ރޭގަ އާއި ސާސްތުރަ
ދިވެހިރާއްޖޭގައި އިންސާނީ ޙަޟާރަތެއް ޤާއިމުވީއްސުރެ،
ދިވެހިންނަކީ، ރޭގައަށް ފަރިތަ، ސާސްތުރަތަކަށް އަހުލުވެރި
ބަޔެއް ކަމަށް ބެލެވެއެވެ. ރޭގަ އަކީ ދިވެހިބަހުން
ޤަލަމަށް ކިޔާ ނަމެވެ. ސާސްތުރަ އަކީ ދިވެހިބަހުން
ޢިލްމަށް ކިޔާ ނަމެވެ. ދިވެހިރާއްޖޭގެ ތާރީޚީ އާސާރުތަކުގެ
ތެރޭގައި އިބްރާހީމިއްޔަ ފުރޭފު ހިމެނެއެވެ. އެއިން
އިލްހާމުވާ އެއް ކަމަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ
ތަރިކައިން މިންވަރެއް، ދިވެހިރާއްޖެއަށް
ވާޞިލުވެފައިވުމެވެ. އޭގެ ކުރިން ދިވެހިރާއްޖެއަށް ވަނީ،
މިޞްރުގެ ފިރުޢައުނުންގެ ލިޔުން ވާޞިލުވެފައެވެ. އެ ކަން
ހިނގާފައި ވަނީ، މީލާދުގެ ކުރީގެ 1342 ވަނަ އަހަރާ
ހިސާބުގައި ކަމަށް ބައެއް މަޞްދަރުގައި ވެއެވެ.
މި
ފަދަ ކަންކަމަށް ބަލާއިރު، މީގެ 3367 އަހަރު ކުރިން،
ދިވެހިރާއްޖޭގައި ލިޔެކިޔުމާއި ޢިލްމުވެރިކަން، އެ ޒަމާނާ
އެކަށޭނަ ގޮތަކަށް ފެތުރިފައި ވާނެ ކަމަށް ބެލެވެއެވެ.
ދިވެހިބަހުގައި ޤަލަމަށް ކިޔާ ބޯދާ ނަމެއް އޮތްކަމީ،
ދިވެހިރާއްޖޭގައި ލިޔުންތެރިކަމުގެ ދޮށިކަން އަންގައިދޭ
ކަމެކެވެ. ހަމައެހެންމެ، ޢިލްމަށް ކިޔާ ބޯދާ ނަމެއް
އޮތްކަމީ، ދިވެހިރާއްޖޭގައި ޢިލްމުވެރިކަމުގެ ދޮށިކަން
ހާމަވާ ކަމެކެވެ.
ލަފާކުރެވޭ ގޮތުގައި، ދިވެހި
ރޭގައިން ފުރޭފުކުރެވުނު ހަރުދަނާ ސާސްތުރަތަކުގެ ތެރޭގައި
ބޭސްވެރިކަމުގެ ސާސްތުރައާއި، ނިޔަމިކަމުގެ ސާސްތުރައާއި،
ހިސާބުގެ ސާސްތުރަ ފަދަ އެތައް ސާސްތުރައެއް ވާނެއެވެ.
ހަމައެހެންމެ، އަދަބިއްޔާތުގެ ފަންނުތަކުގެ ސާސްތުރަތައް
ވެސް ވާނެއެވެ. އިހުޒަމާނުގައި އެ ސާސްތުރަތައް
ފުރޭފުކުރެވުނީ، މި ޒަމާނުގައި އެ ކަން ކުރެވޭ ގޮތަށް
ކަމުގައެއް ނުވާނެއެވެ. އެހެނަސް އެ ޒަމާނުގައި ވާނީ، އެ
ޒަމާނުގައި އެ ކަންކުރުމަށް ތަޢާރުފުވެފައިވާ
ސަގާފަތެކެވެ. އެއީ އޭރު ފަހިވެފައި ވާ ވަސީލަތްތަކާ
އެކަށޭނަ ސަގާފަތެއް ކަމުގައި ވުމަކީ ޠަބީޢީ ކަމެކެވެ.
ދިވެހި ރޭގަ، ޤަލަމަށް ބަދަލުވެ، ދިވެހި ސާސްތުރަ،
ޢިލްމަށް ބަދަލުވެގެންދިޔަ ކަމަށް ލަފާކުރެވެނީ، ރާއްޖެ
އިސްލާމްވުމަށްފަހުގައެވެ. އޭގެ ކުރިން ރާއްޖޭގައި ވާނެ
ކަމަށް ބެލެވެނީ، ރޭގައާއި ރޭގައިން ފުރޭފުކުރެވޭ
ސާސްތުރަތަކެވެ. މިހާރުގެ ދިވެހި ސަގާފަތުގައި
ޢިލްމުވެރިންނޭ ކިޔަނީ، އިސްލާމްދީނުގެ ދީނީ
ޢިލްމުވެރިންނަށް ކަމުގައި ބުނެވެއެވެ. އެހެންކަމަށް
ވަނީނަމަ، ދީނީ ޢިލްމުވެރިންނާއި ދުންޔަނީ ޢިލްމުވެރިން
ވަކިކޮށް ދެނެގަތުމަށް "ސާސްތުރަވެރިން"
ބޭނުންކުރެވިދާނެއެވެ. މިއީ ހަމައެކަނި ޚިޔާލެކެވެ. މި
ކަމާމެދު ގޮތެއް ނިންމަވާނީ ތިޔަ ބޭފުޅުންނެވެ.
މަޞްދަރު
އަމިއްލަ ޚިޔާލާއި ފިކުރު