޭ ބުނުމެވެ.
މާނަ ބަޔާންކޮށްދޭ ތިން ޤައުލެއް
ލައްބައިކަ (لَبَّيْكَ) ގެ މާނަ ބަޔާންކޮށްދޭ ތިން
ޤައުލެއް، އިބްނުލްޖައުޒީ ބަޔާންކުރައްވާފައި ވެއެވެ.
ފުރަތަމަ ޤައުލު: (لَبَّيْكَ) ގެ މާނައަކީ، މާތްﷲ ގެ
ޙަޟްރަތަށް ތަލްބިޔާ ކިޔާއިރު (لَبَّيْكَ) އިން ކުރެވޭ
މާނައެވެ. މި ޙާލަތުގައި (لَبَّيْكَ) ގެ މާނައަކީ: "މި
އަޅާ އިބަރަސްކަލާނގެ ޙަޟްރަތަށް އިޖާބަދީފީމެވެ. މި އަޅާ
މި ވަނީ އިބަރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވެގެންނެވެ.
މި އަޅާ ޤާއިމުވެ ހުންނަނީ އިބަރަސްކަލާނގެ އެންގެވި
ގޮތަށް ޢަމަލުކުރުމުގެ މަތީގައެވެ."
ދެވަނަ ޤައުލު:
(لَبَّيْكَ) ގެ މާނައަކީ، އެކަކު އަނެކަކާ ދިމާއަށް
ކުރިމަތިލައިގެން ހުރިކަން ބަޔާންކުރުމެވެ. މީގެ މިސާލަކީ
"ތިމަންނާ މިހުރީ ތިބާއާ ދިމާއަށް ކުރިމަތިލައިގެންނެވެ."
މިހެން ބުނުމެވެ.
ތިންވަނަ ޤައުލު: (لَبَّيْكَ) ގެ
މާނައަކީ، އެކަކު އަނެކަކު ދެކެ ލޯބިވާކަން
ބަޔާންކުރުމެވެ. މީގެ މިސާލަކީ "ތިމަންގެ ލޯބި ވަނީ
ތިބާއަށެވެ." މިހެން ބުނުމެވެ.
މި މާނަތައް
ވާރިދުވެފައި ވަނީ، (كَشْفُ الـمُشْكِل مِنْ حَدِيْثِ
الصَّحِيْحَيْنِ) އެވެ، ކިޔާ ފޮތްބައިގެ ފުރަތަމަ ފޮތުގެ
206 ވަނަ ޞަފުޙާގައެވެ. ތިރީގައި ވާ ލިންކުން އެ ފޮތްބައި
ޑައުންލޯޑްކުރެއްވޭނެއެވެ. (މި މަޒުމޫނު ލިޔުމަށް ޓަކައި
ބެލީ މި ލިންކުން ޑައުންލޯޑްކުރެވޭ ފޮތްބަޔެވެ.)
https://archive.org/details/kashfmoshkl/kashf0
މާތްﷲ ގެ ޙަޟުރަތުގައި ދަންނަވާ މާނަ
މާތްﷲ ގެ ޙަޟްރަތަށް (لَبَّيْكَ) އޭ ދަންނަވާއިރު،
ޤަޞްދުކުރެވޭ މާނަ ތިރީގައި މިވަނީއެވެ.
"މި އަޅާ
ޤާއިމުވެގެންވަނީ އިބަރަސްކަލާނގެ ޙަޟްރަތަށް ބޯލަނބައި
ކިޔަމަންގަތުމުގެ މަތީގައެވެ."
(لَبَّيْكَ اللَّهُمَّ
لَبَّيْكَ) ގެ މާނައަކީ: (اللَّهُمَّ إِنِّي عَلَى
طَاعَتِكَ مُقِيمٌ) ކަމަށް ބަސްފޮތްތަކުގައި ވެއެވެ.
(اللَّهُمَّ إِنِّي عَلَى طَاعَتِكَ مُقِيمٌ) ގެ މާނައަކީ:
ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މި
އަޅާ ދެމިހުންނަނީ، އިބަރަސްކަލާނގެ ޙަޟުރަތަށް
ކިޔަމަންގަތުމުގެ މަތީގައެވެ."
(لَبَّيْكَ اللَّهُمَّ
لَبَّيْكَ) ގެ މި ނޫން މާނަތައް ވެސް ބަސްފޮތްތަކުގައި
ވެއެވެ. އެ މާނަތަކުގެ ތެރޭގައި ވެއެވެ.
"މި އަޅާ
ކުރިމަތިލަނީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ."
"މި
އަޅާގެ މަޤްޞަދަކީ އިބަރަސްކަލާނގެ ޙަޟްރަތެވެ."
"މި
އަޅާ މި ކުރިމަތިލަނީ، އިބަރަސްކަލާނގެ އެންގެވި ކަންކަން
ކުރުމަށެވެ."
ނިންމުން
ޢަރަބި ބަހުގައި ލައްބައިކަ (لَبَّيْكَ) އަކީ އިޖާބަ
ދިނުމަށް ބޭނުންކުރާ ލަފުޒެކެވެ. މާތްﷲ ސުބްޙާނަހޫ
ޥަތަޢާލާ ގެ ޙަޟުރަތަށް އިޖާބަދިނުމަށާއި، އެކަލާނގެ
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިޖާބަދިނުމަށް
މި ލަފުޒު ބޭނުންކުރެވެއެވެ. އަދި މީސްތަކުންގެ ތެރެއިން
މީހަކަށް އިޖާބަދިނުމަށް ވެސް މި ލަފުޒު ބޭނުންކުރެވެއެވެ.
ލައްބައިކަ (لَبَّيْكَ) އަކީ އެއް މާނައަށްވުރެ ގިނަ މާނަ
އެކުލެވޭ ލަފުޒެކެވެ. މި ލަފުޒު ގިނައިން ބޭނުންކުރެވެނީ
އިޖާބަދިނުމުގެ މާނައިގައެވެ. މި ލަފުޒުން ދޭހަވާ
މާނަތަކުގެ ތެރޭގައި، މީހަކާ ދިމާއަށް ކުރިމަތިލައިގެން
ހުރުމާއި، މީހަކު ދެކެ ލޯބިވާކަން އަންގައިދިނުން ވެސް
ހިމެނެއެވެ.
<>
ނޯޓު
މި މަޒުމޫނު ލިޔުނީ، އަޅުގަނޑުގެ އެފްބީގެ އެކުވެރިއެއް ކަމުގައި ވާ އަލްއަޚު ޢަރީފު ޙުސައިން ގެ އެދިވަޑައިގަތުމަކަށެވެ. ލައްބައިކަ ގެ މާނަ ބަޔާންކޮށްދިނުމަށް އޭނާ އެދިވަޑައިގަތީ 27 ޖޫން 2025 ގައެވެ.
މަޞްދަރު
كَشْفُ الـمُشْكِل مِنْ حَدِيْثِ الصَّحِيْحَيْنِ އާއި ބައެއް އެހެން މަޞްދަރުތައް